އިމްޕޯޓް ލައިސަންސް އުވާލުން: ވަރަށް ބޮޑު ފަސޭހައެއް

އިމްޕޯޓް އެކްސްޕޯޓާއި ރީއެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ. އިމްޕޯޓް އެކްސްޕޯޓް ގެނައި މި އިސްލާހާ އެކު ވިޔަފާރިވެރިންނަށް ވަނީ ވަރަށް ބޮޑެތި ފަސޭހަތަކެއް ވެސް ލިބިގެން ގޮސްފަ އެވެ.


އަލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމަށް ކަސްޓަމްސްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. މި ގަވައިދުގެ ދަށުން ރާއްޖޭގައި އުފައްދާ ތަކެތި އެކްސްޕޯޓް ކުރެވޭނީ ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަސްޓަމްސް ސާވިސްގައި ރަޖިސްޓްރީ ކުރުމަށް ފަހު އެވެ. މިހެން އޮތް ނަމަވެސް ރާއްޖެއިން ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި އަމިއްލަ ބޭނުންތަކަށް ބޭނުން ކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިޔުމަށް ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ އެވެ.

ކުރިން އޮންނަ ގޮތުން އެއްވެސް މުދަލެއް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރެވޭނީ ލައިސަންސް ނެގުމަށް ފަހު އެވެ. މުދާ އެތެރެކުރުމުގެ ކުރިން، ހުއްދަ ނަގައި އެއަށް ފީ ދައްކަން ޖެހެ އެވެ. ގަވައިދަށް ގެނައި އިސްލާހާ އެކު، މިހާރު އެކަން ކުރަން ޖެހެނީ މުދާ ކްލިއާ ކުރުމުގެ ތެރޭގަ އެވެ. އަދި އެ ފީއަކީ، އެތެރެކުރާ ތަކެއްޗަށް ވާ ވަރަށް ދައްކަން ޖެހޭ ފީއެކެވެ.

އެކްސްޕޯޓް އިމްޕޯޓް ކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ 100ރ. އަކަށް 10 ލާރީގެ މަގުން ރެވެނިއު ސްޓޭމްޕެއް މިހާރު ވެސް ގަންނަން ޖެހޭނެ އެވެ. މީގެ މާނައަކީ 1000ރ. ރެވެނިއު ސްޓޭމްޕުން 1،000،000 ރުފިޔާގެ މުދާ އެތެރެ ކުރެވޭނެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ލިލީ ޝިޕިންގެ ޗެއާމަން މައްލާ އަހުމަދު ނާސިރު ވިދާޅުވީ، މި ބަދަލާ ގުޅިގެން ގިނައިން މުދާ އެތެރެކުރާ ފަރާތްތަކަށް މާބޮޑު ފަރަގެއް ފާހަގަ ނުކުރެވުނު ނަމަވެސް މަދުން މުދާ ގެންނަ ކުންފުނިތަކަށް ފައިދާތަކެއް ވާނެ ކަމަށެވެ.

މުދާތަކެއް ދޯންޏެކަށް ބަރުކޮށްފައި--ފޮޓޯ:މިހާރު

"އަޅުގަނޑުމެން އާންމުކޮށް މުދާ ގެންނަނީ ބަލްކުކޮށް. އަދި އަބަދުވެސް އިމްޕޯޓް ލައިސަންސް ހަމަނުވާނެ ގޮތަށް ބަލައިގެން ކުރިއާލައި ކަންކަން ކުރަން. އެކަމަކު ކުދި ކުންފުނިތަކަށް މިކަމުން ފައިދާވާނެ. މިއީ ގެނައި ވަރަށް ރަނގަޅު ބަދަލެއް،" ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާންމު ގޮތެއްގައި މުދާ އެތެރެ ކުރުމުގައި އޮންނަ ޕްރޮސެސް މިހާރު ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށެވެ. މިބަދަލާ އެކު ވެސް މުދާ ގެނައުމުގައި އަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޗޫރިއަންގެ ޗެއާޕާސަން އަހުމަދު މައުމޫން ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހުމުން މުދާ ގެންނަ ފަރާތްތައް ބޮޑު ތަކުލީފަކުން ސަލާމަތްވީ ކަމަށެވެ. އާންމުގޮތެއްގައި މުދާ ގެންނައިރު އިމްޕޯޓް ލައިސަންސްގެ ބެލެންސް ބަލަމުން ނުދާ ކަމަށާއި އާ ކުރަންޖެހޭ ދުވަސް ބަންދު ދުވަހަކާ ނުވަތަ އިކޮނޮމިކް މިނިސްޓްރީ ބަންދުކޮށްފައިވާ ދުވަހަކާ ދިމާވެއްޖެ ނަމަ އިތުރު ވަގުތު އެކަމުގައި ހޭދަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިމްޕޯޓު ލައިސަންސް ނަގަން ޖެހޭ އިރު ފޯމުގާ އެ ކުންފުނީގެ އިސްވެރިން ސޮއި ކުރަންޖެހޭނެ. އިސްވެރިން މާލެ ނެތް ހާލަތެއް ދިމާވެއްޖެ ނަމަވެސް އިތުރަށް ޑިލޭތައް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އިމްޕޯޓް ލައިސަންސް ނެގުމަށް ރޭގަނޑުގެ ވަގުތެއްގައި އުޅެން ޖެހިއްޖެ ނަމަ އިތުރަށް އުނދަގޫވާނެ ކަމަށެވެ. މުދާ އައުމުގެ ކުރިން ފައިސާ ދައްކަން ޖެހޭ އިރު އެކަމުގައި ކުންފުނީގެ ފައިސާތަކެއް ބްލޮކްވާ ކަމަށާއި މުދާ ކްލިއާ ކުރާ އިރު މި ފައިސާ މިހާރު ދައްކަންޖެހުމުން ކުންފުންޏަށް ފައިސާ މެނޭޖް ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވިޔަފާރިވެރިންނަށް ވަގުތުތަކެއް ސަލާމަތް ކުރެވޭނެ. ކަސްޓަމްސްގެ ޕްރޮސެސް މިހާރު ހުންނަނީ ވިޔަފާރިވެރިންނަށް ލުއިވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރިވެރިންނަށް މުދާ ގެނައުމުގެ ކަންކަން ކޮށްދިނުމުގައި ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުމަށްޓަކައި ބްރޯކަރުން ހަރަކާތްތެރިވެ އެވެ. ބްރޯކަރުންނަށް ވިޔަފާރިވެރިންނަށް މި ހުރިހާ މަސައްކަތްތަކެއް އަމަލީގޮތުން ކޮށްދޭ ފަރާތްތަކެވެ.

