ބޮޑު ފައިދާއަކާ އެކު ބީއެމްއެލަށް ކުރިއެރުމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިއަ އަހަރުގެ ފައިދާ 1.6 ބިލިއަން ރުފިޔާއަށް އެރުމަކީ ބޭންކްގެ ތާރީހުގައި ވެސް ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ބީއެމްއެލުން ގަބޫލުކުރާ ގޮތުގައި ބޭންކްގެ ޖުމްލަ ޕާފޯމަންސްގެ އިތުރުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ނަތީޖާ އެވެ.


ބީއެމްއެލްގެ ފައިދާ ބޮޑުވުމާ އެކު ސަރުކާރަށް ލިބޭ އާމްދަނީއަށް ވެސް ރަނގު އަސަރުކުރެ އެވެ. އެގޮތުން ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ސަރުކާރަށް 315 މިލިއަން ރުފިޔާ، ބީއެމްއެލުން މިދިއަ އަހަރު ދައްކާފައިވެ އެވެ.

ކުރީ އަހަރާ އަޅާބަލާ އިރު މިދިއަ އަހަރުގެ ފައިދާއަކީ 13 ޕަސެންޓުގެ ކުރިއެރުމެކެވެ. ބީއެމްއެލްގެ ފައިދާ 2017 ގައި އުޅުނީ 1.4 ބިލިއަން ރުފިޔާގަ އެވެ.

ބީއެމްއެލް، ކުރު ގޮތަކަށް

37: 20 އަތޮޅުގައި ހުރި ބްރާންޗުގެ އަދަދު.

100: އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އޭޓީއެމް

227: ރާއްޖޭގެ 165 ރަށެއްގައި ތިބި ކޭޝް އޭޖެންޓުން

40: ސެލްފް ސާވިސް ބޭންކިން ސެންޓަރު

1 ބިލިއަން ރުފިޔާ: ބީއެމްއެލުން ސަރުކާރަށް ދޫކުރި ލޯނުގެ އަދަދު

12 ބިލިއަން ރުފިޔާ: ދޫކޮށްފައިވާ ލޯނުގެ މިންވަރު

15 ބިލިއަން ރުފިޔާ: ބޭންކްގައި އެކި ފަރާތްތަކުން ޑިޕޮސިޓްކޮށްފައިވާ އަދަދު

950: ބީއެމްއެލްގެ މުވައްޒަފުން

99 ޕަސެންޓް: ދިވެހި މުވައްޒަފުންގެ ނިސްބަތް

ރަށެއްގައި ބީއެމްއެލްގެ ބާރާންޗެއް ހުޅުވުމުގެ ރަސްމިއްޔާތު

ބީއެމްއެލް ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އައިޝަތު ނޫރައްދީން ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލް އަށް ލިބުނީ ހުރިހާ ގޮތަކުން ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ބޭންކިން ހިދުމަތް އާންމުން މިހާރު ބޭނުންކުރަނީ ޒަމާނީ ޓެކްނޮލޮޖީ އާއި އޮންލައިން ހިދުމަތްތައް މެދުވެރިކޮށެވެ. މިދިޔަ އަހަރު ވެސް ޒަމާނީ ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން އިންވެސްޓްކޮށްފައިވާނެ އެވެ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ބޭންކިން ހިދުމަތް ބޭނުންކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ބީއެމްއެލްގެ މޯބައިލް ޕޭ މެދުވެރިކޮށް ބޭރުގެ ބޭންކްތަކަށް ފައިސާ ފޮނުވުމަށް އާ ހިދުމަތްތަކެއް ތައާރަފްކުރެވުނެވެ. މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު އިރު ކުރިއަށް އޮތް ތަނުގައި ވެސް ބޭންކުން ޒަމާނީ ހިދުމަތްތަކަށް އިތުރަށް އިންވެސްޓް ކުރުމުގެ ވިސްނުން ގެންގުޅެ އެވެ،" އައިޝަތު ނޫރައްދީންގެ ބަޔާނުގައިވެ އެވެ.

