ދި އެޑިޝަން: ޒުވާން ޓީމެއްގެ ކާމިޔާބު މަސައްކަތް

އިނގިރޭސި ވަކި ނޫހެއް ނެރުއްވުމަކީ، ވާއިލް ޒާހިރު ހުސެއިން، ކުރިންސުރެ ކުރައްވަމުން ގެންދެވި އުއްމީދެކެވެ. ނަމަވެސް އެ އުއްމީދު ފުރިހަމަވީ މޭ 15، 2018 ގަ އެވެ. ހޮޓެލް ޖެންގައި އޮތް ހާއްސަ ހަފުލާއެއްގައި، ދި އެޑިޝަންގެ ފުރަތަމަ އަދަދު ނެރުނެވެ. އޭގެ ފަހުން މި ވޭތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެޑިޝަން ވަނީ ކާމިޔާބުކަމާ އެކު ނޫސްވެރިކަމުގެ އެތައް އުފެއްދުމެއް، އިނގިރޭސި ބަހުން ގެނެސްދީފަ އެވެ.


ރާއްޖޭގެ ޓޫރިޒަމް މަޝްހޫރުވެފައި އޮތް ނިސްބަތަށް އެކަނި ބެއްޔަސް ރާއްޖެއާ ބެހޭ މައުލޫމާތު ބޭރު މީހުންނަށް ލިބޭނެ ފަސޭހަ ގޮތްތައް ނޫސްވެރިކަމުގެ ތެރެއިން ވެސް އަންނަން ޖެހެ އެވެ. ދި އެޑިޝަން އުފަންވީ އެ މަސްއޫލިއްޔަތާ އެކު އެވެ. އެޑިޝަންގެ ޓީމުން ގަބޫލުކުރަނީ މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް "ފުދޭ ވަރެއްގެ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި" އޮތް ކަމަށެވެ.

"މިދިއަ އަހަރެއްހާ ދުވަހު ފާހަގަކުރެވޭ ކަންތައްތަކެއް އެބަ ހުރި. އޭގެ ތެރެއިން އެއް ކަމަކީ އެޑިޝަންގެ މައިގަނޑު ނޫސްވެރިންނަކީ އަންހެންކުދިންނަށް ވުން،" އެޑިޝަން އާއި "މިހާރު"ގެ ވެސް ސީއީއޯ އަދި ފައުންޑާ ވާއިލް ވިދާޅުވި އެވެ.

"ދެވަނަ ކަމަކަށް ފާހަގަކޮށްލަން މިދިއަ ދުވަސްތަކުގައި އިންޓާންގެ ގޮތުގައި އެތައް ކުދިންނެއް އެޑިޝަންގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދި. އެއީ މީހުން ބިނާކުރަން އެޅުނު ފިޔަވަޅެއް، ނޫސްވެރިކަން ކުރިއެރުވުމުގެ އިތުރުން."

ޒުވާން ދިވެހި ކިއުންތެރިންތަކެއް!

"މިހާރު"ގެ ބައެއްގެ ގޮތުގައި ހިމެނޭ އެޑިޝަންގެ ޒުވާން ނޫސްވެރިން މި ވޭތުވި އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ތަޖުރިބާތައް ވަނީކޮށްފަ އެވެ. އޭގެ ނަތީޖާއަކީ، ކުރިން ހީކުރި ގޮތާ ހިލާފަށް، އިނގިރޭސި ނޫހަކަށް ދިވެހި ޒުވާން ކިއުންތެރިންގެ ސަމާލުކަން ވެސް ލިބި، ކިއާ މީހުންގެ އަދަދު ގިނަވުމެވެ.

އެޑިޝަންގެ އެޑިޓަރު ރާއީ މުނައްވަރު ވިދާޅުވި ގޮތުގައި އެއީ އެޑިޝަން ފެށި އިރު ލަފާކުރެއްވި ކަމެއް ނޫނެވެ. އޭނާ ހީކުރެއްވީ އެޑިޝަންގެ ސައިޓަށް ވަދެ، އޭގެ ލިއުންތައް އާންމުކޮށް ކިޔާނީ ބޭރު މީހުން ކަމަށެވެ. ނަމަވެސް ލިބެން ހުރި މައުލޫމާތުތަކުން އެނގެނީ 18 އަހަރާއި 25 އަހަރުގެ ދިވެހި ޒުވާނުން ވަރަށް ބޮޑަށް އެޑިޝަން ބޭނުންކުރާ ކަމެވެ.

"އެޑިޝަންގެ ލިއުންތަކަށް ލައިކްކޮށް، ޝެއާކުރާ ރީޑަރުންގެ ތެރޭގައި ވަރަށް ގިނަ ދިވެހި ޒުވާނުން،" ރާއީ ވިދާޅުވި އެވެ.

