އެންމެ ހިނގި ލިއުންތައް: ކިއުންތެރިންނަށް ޝުކުރިއްޔާ!

"މިހާރު"ގެ ތިން ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާ އިރު މިދިއަ އެއް އަހަރު ދުވަހަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހޫނުކޮށް ފެނުނު ދުވަސްވަރެވެ. އެހެންކަމުން އޭރުގެ ސިޔާސީ ހަބަރުތަކަށް ކިއުންތެރިންގެ ސަމާލުކަން އަބަދުވެސް އޮތީ ލިބިލިބި އެވެ. އެންމެ ގިނަ ބަޔަކު ކިޔަމުން ދިޔައީ ވެސް ސިޔާސީ ހަބަރުތަކާއި ރިޕޯޓްތަކެވެ.


ބާރުގަދަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ރާއްޖޭގެ އިދިކޮޅު ހަރަކާތަށް އެތައް ހުރަހެއް އަޅައި، ކޯޓުތަކާއި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ބިރުވެރި މާހައުލެއް އުފެއްދި ދުވަސްތަކުގެ ވާހަކަތަކަށް "މިހާރު"ގެ ކިއުންތެރިން ތިބެނީ ބަލަބަލަ އެވެ.

ހުރިހާ ބާރެއް އޮވެމެ، ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގެވުމުގެ ތައުރީފު ވެސް ލިބިވަޑައިގެން ހުންނަވައި، އިންތިހާބުން ޔާމީން ބަލިވެވަޑައިގަތުމަކީ އިބުރަތެކެވެ. އެހެންކަމުން އެ ނާކާމިޔާބީގެ ސިއްރަކީ ކޮބައިކަމާ މެދު "މިހާރު"ގައި ސެޕްޓެމްބަރު 25، 2018 ގައި ޖެހި ރިޕޯޓަކީ މިދިއަ އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކިޔާފައިވާ ލިއުމެވެ.

އެސިސްޓެންޓް އެޑިޓަރު ފަޒީނާ އަހުމަދުގެ މި ރިޕޯޓް ލައްކައަކަށް ވުރެ ފަހަރު ވެބްސައިޓުން ބަލާފައިވެ އެވެ. ކިއުންތެރިން ފޮނުވި ކޮމެންޓްތަކުގެ ތެރެއިން 345 ކޮމެންޓް ޝާއިއުކުރި އެވެ. ޖެހޭވަރު ނުވެގެން އެތައް ސަތޭކަ ކޮމެންޓެއް ބްލޮކްކުރި އެވެ.

ފަސް އަހަރު ދުވަހު ރާއްޖޭގެ ވެރިކަމުގައި އާރާއި ބާރާ އެކު ހުންނެވި ޔާމީނަށް ރައްޔިތުން އެހާ ބޮޑު ތަނުން ނޫނެކޭ ބުނީ ކީއްވެގެންކަން އެ ރިޕޯޓްގައި ތަފްސީލުކޮށް ލިއުނެވެ. ކެމްޕޭންގެ އެންމެ ފަހު ދުވަހު، ކުޅުދުއްފުށީ އާ އެއާޕޯޓްގައި، ގަދަ ވިއްސާރައިގެ ތެރޭގައި ހުންނަވައި، ޔާމީން އާދޭސްކުރެއްވި ފޮޓޯގެ ބާރު ގަދަ އެވެ.

ރިޕޯޓްގައި ފާހަގަކުރި ގޮތަށް ދިވެހި ރައްޔިތުން އިންތިހާބުގައި ޔާމީނަށް "ނޫނެކޭ ބުނީ" އެމަނިކުފާނު ގެންނެވި ތަރައްގީއަކަށް ނޫނެވެ: ހިޔާނާތާއި ވައްކަމާއި އަނިޔާވެރިކަމަށެވެ.

"ދައުލަތުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އާއްމުވުމެވެ. ގަބޫލުނުކުރެވޭ މިންވަރަށް ރައްޔިތުންނަށް އަނިޔާވެރިވުމެވެ. ތަފާތު ކުރުންތަކާއި ބިރު ދެއްކުންތަކާއި ބޭއިންސާފުން ކަންކަން ކުރުމެވެ. ނުހައްގުން މީހުން ޖަލަށް ލުމެވެ. މުއައްސަސާތަކުގެ މިނިވަންކަން ނެތި އަދުލު އިންސާފުގެ ދޮރުތައް ބަންދުކުރުމެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ނިގުޅައިގަތުމެވެ. މި ކަންކަމަށް ދައުލަތް ޖަވާބުދާރީ ކުރުވޭނެ މަގުތައް ވެސް ބަންދު ކުރުމެވެ. ގާނޫނާ ޚިލާފަށް މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމެވެ. މަޖިލީހުގައި ތަޅު އެޅުވުމެވެ،" ރިޕޯޓްގައި ލިއެފައިވެ އެވެ.

މެސީއަށް ޓަކައި ވަރި!

"މިހާރު"ގެ ކިއުންތެރިންގެ ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ލައިފްސްޓައިލްގެ ލިއުންތައް ކިޔަ އެވެ. މިއީ ގިނަ ބަޔަކަށް ނޭނގުނަސް ކިއުންތެރިންގެ މެދުގައި ވަރަށް ޝައުގުވެރި ދާއިރާއެކެވެ. ދިރިއުޅުމާ ގުޅޭ ތަފާތު ހަބަރުތަކާއި ލިއުންތަކުން ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ގެންދަނީ ފޫހިފިލުވަމުންނެވެ.

މިދިއަ އަހަރު ދުވަހުގެ ތެރޭގައި "މިހާރު"ގެ ލައިފްސްޓައިފް އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކިޔާފައިވާ ހަބަރު ނިސްބަތް ވަނީ މިދިއަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕަށެވެ. އެ މުބާރާތުގައި އާޖެންޓީނާގެ މެސީއަށް މަލާމަތްކުރުމުގެ ނަތީޖާއަކީ 14 އަހަރުގެ ކައިވެންޏެއް ރޫޅުމެވެ. އަހުމަދު އަދުޝަންގެ މި ލިއުމަށް ގިނަ ބައެއްގެ ލޯ އަމާޒުވީ، ދިރިއުޅުމުގައި އެކަހަލަ ހާދިސާތައް ވެސް ހިނގަމުން ދިއުމަކީ ހަމަ ހަގީގަތަކަށް ވެސް ވާތީ އެވެ.

ބޮލީވުޑް ދެކެ ދިވެހިން ލޯބިވޭ

ހީ ވެސް ނުކުރާ ކަހަލަ ޚަބަރުތައް ބައެއް ކިއުންތެރިންގެ މެދުގައި މަގުބޫލެވެ. އެގޮތުން މިދިއަ އަހަރުގެ ތެރޭގައި "މިހާރު"ގެ އެންމެ ހިނގި މުނިފޫހިފިލުވުމުގެ ޚަބަރަކީ އެންމެ ޚަބަރެއް ނޫނެވެ. އެތައް ޚަބަރެއް ހިމެނޭ ގޮތަށް، އަހުމަދު އަދުޝަން ތައްޔާރުކުރި "ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް"، މި ލިއުމެވެ.

އިންޑިއާގެ މައި ފިލްމު އިންޑަސްޓްރީ ކަމަށް ވާ ބޮލީވުޑާ ބެހޭ ލިއުންތަކަށް ހަގީގަތުގައި ވެސް ދިވެހި ކިއުންތެރިންގެ ސަމާލުކަން ބޮޑެވެ. އިންޑިއާގެ ތަރިންނާ ބެހޭ ގޮތުން ކޮންމެ ދުވަހަކު ޖަހާ ލިއުންތަކަށް ބައެއް ކިއުންތެރިންގެ ފާޑުކިޔުން އޮތަސް، ހަގީގަތަކީ އެއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޝައުވެރިވާ އެއް ދާއިރާ ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދިވެހިން ބޮލީވުޑް ދެކެ އެހާ ލޯބިވެ އެވެ.

