އިންޑިއާގެ ޓޫރިސްޓުން ގިނަވެ، ގަދަ ފަހަކަށް!

ދުނިޔޭގެ އެންމެ ބޮޑު އެއް ގައުމު ކަމަށް ވާ އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި ގައުމު ކަމަށް ވިޔަސް، މީގެ އަހަރުތަކެއް ކުރިއަށް ބަލާ ނަމަ، އިންޑިއާގެ ޓޫރިސްޓުންގެ ހިއްސާ ރާއްޖޭގެ ޓޫރިޒަމްގައި އޮތީ ވަރަށް ކުޑަކޮށެވެ. އެކަމަކު ދުނިޔޭގެ އެންމެ ފެންވަރު މަތީ ޓޫރިޒަމް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ އިންޑިއާ މީހުންގެ އަދަދު، މިދިއަ ފަސް އަހަރުގެ ތެރޭގައި މައްޗަށް ޖެހިއްޖެ އެވެ. މިހާރު އިންޑިއާ ހިމެނެނީ ރާއްޖޭގެ އެންމެ ޓޮޕް ފަސް މާކެޓުގެ ތެރޭގަ އެވެ.


މިދިޔަ އަހަރު އިންޑިޔާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 90،000 އަށް ވުރެ މައްޗެވެ. މި އަހަރު ފުރަތަމަ ފަހަރަށް އެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ބެލެވެ އެވެ. މިއީ އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިންޑިއާގައި ރާއްޖެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ކަމުގެ ހެއްކެކެވެ.

މިދިޔަ ފަސް އަހަރަށް ބަލާ ނަމަ އިންޑިއާ ޓޫރިސްޓުން އިތުރުވި ނިސްބަތް އުޅެނީ ގާތްގަނޑަކަށް 20 ޕަސެންޓްގަ އެވެ. މި ބޮޑު ކުރިއެރުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. ރާއްޖޭގެ ޓޫރިޒަމްގެ ތަޖުރިބާކާރުން ފާހަގަކުރާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި މެދު ފަންތީގެ ޓޫރިސްޓުންނަށް ހޭދަކުރެވޭ ވަރަށް އަގުތައް ތިރިވުމާއި، އިންޑިއާ އިން ރާއްޖެ އަންނަ އެއާލައިންތައް ގިނަވުން ހިމެނެ އެވެ.

އިންޑިޔާއިން ހޯދި ކުރި އެރުން

- 2017 : 24 ޕަސެންޓުގެ ކުރިއެރުން

- 2016 : 27.9 ޕަސެންޓުގެ ކުރިއެރުން

- 2015 : 14.9 ޕަސެންޓުގެ ކުރިއެރުން

- 2014 : 19.9 ޕަސެންޓުގެ ކުރި އެރުން

- 2013 : 19.8 ޕަސެންޓުގެ ކުރި އެރުން

މީގެ 10 އަހަރު ކުރިއަށް ޖެހިލާއިރު 2008 ގައި އެންމެ 16،000 ޓޫރިސްޓުން އައި ގައުމަކުން މިހާރު ލައްކައަކާ ކައިރިކުރާ މިންވަރަކަށް ޓޫރިސްޓުން އަންނަނީ، ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވި ގޮތުން ނަމަ، "ޑިސްކައުންޓް އަގުތައް ރިސޯޓުތަކުން އާންމުކުރަން ފެށުމުންނެ"ވެ.

"އިންޑިޔާ މާކެޓު ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި އިތުރުވުމުގައި ޕްރައިޒް ފެކްޓާ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ. އިންޑިޔާ އިން ގިނައިން އަންނަނީ މިޑް ރޭންޖުގެ ޓޫރިސްޓުން. އެމީހުންނަކީ ވަރަށް ބޮޑަށް އަގަށް ބަލާ ބައެއް،" ގައިސަރު ވިދާޅުވި އެވެ.

ޕެރެޑައިސް އަކީ އިންޑިއާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ. ގައިސަރު ވިދާޅުވި ގޮތުގައި އެ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ 25 ޕަސެންޓް ހިއްސާކުރަނީ އިންޑިއާ ޓުރިސްޓުންނެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް އިށީނދެލައިގެން: އިންޑިއާގެ މާކެޓް ބޮޑު -- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ލަކްސް މޯލްޑިވްސްގެ ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކުއަލިޓީގެ މަގާމުގައި ހުންނެވި އަފީފު ހުސެއިން ވިދާޅުވި ގޮތުގައި އިންޑިޔާގެ ޓޫރިސްޓުން އެހާ ބޮޑަށް އިތުރުވެފައި ވަނީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ލަގްޒަރީ މާކެޓު އެހެން މާކެޓުތަކަށް ހުޅުވާލުމުންނެވެ.

