ސްޓްރީޓް ފުޑްސްގެ މުޅިން ތަފާތު މަންޒަރެއް!

މާލޭގައި މީރުކޮށް ސީފުޑް ކާން ލިބޭ ތަނެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. މީރު ސީފުޑް ޑިޝްއެއް ހޯދުމަށް ލައްކަ ގިނަ ތަންތަން ބަލަން ޖެހޭނެ އެވެ. އަނެއްކޮޅުން ސީފުޑް ޑިޝްތަކުގެ އަގުތައް ވެސް އިންތިހާ އަށް މައްޗެވެ. އެކަމަކު މިހާރު އެ ހުރިހާ މަސައްކަތް މިއޮތީ ނިމުމަކަށް އައިސްފަ އެވެ. ހުޅުމާލޭގައި ހުރި ކުޑަކުޑަ ސްޓޯލް "ރާކަނި ބީޗް" އިން މަންޒަރު މުޅިންް ބަދަލުކޮށްލައިފި އެވެ. އަގާ ވެސް އެކުގަ އެވެ.


ސްޓްރީޓް ފުޑް ސްޓައިލަކީ ވަރަށް ގިނަ ގައުމުތަކުގައި އާންމު ކަމެއް ނަމަވެސް، ރާއްޖެ އަށް މިކަން މިއީ އާ ކަމެކެވެ. ބޭނުންވާ އެއްޗެއް އެންމެންގެ ކުރިމަތީގައި ފިހެލައިގެން ކާލަން ލިބޭ ރާކަނި ބީޗަކީ މިހާރު ހުޅުމާލޭގައި ދުއްވާލަން ނުކުމެ އުޅޭ ވަރަށް ގިނަ މީހުން މަޑުކޮށްލާ މައި ޖަގަހަ އެވެ.

މިފަދަ ތަފާތު ކަމެއް 51 އަހަރުގެ މުސްތަފާ ހުސައިން (މުސްތޮ) އެންމެ ފުރަތަމަ ފެށީ އަޖުމަ ބަލައިލާށެވެ. މެރިން އިންޖިނިއަރެއްގެ ގޮތުގައި 14 އަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުމަށްފަހު ރާއްޖެ އައިސް އޭނާ ފެށީ އަމިއްލަ މަސައްކަތެވެ.

ސީފުޑްގެ ބާވަތްތައް ފިހެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަ މޭޒެއްގައި ސޮސެޖާއި ކުކުޅުން މަސައްކަތް ފެށި މި މޭޒުން މިހާރު ތަފާތު އެކި ބާވަތްތަކުގެ ސީފުޑްގެ 15 ބާވަތެއް ލިބެން ހުރެ އެވެ.

"އެންމެ ފުރަތަމަ ދެ ރެއެއްވަރު ހަމަ ހިލޭ މީހުންނަށް ތަކެތި ބެހީ. ދެން އެއަށްފަހު ތަފާތު ވައްތަރުތަކެއް ހިމަނައިގެން ފިހުނު ސީފުޑް ލިބޭ ގޮތް ހެދީ،" މުސްތޮ ބުންޏެވެ.

އާންމުކޮށް ސޮސެޖާއި ކުކުޅު ފަދަ ތަކެތީގެ ބާބެކިއު ސްޓައިލްގައި ލިބެން ހުރި ނަމަވެސް ސީފުޑްގެ ބާވަތްތައް އެގޮތަށް ތައްޔާރުކޮށްފައެއް ނުހުރެ އެވެ. އާ ކަމަކަށްވީ ނަމަވެސް މިކަން ވެގެން ދިޔައީ ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންގެ މަގްބޫލުކަން ވަރަށް ބޮޑަށް ލިބުނު ކަމަކަށެވެ.

