ފަސް މިނެޓް: އާރެއް ބާރެއް ނެތް ހަތަރު ވަނަ ބާރު!

އެއްވެސް އާރެއް ބާރެއް ނެތް، އެއްވެސް ގާނޫނެއް އިއުތިރާފް ނުވާ ބާރެކެވެ. އެކަމަކު ވެސް އެއީ ދައުލަތުގެ ހަތަރު ވަނަ ބާރޭ ބުނެ އެވެ. ނޫސްވެރިކަމާއި ނޫސްވެރިންނެވެ. ނަމަވެސް މިއަދު ގައުމުގައި ކަންތައް ގޮސްފައި އޮތް ހިސާބަކީ ދައުލަތުގެ ތިން ބާރު ވެސް މީޑިއާއާ ދެކޮޅަށް ފިސާރި ރަނގަޅަށް ފައި ވިއްދާފައި ތިބުމެވެ. ސަބަބެއް ކަމަށް ބުނަނީ ހަގީގަތާ ޚިލާފު ޚަބަރު ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމެވެ. އެއީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭތީ އެވެ.


ދައުލަތަކީ ރައްޔިތުންގެ މިލްކެއް ކަމަށްވާ އިރު، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިނގާ ކޮންމެ ރަނގަޅު ކަމަކާއި ގޯސް ކަމެއް، އޭގެ އެންމެ ފުރިހަމަ ގޮތުގައި އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ތިން ބާރުގެ ތެރޭގައި ހިނގާ ރަނގަޅު ކޮންމެ ކަމެއް މީޑިއާ އަށް ހާމަކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ތިން ބާރުން ވެސް ފިސާރި ހުޝިޔާރެވެ. ނަމަވެސް ނުރަނގަޅު ކަމެއް ހިނގައިފި ނަމަ، އެކަމެއް ވީ އެންމެ ބޮޑަކަށް ސިއްރުކުރެ އެވެ.

މި ހާލަތުގައި ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ބަޔަކީ މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނެވެ. ސަރުކާރުން ބިޔަ މަޝްރޫއެއް ފަށައިފި ނަމަ، މަޖިލީހުން ގާނޫނެއް ފާސްކޮށްފި ނަމަ، ކޯޓަކުން ހުކުމެއް ކޮށްފި ނަމަ، އެކަމެއް އާންމުންނާ ހަމައަށް ގެނެސްދެނީ ނޫސްވެރިންނެވެ. ހަމައެފަދައިން އެ ތިން ބާރުން ކުރެ ބާރަކުން ޚިޔާނާތުގެ އަމަލެއް ހިންގައިފި ނަމަ، ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގާނޫނެއް ހަދައިފި ނަމަ ނުވަތަ ރައްޔިތެއްގެ ހައްގެއް ނިގުޅައިގަންނަ ފަދަ ގޮތަކަށް ނިންމުމެއް ނިންމައިފި ނަމަ، އެ ކަމެއް އެނގުމަކީ ވެސް ރައްޔިތުންގެ ހައްގެކެވެ. ނޫސްވެރިން އަދާކުރެވޭތޯ ބަލަނީ އެ ޒިންމާ އެވެ.

ވެއަތުވެ ދިޔަ ތިން ވެރިކަމާއި މިހާރުގެ ވެރިކަމުގައި ވެސް ނޫސްވެރިންނާ މެދު އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދެނީ، ދައުލަތުގެ މުއައްސަސާތަކުން ކުރާ ނުރަނގަޅު ކަންތައް ލިޔެ ހާމަ ކުރާތީ އެވެ. ނުވަތަ ދައުލަތުގެ ތިން ބާރުން ކުރެ ބާރެއްގެ އިސް ވެރިއަކު ހިންގާ ނުރަނގަޅު އަމަލެއްގެ ވާހަކަ އާންމުންނާ ހަމައަށް ގެނެސްދޭތީ އެވެ. ނަމަވެސް ސުވާލަކީ ނޫސްވެރިން އެފަދަ ވާހަކަތައް ލިޔެ ހާމަކުރަނީ، އެފަދަ ކަމެއް ނުހިނގަނީސް ހެއްޔެވެ؟ އެ ވާހަކަތައް މީޑިއާގައި ލިޔަނީ ނޫސްވެރިން އަމިއްލަ އަށް ހަދަހަދައިގެން ހެއްޔެވެ؟ ނޫނެކެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ކެބިނެޓާ އެކު. ދައުލަތުގެ ބާރުތަކާއި ނޫސްވެރިންނާ ދެމެދު ގާތް ގުޅުމެއް އުފައްދަންޖެހޭ. ފޮޓޯ ރައީސް އޮފީސް

ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރި ވާހަކަ ލިޔަން ފެށީ، ޖަލު ބަލަހައްޓާ ސިފައިން އެ ކަން ތަކުރާރުކޮށް ކުރަމުން ދާތީ އެވެ. ސެޕްޓެމްބަރު 19، 2003ގެ ހާދިސާ އިން އެކަން ކަށަވަރުވި އެވެ. ވެރިމީހާ އަކީ މަސްތުވާތަކެއްޗަށް ހިތްވަރު ދޭ މީހެއް ކަމަށް ބުނަން ފެށީ، ބޮވެން ވާނެޔޭ ބޮވެން ޖެހޭނެޔޭ ފާޅުގައި ބުނީމަ އެވެ. ސަރުކާރުގެ ވެރިން ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވާ ކަމަށް ބުނަން ފެށީ، ވަޒީރަކު އެކަން ކުރައްވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވުމުން، އެކަން ކުރެއްވި ވަޒީރާ މެދު، ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އޮޑިޓަ ޖެނެރަލް މަގާމުން ވަކިކޮށް ފޮނުއްވައިލެއްވީމަ އެވެ. ރައީސްގެ ބުރަކަށިފުޅަށް ވަޅި ހަރަން އެ ވަޒީރު ނޫޅުއްވި ނަމަ، މިއަދު ވެސް ދައުލަތުގެ އެންމެ ނުފޫޒާއި ބާރު ގަދަ މީހަކަށް ހުންނަވާނީ އެ ވަޒީރެވެ. ނޫސްވެރިން ލިޔުނީ އެ ވާހަކަތަކެވެ.

ދެން އޮތީ ދައުލަތުގެ ތިން ބާރުގެ މައްޗަށް ކުރާ ތުހުމަތުތަކެވެ. ދައުލަތުގެ ތިން ބާރުގެ އިސް ވެރިންގެ އިސްތަށިފުޅުގައި ސާބިތު ނުހިފޭ ބޮޑެތި ތުހުމަތުތައް އަޅުވައި ތަފާތު ޚަބަރުތަކާއި ރިޕޯޓްތައް މީޑިއާގައި ގެނެސްދެ އެވެ. ނޫސްވެރިއަކު އަމިއްލަ އަށް އެފަދަ ތުހުމަތެއް ކޮށް އެއްޗެއް ލިޔެފައި، އެ ތުހުމަތު ސާބިތު ކޮށްނުދީފި ނަމަ، ގާނޫނީ ގޮތުން އެ ނޫސްވެރިއަކާ މެދު ފިޔަވަޅު އެޅުމަކީ ކުރެވިދާނެ ކަމެކެވެ. ފިޔަވަޅު އަޅަން ވެސް ޖެހޭނެ އެވެ. ނަމަވެސް ކަންތައް ހިނގަނީ އެ ބީދައަކުން ނޫނެވެ.

ރައީސާ ދިމާލަށް ވަގެކޭ ގޮވަނީ ނޫސްވެރިޔާއެއް ނޫނެވެ. އެ ފަދަ ވާހަކައެއް މީޑިއާގައި ރިޕޯޓްކުރަނީ، ސިޔާސީ ޕޯޑިއަމްތަކުގައި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން އެފަދަ ބަދުނާމުތައް ރައީސްގެ އިސްތަށިފުޅުގައި އެޅުވީމަ އެވެ. ނަމަވެސް އެ ތުހުމަތު އެޅުވި މީހަކީ ސިޔާސީ އިސް ބޭފުޅަކަށް ވާތީ، އޭނާއާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި، ފިޔަވަޅު މި އަޅަނީ އެ ވާހަކަތައް ރިޕޯޓްކުރި ނޫސްވެރިޔާ އަށެވެ. ސަރުކާރުން ބާއްވާ ރަސްމިއްޔާތުތަކަށް އެ މީޑިއާ އަށް ދައުވަތު ދިނުން ހުއްޓައިލަނީ އެވެ. އެ ވާހަކަ ލިޔުނު ނޫސްވެރިޔާ، ސަރުކާރުގެ އިދާރާއެއްގެ ނިއުސް ކޮންފަރެންސަކަށް ދިޔަސް އޭގައި ބައިވެރި ނުކޮށް ފޮނުވައިލަނީ އެވެ.

