ތަރައްގީކޮށް ނިމޭއިރު ދިރުމެއް، ގައުމެއް އޮންނާނެ ބާ؟

ހަދަމުންދާ އެއާޕޯޓެއްގެ ރަންވޭ މައްޗަށް ތިން ބިސް އަޅާފައި މަޑުކޮށްލައިގެން އޮތް ވެލާ އިއްޔެ އެ ބުނެދިނީ ކީކޭ ހެއްޔެވެ؟ ހާލި ހަދަން ހޯދަމުންދިޔަ ފަސްގަނޑުގައި އޮތީ ތާރުގަނޑެކެވެ. ތަރައްގީއަށްޓަކައި ގުދުރަތީ ވަސީލަތްތައް ގުރުބާންކުރުމުގެ ނަތީޖާ މިއަށް ވުރެ ސާފުކޮށް ފެންނާނެ ހެއްޔެވެ؟


ދިވެހިރާއްޖޭގައި ދިރިއުޅޭ އިންސާނުންނަށް ވެސް ޖެހެން އޮތީ ފަހަރުގައި މިފަދަ ހާލެކެވެ.

ބިސް އަޅަން ވެލާ ހޯދަމުން ގެންދިޔައީ އޭތި ވެސް އުފަންވި ތަން ކަމަށް ވެދާނެ އެވެ. ވެލާގެ އާދައަކީ އެއީ އެވެ. ނ. މާފަރުގެ އެ ސަރަހައްދަކީ އަބަދުވެސް ގިނަ އަދަދަކަށް ވެލާ އަރައި ބިސް އަޅައި އުޅޭ ތަނެކެވެ. އެކަމަކު މިހާރު އެ އޮތީ ރަންވޭއެއް އަޅައިފަ އެވެ. ސީދާ އެ ފަސްގަނޑަށް ބިސް އަޅަން ބޭނުންވާ ވެލަ އަށް އެކަން އެނގޭނެ ހެއްޔެވެ؟

ގުދުރަތީ ތަންތަން ނެތިކޮށްލުމާއި ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތައް ފޯރާ މަޝްރޫއުތައް ހިންގުމުގެ "ބިޔަ ރާޅެއް" ރާއްޖެ އަށް ނެގި ގޮތަށް މަތަ ނުވެގެން އުޅޭ މި ދަނޑިވަޅުގައި އެންމެ ބޮޑު ބިރަކީ މި ގެއްލުންތަކުން އަރައިނުގަނެވި ރާއްޖޭގެ ރަށްރަށާއި މީހުންނާއި ދިރުންތަކަށް ވެގެން ހިނގައިދާނެ ގޮތެކެވެ.

އާބާދީ ބޮޑުވާ ވަރަކަށް އިތުރު ބިން ބޭނުންވެ އެވެ. ދަތުރުފަތުރު ފަސޭހަވާން ޖެހެ އެވެ. އެކަމަކު މީހުންނާއި އެހެނިހެން ދިރޭތަކެތި ގުޅިލާމެހިފައިވާ ގުދުރަތީ މާހައުލު ނައްތާލާފައި ގެންނަ ތަރައްގީއަކުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ދެމެހެއްޓެނިވި ތަރައްގީގެ ބައެއް މާހިރުންނަށް، ރާއްޖެ މިހާރު ވެސް މި އޮތީ ތިމާވެއްޓަށް ބޮޑެތި އަސަރު ފޯރާ މަޝްރޫއުތައް ހިންގުން ހުއްޓާލަން ޖެހޭ ހިސާބުގަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިތުރަށް ބިން ހިއްކާކަށް އަދި އިތުރު އެއާޕޯޓްތަކެއް އަޅާކަށް ރާއްޖެއަކަށް މިހާރު އެފޯޑެއް ނުކުރެވޭ،" ފަންނީ ލަފާ ދިނުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ އައިޝާ ނިޔާޒު ވިދާޅުވި އެވެ.

"ދިގު މުއްދަތަށް ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތަކެއް ހެދެމުންނެއް ނުދޭ. ކުރު މުއްދަތުގެ ފައިދާތައް ހޯދުން މުޅިން ވެސް މި އޮންނަނީ."

