"މަހާ ޖައްރާފު": އެމްޓީސީސީއަށް ބޮޑު ތަކްލީފަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޓީސީސީން "މަހާ ޖައްރާފު" ގެނައުމުގެ ހުރިހާ ކަމެއް ހިންގީ ފަހުރުވެރިކަމާ އެކު އެވެ. ނަމަވެސް އާ ސަރުކާރުން އެ ކުންފުންޏާ ހަވާލުވުމާ އެކު އެ ބޮޑު ކޮންނަބޯޓާ ގުޅިފައި މުޅިން ހުރީ ފަހުރުވެރިވާން ޖެހޭ ފަދަ ސަބަބުތަކެއް ނޫނެވެ. ބޯޓަށް ކުރި ހޭދަ އާއި ކޮންމެ މަހަކު ދާ ހަރަދަށް ބަލާއިރު ވެސް، އާ މެނޭޖްމަންޓަށް ފެންނަނީ، މި ވަގުތު އެއީ ކުންފުންޏަށް އޮތް ތަކުލީފެއްގެ ގޮތުގަ އެވެ.


ދުރު މުސްތަގުބަލަށް ބަލާއިރު މަހާ ޖައްރާފުގެ ފައިދާ ލިބެން އެބަ އޮތެވެ. އެކަމަށް އެމްޓީސީސީގެ މިހާރުގެ ސީއީއޯ ހަސަން ޝާހު ވެސް އެއްބަސްވެވަޑައިގަނެ އެވެ. އެކަމަކު އޭނާގެ ޝަކުވާއަކީ ރައްޔިތުންގެ ވެސް ހިއްސާއެއް އޮތް ކުންފުނިން އެ ބޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތީ ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ވުމެވެ.

މަހާ ޖައްރާފު ވަރުގެ ކޮންނަ ބޯޓެއްގެ އަގު މާކެޓްގައި އުޅެނީ ގާތްގަނޑަކަށް 16 މިލިއަން ޑޮލަރުގައި ކަމަށް ޝާހު ވިދާޅުވެ އެވެ. ނަމަވެސް އެމްޓީސީސީން ވަނީ އެ ބޯޓަށް 31.8 މިލިއަން ޑޮލަރު (490 މިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ. އެހެންކަމުން މިއީ މިހާރުގެ ހާލަތަށް ބަލާއިރު ކުންފުންޏަށް އޮތް ގެއްލުމެއް ކަމަށް ޝާހު ދެކެވަޑައިގަނެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން އަގު ކުޑަކުރަން ނެގޯޝިއޭޓް ކުރި ނަމަ އެއަށް ވުރެ އަގު ހެޔޮކޮށް ޑްރެޖަރު ލިބޭނެ ކަމަށް. އެގޮތަށް ވަރަށް ގިނަ ބަޔަކު ވެސް ބުނޭ،" ޝާހު ވިދާޅުވި އެވެ.

މަހާ ޖައްރާފު ކަހަލަ ބޮޑު ކޮންނަބޯޓެއްގެ ބޭނުން ރާއްޖެއަށް ވެސް އެބަ އޮތެވެ. ރަށްތައް އުފެދިފައި އޮންނަ ގޮތުން ރަށްރަށުގެ ފަޅު ފުންކުރުމާއި މުހިންމު މަޝްރޫއުތަކަށް ބިން ހިއްކުން ފަދަ ކަންކަން އަބަދުވެސް ކުރިއަށް ދެ އެވެ. ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ނަމަ ކުރިން ހޯދަން ޖެހެނީ ބޭރުގެ ކުންފުނިތަކެވެ. އެކަމަކު އެމްޓީސީސީގައި ބިޔަ ކޮންނަބޯޓެއް އޮވެއްޖެ ނަމަ، އެފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ލިބޭނެ އެވެ.

ނަމަވެސް މަހާ ޖައްރާފާ މިހާރު ގުޅިފައި ހުރި ކަންކަމަށް އެމްޓީސީސީން ކުރަން ޖެހެނީ، ޝާހު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު ހަރަދެކެވެ. އަދި އޭރު ލަފާކުރި ވަރަށް ބޮޑެތި މަޝްރޫއުތައް ނުލިބޭތީ، ބޯޓުން ލިބޭ އެއްޗަކަށް ވުރެ، މާލީ ގޮތުން ކުންފުނި އުފުލަން ޖެހޭ ބުރަ އެތައް ގުނައެއް މައްޗެވެ.