ދި އެޑިޝަން ނެެރުމުގެ ހަފުލާގައި އޭގެ ފުރަތަމަ ޗާޕް އަދަދު ބަޔަކު ބަލަނީ --ފޮޓޯ: ނިޝާން އަލީ /މިހާރު

"ކުރިން ހިއެއްނުކުރަން ދިވެހިން އެހާ ގިނައިން ބަލާނެއެކޭ. އެހެންނެއް ނޫން ވީކީ. ދިވެހިި ޒުވާން ރީޑަރުން ލިބުނީމާ އެއީ ވަރަށް ބޮޑު ހާސިލްވުމެއް ކަމަށް ދެކެނީ."

އޭނާ ވިދާޅުވި ގޮތުގައި އެ ރީޑަރުންގެ ފަރާތުން އެ ކުދިންގެ ރައްޓެހި ބޭރު މީހުންނަށް ވެސް އެޑިޝަންގެ ލިއުންތައް ފެންނާނެ އެވެ. އެހެންކަމުން ދިވެހި ޒުވާން ކުދިންގެ ސަބަބުން އެޑިޝަންގެ ރީޑަޝިޕް ބޮޑުވެގެންދާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.

ޚާއްސަ ރިޕޯޓްތައް، ތަފާތު ގެނެސްދޭ

އެޑިޝަންގެ މައިގަނޑު ހަބަރުތައް ނަގަނީ "މިހާރު"ންނެވެ. އެކަމަކު ސީދާ އިނގިރޭސި ތަރުޖަމާއަކަށް ވުރެ ބޮޑަށް ސަމާލުކަން ދެނީ އިތުރު މައުލޫމާތު ހިމަނައިގެން، ތަފާތުތަކަކާ އެކު ގެނެސްދޭށެވެ. އާންމު ހަބަރުގެ އިތުރުން އެޑިޝަންގެ ޓީމުން ވަރަށް ޚާއްސަ ރިޕޯޓްތައް ތައްޔާރުކުރެ އެވެ.

ރިޕޯޓާއި ތަފާތު ފީޗާ ހަދަން އެޑިޝަންގެ ލިއުންތެރިން، މިދިއަ އަހަރުގެ ތެރޭގައި ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުތައް ކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ރިސޯޓްތައް ވެސް ކަވަރުކޮށްފައިވެ އެވެ. އެ ދަތުރުތަކުން ކިއުންތެރިންނާ ހަމައަށް ވަރަށް ތަފާތު ލިއުންތައް ގެނެސްދިނެވެ. މިއީ ރާއްޖޭގައި ދުވަހު ނޫހެއްގެ ގޮތުގައި އަޕްޑޭޓްކުރާ އިނގިރޭސި އެހެން ނޫސްތަކާ ހިލާފު އެކަމަކު ކިއުންތެރިންނަށް ވަރަށް މުހިންމު ބައެކެވެ.

ރާއީ ވިދާޅުވި ގޮތުގައި ދަތުރުތައް ކޮށްގެން ލިއުމަކީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އޭރުން އެ ރަށެއްގެ ސަގާފަތާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ތާރީޚީ ކަންކަން ހަމަ ލޮލުން ފެނި، އޭގެ ތަޖުރިބާ ހުރި މީހުންގެ ވާހަކަތައް އަޑުއިވެ އެވެ. ރާއީއަށް އެކަން ސިފަކުރެއްވެނީ އެއީ ލިއުންތައް ފުރިހަމަކުރަން ލިބޭ ބާރެއްގެ ގޮތުގަ އެވެ.

"ވަރަށް ޒުވާން ޓީމެއް އަޅުގަނޑުމެންގެ އޮތީ،" ރާއީ ވިދާޅުވި އެވެ.

"އެ ކުދިންނަށް އެބަ ބޭނުންވޭ ކަންކަން ހިނގާ ގޮތް ރަނގަޅަށް އެނގެން. ތަންތަނަށް ދިޔައިމާ އެތަންތަނުން ހަބަރު ގެންނަ އިރު އަމިއްލައަށް އެބަ ނެގޭ އަސްލު ކަން އޮންނަ ގޮތް."

މިހާތަނަށް ހެދި ރިޕޯޓްތަކުގައި ބައެއް ރަށްރަށުގެ ދުވަސްވީ ވާހަކަތަކާއި ބައެއް މީހުންގެ ތާރީޚީ ހަނދާންތަކާއި ސަގާފަތާއި އެ ރަށްރަށުގެ ހާލަތު ހިމެނެ އެވެ. އަމިއްލަ ލޮލުން ކަންކަން ދެކިގެން، އަމިއްލަ އިހުސާސްތަކާ އެކު ކުރިއަށް ދާން، އެޑިޝަންގެ ޓީމަށް ވަރަށް ފަސޭހަކަމަށް ރާއީ ގަބޫލުކުރައްވަ އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ދަތުރުތަކުން ތަފާތު ވައްތަރުގެ ލިއުންތައް ގެނެސްދިނުމުގެ ޕްލޭން އެޑިޝަންގެ ޓީމުގައި އެބަ އޮތެވެ.