ބިން ހިއްކުމާއި ކޮންމެ ރަށެއްގައި އެއާޕޯޓް އެޅުމުގެ ވައުދުތައް ވުމާއި އެ މަޝްރޫއުތައް ހިންގުމަކީ ސަރުކާރުތަކަށް ސިޔާސީ ގޮތުން ފައިދާ ނެގެން އޮންނަ އެންމެ ކުރު އަދި އަވަސް މަގަށް ވަނީ ކަމަށް ވެދާނެ އެވެ. މާ ބޮޑު ޕްލޭނެއް ކުރަން ނުޖެހި، އިންތިހާބެއް ބޯމަތިވާ އިރަށް، އަވަހަށް މަޝްރޫއުތައް ނިންމާލައި ނަތީޖާ ދެއްކޭނެ އެވެ. ވެށި ހަލާކު ނުކޮށް ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދޭނެ ދެމެހެއްޓެނިވި ގޮތްތަކެއް ހޯދަން ފިކުރުތައް ކޮށް ރޭވުންތައް ރާވައި އެފަދަ ގޮތްތައް ރައްޔިތުންނާ ހަމައަށް ގެންދަން ބޭނުން ނުވަނީ ކަމަށް ވެދާނެ އެވެ.

ހަމަ އެ ގޮތަށް، ޓޫރިޒަމް ފުޅާކުރަންވީ ކިހާ ވަރަކަށްތޯ ނުވަތަ އިތުރު އެނދުތަކެއް ރާއްޖެ އަށް ބޭނުންވޭތޯ ނުބަލައި މަހުޖަނަކު ބޭނުންވި ކޮންމެ ރަށެއް އަދި ފަޅެއް ރިސޯޓު ހަދަން ދޫކޮށްލުން ސިޔާސަތަކަށް ވަނީ ވެސް ސިޔާސީ މީހުންނަށް އެންމެ ފަހި ގޮތަކީ އެއީ ކަމަށް ވީމާ ކަމަށް ވެދާނެ އެވެ. އެ މަހުޖަނުންގެ ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަން އަޅާ އެއާޕޯޓުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއްކަން ދެއްކެން އޮންނާނެ އެވެ. އެ ރިސޯޓުތަކުގައި އުފެދޭ އެތަކެއް ވަޒީފާތަކަކީ ކައިރި ރަށްރަށުގެ މީހުންނަށް ހުރި ފުރުސަތުތަކޭ ވެސް ބުނެވޭނެ އެވެ.

އެކަމަކު މި ހުރިހާ ކަމެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ފާލުން ނައްޓާލީމާ، ވެލައެއް ބިސް އަޅަން ވެސް އަދި މީހަކު ދިރިއުޅެން ވެސް، ކަމުދާ ފަސްގަނޑެއް ދިވެހިރާއްޖޭގައި އޮވެދާނެ ހެއްޔެވެ؟ ކަންބޮޑުވާންވީ އަންނަން އޮތް ޖީލުތަކާ މެދު އެކަންޏެއް ނޫނެވެ. މިހާރު ދިރިތިބި މީހުންނާ މެދު ވެސް މެ އެވެ. ފަހަރުގައި ދަރިންގެ ދަރިންނާ ހިސާބަށް ފޯރާނެ އެއްޗެއް ވެސް ނެތުން އެކަށީގެންވެ އެވެ.

ކ. ކާށިދޫން ނެގި ރުއްތަކެއް އުޅަނދަކަށް ބަރުކުރަނީ: ރިސޯޓުތައް ފެހިކުރަން ރަށްރަށުން ރުއްގަސް އުފުރައިގެން ގެންދާ މައްސަލަ އޮތީ ބޮޑުވެފައި.