ނުދައްކާ ލޯނުގެ މިންވަރު ވެސް ދަށަށް

ބީއެމްއެލްގެ މާލީ ހާލަތާއި ހިންގުމުގެ ބައި ވެސް ރަނގަޅުކުރަން ކުރާ މަސައްކަތުގެ ނަތީޖާ ވެސް ފެނެ އެވެ. އެގޮތުން ބޭންކުން ދޫކޮށްފައިވާ ލޯނު ނުދައްކާވަރު މިދިއަ އަހަރު ވަނީ ވަރަށް ބޮޑަށް ތިރިކޮށްފަ އެވެ. އެގޮތުން މިދިއަ އަހަރު ނުލިބި ހުރި ލޯނު ފައިސާގެ މިންވަރަކީ 618 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 248 މިލިއަން ރުފިޔާ ނުވަތަަ 29 ޕަސެންޓުގެ ދަށްވުމެކެވެ.

ބީއެމްއެލްގެ މާލީ ހާލަތާއި ހިންގާ ގޮތް އެންމެ ފުރިހަމައަށް އެނގޭނެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ (ސީއޭއާރު) މިދިޔަ އަހަރު ހުރީ 40 ޕަސެންޓުގަ އެވެ. މި ރޭޝިއޯ މަތިވާ ވަރަކަށް ބޭންކްގެ ރައްކާތެރިކަން މައްޗަށް ދެ އެވެ. ބީއެމްއެލްގެ ސީއޭއާރު 2017 ގައި 34 ޕަސެންޓުގައި ހުރި އިރު 2016 ގައި އެ ނިސްބަތަކީ 31 ޕަސެންޓް އެވެ. އެހެންކަމުން މިދިޔަ އަހަރު އެކަނި ބީއެމްއެލުން ވަނީ ހަ ޕަސެންޓުގެ ކުރިއެރުމެއް ސީއޭއާރުން ހޯދައިފަ އެވެ.

ބީއެމްއެލް ކަސްޓަަމަރުންނަށް ހިދުމަތްދެނީ: ކުރިއަށް އޮތް ތަނުގައި ވެސް ހިދުމަތުގެ ފެންވަރު މަތިކުރާނެ --ފޮޓޯ:މިހާރު

ބީއެމްއެލަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ، ބޭންކުން ބުނި ގޮތުގައަި، މިދިޔަ އަހަރަށް އެކުލަވާލި ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައެލި ހުރިހާ ކަމެއް ހާސިލްވުމެވެ. އަދި މިދިޔަ އަހަރު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ހާސިލުކުރަން ބޭނުންވާ ކަންކަން ކަނޑައަޅައިގެން އެކުލަވާލި ޕްލޭން ބޭންކްގެ ބޯޑުން ފާސްކޮށްފަ އެވެ. އަލަށް އެކުލަވާލި ޕްލޭނުގައި މުހިއްމު ތިން ކަމެއް ހިމަނާފައިވެ އެވެ. އެގޮތުން މާލީ ހިދުމަތްތައް ފުޅާކޮށް އިތުރުކުރުމާއި ކަސްޓަމަރުންނަށް މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތްތައް ދިނުމާއި ހިރާސްތަކާ ކުރިމަތިލުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތައް ގެންގުޅުން ހިމެނެ އެވެ.

ސީއެސްއާރުގެ ދަށުން ބީއެމްއެލުން ބޭއްވި ދުވުމެއް: މިދިއަ އަހަރު 100 ހަރަކާތް ހިންގި -ފޮޓޯ:ބީއެމްއެލް

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން އިޖުތިމާއީ ކަންކަމުގައި ވެސް ބީއެމްއެލުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން އިޖުތިމާއީ ގޮތުން ފައިދާކުރާނެ އެކި ކަންކަމަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ހަރަކާތްތަކުގެ ގޮތުގައި 100 އަށް ވިރެ ގިނަ ހަރަކާތްތައް ހިންގި އެވެ. މިއީ މިހާތަނަށް އަހަރެއްގެ ތެރޭގައި ބީއެމްއެލުން އެހާ ގިނަ ހަރަކާތްތައް ހިންގި ފަހަރެވެ.