ހަމައެކަނި ރަމްޒީ ހަރުކަށިކަމެއް، ފިޔަވަޅެއް ނޭޅޭ!

ހަމައެއް ލަމައެއް ނެތި ޖެހުނު ތަނެއްގައި ދުންފަތު އިސްތިއުމާލު ކުރުމުގެ މައްސަލަ އަބަދުވެސް ބޮޑެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ލިބޭ ގެއްލުމަށް ވުރެ، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އޭގެ ބޭނުން ނުކުރާ މީހުންނަށް ކުރިމަތިވާ ނުރައްކަލާއި އޭގެ ގެއްލުމާ ދެކޮޅަށް ހަރުކަށި ގަވާއިދުތައް ހަދަން ޖެހެ އެވެ.


ދާދި ފަހުން އިވުނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ސިޓީ ކައުންސިލުން ނިންމި ވާހަކަ އެވެ. ތޮއްޖެހި އަދި ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ މާލޭގައި އެފަދަ ނިންމުމެއް ސިޓީ ކައުންސިލުން ނިންމުމަކީ ދުންފަތުގެ ދުމާ ހެދި މަގުމަތީގައި ހިނގަން އުނދަގޫވެފައި ތިބި އާންމުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެކަމަކު އެ ނިންމުން ކިހާ ދުވަހަކަށް ދެމިގެންދާނެތޯ ސުވާލު އުފެދެ އެވެ. އެ ސުވާލު އުފައްދަން ޖެހޭ ސަބަބުތައް ވެސް އެބަ ހުއްޓެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމިޔަސް މީގެ ނުވަ އަހަރު ކުރިން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ވުޖޫދަށް އައުމާ އެކު މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އޮތީ ނުސީދާކޮށް ގާތްގަނޑަކަށް "މަނާވެފަ" އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން މިސްކިތްތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަނާއި ސްކޫލްތަކާއި ކުޑަކުދިން ބައިތިއްބާ ނުވަތަ ތަރުބިއްޔަތު ކޮށްދޭ ތަންތަނާއި އެތަންތަނުގެ ގޯއްޗާއި ސަރުކާރުގެ ހުރިހާ އިދާރާތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި އެތަންތަނަށް ވަންނަ ދޮރާށި ހުންނަ ހިސާބުން ފެށިގެން 10 ފޫޓާ ހަމައަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނަ އެވެ.

ހަމަގައިމު ވެސް ތޮއްޖެހިފައިވާ އަދި ކައިރި ކައިރީގައި އެތައް މުހިންމު ތަންތަން ހުންނަ މާލޭގައި މި އުސޫލުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކިތަންމެ މަގެއް އޮންނާނެ އެވެ. އެކަމަކު މިސްކިތެއް ނުވަތަ ސްކޫލެއް ނުވަތަ ހޮސްޕިޓަލެއްގެ ކުރިމަތި ވިޔަސް، ދުންފަތުގެ އިސްތިއުމާލްކުރަން ބަޔަކު ނުތިބެ ނުދާނެ އެވެ.

މިވަރަކުން އަދި ނުނިމެ އެވެ. ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދާއި ނުކުރެވޭ ސަރަހައްދުތަކެއް ވަކިން ކަނޑައަޅައި، އިންޒާރުގެ ޕޯސްޓަރުތައް ހަރުކޮށްފައި ހުންނަނީ ހަމައެކަނި ނަމަކަށެވެ. ޖެހުނު ތަނެއްގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރަނީ އެވެ. އަނެއްކޮޅުން، ރެސްޓޯރެންޓްތަކުގައި އެ ދެ ސަރަހައްދު ވަކިން ކަނޑައަޅާފައި އޮންނައިރު ވެސް ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދަށް ކުޑަކުދިން ގޮވައިގެން އެތައް ބަޔަކު ވަދެ އެވެ. އެ ދުމުގެ ސަބަބުން ލިބޭނެ ގެއްލުމަކަށް ވިސްނުމެއް ވެސް ނެތެވެ.

މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ތަނުގެ ވެރި ފަރާތް ވަގުތުން ޖޫރިމަނާ ކުރުމުގެ ބާރު ގަވާއިދުން ލިބިދެ އެވެ. އެކަމަކު އެ ޖޫރިމަނާ އައީ ވަރަށް މަދު ބަޔަކަށެވެ. އެހެންކަމުން ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް، އެ ގަވާއިދު އެކަށީގެންވާ މިންވަރަކާ ގާތަށް ވެސް ތަންފީޒެއް ނުކުރެވެ އެވެ. ދެން މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމިޔަސް އާންމުންނަށް ލިބޭނެ އުފަލެއް ނޯންނާނެ އެވެ.