ގުދުރަތީ ހިމާޔަތް ނައްތާލަނީ

އެގާރަ މިލިއަން ރުފިޔާގެ މަޝްރޫއުއަކުން ށ. ކޮމަންޑޫގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރީ ތޮއްޖެހިފައިވާ އެ ރަށުގެ ރައްޔިތުންނަށް ލުއިތަކާއި އިގްތިސޯދީ މަންފާ ހޯދައިދޭށެވެ. އެކަމަކު، އެއް މާހިރަކު ވިދާޅުވާ ގޮތުން ނަމަ، އެކަމުން ކޮމަންޑޫ މީހުންނަށް ކުރިމަތިވާނީ ތަކުލީފުތަކެކެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ އަށް ކޮމަންޑޫގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ވަރަށް ބަނަކޮށެވެ. ރަށުގެ މަތިން ނަގާފައިވާ ފޮޓޯއަކުން ފެންނަން ހުރި ރޮނގުތަކަކާ ދިމާއަށް ރަތް ކުލައިގެ ތީރެއް ކުރަހައި ޕްރެޒެންޓޭޝަނެއްގައި ދައްކާލައްވަމުން އޭނާ ދެއްވީ ނުރައްކަލުގެ އިންޒާރެވެ. އެ ރޮނގުތަކަކީ ހިއްކައި ރިވެޓްމެންޓް ޖަހާފައި އޮތް ބިމަށް އަރަމުން ދިޔަ ރާޅުތަކެވެ. މޫސުން ގޯހެއް ނޫނެވެ. އުދަ އަރަނީއެއް ނޫނެވެ. ބޮޑު ދިޔައިގައި ރާޅު ނަގަނީ އެވެ.

"މިހާރުގެ ހަގީގަތަކީ ލިބޭ ގެއްލުން ކުޑަކުރުމަށޭ ކިޔާފައި އެކި ވައްތަރުގެ މަޝްރޫއުތައް އެބަ ހިންގާ. އެކަމަކު އަސްލު މީގެ ސަބަބުން އަހަރެމެންގެ ނާޒުކުކަން އިތުރުވަނީ. އަދި އޭގެ އިތުރުން އަހަރެމެންގެ ނެޗުރަލް ޑިފެންސް ސިސްޓަމް، އަހަރެމެންގެ އެންމެ ވަރުގަދަ ޑިފެންސް ސިސްޓަމް އެއްކޮށް ހަލާކުކޮށްލަނީ،" މި އަހަރުގެ އާތު އަވާ ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މާޗު 22ގައި މާލޭގައި ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި، ރާއްޖޭގެ ރަށްތަކުގެ އެންމެ ބޮޑު ހިމާޔަތަކީ ފަރުތައްކަން ފާހަގަކުރައްވަމުން، އުމަރު ވިދާޅުވި އެވެ.

"އެހެންވީމާ ... މި ތަނުން [ކޮމަންޑޫ ހިއްކި ބިމުން] މީހުން ދިރިއުޅެން ކިތަންމެ ވަރަކަށް ގޯތި ދޫކުރި ކަމުގައި ވިޔަސް، މިތާ އަޅާ ގެ އަށް ލޮނު ވަންނާނެ، ރާޅު ވަންނާނެ. އޭގެ ސަބަބުން، މިތާ ދިރިއުޅޭ މީހުންނަށް ކޮންމެ އަހަރަކު ގެއްލުންވާނެ."

އުމަރު ދެއްވި ޕްރެޒެންޓޭޝަންގައި ކޮމަންޑޫގެ ފޮޓޯ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލި އިރު، ފުއްދަން ބޭނުންވެފައި ހުރި އެތަކެއް ބޭނުންތަކެއް ރަށު ކައުންސިލުން ފާހަގަކުރި އެވެ. އިންޖީނުގެ ރަށުތެރެއިން ނެރެ، ކުނި މެނޭޖުކުރާ ތަނަކާއި ކުޑަކުދިންގެ ޕާކަކާއި 50 ފްލެޓް އެޅުމެވެ. ލޮނު މަހުގެ މަސްވެރިކަމާއި ގެސްޓް ހައުސް ވިޔަފާރި އާއި ފައިބަރު މަސައްކަތް ކުރާނެ ޖާގަ ހޯދުމެވެ. އެކަމަކު އެ ބިމުގައި ކުރިމަގެއް އެބަ އޮތް ހެއްޔެވެ؟

އުމަރު އިޝާރާތްކުރެއްވި ގުދުރަތީ ދިފާއީ ނިޒާމަކީ ފަރުތަކާއި ހޭޅިތަކާއި ގަސްތަކާއި ކުޅިތަކެވެ. އޭނާގެ ބަހުން ނަމަ، "ކޮރަލް ރީފްސްއަކީ މުޅި ދިވެހިރާއްޖޭގެ ވެސް އެންމެ ފުރަތަމަ ޑިފެންސް ފޯސް" އެވެ. އެއަށް ފަހު ހޭޅިފަށްތަކާއި ގަސްގަހާގެއްސެެވެ. މިއީ ތަރައްގީގެ މަޝްރޫއުތަކަށްޓަކައި މި ވަގުތު އެއްވެސް ހިފެހެއްޓުމެއް ނެތި ގުރުބާންކޮށް، ހަލާކުކޮށް، ނެތިކުރަމުންދާ ވަސީލަތްތަކެކެވެ.