އެ މީޑިއާ އާއި އެ ނޫސްވެރިޔާއާ މެދު ފިޔަވަޅު އެޅިޔަސް، އެ ހުރިހާ ތުހުމަތެއް ކުރި ހަގީގީ މީހާ މިނިވަންކަމާ އެކު އުޅެ އެވެ. ދެން ވެސް ޕޯޑިއަމަކުން ނުވަތަ ޓީވީ ޕްރޮގްރާމަކުން ފުރުސަތެއް ލިބިއްޖެއްޔާ އެފަދަ ތުހުމަތުތައް، ނުވަތަ އެއަށް ވުރެ މާ ބޮޑެތި ތުހުމަތުތައް ވެސް ކުރާނެ އެވެ. ނަމަވެސް އިންޒާރު ދީ ފިޔަވަޅު އަޅަން ކެރެނީ ނޫސްވެރިޔާއާ ދެކޮޅަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ: ދައުލަތުގެ ބާރުތަކާއި މީޑިއާ އިދާރާތަކާ ދެމެދު ގާތް ގުޅުމެއް އުފެއްދުން މުހިންމު.

ބަރަހަނާ ފަނޑިޔާރުގެޔޭ ކިޔަނީ ވެސް ނޫސްވެރިންނެއް ނޫނެވެ. ސިޔާސީ ޕޯޑިއަމްތަކުގަޔާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގަ އެވެ. ނޫސްވެރިން ރިޕޯޓްތަކާއި ޚަބަރުތައް ލިޔަނީ އެފަދަ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. އެއްވެސް ނޫސްވެރިއަކު ފަނޑިޔާރުންނަށް އެފަދަ ދޮގު ތުހުމަތެއް އަޅުވާ ނަމަ އެއީ މައްސަލައެކެވެ. ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި އަބުރުވެރި އަދި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ އަބުރު ކަތިލެވޭ ގޮތަށް، އެފަދަ ވާހަކަތައް ދައްކަވާ ސިޔާސީ މީހުން މިހާރު ވެސް މިނިވަންކަމާ އެކު އަޅުގަނޑުމެންގެ މުޖްތަމައުގައި އެ ތިބީ އެވެ. ނަމަވެސް މި ދެންނެވި ފަދަ ވާހަކައަކާ ބެހޭ ގޮތުން ނޫސްވެރިއަކު ރިޕޯޓެއް ޝާއިއުކޮށްފި ނަމަ، އެ ނޫސްވެރިއަކާ މެދު ވަރަށް ފަސޭހަ އިން ފިޔަވަޅު އެޅޭ ގޮތްވެ އެވެ. ކޯޓުތަކުގައި ބާއްވާ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް އެ ނޫސްވެރިއަކު ވެއްދުން ހުއްޓައިލަ އެވެ. އަދި އެ ނޫސްވެރިޔާ ނިސްބަތްވާ އިދާރާގެ އެހެން މީހުން ވެސް ޝަރީއަތްތަކަށް ވަނުން މަނާކުރަނީ އެވެ.

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަބުރާއި އިއްޒަތް ނަގައިލަނީ ނޫސްވެރިންނެއް ނޫނެވެ. މަޖިލީހުގެ މެމްބަރުން އަމިއްލަ އަށެވެ. ޓީވީ ޗެނަލްތަކުން ވަގުތުން ދައްކަމުންދާ ޖަލްސާތަކުގައި ބައެއް މެމްބަރުން އެކަކު އަނެކަކަށް މައިބަފައި ގޮވައި ގަޔަށް އަތްލައި އަވަގުރާނަ ގޮވައި މާރާމާރީ ހިންގާފައި، އިއްޒަތްތެރި މެމްބަރޭ ކިޔައިގެން އެކަކު އަނެކަކަށް މުޚާތަބު ކުރިޔަސް، ރައްޔިތުންގެ ހިތުގައި އެ މީހުންނާ މެދު އިއްޒަތަކާއި ގަދަރަކާއި އަބުރުވެރިކަމެއް އޮންނާނެތޯ އެވެ؟