ނަދީމަށް ގިނަ ބައެއްގެ ހެޔޮ ދުއާ

"މިހާރު"ގެ ކުޅިވަރު ޑިޕާޓްމަންޓުން ކޮންމެ ދުވަހަކު ވެސް ދެ ވައްތަރެއްގެ ލިއުންތައް ތައްޔާރުކުރެ އެވެ: ބޭރު ކުޅިވަރާއި ދިވެހި ކުޅިވަރެވެ.

މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި ކުޅިވަރާ ބެހޭ ލިއުންތަކުގެ ތެރެއިން އެންމެ ގިނަ ކިއުންތެރިންގެ ސަމާލުކަން ލިބުނީ، އޭގެ ޒާތުގައި ވެސް ކިއުންތެރިންގެ ލޯ ހުއްޓިދާނެ ހަބަރަކަށެވެ: ކުރީގެ ކުޅުންތެރިޔާ މުހައްމަދު ނަދީމުގެ ސިއްހަތާ ބެހޭ ލިއުމެވެ.

ކުޑައިރުއްސުރެ ފުޓްބޯޅަ އާއި ވޮލީގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ކުޅެމުން އައި ކުޅުންތެރިޔާގެ އުމުރުން 52 އަހަރު ވީ އިރު އަދިވެސް ހުންނަނީ ވަރަށް ފިޓްކޮށެވެ. އެކަމަކު އޭނާގެ ހިތާ ގުޅިފައިވާ ނާރުތައް ކުދިވުމާއި ބޭޑް ކޮލެސްޓްރޯލް އުފެދޭ މިންވަރު މަތިވުމުން، ނަދީމްގެ ތިން ވަނަ އެންޖީއޯޕްލާސްޓީ ހެދީ މިދިއަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އެކަމާ ބެހޭ ގޮތުން، ކުޅިވަރުގެ އެސިސްޓެންޓް އެޑިޓަރު މުހައްމަދު ހަމްދޫން ލިއުނު ލިއުން ބައި ލައްކައެއްހާ މީހުން ކިޔާފައިވެ އެވެ.

ކަޅުދިރީގެ އުފެއްދުންތަކުގެ ވާހަކަ

ހީވެސް ނުކުރާ ކަހަލަ މައުލޫއުތަކަށް ކިއުންތެރިން ލޯބިކުރެ އެވެ. ޚާއްސަކޮށް ކޮންމެ މީހެއްގެ ވެސް އަމިއްލަ ދިރިއުޅުމާ ގުޅޭ މައުލޫއެއް ވެއްޖެ ނަމަ، އެއް ބަޔަކު އަނެއް ބަޔަކަށް އެ ލިއުންތައް ޝެއާ ވެސް ކުރެ އެވެ. ވިޔަފާރީގެ ދާއިރާ އިން އެންމެ ހިނގި ލިއުމުން އެކަން އެނގެ އެވެ: ކަޅުދިރީގެ އުފެއްދުންތަކެވެ.

"މަރުބަލި ނޫން އެހެން ހުރިހާ ބައްޔަކަށް ޝިފާއެއް!"، މި ސުރުހީގެ ދަށުން އާސިމާ ނިޒާރު އެ ލިއުން ލިއުނީ ކީރިތި ރަސޫލާގެ ހަދީސެއްގައި ވެސް ކަޅު ދިރިއަކީ މަރުބަލި ނޫން އެހެން ބަލިތަކަށް ހުރި ޝިފާއެއް ކަމަށް އޮތް އޮތުމަށް ބާރުލައިގެންނެވެ.

މިއީ މިދިއަ އަހަރު މާލޭގައި އަލަށް ހުޅުވި އޮން ވީ ފިހާރައާ ބެހޭ އެޑްވަޓޯރިއަލްއެކެވެ. ނަމަވެސް ކަޅު ދިރި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު އުފެއްދުންތަކާ ބެހޭ މި ލިއުމަށް ކިއުންތެރިންގެ ޝައުގުވެރިކަން އުފެދުނެވެ.