"އަހަރެމެންނަށް އެބަ އެނގޭ ކުޅިތަކަކީ ނެޗުރަލް ފްލަޑް ސިންކްސްކަން. ރަށަށް ވެހޭ ވާރެ އާއި ރަށަށް އަރާ އުދައިގެ ސަބަބުން ބޮޑުވާ ފެން އައިސް މި ހިނދެނީ މި ތަންތަނަށް ކަން. އަހަރެމެންނަށް އެބަ އެނގޭ ފަރުތަކަކީ މި އަރާ ރާޅާއި މި ކަންކަމުގެ އިމްޕެކްޓް ކުޑަކޮށްދޭ ކަމެއްކަން،" އުމަރު ފާހަގަކުރެއްވި އެވެ.

"ފަރުތަކުން ނެއްޓިގެން އަންނަ އެކިއެކި އަރައްކާތައް ނުވަތަ ހެޒާޑްސްގެ ގެއްލުން އަހަރެމެން ދިރިއުޅުނު ގެތަކަށް ކުޑަކޮށްދިނީ މި ހޭޅިފަށާއި ހޭޅިފަށުގެ ވަށައިގެން ހުރި ގަސްގަހާގެހި."

އެކަމަށް ހެކި ދެނީ 2004ގެ ސުނާމީ އާއި އޭގެ ކުރިން ވެސް ރާއްޖެ އަށް އައިސްފައި ހުންނާނެ ކަމަށް ބެލެވޭ ކާރިސާތަކެވެ.

"ސުނާމީ އަށް ފަހު ހެދިފައި ހުރި ދިރާސާތަކުން އެބަ އެނގޭ ހޭޅިފަށަކާއި ރުކާ ހުރި ތަންތާނގެ ފަހަތުގައި ހުރި ގެތައް ސަލާމަތްވެފައި ހުރިކަން،" ބޭރު ގައުމެއްގެ ފޮޓޯއަކުން މިސާލު ދައްކަވަމުން އުމަރު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ މި އޮތް ސަރަހައްދުގައި މީގެ ކުރިން އުފެދިފައި ހުރި ސުނާމީތަކާއި އެރި ރާޅުތަކުގެ އިމްޕެކްޓް ޔަގީނުން ވެސް ކުޑަކޮށްދިނީ މި ބުނާ ކޮރަލް ރީފް އާއި މި ބުނާ ހޭޅިފަށުގައި ހުރި ގަސްތަކާއި އަހަރެމެންގެ ރުއްތަކާ."

އެ ދިފާއުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ އެކަން ރަނގަޅަށް ފެންނާނީ ސުނާމީއެއް ފަދަ ބޮޑު ކާރިސާއެއް ކުރިމަތިވީމަ އެވެ. އިހުސާސް ނުކުރެވޭނީ 10-15 އަހަރުގެ މުއްދަތެއްގެ ތެރޭގައި ހިނގާ ވަކިވަކި ހާދިސާތަކުގެ އަސަރެވެ.

"މިސާލަކަށް 2004ގެ ސުނާމީގައި ދިވެހި ގައުމަށް ގެއްލުންވި 440 މިލިއަން ޑޮލަރު. އަހަރެމެންނަށް ނޭނގި ތިއްބާ، ނުވަތަ އަހަރެމެން މި ކަމާ މެދު މާ ބޮޑަށް ނުވިސްނާ ތިއްބާ ކޮންމެ އަހަރަކު މި ގޮތަށް ވާރޭ ވެހިގެން އެކި ފަހަރު އެކި ރަށްރަށަށް، އެކި ގެއަށް ގެއްލުން ލިބިގެން 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ގާތްގަނޑަކަށް ސުނާމީގައި ގެއްލުންވި މިންވަރަށް އަހަރެމެންނަށް ގެއްލުންވޭ އެބަ،" އުމަރު ވިދާޅުވި އެވެ.