ޓޫރިޒަމް ދާއިރާއަށް ހާއްސަ ސަމާލުކަމެއް

ވާއިލް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އެގޮތުން އިނގިރޭސި ބަހުން ގިނަ ލިއުންތަކެއް ތައްޔާރުކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ޓޫރިޒަމްގެ ކަވަރޭޖް ވަރުގަދަކުރަން އެޑިޝަންގެ ޕްލޭންގައިވެ އެވެ. އެގޮތުން ޓޫރިޒަމްގެ ބާނީންގެ ވާހަކަތަކާއި ތަފާތު ބަދަލުތައް ގެންނަ އިންވެސްޓަރުންގެ ވާހަކަތަކުގެ އިތުރުން އާންމު މުވައްޒަފުންނާ ބެހޭ ލިއުންތަކަށް ވެސް ސަމާލުކަން ދޭނެ ކަމަށް، ރާއީ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ ފެންވަރުގައި ވެސް ގުނޭތީ، އެ އިންޑަސްޓްރީގެ ސައްހަ މައުލޫމާތު ހޯދަން ބޭރު މީހުން ވަރަށް ބޭނުންވެ އެވެ. އަދި އިންޑަސްޓްރީގައި ހުރި މައުލޫއުތައް އެޑިޝަނުން ގެނެސްދިނުމުން އޭގެ ފައިދާ ވިޔަފާރިވެރިންނާއި ރާއްޖެ އަންނަން ބޭނުން ޓޫރިސްޓުންނަށް ވެސް ބޮޑުވާނެ ކަމަށް، ވާއިލް ދެކެވަޑައިގަންނަވަ އެވެ.

"މި ދައްކަނީ ވަރަށް ބޮޑު އިންޑަސްޓްރީއެއްގެ ވާހަކަ. އެ އިންޑަސްޓްރީގައި ހިނގާ ކަންކަން އެނގުމަކީ އިތުރު ކުރިއެރުމަކަށް ވާނެ،" ވާއިލް ވިދާޅުވި އެވެ.

"އެޑިޝަނުން އަބަދުވެސް ސަމާލުކަން ދޭނަން ޓޫރިޒަމް ދާއިރާގެ ކަވަރޭޖަށް."

ފުރަތަމަ އަހަރަކީ ކުރިއަށް ދާން ފުރުސަތެއް

ރާއީ ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހަކީ ކަމެއް ފަށައިގަނެ، އެކަމެއްގެ ތެރެއަށް މުވައްޒަފުން ވައްދަން ލިބުނު ފުރުސަތެކެވެ.

"އާ ކުދިންތަކެއް މި ތިބީ، އަދި އެހާ ޔަންގު. އެހެންވީމާ ކަންކަން ދަސްކޮށްދޭށާއި ކަވަރުކުރެވޭނެ ކަންކަން ދެނެގަންނާނެ ގޮތް ހޯދަން ބައްދަލުވުންތައް ބޭއްވިން،" ރާއީ ވިދާޅުވި އެވެ.

"ދެން މިދިއަ އަހަރުގެ ތެރޭގައި ލިބުނު ތަޖުރިބާގެ ބޭނުންހިފައިގެން ކުރެވޭނެ ކަންކަން ހުންނާނެ. މިސާލަކަށް ބޭނުންވޭ އެނަލައިޓިކަލް ރިޕޯޓްތައް ލިޔަން. އެކަންކަމަށް ފޯކަސްކޮށްގެން ހަތަރު ވަރަކަށް ވޯކްޝޮޕް ބޭއްވިއްޖެ."

އެޑިޝަންގެ ފުރަތަމަ އަހަރާ އެކު ފެންނަނީ ކޮންމެ ދުވަހަކު ވެސް ރަނގަޅު ފެންވަރުގެ ލިއުންތަކެއް ގެނެސްދޭން މަސައްކަތްކުރާ ޒުވާން ނޫސްވެރިންތަކެއް އުފެދެމުން އަންނަ ތަނެވެ. އެޑިޝަންގެ މަގުބޫލުކަން ބޮޑުވަމުން އަންނަނީ އުފެއްދުންތަކުގައި ވެސް ތަފާތުތަކެއް ހުރުމުންނެވެ. ސްޕޮންސަރުންގެ އިތުބާރު ލިބި، އެ ފަރާތްތަކުގެ އެހީތެރިކަން އަންނަނީ ވެސް އުފެއްދުންތަކާ މެދު އޮތް ޔަގީންކަމެއްގެ ސަބަބުންނެވެ.

"ހިތްހަމަޖެހޭ ކުރެވުނު މަސައްކަތްތަކާ މެދު،" ރާއީ ވިދާޅުވި އެވެ.

އެކަމަކު އެހިސާބުން އެޑިޝަންގެ ޓީމު ނިންމައެއް ނުލާނެ އެވެ.

"އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި. އުއްމީދުކުރަނީ މީޑިއާގެ އާއިލާގެ ތެރެއިން ބޮޑު ކުރިއެރުމެއް އެޑިޝަނަށް ލިބުން،" ރާއީ ވިދާޅުވި އެވެ.