ކުޑަ އީދު ސައި، ސަލްސާގެ ސަގާފަތެއް!

އީދު ނަމާދަށް ފަހު އިބްރާހިމް އާމިރު (ސަލްސާ އާމިރު) އާއި އޭނާގެ އެކުވެރިން އޭރު ކޮންމެވެސް މަގެއްގެ ކަންމައްޗަށް އެއްވަނީ އެ ދުވަހު ކުރާނެ ކަންކަން ރޭވުމަށެވެ. މަގުމަތީ ބާއްވަމުން ދިޔަ އެ ސައްލާތަކަށް ހިޔާވަހިކަމެއް ލިބުނީ އާމިރުގެ އަމިއްލަ ރެސްޓޯރެންޓް، ސަލްސާ ރޯޔަލް 2003 ގައި ހުޅުވުމާ އެކު އެވެ. އީދު ނަމާދަށް ފަހު ރައްޓެހިންނަށް ހެނދުނުގެ ނާސްތާ ހިލޭ ދެމުން އަންނަތާ މިހާރު 16 އަހަރު ވަނީ އެވެ.


"މާފުށާއި އަވެއްޔާއި ދޮންކެޔޮ ކަހަލަ އެއްޗެހި ހަދާލާފައި އެދުވަހު އެއްވުން ބޭއްވީ ސަލްސާގައި. އޭގެ ފަހުން އެކަން ކުރަމުން މިއަންނަނީ މިގޮތަށް،" މީގެ 16 އަހަރު ކުރިން ކޮންމެ ކުޑަ އީދެއްގައި ބާއްވަމުން އަންނަ ހެނދުނު ސަޔާ ގުޅޭ ގޮތުން އާމިރު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ އަހަރު އީދު ނަމާދަށް ފަހު 25 މީހުންނާ އެކު ސަލްސާގައި ބޭއްވި އެ ބައްދަލުވުން މިހާރުގެ ނިސްބަތުން ބޮޑެވެ. މިއީ އާމިރުގެ އެކުވެރިންނާއި އާއިލާ މީހުން އެއްތަނަކުން ބައްދަލުވާ ހާއްސަ ނާސްތާއެކެވެ.

ސަލްސާގެ ވެރިޔާ އާމިރު: އޭނާ ވިދާޅުވަނީ "ސަލްސާގެ ސަގާފަތް" ކުރިއަށް ދާނެ ކަމަށް

އާމިރުގެ އީދު ސައި ދެމުން އަންނަނީ ހަމައެކަނި މާލޭގައި އޭނާ ހިންގާ ރެސްޓޯރެންޓުން އެކަންޏެއް ނޫނެވެ/ މީގެ ތިން އަހަރު ކުރިން ބ. އޭދަފުށީގައި އޭނާ ހުޅުވި ރެސްޓޯރެންޓްގައި ވެސް އޭނާގެ އެ ސަގާފަތް ކުރިއަށް ގެންދެ އެވެ.

"މިއީ ސަލްސާގެ ސަގާފަތް. މި ސަގާފަތް މިގޮތަށް ކުރިއަށް ގެންދަން ބޭނުންވަނީ،" ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ އާމިރު ވިދާޅުވި އެވެ.

މިހާރު ކޮންމެ ކުޑަ އީދެއްގެ ހެނދުނު ނާސްތާއަށް ގާތްގަނޑަކަށް 150 އެއްހާ މީހުންނަށް ދައުވަތު ދެ އެވެ. އޭނާގެ ވަރަށް ގިނަ ރައްޓެހިން ޒިޔާރަތް ވެސް ކުރެ އެވެ.

"ވަރަށް މީހުން އަހާނެ ކޮބާ މިއަހަރު ވެސް އޮންނާނެހޭ. ދެން ދައުވަތު ދިނީމަ ވަރަށް އުފަލުން ތިބޭނީ ވެސް،" އާމިރު ވިދާޅުވި އެވެ.

ސައިގެ މެނޫ ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އޭރު މާފުށާއި އަވެލިން ފެށި ސައިގައި މިއަދު ކޮންޓިނެންޓަލް ބްރެކްފާސްޓް ހިމެނެ އެވެ.

ސަލްސާ ރޯޔަލް: ކޮންމެ އީދު ދުވަހެއްގެ ހެނދުނު އެތައް ބަޔަކު އެއްވޭ

ރޯދަ މަހު ސަލްސާ ރޯޔަލްއިން ރޯދަ ވިއްލާ ފަރާތްތަކުގެ މެދުގައި ގުރުނަގައި އިނާމު ދިނުން މިހާރު އޮންނަނީ އީދު ސައިގެ ތެރޭގަ އެވެ. މިއީ އަގުބޮޑު އެތައް އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެކެވެ.

ސަލްސާގެ އީދު ސައިގެ ދައުވަތަށް މިހާރު ވެސް އެތައް ބަޔަކު ތިބޭނީ އިންތިޒާރުގަ އެވެ. މިއީ ރަހުމަތްތެރިންގެ ޒަމާންވީ އެއްވުމެވެ. ދިވެހި ސަގާފަތުގައި އީދަކީ ހާއްސަ އަދި އުފާވެރި ދުވަހެކެވެ. އާމިރު ގެންދަވަނީ އެ އުފާވެރިކަން އެތައް ބަޔަކަށް ގެނެސް ދެއްވަމުންނެވެ.

"ސަލްސާގެ މި ސަގާފަތް އޮތީ ކުރިއަށް،" އާމިރު ވިދާޅުވި އެވެ.