މިސާލަކަށް ބޯޓުގެ ފަޅުވެރިންނަށް ހިނގާ ހަރަދެވެ. އެވަރުގެ ކޮންނަބޯޓަކަށް ބޭނުންވާނެ އެކަށީގެންވާ ދިވެހިން އަދި ތަމްރީނެއް ނުކުރެވެ އެވެ. ކައިރި ގައުމަކުން މީހުން ހޯދިޔަސް، ބޯޓުގެ ކެޕޭސިޓީއާ އެއްވަރަށް މަސައްކަތްކުރުމުގެ ގާބިލްކަމެއް އެ މީހުންގެ ނުހުންނަކަން އެމްޓީސީސީން ތަޖުރިބާކޮށްފި އެވެ.

އެމްޓީސީސީގެ މަހާޖައްރާފު--ފޮޓޯ:އެމްޓީސީސީ

މަހާ ޖައްރާފު ރާއްޖެ ގެނައީ ބިން ހިއްކުމުގެ ކަންކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނެދަލެންޑްސްގެ ފަޅުވެރިން ހިމަނައިގެންނެވެ. ޔޫރަޕްގެ ގައުމަކަށް ވުމާ އެކު އެމީހުންގެ މުސާރަ ވަރަށް ބޮޑެވެ. އެހެންކަމުން މަދު ބަޔަކަށް މަހަކު ކުރަން ޖެހޭ ހޭދަ ނިސްބަތުން އޮތީ ވަރަށް މަތީގަ އެވެ.

އެކަން ހައްލުކުރުމުގެ ގޮތުން ނެދަލެންޑްސްގެ ފަޅުވެރިން މަދުކޮށް، ދިވެހިންނާއި އިންޑިއާ މީހުން ލައިގެން އެކަން ކުރެވޭތޯ އެމްޓީސީން ބަލާފައިވެ އެވެ. އޭގެ ތަޖުރިބާ ރަނގަޅެއް ނޫނެވެ.

"މުވައްޒަފުން ބަދަލުކުރުމުން 15،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ބޯޓަށް ދުވާލަކު 5،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ވަރަށް [ދަށްވި]،" ޝާހު ވިދާޅުވި އެވެ.

އެހެންކަމުން އެމްޓީސީސީއަށް މަޖުބޫރުވެފައި ވަނީ މުހިންމު ހުރިހާ ކަމަކަށް ނެދަލެންޑްސްގެ ތަޖުރިބާކާރުން ބޭނުންކުރާށެވެ. އެކަމަކު ކުރިން މުޅިން ނެދަލެންޑްސްގެ މުވައްޒަފުން ތިބި ކޮންނަބޯޓުގައި މިހާރު ބިދޭސީންގެ އަދަދަކީ ފަހެކެވެ. ޖުމްލަ 16 ފަޅުވެރިން މަސައްކަތްކުރާ އިރު 11 މީހުންނަކީ ދިވެހިންނެވެ.

ބޯޓަށް ބޭނުންވާ އެހެން އެއްޗެހި ނެތް، މައްސަލައެއް

މަހާ ޖައްރާފަކީ މި ސަރަހައްދުގައި ވެސް އޮތް އެންމެ ބޮޑު ކޮންނަ ބޯޓެވެ. އެ ބޯޓުގެ މަސައްކަތް ފުރިހަމައަށް ހިނގައިގަންނަން ބޭނުންވާ އެހެން ސާމާނު ހުރެ އެވެ. އެކަމަކު މަހާ ޖައްރާފު ގެނައީ މަސައްކަތަށް ކޮންމެހެން ވެސް މުހިންމު ބައެއް އެއްޗެހި ނުލަ އެވެ. އެގޮތުން ޝާހު ވިދާޅުވީ ބޯޓާ އެކު އޮންނަން ޖެހޭ ނަގިލި ބޯޓާއި ބޭނުންވާ ދިގު މިނުގެ ޕައިޕް ލައިން ވެސް ނެތް ކަމަށެވެ.

