އެ ކުއްޖާގެ ހާލަތު އިހުސާސްކޮށްލަން ހަމައެކަނި މި ފުޅި!

ނިހާޝާ ސައީދު އޭނާގެ ދުވަސް ފަށަނީ އިނގިލި ކުރިއަށް ހަރާލާ ކައްޓަމުން ލޭ އޮހޮރުވާލައި، އެއިން ހަދާ ޓެސްޓުންނެވެ. ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށް ކޮންމެ ދުވަހަކު ފަސް ފަހަރު އިނގިއްޔަށް އެ ކަށި ހަރަ އެވެ. އޭގެ އިތުރުން ހަކުރު ކޮންޓްރޯލް ކުރުމަށް ދުވާލަކު ހަތަރު އިންސިއުލިން އިންޖެކްޝަން ޖަހަ އެވެ.


ތެލަސީމިއާ ކުއްޖަކަށް ވުމުން މަހަކު އެއް ފަހަރު ނިހާޝާގެ ގަޔަށް ލޭ އަޅަން ޖެހެ އެވެ. އެހެންވެ، ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލް ކުރުމަށް ކޮންމެ ރެއަކު ވެސް އޭނާ ނިދަނީ ޑެސްފަރޯލް ގުޅައިގެންނެވެ. ނިދުމުގެ ކުރިން އިތުރު އިންޖެކްޝަނެއް ޖަހަ އެވެ. އެހެންކަމުން ފަސް އަހަރުގެ މި ކުއްޖާގެ އިނގިލި ކުރިއަށް ހަރާލާ ކަށިތަކުގެ އިތުރުން، ކޮންމެ ދުވަހަކު ވެސް ހަ އިންޖެކްޝަން ގަޔަށް ޖަހަން ޖެހެ އެވެ.

ނިހާޝާ: ދުވާލަކު ހަ ފަހަރު އިންޖެކްޝަން ޖަހާ

މި ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އޭނާގެ ގަޔަށް ވަނީ 540 އިންޖެކްޝަންގެ ކަށި ވަދެފަ އެވެ.

"ޓެސްޓު ހަދަންވެގެން ކަށި ހަރާހަރާ ނިހާގެ އިނގިލި ކުރީގައި ހުންނާނީ ހުސް ލަކުނު. ދެ އަތުގެ މުލައްދަނޑި އާއި ފައިގެ ފަލަމަސްގަނޑުގައި ވެސް ގަނޑުލައި ރިހޭތީ ރޮއި ހަދާނެ،" ހދ. ނޮޅިވަރަމަށް ނިސްބަތްވާ ނިހާޝާގެ ދައްތައަކު "މިހާރު"އަށް ކިޔައިދިނެވެ.

އެ ވާހަކަ ހަމައެކަނި ކިޔައިދިނުމުން ބަޔަކަށް ނުވިސްނިދާނެ އެވެ. އެކަމަކު ފަސް ލީޓަރުގެ ފެން ހުރި ފުޅިއަށް އަޅާފައި ހުރި އިންޖެކްޝަން ކަށިތައް ފެނިއްޖެ ނަމަ، ނިހާޝާގެ ދިރިއުޅުމުގައި އޮތް ތަދަކީ ކޮބައިކަން އިހުސާސްކޮށްލެވޭނެ އެވެ.

އެ ފުޅީގައި ހުރީ މިދިއަ ތިން މަސްދުވަހުގެ ތެރޭގައި އޭނާގެ ގަޔަށް ހެރި ކަށިތަކެވެ. އެއް ފުޅި ފުރުމުން މިހާރު ގެންދަނީ ދެ ވަނަ ފުޅިއަކަށް އަޅަމުންނެވެ. ނިހާޝާގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި ހަމައެކަނި އެ ކަށިތަކުން ވެސް އެ ކުއްޖާގެ ހާލަތު ބުނެދެ އެވެ.

ނިހާޝާގެ ގަޔަށް ޖަހާފައިވާ ބައެއް އިންޖެކްޝަން ކަށިތައް ފުޅިއަކަށް އަޅާފައި

ނިހާޝާއަކީ ލޭއަޅަން ޖެހޭ ކުއްޖެއްކަން އެންމެ ތުއްތު އިރުއްސުރެ އެނގެ އެވެ. އެކަމަކު ހަކުރުބަލި ހުރިކަން އެނގުނީ މީގެ ތިން މަސް ކުރިންނެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމަށް މިހާރު އެ ވަނީ އިތުރު ވޭނެއް ކުރިމަތިވެފަ އެވެ.