ރާއްޖެއަކީ "ދުނިޔޭގައި އޮތް އެންމެ ވަރުގަދަ" ގައުމުގެ ގޮތުގައި، ތަޖުރިބާކާރު ޑައިވަރު ހުސެން ރަޝީދު (ސެންޑީ) ސިފަކުރައްވަނީ ރާއްޖޭގެ ރަށްތަކަށް ފަރުތަކުން ލިބޭ ހިމާޔަތުގެ ސަބަބުންނެވެ. "އިންޑިއާ ކަނޑުގެ ހަމަ ސީދާ މެދުގައި އެންމެ ދެ މީޓަރު މަތީގައި" އޮތް ރާއްޖެ އަށް، ތޫފާންތަކާ މެދު ކަންބޮޑުވާން ނުޖެހި "ހަމަ ކަހަރުވަކެކޭ ވެސް ހިތަކަށް ނާރާ" އޮވެވެނީ، އޭނާގެ ބަހުން ނަމަ، "އަޅުގަނޑުމެންގެ ބިންގަލަކީ ކޮރަލް" ކަމަށް ވެފައި "ކޮރަލްއަކީ ވަރަށް ވަރުގަދަ ސްޓްރަކްޗާއެއް" ކަމަށް ވާތީ އެވެ. ދިރުންތައް ގުޅިލާމެހިފައިވާ ގޮތަށް ބަލާ އިރު ވެސް ފަރުތަކުގެ "ތެރެއަށް ފަސް އަޅައި ފޮރުވާލުމަކީ" އޭނާ އަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ދިވެހިރާއްޖޭގެ ފަޅުތަކަކީ މުޅި އިންޑިއާ ކަނޑުގެ ނާސަރީ ގްރައުންޑް. ކޮރަކަލި ބިސް އަޅައިގެން ލައިފް ފަށަނީ ހަމަ އެންމެ ތިލަ މޫދުގައި އިންނަ ކޮރަލްކޮޅުގެ ތެރޭގައި. އޭތި މުޑަހަންޖަކަށް ވެގެން ނުކުމެގެން ގޮސް ކައިރީގައި އޮންނަ ތިލަ އަށް ދިޔައިމަ އެ ތަނުން، މިޔަރު އެ ކާލަނީ. އެހެންވީމާ މިއީ ސިމްބަޔޮޓިކަލީ ރިލޭޓެޑް ބޮޑު ޗެއިނެއް،" އާތު އަވާ ޕެނަލް ޑިސްކަޝަންގައި ސެންޑީ ފާހަގަކުރެއްވި އެވެ.

ތަރައްގީއެއް ނޫން، ދެމެހެއްޓެނިވި ތަރައްގީ

މައްސަލައަކީ ގުދުރަތީ މާހައުލު ދެމެހެއްޓޭނެ ފަދަ ތަރައްގީގެ ޕްލޭންތަކެއް ނެތުމެވެ. އެފަދަ ދުރު ރާސްތާ ރޭވުންތަކަކަށް ބިނާކޮށްގެން އާއްމުންގެ ބޭނުންތައް ފުއްދައިދެމުންދާ ނަމަ ތަރައްގީ ވާނީ އިގްތިސޯދީ، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަން ހަމަހަމަވާނޭ އުސޫލެއްގެ މަތިންނެވެ.

"ތަރައްގީވުމުގެ މާނައަކީ ހުރިހާ ގަސްތައް ކަނޑައި ގުދުރަތީ ގޮތުން ދޭ ހިމާޔަތެއް ހަލާކުކޮށްލައިގެން ތަރައްގީވުމެއް ނޫން،" ޕެނަލް ޑިސްކަޝަންގައި އައިޝާ ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ދިރާސާތަކުން ދައްކާ ގޮތުން ކުދިކުދި ތަންތާނގައި މީހުން އުޅޭ އުޅުމުން، ގަސްތަކާ ދުރުގައި ގުދުރަތީ މާހައުލާ ދުރުގައި އުޅޭ އުޅުމުން، އެބަ ދައްކާ ނޭޗާ ޑެފިސިޓް ޑިސްއޯޑާ މިހާރުގެ ކުދިންގެ ހުންނަ ކަމަށް... އެހެންވީމާ އަޅުގަނޑުމެން ކިޔެވި އިރު ކިޔަވައިދީފައި ވަނީ ސިޓީތަކަށް ގުދުރަތީ މާހައުލު އަނބުރާ ގެންނަން. އެކަމަކު ރާއްޖެ ތަރައްގީވާ އިރު ނުވަތަ ރަށްރަށް ތަރައްގީވާ އިރު މި ބަލަނީ ވީހާ ވެސް ބޮޑަކަށް ގަސްތައް ކަނޑާލެވޭތޯ. މިއީ ވަރަށް ދެރަ ކަމެއް ދެއްތޯ؟"