ތަފާތު ކަމެއް ފެށުމުގެ ބޭނުމުގައި މުސްތޮ ފެށި މިކަން ފެށިތާ ދިހަ ވަރަކަށް މަސްވީ އިރު މިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. މިކަން ފެށީ 9 ވަރަކަށް މީހުންނާ އެކު އެވެ. މިހާރު މޭޒުން ހިދުމަތް ދިނުމަށް 21 މީހުން ބޭނުންކޮށްގެން ފުއްދާލެވެނީ ކިރިޔާ އެވެ. އަބަދު އޮންނަނީ މޭޒުދޮށް ފުރިފަ އެވެ.

މުސްތޮ ވަނީ އެ ސްޓޯލަށް "ރާކަނި" ކިޔުނު ސަބަބު ވެސް ކިޔައިދީފަ އެވެ. އޭނާ ބުނާ ގޮތުގައި ރާކަންޏަކީ މީހުންނަށް ކިޔާލަން ފަސޭހަ، އަޅައިގަންނަ ނަމެއް ކަމެއް ކަމަށް ބަލާފައި އެނަން ކީ ކަމަށެވެ. މުސްތޮ ބޭނުންވި ގޮތަށް އެނަމާ ގުޅިގެން ވެސް އެތަނަށް ގިނަ ބަޔަކު އާދެ އެވެ. އެގޮތުން ރާކަނި މަސް ރަހަ ބަލައިލުމަށް ވެސް މީހުން އެތަނަށް އާދެ އެވެ.

އެ ސަރަހައްދުގައި ކިޔު ހަދާފައި މީހުން ތިބެ، އެކި ބާވަތްތަކުގެ ސީފުޑް ގަންނަމުންދެ އެވެ. ކުޑަ ހަޓެއް ގޮތަށް ހިޔާކޮށްފައި އިންނަ އެ ސްޓޯލުން ބޭބީ ބޯވަ އާއި ރާކަންޏާއި ކަޓުލް ފިޝް އާއި ޖަޔަންޓް ސްކުއިޑްގެ އިތުރުން ސަދަރަ އާއި ޑިނގާ އާއި ސްވީޓް ކޯނާއި ސޮސެޗާއި ކުކުޅު ވެސް ހިމެނެ އެވެ.

ސީފުޑް ގަތުމަށް ކިޔު ހަދާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޭބީ ބޯވަ ގެންނަނީ ދުބާއީ އިންނެވެ. އެހެން ހުރިހާ ބާވަތްތަކެއް ވެސް ހޯދަނީ ރާއްޖެއިންނެވެ. އެގޮތުން ޖަޔަންޓް ސްއިޑަކީ 500 މީޓަރު އަޑިން ބާނާ އެއްޗެކެެވެ. އެވެސް ހޯދަނީ ދިވެހި ބައެއްގެ އަތުންނެވެ.

ރޯދަ މަހަށް ހާއްސަކޮށް އެތަނުން އަންނަނީ ފިހުނު މަސް ވެސް ވިއްކަމުންނެވެ. އެހެން މަސް މަހާ އެއްގޮތަށް ރޯދަ މަހު ވެސް ގިނަ ބަޔަކު އެތަނަށް ދެ އެވެ. ރޭގަނޑު 9:00 އިން 1 އާ ދޭތެރޭ ހުއްޓުމެއް ނެތި މީހުން އައިސް ގޮސް އުޅެ އެވެ.

މުސްތޮ ބުނި ގޮތުގައި ހެލްމެޓް ނާޅާ އިރު މިހާރަށް ވުރެ ވެސް ޑިމާންޑް ބޮޑެވެ. އޭރު 100 ކިލޯ ބޯވަ އެއްރެއިން ހުސްވެ އެވެ. ހެލްމެޓް އަޅަން ފެށި ފަހުން އަންނަ މީހުން މަދުވި ނަމަވެސް އީދަށް މާލޭގައި ވެސް ރާކަނީގެ އާ ތަނެއް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހެންވޭރު ކޮޅު ނިއު ޕޯޓު ކުރިމަތީގައި ސީފުޑް ލިބޭ ސްޓޯލެއް ހުޅުވާނެ އެވެ.