ތިމާމެން އަމިއްލަ އަށް ބޮޑު މުސާރަ އާއި އިނާޔަތްތަކާއި ބޭރު ގައުމުތަކުގެ އަގު ބޮޑު މެޑިކަލް އިންޝޫރެންސްތައް ނަގައިގެން ތިބޭ އިރު، މަޖިލީހުގެ މެމްބަރުންނަކީ އަމިއްލަ އެދުމަށް މަސައްކަތް ކުރާ ބައެކޭ ނުބުނާނީ ކާކުތޯ އެވެ؟ މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް ހާޒިރު ނުވިޔަސް، އެއްވެސް މަސައްކަތެއްގައި ބައިވެރި ނުވިޔަސް، މުސާރައިން ލޯ ލާރިއެއް ވެސް ނުކެނޑޭ ގޮތަށް ގަވާއިދުތައް ހަދައިގެން ތިބެ މުސާރަ އާއި އިނާޔަތްތައް ނަގަމުންދާ އިރު، އެންމެން ވެސް ތިބެންވީ އެ ވާހަކަ ނުދައްކައި ތޯ އެވެ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި. ދައުލަތުގެ ބާރުތަކާއި ނޫސްވެރިންނާ ދެމެދު ގާތް އެކުވެރި ގުޅުމެއް އުފައްދަންޖެހޭ. ފޮޓޯ މަޖިލިސް

މުޅި ގައުމަށް ނުތަކާ ވަރުގެ ބޮޑު އިމްތިޔާޒުތަކެއް އަމިއްލަ އަށް ކަނޑައަޅައިގެން ތިބެ، ކިތަންމެ ދަށު ދަރަޖައިގެ އަމަލެއް ހިންގިޔަސް، މެންބަރަކާ މެދު ފިޔަވަޅެއް ނޭޅޭ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ތިބެ، އެއްވެސް ކަމެއް ކުރިޔަ ނުދީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަމުން ދާ އިރު، އެ ވާހަކަ ނުދައްކައި ތިބޭނެތޯ އެވެ؟ އާންމު ރައްޔިތުން ވެސް ދައްކަނީ އެ ވާހަކަ އެވެ. ނޫސްވެރިން ވެސް ދައްކާނީ އެ ވާހަކަ އެވެ.

ދެން ވީ ތިމާމެންގެ މުށު ތެރޭގައި ބާރު އޮތަތީ، ނޫސްވެރިންގެ އަތް ބަނދެލުމަށް ރީތި ނަންނަމުގައި ގާނޫނުތައް ހަދާށެވެ. ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައި އޮތް އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ އެފަދަ އެއްޗެކެވެ. ބިލްގެ ނަން ކިތަންމެހާ ވެސް ރީއްޗެވެ. ނަމަވެސް މުޅި ބިލް ފަރުމާކޮށްފައި އޮތީ، އާންމު ރައްޔިތުންނާއި ނޫސްވެރިންނަށް ވެސް ލިބިގެންވާ މިނިވަން ޚިޔާލު ފާޅުކުރުމުގެ ހައްގު މުޅިން ނިގުޅައިގަންނަ ގޮތަށެވެ. އަދި ބިލްގެ ގިނަ މާއްދާތައް ބިނާކޮށްފައި ވަނީ ނޫސްވެރިކަމަށް ހުރަސް އަޅައި ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ދީ ނޫސްވެރިކަން ހުއްޓުވުމަށެވެ.

އެ ބިލާ މެދު ހުރި ކަންބޮޑުވުންތައް ނޫސްވެރިންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއާ އެކު ހިއްސާކުރި އެވެ. އެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް މިހާރު ތުންތުން މަތިން އަޑު އިވެމުން ދަނީ، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އޮތް ގޮތަށް ފާސްކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި ވާހަކަ އެވެ. "ނޫސްވެރިންގެ އަތް ބަނދެލައިގެން ނޫނީ މިކަމެއް ނުކުރެވޭނެ" ކަމަށް ބައެއް މެމްބަރުން ވިދާޅުވާ ކަމަށް އަޑުތައް އިވެ އެވެ.

އެންމެ ފަހުން ރާއްޖޭގައި ނެރެން ފެށި ދުވަހު ނޫސް "މިހާރު" ޗާޕް ކުރަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

މަޖިލީހުގެ ތެރޭގައި މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒް، ނާޖާއިޒު ގޮތުގައި ބޭނުންކޮށް އަނެކުންގެ އަބުރު ކަތިލައި ދޮގު އިލްޒާމުތައް އަޅުވައި މީހުން ބަދުނާމުކުރަނީ މަދެއްކޮށް ނޫނެވެ. އެއީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީގެ ބައްދަލުވުމެއްގައި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުން ދައްކާ އެއްވެސް ވާހަކައަކާ މެދު އެއްވެސް ތަނެއްގައި އެއްވެސް ގޮތަކުން ސުވާލެއް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނާތީ އެވެ. ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމް ދީނުގެ ދެ އަސްލު ކަމުގައިވާ ގުރްއާނާއި ސުންނަތުން ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ ހައްގެކެވެ. އަދި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގްސަދުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީގެ ބައްދަލުވުމެއްގައި، އެ ތަނުގައި ނުވެސް ނެތް މީހެއްގެ އަބުރު ކިތަންމެ ވަރަކަށް ކަތިލިޔަސް އެއީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ކަމަކަށް ނުވެ އެވެ.

ދެން، މެމްބަރުން ހިންގާ އެފަދަ އަމަލުތަކުގެ ވާހަކަ ނޫސްވެރިން ލިޔުނީމާ، އެ މެމްބަރުންގެ އަބުރު ނަގައިލީ ކަމަށް ބުނެ ނޫސްވެރިޔާގެ މައްޗަށް ދައުވާކޮށް އަދަބު ދޭންވީ އެވެ. މަޖިލިސް މިހާރު އަމާޒު ހިފާފައި އޮތީ އެ މިސްރާބަށެވެ. މިހާރު މަޖިލީހުގައި އޮތް، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފަރުމާކޮށްފައި އޮތީ، ކިތަންމެ އާދައިގެ ތުހުމަތެއްގައި ވެސް މީހެއްގެ އަބުރު ގެއްލިއްޖެ ކަން ސާބިތުވެއްޖެ ނަމަ، ފަސް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާ ގޮތަށެވެ.

އެވްރެޖް ނޫސްވެރިއެއްގެ މުސާރައަށް ބަލާއިރު، ފަސް އަހަރު ދުވަހުން ވެސް ފަސް ލައްކަ ރުފިޔާ ނުލިބޭނެ އެވެ. ވީއިރު، އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކޮށްފިއްޔާ، ޖަލުގެ ކުޑަގޮޅި ނޫން ތަނެއް އެ ނޫސްވެރިއަކަށް ނެތެވެ. މީގެ އިތުރުން އެ ފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، އެ މީޑިއާ އިދާރާއެއް އެކުގައި އިނދަޖައްސައިލުމުގެ ބާރު، މީޑިއާގެ ބެލެނިވެރި މުއައްސަސާތަކަށް ލިބިގެންދެ އެވެ. މިއީ މިކަން ވާންޖެހޭނެ ގޮތެއް ނޫނެވެ.

މި ސަރުކާރުގެ އިސް ވަޒީރަކު އަޅުގަނޑު ގާތު ވިދާޅުވި އެވެ؛ މި ޒަމާނުގައި ނޫސްވެރިކަމާ ޖައްސާލައިގެން އެއްވެސް ގައުމެއްގައި އެއްވެސް ސަރުކާރަކަށް ދެމިއެއް ނޯވެވޭނެ އެވެ. ސަރުކާރާއި ނޫސްވެރިންނާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަންޖެހެ އެވެ. މީޑިއާތަކާއި ނޫސްވެރިންނަކީ ސަރުކާރުގެ ވަރަށް ގާތް ބަޔަކަށް ވާންޖެހެ އެވެ. ސަރުކާރު ހިތްހަމަނުޖެހޭ ގޮތަށް ނޫސްވެރިން ރިޕޯޓްކުރަނީ އެ ސަރުކާރަކުން ނޫސްވެރިންނާ އެކު ގުޅުން ބަދަހި ނުކުރާތީ އެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކަން ހިނގާ ގޮތެވެ.