އައިޝާ ވިދާޅުވާ ގޮތުގައި "ދެމެހެއްޓެނިވި ތަރައްގީ ގާއިމްކުރެވޭނީ ގުދުރަތީ ވަސީލަތްތައް ވީހާ ވެސް ބޮޑަކަށް ހިމާޔަތްކުރެވި، ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިއާދަކުރަނިވި ހަކަތައިން ހަކަތަ ލިބޭ ގޮތަށް" ތަރައްގީގެ ކަންކަން ރާވައި ހިންގައިގެންނެވެ.

"އަހަރެމެން އެއާޕޯޓް އަޅަން އެދޭ އިރުގައި އަހަރެމެން އެދެނީ އަސްލުގައި ކޮން ކަމަކަށްތޯ ބަލައިލުން މުހިއްމު. އަހަރެމެން އެދެނީ ލުއިފަސޭހަކޮށް ޓްރާންސްޕޯޓް ވެވޭނެ ގޮތް،" އޭނާ ވިދާޅުވި އެވެ.

"ލުއި ފަސޭހަކޮށް ޓްރާންސްޕޯޓުގެ ހިދުމަތްތައް އިއާދަކުރަނިވި ހަކަތައިން ފޯރުކޮށްދޭ އުޅަނދުތައް މިހާރު ދުނިޔޭގެ އެހެން ގައުމުތަކުން އެބަ ބޭނުންކުރޭ. ކީއްވެ، ރާއްޖޭގައި ބޭނުން ނުކުރެވެންވީ؟"

އާބާދީ ބޮޑުވެ ބިން ފުރުނީމާ "މަހާ ޖައްރާފު" ގެންގޮސް ރަށުގެ ފަޅާއި ފަރު ހިއްކާލަން ވަރަށް ފަސޭހަ އެވެ. އެކަމަކު ހަރުދަނާ ލާމަރުކަޒީ ނިޒާމަކާއި ސަރަހައްދީ ތަރައްގީގެ ތެރެއިން އެހެން ގޮތްތައް ހޯދެން އެބަ އޮތެވެ. އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ބިން ހިއްކުމުގެ ބަދަލުގައި މުހިއްމީ ބިން ހުރި ރަށްރަށުގައި ދިރިއުޅެވޭނެ ގޮތް ހޯދުމެވެ.

"ރާއްޖޭގައި މީހުންނަށް އޮޕްޝަންސް ހޯދައިދޭންވީ ރަށުގަ އާއި އަތޮޅުތަކުގައި ދިރިއުޅެން. މާލެ އެކަނި އަދި ތޮއްޖެހިގެން މި އުޅެނީ... ބޮޑެތި ހުރިހާ ރަށެއްގައި ބިން އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ފަޅު ކޮނެ، ހިއްކައި ގުދުރަތީ މާހައުލު ހަލާކުކޮށްލައިގެން ވިޔަސް ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހެއޭ ބުނެވިދާނެ އެވެ. އެކަމަކު ދެމެހެއްޓެނިވި ތަރައްގީގެ ފާލުން ނައްޓާލީމާ ސުންނާފަތިވެގެން ދަނީ ދިރިއުޅެ، ރައްކާތެރިކަން ހޯދަން އޮތް ވެއްޓެވެ. އޭގެ އަސަރު ފޯރާނީ ބިސް އަޅަން ބޭނުންވާ ފަސްގަނޑު ނުފެނިގެން ރަންވޭ މަތީ ވާނުވާގައި އޮންނަ ވެލަ އަށް އެކަންޏެއް ނޫނެވެ. ރަންވޭ މަތިން އުދުހިގެން ދާން ބޭނުންވި މީހުންނަށް ވެސް މެ އެވެ.