މަލޭ ނޯތު ހާބަރު ސަރަހައްދުން މުދާ އުުފުލުމުގެ ކަންކަން ކުރަނީ--ފޮޓޯ:މިހާރު

މުދާ އުފުލުމުގައި ހަރަކާތްތެރިވާ ބްރޯކަރެއް ކަމުގައިވާ އިބްރާހިމް ނަވާޒު ވިދާޅުވީ، މީގެ ކުރިން އިމްޕޯޓް އެކްސްޕޯޓް ލައިސަންސް ހޯދުމަށް ސަރުކާރު ބަންދު ދުވަހެއްގެ ހެނދުނު 11 ކުރިން ނަންބަރު ހޯދަން ޖެހޭ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ނަންބަރެއް ހޯދުމަށް ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ހޭދަކުރަންޖެހޭ އިރު ލައިސަންސް ނަގަން ނުޖެހެމުން މުޅި ޕްރޮސެސްގެ ތެރެއިން ވަގުތުތައް ސަލަމާތް ކުރެވޭނެ ކަމަށެވެ.

"އިމްޕޯޓް ލައިސަންސް ނެގުމަށް މީރާއިން ނުވަތަ ވެލާނާ ބިލްޑިނުން ނުވަތަ ޕޯސްޓުން ރެވެނިއު ސްޓޭމްޕެއް ގަންނަން ޖެހޭ. ބަންދު ދުވަހެއްގައި ރެވެނިއު ސްޓޭމްޕެއް ލިބޭނީ ހަމައެކަނި އެއާޕޯޓުން. މިހާރު މި ހުރިހާ ކަމެއް ކުރުން ނިމުނީ،" އޭނާ ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ، މިހާރު މި ފައިސާ މުދާ ކްލިއާ ކުރުމުން ނެގުމުން ބްރޯކަރުންގެ މަސައްކަތްތަކަށް ލުއިވެފައިވާ ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ކުންފުންޏަށް މި މަސައްކަތް ކޮށްދޭން ޖެހޭއިރު މިއީ އެހާ ފަސޭހައިން ކުރެވޭ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް ގާނޫނެއްގައި ނުވަތަ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވައިދެއްގައި ވަކި ބާވަތެއްގެ މުދަލެއް ރާއްޖެ އަށް ގެންނަ ނަމަ ނުވަތަ ބޭރު ކުރާ ނަމަ ހާއްސަ ހުއްދައެއް ނެގުމަށް އޮތް ނަމަ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރަންޖެހޭނެ ކަމަށް އިސްލާހު ކުރެވުނު ގަވައިދުގައި ބުނެފައިވެ އެވެ.

އިމްޕޯޓް ލައިސަންސް ނަގަން ޖެހުމުން ވިޔަފާރިވެރިން މިހާރު ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. މި ހާލު ލައިސަންސްގައި ކަނޑައަޅާ ވަރު ހަމަވިތޯ ނޫންތޯ ބަލާކަށް ނުޖެހެ އެވެ. ވިޔަފާރި ކުރުުމުގެ ހުއްދަތައް ހޯދުމަށްފަހު މުދާ ހަމަ ގެންނަންވީ އެވެ.