"މިހާރު ރާއްޖޭގައި މިޑް ރޭންޖުގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ވެސް ވަރަށް ގިނަ. މީގެ އިތުރުން އިންޑިޔާގެ އެއާލައިންތައް ވެސް ވަރަށް ބޮޑަށް އިތުރު ވެއްޖެ،" އޭނާ ވިދާޅުވި އެވެ.

އަފީފު ވިދާޅުވި ގޮތުގައި އިންޑިއާ މީހުން ދަތުރުކުރަން ކަމުދާ މަންޒިލެއްގެ ގޮތުގައި އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުން ވެސް މިހާރު ބޮޑެވެ. އަދި އިންޑިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން މުހިއްމު މާކެޓެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

އެއާލައިންތައް އިތުރުވުން، ކުރިއެރުމެއް

އިންޑިއާގައި ރާއްޖެ މަޝްހޫރުވަމުން މިހާރު އަންނަނީ ވަރަށް ބޮޑަށެވެ. އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ގަބޫލުކުރައްވާ ގޮތުގައި އިންޑިއާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ކްރޫޒް ލައިންތަކުން ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުންގެ ސަބަބުން ރާއްޖެ އިސްތިހާރުވެ އެވެ. އޭގެ އިތުރުން ފިރާގު ފާހަގަކުރެއްވި އަނެއް ކަމަކީ އިންޑިއާ އިން އަންނަ އެއާލައިންތައް އިތުރުވުމެވެ.

މާލެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓު ފެރީ ކައިރިން ހިނގާފައި ދަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އިންޑިޔާގެ އެއާލައިންތައް ވަނީ އިތުރުވެފައި. އިންޑިގޯ، ގޯއެއާ، ސްޕައިސްޖެޓް ފަދަ އެއާލައިންތައް މިހާރު އެބަ އޮތް. މި އެއާލައިންތަކުން ކުރާ އިޝްތިހާރުތަކާއި ލިބޭ ފެއާ ރޭޓުތަކުގެ ސަބަބުން ވެސް އަންނަ ޓޫރިސްޓުން އިތުރުވާނެ،" ފިރާގު ވިދާޅުވި އެވެ.

މީގެ ކުރީގައި އިންޑިޔާ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ ރާއްޖެއަކީ ވަރަށް އަގުބޮޑު މަންޒިލެއްގެ ގޮތުގަ އެވެ. އެކަމަކު މިހާރު ބަޖެޓު ހޮޓާތައް އިތުރުވުމުގެ ސަބަބުން އަގުތައް ވަނީ ތިރިވެފަ އެވެ.

ފިރާގު ވިދާޅުވި ގޮތުގައި އިންޑިއާގެ މާކެޓަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެވިފަ އެވެ. އެކަމަކު މިހާރު އިންޑިޔާގައި ރާއްޖެ މާކެޓުކުރުން އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުރިން ނަމަ އިންޑިއާގެ ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރަނީ ހަތަރު ދުވަސް. އެކަމަކު މިހާރު އެވްރެޖްކޮށް ހަ ދުވަސް ނުވަތަ ހަތް ދުވަސް ރާއްޖޭގައި ހޭދަކުރޭ،" ފިރާގު ވިދާޅުވި އެވެ.

"މިއީ ވެސް އިންޑިޔާ މާކެޓުން ލިބުނު ވަރަށް ބޮޑު ކުރި އެރުމެއް."

އިންޑިއާ އަކީ މުއްސަނދިންނާއި މެދު ފަންތީގެ އާބާދީ ބޮޑު ގައުމެކެވެ. އެހެންކަމުން ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭ ވަރުގެ އާމްދަނީ ލިބޭ އިންޑިއާ މީހުންގެ އަދަދު އެތައް ސަތޭކަ މިލިއަނަކުން ގުނެ އެވެ. އެ މާކެޓުން ވީހާ ވެސް ބޮޑު ބައެއް ހޯދުމުގެ ފުރުސަތު ރާއްޖެއަށް ވެސް އެބަ އޮތެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން އިންޑިޔާގެ މާކެޓް މުހިންމެވެ. އެއީ ދޫކޮށްލެވެން ނެތް ފުރުސަތެކެވެ.