މިއީ ތެލެސީމިއާގެ ބައެއް ކުދިންނަށް ދިމާވާ މައްސަލައެކެވެ. ދެ ބައްޔަށް އެއްފަހަރާ ފަރުވާކުރަން ޖެހުމުން އުނދަގޫ ވެސް ބޮޑުވެ އެވެ.

ނިހާޝާ ދިރިހުރުމަށްޓަކައި ހަކުރު ކޮންޓްރޯލްކުރަން ކޮންމެ ދުވަހަކު ވެސް އިންޖެކްޝަން ޖަހަން ޖެހޭނެ އެވެ. އިންޖެކްޝަން ޖަހާ ކޮންމެ ވަގުތަކު އޭނާ ވަރަށް ރޮއެ އެވެ. އެހެން ގޮތެއް ނެތްތޯ އަހަ އެވެ. އެކަމަކު އާއިލާއިން ގަބޫލުކުރާ ގޮތުގައި ނިހާޝާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ.

ހަކުރު ބައްޔާ އެކު އޭނާއަށް ކޮންމެ އެއްޗެއް މިހާރަކު ނުކެވެ އެވެ. ބައެއް އާއްމު ކާނާގެ އިތުރުން ނިހާޝާއަށް މީރު އައިސްކްރީމާއި ޗޮކްލެޓް ފަދަ ތަކެއްޗާ ވެސް ދުރުވާން ޖެހެ އެވެ.

"އެ ކަހަލަ އެއްޗެއް ލިބުނަސް އަމިއްލައަށް ބުނާނެ މިއީ ނިހާއަށް މަނާ އެއްޗެކޭ. އެހެން ކުއްޖަކަށް ދޭނީ. އެކަމަކު ބައެއް ފަހަރު ބުނާނެ މަންމާއޭ ލޭ ނުގުޅިޔަސް ރަނގަޅު ވާނޭ. ކޮންމެ ފަހަރަކު ލޭ އަޅާކަށް ނުޖެހޭނޭ،" ނިހާޝާގެ ދައްތަ ކިޔައިދިނެވެ.

ނިހާޝާ: މަހަކު އެއް ފަހަރު ލޭ އަޅަން ޖެހުމުގެ އިތުރުން ހަކުރު ކޮންޓްރޯލް ކުރަން ކޮންމެ ދުވަހަކު ގިނަ އިންޖެކްޝަންތަކެއް ޖަހަން ޖެހޭ

"ބައެއް ރޭރޭ ޑެސްފަރޯލް ނުގުޅަން ވެސް ރޯނެ. އެ ކަހަލަ ވަގުތުތަކުގައި ހިތް ފަޅައިގެން ދާވަރުވޭ."

ފަރުވާ ހޯދުމަށްޓަކައި އާންމުކޮށް ދަތުރުކުރުމަކީ ވެސް ނިހާޝާގެ ހަޔާތުގެ ބައެކެވެ. ރަށު ހެލްތު ސެންޓަރުން ލޭ އެޅުނަސް، އޭނާގެ ހާލަތު ދެނެގަނެ، ކަންކަން ދަނީ ރަނގަޅަށްތޯ ބަލަން ކޮންމެ ތިން މަހަކުން އެއް ފަހަރު މާލެ އަންނަން ޖެހެ އެވެ.

ތެލަސީމިއާ ކުދިންނަށް އޮންނަ ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. ނިހާޝާގެ ބޯންމެރޯ، އޭނާގެ ދޮށީ ދައްތައާ މެޗުވި ނަމަވެސް އެކަމަށް ހުރަސް އަޅަނީ އޭނާގެ ހަކުރު ބައްޔެވެ. ހަށިގަނޑުގައި ހުުންނަ ދަގަނޑުގެ މިންވަރާއި ހަކުރު ކޮންޓްރޯލްވުމުން އޮޕަރޭޝަން ކުރެވިދާނެ އެވެ. އެކަމަކު އެއީ ކޮން ދުވަހަކުން ވާނެ ކަމެއްކަން ބުނާކަށް އާއިލާއަކަށް ނޭނގެ އެވެ.

މިހާރު އޮތް ގޮތަކީ ދެ ބަލީގެ ފަރުވާ ވެސް އެކުއެކީގައި ކުރިޔަށް ގެންދިއުމެވެ. އިންޖެކްޝަން ކަށި އަޅާ ފުރާފައި ހުރި ފުޅިން ދައްކައިދެނީ ކުޑަކުޑަ ނިހާޝާގެ އެ ހާލަތެވެ.