ބިދޭސީން މަގުމައްޗަށް ކުޅު ޖެހުން މަނާކުރަން ނިންމަން ސިޓީ ކައުންސިލަށް ދާދި ފަހުން ހުށަހެޅި ހުށަހެޅުމަކާ މެދު ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށި އެވެ. އެކަމަކު މަގުމައްޗަށް ކުޅުން ޖެހުން ގާނޫނީ ގޮތުން މަނާ ކުރިތާ 10 އަހަރު ވަނީ އެވެ. ދިވެއްސެއް ވިޔަސް ބިދޭސީއެއް ވިޔަސް އިސްތިސްނާއެއް ނުވެ އެވެ. އެކަމަކު އަދިވެސް ސައި ހޮޓާތަކާއި ކެފޭތަކުގެ ބޭރުގައި އޮންނަނީ ރަތް ކުޅުގެ ދޫލަތަކެވެ. އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފް އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެއީ ވެސް ވަގުތުން ޖޫރިމަނާ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަން ވެސް ހުއްޓުވޭނެ މަގެއް އަދި ނުފެނެ އެވެ.

މާލޭގެ މަގަކަށް ކުނި އަޅާފައި -- ފޮޓޯ/މިހާރު

މަގުމައްޗަށް ކުނި އެޅުމަކީ ޖޫރިމަނާކޮށް، ފިޔަވަޅު އެޅިދާނެ ކަމެއް ކަން ނުދަންނަ މީހަކު މަދުވާނެ އެވެ. ޖޫރިމަނާ ކޮށްގެން ވެސް ހައްލު ނުވި ކުނީގެ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އެންވަޔަރްމެންޓް ޕޮލިސް ވެސް ތައާރަފްކޮށްފި އެވެ. އެކަމަކު އަދިވެސް މަގުތަކާއި އާންމު ތަންތަނުގައި ހުންނަ ކުނީގެ ފަރުބަދަތަކަށް ނިމުމެއް ނެތެވެ.

މިނޫނަސް ކިތަންމެ ކަމެކެވެ. އިމާރާތްތަކުގެ މަގުމައްޗަށް ފެން ފޭބުމާއި ޕޭވްމަންޓްގައި މުދާ ބެހެއްޓުމާއި ގަވާއިދާ ޚިލާފަށް ވެހިކަލްތަކުގައި މުދާ އުފުލުން ފަދަ ކަންކަން ގާނޫނީ ގޮތުން މަނާ ކުރިޔަސް، އެއީ މަނާ ކަމެއް ކަން ހަނދާން ނެތޭހާ މިންވަރަށް މިހާރު އާންމު ވެއްޖެ އެވެ.

އެކަން އެގޮތަށް ދިމާވަނީ ގާނޫނުގައި ނުވަތަ ގަވާއިދުގައި ހުރި އުނިކަމެއްގެ ސަބަބުން ކަމަށް ބުނެވޭކަށް ނެތެވެ. މައްސަލަ ދިމާވަނީ ކޮންމެ ކަމެއް ވެސް ތަންފީޒު ކުރުމާ ހިސާބުންނެވެ. ކިތަންމެ ހަރުކަށިކޮށް ހަދާފައި ހުއްޓަސް، އެކަން ވެގެންދަނީ ކަނޑުގައި ރޮނގެއް އެޅުން ފަދަ ކަމަކަށެވެ.

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމިދާނެ އެވެ. އެކަމަކު އެއިން ނަތީޖާއެއް ފެނިދާނެ ހެއްޔެވެ؟ ނޫނީ އެ ނިންމުން ވެސް ވާނީ "ރަމްޒީ" ކަމަކަށްތޯ އެވެ؟

ހެދިފައި ހުރި ގަވާއިދުތައް ތަންފީޒު ނުކުރެވުމުގެ އިތުރުން އާންމުންނާ ގުޅުންހުރި އެތައް ކަމެއްގައި ސަރުކާރުގެ ނިންމުން ތަންފީޒު ކުރުމުގައި ކަމާ ބެހޭ މުއައްސަސާތަކުން ފަހަތު ފަޔަށް ބަރުވުމަކީ މައްސަލައެކެވެ. އޭގެ ދެތިން މިސާލަކަށް ބަލަމާ ހިނގާށެވެ.

ފިހާރަތަކާއި ކެފޭތަކުގައި ބިދޭސީ ކޭޝިއަރުން ބޭތިއްބުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެކަން ހުއްޓުވަން މީގެ އަހަރުތަކެއް ކުރިން ވަރުގަދަ އޮޕަރޭޝަނެއް ފަށައި، ބައެއް ތަންތަން ޖޫރިމަނާ ވެސް ކުރި އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވި އެވެ. ބިދޭސީ ކޭޝިއަރުން ގަވާއިދާ ޚިލާފަށް އެ ތިބެނީ އެވެ. ފިޔަވަޅެއް ނާޅަ އެވެ.

