ރެޑްވޭވްގެ ބޮޑު އިނާމު ހީ ވެސް ނުކުރާ ގޮތަކަށް!

އޭނާ އަށް ލިބުނީ ފޯނު ކޯލެކެވެ. އެތަނުން ގުޅައިފައި ބުނީ، އެއް ލައްކަ ރުފިޔާ ލިބުނު ވާހަކަ އެވެ. އެކަމަކު އޭނާ އަކަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އެކަހަލަ ވަރަށް ބައިވަރު ފޭކް ކޯލްތަކެއް އަންނަ ދުވަސްވަރަކަށް ވާތީ، އޭނާ ވެސް ހީކުރީ އެއީ އެކަހަލަ ކޯލެއް ކަމަށެވެ. އެކަމަކު މިފަހަރު މި ލައްވާލީ ނަސީބުގެ ކޯލެކެވެ. ށ. ފޯކައިދޫގެ 51 އަހަރުގެ މުހައްމަދު ޝިޔާމަށް ލިބުނު އެ ކޯލަކީ ރެޑްވޭވް ފިހާރައިގެ ނަސީބު ކޫޕަންގެ އެއް ލައްކަ ރުފިޔާގެ އިނާމެވެ. ދޮޅު ލައްކައެއްހާ ކޫޕަންގެ ތެރެއިން އޭނާގެ ކޫޕަންކޮޅު ނެގި، ނަސީބު އަތުގައި ހިފީ އެވެ.


އެއީ އާދައިގެ މަތިން އޭނާގެ މަސައްކަތުގައި އުޅުނު ދުވަހެކެވެ. އެސްޓީއޯގެ ފިއުލް ސަޕްލައި މޯލްޑިވްސްގައި ވަޒީފާ އަދާކުރާ ޝިޔާމް އުޅުނީ އެއްތަނުން އަނެއް ތަނަށް ތެޔޮ ގެންދިޔުމަށް ޓަކައި ކަނޑުމަތީގަ އެވެ. އެ ދުވަހުގެ ހެނދުނު ހާއިރު އޭނާ އަށް މީހަކު ގުޅާފައި ބޮޑު އިނާމެއް ލިބުނު ވާހަކަ ބުންޏެވެ. ރެޑްވޭވުން ރޯދައާ ދިމާކޮށް ގެންދިޔަ ބޮޑު ޕްރޮމޯޝަންގެ އެންމެ ޝަރަފްވެރި އިނާމު ލިބުނު ކަމަށް ހަބަރު ލިބުނެވެ. އެ ވާހަކަ ވަގުތުން އަންހެނުންނާ ވެސް ހިއްސާ ކުރި އެވެ. ފޭކް ކޯލެއް ކަމަށް ހީކޮށް އަންހެނުން ވެސް ބުނީ، އެއްވެސް ވަރަކަށް ޒާތީ އެއްވެސް މައުލޫމާތެއް ބަޔަކާ ހިއްސާ ނުކުރުމަށެވެ.

"ހެނދުނު ގުޅި މީހާ ކައިރީގައި ބުނިން އެއްވެސް ތަނަކުން އިނާމެއް ލިބުނުކަމެއް ނޭންގެއޭ،" އޭނާ ބުންޏެވެ.

އެއް ލައްކަ ރުފިޔާ ލިބުނު ކަމުގެ ލިޔުމުގައި ޝިޔާމު ސޮއި ކުރަނީ- ފޮޓޯ: ރެޑްވޭވް

މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް އަންހެނުން އަނެއްކާ ވެސް ގުޅި އެވެ. މިފަހަރު ބުނީ ޝިޔާމަށް އިނާމު ލިބުނު ވާހަކަ ނޫސްތަކުގައި ވެސް އޮތް ވާހަކަ އެވެ. އެ ހިސާބުން ޝިޔާމަށް ވެސް ރެޑްވޭވްގެ އިނާމު ލިބުނުކަން ކަށަވަރުވި އެވެ. މިއީ އޭނާގެ ހަޔާތުގައި ގުރުއަތަކުން މިފަދަ ބޮޑު އިނާމެއް ލިބުނު ފުރަތަމަ ފަހަރެވެ.

"އަޅުގަނޑު ގަތީ ތިން ދޮރުފަތްލީ އަލަމާރިއެއް. ހަރަދުކުރީ 2،700 ރުފިޔާ. ކޫޕަން ދިނީމަ އެއަކަށް އެއްވެސް ވަރަކަށް ނުވެސް ވިސްނަން. އޭގެ މަތިން ފަހުން ހަނދާނެއް ވެސް ނެތް،" އެ ވާހަކަތައް އޭނާ ކިޔައިދިނީ އުފަލުން ހުރެ އެވެ.

ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގެ ދަށުން އޭނާ ވަނީ ފަސް ކޫޕަން ލައިފަ އެވެ.

ރޯދަމަހަށް ދެ ހަފްތާ އަށް ވެފައި އޮއްވާ އޭނާ މި ވިޔަފާރި ކުރީ އަންހެނުން އެދިގެންނެވެ. އަންހެނުން ރައްކާކޮށްފައި ހުރި ފައިސާއިން ވިޔަފާރިކޮށްގެން ލިބުނު ބޮޑު އިނާމަކީ ދިރިއުޅުމަށް ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ބުންޏެވެ.

ރެޑްވޭވުގެ ފަރާތުން ޝިޔާމާ އިނާމު ހަވާލު ކުރަނީ--ފޮޓޯ:ރެޑްވޭވް

ޝިޔާމު ބުނި ގޮތުގައި މި އިނާމު ލިބުމުން އަންހެނުންނާ އެކު އުމްރާއަކަށް ދިޔުމުގެ ވިސްނުން އެބަހުރި ކަމަށެވެ. މި ލިބުނު އެއް ލައްކަ ރުފިޔާއިން ދިރިއުޅުމުގެ ކަންކަން ރަނގަޅުކޮށްލުމަށް ހަރަދު ކުރުމަށް އޭނާ ވިސްނަ އެވެ.

އޭނާ ބުނި ގޮތުގައި ވިޔަފާރި ކުރުމަށް އޭނާ އެންމެ ގަޔާވާ ފިހާރައަކީ ރެޑްވޭވް އެވެ. އަދި އޭނާ އަށް އެންމެ ރަނގަޅު ބްރޭންޑަކީ ވެސް ރެޑްވޭވުން މާކެޓް ކުރާ "ލަންޒާ" ކަމަށް ބުންޏެވެ.

ޝިޔާމަށް ލަންޒާ ބްރޭންޑް އެހާ ކަމުދިޔައީ، އެ ގެއަށް އެ ބްރޭންޑްގެ އުނދުނެއް ގަތް ފަހުންނެވެ. އާންމުކޮށް ހުންނަ އެހެން ބްރޭންޑްތަކުގެ އުނދުނުން، ދުވަސްކޮޅެއްވާ އިރަށް ތަތްކޮށްފައި އިންނަ ނަންކޮޅު ނެއްޓުނު ނަމަވެސް ލަންޒާ އިން އެފަދަ އެފަދަ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ފޭވަރިޓެއް ލަންޒާ މިއީ. މީހުން އަވަން، ފްރިޖް ކަހަލަ އެއްޗެއް ގަންނަން ބުންޏަސް ގޮވައިގެން އަންނަނީ ރެޑްވޭވަށް،" އޭނާ ބުންޏެވެ.

ޝިޔާމު މުހައްމަދު "މިހާރު" އަށް މައުލޫމާތު ދެނީ-- ފޮޓޯ: ރެޑްވޭވް

ރެޑްވޭވުން ގިނައިން ވިޔަފާރި ކުރަނީ އެތަނުން ތަކެތި ހެޔޮ އަގުގައި ލިބޭތީ ކަމަށް އޭނާ ބުންޏެވެ. އަދި ފިހާރަތަކުން ދޭ ކަސްޓަމާ ސާވިސް ހިދުމަތުގެ ސަބަބުން ފިހާރައިން ނުކުންނަނީ އުފަލުން ކަމަށް އޭނާ ބުންޏެވެ.

ޝިޔާމު ބުނީ މިފަދަ ބޮޑު އިނާމެއް ރެޑްވޭވުން ކަސްޓަމަރުންނަށް ދިނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި މިއީ ކަސްޓަމަރުންނާއި ރެޑްވޭވާ އޮންނަ ގުޅުން ގާތް ކުރުމަށް މުހިއްމު ކަމެއް ކަމަށެވެ.

މިދިޔަ ހަފްތާގައި ރެޑްވޭވުން ވަނީ ޝިޔާމަށް އިނާމު ހަވާލުކޮށްދީފަ އެވެ.

ތިން ކުދިންގެ ބައްޕަ ޝިޔާމު ބުނި ގޮތުގައި ރެޑްވޭވުގެ އިނާމަކީ އޭނާގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރެވޭ ވަރުގެ އަދަދެއް ކަމަށެވެ.