"މަދުވެގެން 1.5 ކިލޯ މީޓަރު ހުންނަން ޖެހޭނެ [ޕައިޕްލައިންގައި]. އެކަމަކު މިހާރު އަޅުގަނޑުމެން ގެންގުޅޭ ޕައިޕްލައިންގެ މިހުންނަނީ 800 މީޓަރު،" ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީގެ މަހާޖައްރާފު--ފޮޓޯ:އެމްޓީސީސީ

އޭގެ ނަތީޖާއަކީ ވެލި ނަގައިގެން ގޮސް ބޭނުންވާ ތަނަށް އެ އޮއްސަން ނަގާ ވަގުތު ގިނަވުމެވެ.

"އެހެންކަމުން ވެލި ޑިސްޗާޖު ކުރުމަށް ބޫސްޓާ ޕަމްޕެއް ކޮންމެހެން މުހިއްމު،" ޝާހު ވިދާޅުވި އެވެ.

ބޯޓަށް ބޭނުންވާ ސްޕެއާޕާޓްސް ހޯދަން ވެސް އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިހާރު ސްޕެއާ ގަންނަން ޖެހެނީ ބޯޓުގެ އެކަހަލަ ހުރިހާ ކަންކަމާ ހަވާލުވެފައިވާ ނެދަލެންޑްސްގެ ކުންފުނިންނެވެ. އެމްޓީސީސީގެ މާލީ ދަތިކަމާ ހެދި ބައެއް ސާމާނު ގެންނަން ވެސް ވަގުތު ނަގާ ކަމަށް ޝާހު ވިދާޅުވި އެވެ. އެއީ ބޯޓުގެ މަސައްކަތް ބައެއް ފަހަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ހުރަސްއެޅޭ މައްސަލައެކެވެ.

"މީގެ ދެ ދުވަސް ކުރިން ވެސް އެއަށް ބޭނުންވާ ސެންސާއެއް ނެތިގެން މަސައްކަތް ހުއްޓާލާފައި އޮންނަން ޖެހުނު. ސްޕެއާ ހޯދުމަށް އުނދަގޫ. ކުންފުނީގެ ކޭޝްފްލޯ ރަގަނޅު ނޫން ކަމުން ޓައިމް ވެސް އެބަ ނަގާ،" ޝާހު ވިދާޅުވި އެވެ.

ދެން އޮތީ ލޯނު ދެއްކުން

މަހާ ޖައްރާފު ބަނދެގެން ގެނައީ 340 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. އަވަސް މުއްދަތެއްގައި ލޯނު ދަައްކަން ބަލާއިރު އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް އަދި ލިބެމުންނެއް ނުދެ އެވެ. ޝާހު ނެންގެވި އެއް މައްސަލައަކީ ބޯޓު ގެނައުން ލަސްވުމުން އޭރު ލިބެން ހުރި ގިނަ މަޝްރޫއުތަކެއް ގެއްލުމެވެ. އެހެންކަމުން އެއީ މަހާ ޖައްރާފު މެދުވެރިވެގެން ކުންފުންޏަށް ވަންނަން އޮތް ފައިސާއަށް އައި ހުއްޓުމެކެވެ.

މަހާ ޖައްރާފަށް ކުރި އިންވެސްޓްމަންޓް ކަވަރުކުރަން، ބިން ހިއްކުމާއި ކޮނުމުގެ ދާއިރާ އިން ރަނގަޅު ފައިދާއެއް ލިބެން ޖެހެ އެވެ. އެކަމަކު މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ވެސް ބިން ހިއްކުމާއި ކޮނުމުގެ ދާއިރާ އިން އެމްޓީސީސީއަށް ލިބުނީ 4.9 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

ނަމަވެސް މާލީ ދަތިތަކަކާ އެކު ވެސް މިދިއަ އަހަރު ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ލޯނަށް ދައްކާފައިވެ އެވެ.

މަހާ ޖައްރާފަކީ ރާއްޖެ އަށް މުހިންމު އުޅަނދެކެވެ. އެކަމަކު އެއަށް ކުރި ހޭދަ ބޮޑުވުމާއި މިހާރު ދިމާވާ ބައެއް ހުރަސްތަކާ އެކު، އެމްޓީސީސީއަށް އަދި ފެންނަނީ އެހާ އަލި މަގެއް ނޫނެވެ.