ބޭބީ ބޯވަ ފިހެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކޯން ވެސް ހުސްވާނެ ދެ ދުވަހަކުން 200 ކިލޯ. ބެންކޮކް އިން ގެންނަނީ ދެން. އެންމެ ފުރަތަމަ ފެށި އިރު ދުވާލަކު 6000 ރުފިޔާ ލިބުނު. ފަހުން ދުވާލެއްގެ މައްޗަށް 30،000 ލިބޭ،" އޭނާ ބުންޏެވެ.

ކޮންމެ ދުވަހެއްގެ ހަވީރު 4:00 ޖަހާއިރު މި ސްޓޯލް ހުޅުވަ އެވެ. އާންމުންގެ ބޮޑު މަގްބޫލު ކަމެއް ލިބިފައިވާ މި މަސައްކަތަކީ ވަރަށް ބަލައިގެން ކުރަންޖެހޭ ކަމެއް ކަމަށް މުސްތޮ ބުންޏެވެ. ހުރިހާ ބާވަތެއްގެ ސީފުޑް ބަހައްޓަން ޖެހެނީ ވަކި ވަކި ފްރިޖުގައި ވަކި ޓެމްޕަރޭޗާއެއްގަ އެވެ.

"މައްސަލައެއް ދިމާވެއްޖިއްޔާ ކަރު ބުރި ވާނީ ހަމަ. އެއްވެސް ބެކްޓީރިއާއެއް ނުވަންނަ ގޮތައް ގެންގުޅެނީ. އެ ދުވަހު ސްޓޯލަށް ނަގާ ހުރިހާ އެއްޗެއް ޑިސްޕޯސް ކުރާނެ. އެ އެއްޗެހި ދެވަނަ ފަހަރަށް ފްރިޖަކަށް ވެސް ނުލާނެ. ބޭނުން ވެސް ނުކުރާނެ. ކޮންމެ ދުވަހަކު ވެސް އާ ސާމާނު ގެންގުޅޭނީ،" އޭނާ ބުންޏެވެ.

މުސްތޮ ބުނީ މި ތަކެތި ގެންގުޅެން ޖެހޭނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. އެހާ ފަސޭހަކޮށްލައިގެން ސީފުޑްގެ ބާވަތްތައް ނުވިއްކޭނެ ކަމަށެވެ.

ސީފުޑް ވިއްކާ ސްޓޯލް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއީ ވަރަށް ފައިދާވާ މަސައްކަތްތަކެއް. މިކަން ކުރަންޖެހޭނީ ކުރަންވާ ގޮތަށް. އެހެން ނޫނީ އެއްގޮތަކަށް ވެސް ވިއްކާކަށް ކަމަކު ނުދާނެ،" އޭނާ ބުންޏެވެ.

އެއް އަހަރުވާން ކައިރިވެފައިވާ އިރު އެތަނުން ވިއްކާ ސީފުޑްގެ އެއްވެސް މައްސަަލައެއް ނުނިކުންނާނެ ކަމަށް އޭނާ ބުންޏެވެ.

ލޯކަލް ތަކެތި ލިބޭ މި ސްޓޯލްގެ އެންމެ ހާއްސަ ކަމަކީ ސީފުޑަށް މިކްސް ކޮށްފައި ހުންނަ މިރުސްގަނޑެވެ. މުސްތޮގެ އަނބިމީހާ ތައްޔާރު ކުރާ މި މިރުސްގަނޑު ވަރަށް ގިނަ ބަޔަކަށް ކަމުދެ އެވެ.

"މި މިރުސްގަނޑު ވަކިން ގަންނަން ވެސް މީހުން އާދޭ. އެކަމަކު މިއީ މިތަނުގެ ހާއްސަ ރެސިޕީއެއްގެ ގޮތުގައި ބައިންދަނީ،" އޭނާ ބުންޏެވެ.

ކުރިއަށް އޮތްތަނުގައި ވެސް މި ވިޔަފާރި ފުޅާ ކުރުމަކީ މުސްތޮގެ ވިސްނުމެވެ. އާ ކަމެއް ނަމަވެސް މިކަން މިވީ ދިވެހިން ވަރަށް ގަޔާވާ ކަމަކަށެވެ.