އަބަދުވެސް ޝަކުވާ ބޮޑުވެފައި އޮންނަ ޓެކްސީގެ އަގު މައްސަލައަކީ ވެސް ހަމަ އެފަދަ ކަމެކެވެ. ސިނަމާލެ ބްރިޖް ހުޅުވުމާ އެކު މާލެ އާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރުތަކުގެ އަގު އަތް ނުފޯރާ ހިސާބަށް ދިޔަ އެވެ. އެކަން ހުއްޓުވަން ސަރުކާރުން ނިކުތީ އެ ދެމެދުގައި ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅައި، އަދި އެއަށް ވުރެ ބޮޑު އަގެއް ނަގާ ނަމަ ޓެކްސީ ހުއްދަ ބާތިލްކުރާނެ ކަމުގެ އިންޒާރާ ވެސް އެކު އެވެ.

އެކަމަކު މާ ގިނަ ދުވަހެއް ނުވެ ސަރުކާރަށް ޖެހުނީ ގޮތް ދޫކޮށްލައި، ޓެކްސީ ޑްރައިވަރުން ބޭނުން އަގަކަށް އެކަން ދޫކޮށްލާށެވެ. މިއަދާ ހަމައަށް ވެސް އެކަން އެ އޮތީ އެގޮތަށެވެ.

ދުވާލު ވަގުތުތަކުގައި މާލޭގައި މުދާ އުފުލުން މަނާކުރި ކުރުން ވެސް ދިޔައީ ހަމަ އެފަދަ ގޮތަކަށެވެ.

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރިޔަސް، އެކަން ތަންފީޒުކުރެވޭނެ ކަމުގެ އުއްމީދެއް އާންމުންނަކަށް ނެތެވެ.

"ތިއީ ހުޅުލެއަށް އެރުމުގެ ފާސް ނެގުމާއި މަގު ހުރަސް ކުރުމަށް ގާނޫނެއް ހަދާފައި އޮތުމާއި ބިދޭސީ ކޭޝިއަރުން ބޭތިއްބުން ކަހަލަ ކަމެއް. އެކަންކަމަކީ ވެސް ގަވާއިދާއި ގާނޫނު ހުއްޓަސް އަމަލު ކުރާ ކަމެއް ނޫން. ގާނޫނު ތަންފީޒު ނުކުރެވޭ ތަނެއްގައި ކަންކަން މަނާ ކުރުމެކޭ ނުކުރުމެކޭ ވާނީ ހަމަހަމަ." އެކަކު ފާޅުކުރި ޚިޔާލެއްގައިވެ އެވެ.

ގިނަ މީހުން ދެކޭ ގޮތުގައި މަނާ ކަންކަން ހުއްޓުވަން ހަދާފައި އޮންނަ ގަވާއިދުގެ ތެރެއިން ރާއްޖޭގައި ތަންފީޒު ކުރެވެނީ ހަމައެކަނި ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ޖޫރިމަނާ ކުރުން އެކަންޏެވެ. އެ ނޫން ކަންކަމާ ދެކޮޅަށް ފިޔަވަޅު ނާޅާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

"ފުލުހުންގެ މުއައްސަސާގައި ނެތް ތިކަން ތަންފީޒު ކުރުމުގެ ގާބިލް ކަމެއް. މިހާރު ވެސް ދުންފަތަށް ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް އެބަހުރި. ކޮންމެވެސް ސަބަބަކާ ހުރެ ފުލުހުން ބިރުގަނޭ މީހުންނާ ކުރިމަތިލާން. ސައިކަލުގައި ސްޓިކާ ޖަހަން ވެސް ނުކެރުނީސް ސައިކަލުގެ ވެރިމީހާއާ ވާހަކަ ދައްކަން ޖެހޭ ނަމަ،" އެހެން މީހަކު ސޯޝަލް މީޑިއާގައި ފާޅުކުރި ޚިޔާލެއްގައިވެ އެވެ.

އާންމުންގެ ރައްކަލަށް ހަދާފައި ހުންނަ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރާނެ ނިޒާމެއް ރާއްޖެއަކު ނެތެވެ. ގާނޫނީ ގޮތުން ކަމެއް މަނާ ކުރަން ނިންމިޔަސް، އޭގެ ހިތްހަމަޖެހުން އާންމުންނަކަށް ނެތެވެ. އެހެންކަމުން އުސޫލުތައް ހަރުކަށި ކުރުމަށް ވުރެ އިސްކަން ދޭންވީ ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށެވެ.