މަހަކު 33،000 ދައްކަން ޖެހުމަކީ ދިން "ލަނޑެއް"!

ގެދޮރު ނެތް މީހުންނަށް ދޭ ބޯހިޔާވަހިކަމުގެ ދަށުން ގާކޮއްޓާއި ކުރީގެ އަރަބިއްޔާގެ ބިމުގައި ހެދި ފްލެޓްތައް ލިބުނު މީހުންނަށް ފުރަތަމަ އެންގީ މަހަކު ދައްކަން ޖެހޭނީ 9،725ރ ކަމަށެވެ. އެކަމަކު މާޗު މަހު ހައުސިން މިނިސްޓްރީން ފޮނުވި ސިޓީ އަށް ބަލާއިރު މަހަކު ދައްކަން ޖެހޭ މިންވަރު މިހާރު ވަނީ 33،000ރ އަށް އަރައިފަ އެވެ. ފްލެޓް ލިބުނު ބައެއް މީހުން ބުނާ ގޮތުގައި އެއީ "ސަރުކާރުން އެމީހުންނަށް ދިން ލަނޑެކެ"ވެ.


މަހަކު 33،000ރ އަކީ ރާއްޖޭގެ އެންމެ ލަގުޒަރީ ފެންވަރުގެ އެޕާޓްމަންޓްތައް ކުއްޔަށް ދޭ އަގާ އެއްވަރުގެ އަދަދެކެވެ. ހުޅުމާލޭގައި ސްވިިމިން ޕޫލާ އެކު ހަދާފައިވާ ޕްލެޓިނަމް ރެސިޑެންސްގެ ތިން ކޮޓަރީގެ އެޕާޓްމަންޓްގެ މަހު ކުލި ވެސް އުޅެނީ ގާތްގަނޑަކަށް އެވަރުގަ އެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫއުގެ ދަށުން ހެދި ފްލެޓްތަކުން އާންމުންނަށް އެވަރުގެ ބޮޑު އަގެއް ދައްކަން ޖެހުމަކީ ބޮޑު މައްސަލައެކެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ލިބުނުކަމުގެ ސިޓީ ހަވާލުކޮށްފައި ވިޔަސް އިސްކަންދޭނީ ފަަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭ މީހުންނަށެވެ. އޭގެ މާނަ އަކީ މަހަކު 33،000ރ ދެއްކުމުގެ ބުރަ އުފުލުމެވެ.

އެއީ ފްލެޓް ލިބުނު ބައެއް މީހުންނަށް ޔަގީނުން ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

"އަޅުގަނޑުމެން ފްލެޓަށް ވަންނަން ތައްޔާރުވެގެން ތިއްބާ ކުއްލިއަކަށް ލިބުނު ސިޓީއާ ގުޅިގެން މިތިބީ ހަދާނެ ގޮތެއް ނެތިފައި. ކޮން ތާކުންތޯ އަޅުގަނޑުމެން އެއް ފަހަރާ އެހާ ގިނަ ފައިސާ ދައްކާނީ؟ މިހާރު މިވީ ގޮތުން ދެން އެތަންތަން ވެސް ލިބޭނީ މުއްސަނދިންނަށް،" ފްލެޓް ލިބުނު މީހަކު، ނަން ނުޖަހަން އެދި ވާހަކަ ދައްކަމުން، ބުންޏެވެ.

ކުރި އުއްމީދު ފެނަށް

ސަރުކާރުން 2012 ގައި ބުނެފައި އޮތީ ދެ ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ހެދި 200 ފްލެޓް ލިބޭ މީސްމީހުންނަށް މަހަކު ދައްކަން ޖެހޭ ވަރު އުޅޭނީ 9،725ރ. ގައި ކަމަށެވެ. ޑައުންޕޭމަންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކީ ބައި 25 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް އޭރު އޮތީ ހަމަޖައްސައިފަ އެވެ.

ޑިވެލޮޕަރާ އެކު ވެފައިވާ އެއްބަސްވުމުގެ އަގުތަކަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ފެތޭ ވަރަށް ވުރެ ބޮޑު އަގުތަކެއް -- މިނިސްޓްރީ

މަހަކު 30،000ރ ގެ މުސާރަ އަކީ ވެސް ރާއްޖޭގައި މަދު ބަޔަކަށް ނޫނީ ނުލިބޭ މިންވަރެކެވެ. އެ ހާލަތުގައި އޮތް ގައުމެއްގައި އާންމު ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ ގޮތަށް އޮތް ފްލެޓްތަކެއްގެ އަގު ބޮޑުވެ، ދައްކަން ޖެހޭ މުއްދަތު އެންމެ ފަސް އަހަރަށް ހެދުމަކީ ގިނަ މީހުންނަށް އުފުލޭނެ ވަރުގެ ބުރައެއް ނޫނެވެ. އެހެންކަމުން ބައެއް މީހުން ވަނީ ފްލެޓް ދޫކޮށްލަން ނިންމާފައި ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އެ މީހުންގެ އުއްމީދުތައް އެދިޔައީ ފެނަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މާޗް 16 ގައި ސޮއިކުރައްވާ ފޮނުވި ސިޓީގައި ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ޖެހުނު ސަބަބު ބަޔާންކުރައްވާފައިވެ އެވެ.

"މި ފްލެޓްތައް ހެދުމަށް ޑިވެލޮޕަރާ އެކު ވެފައިވާ އެއްބަސްވުމުގެ އަގުތަކަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ފެތޭ ވަރަށް ވުރެ ބޮޑު އަގުތަކެކެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ހިމެނޭ ބައެއް ފްލެޓްތަކަކީ ޑިވެލޮޕަރަށް އެެއްފަހަރާ ފައިސާ ދެއްކުމުން ނޫނީ ފްލެޓްތައް ސަރުކާރަށް ހަވާލުކުރެވޭނެ ގޮތަށް ހުރި ތަންތަނެއް ނޫނެވެ،" ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެކަމަކު ފްލެޓް ލިބުނު ނިކަމެތިންނަށް އެ އުޒުރު ގަބޫލުކުރާކަށް ފަސޭހައެއް ނޫނެވެ. އެ މީހުން މިހާރު ވަނީ ފޭސްބުކްގައި ޚާއްސަ ޕޭޖެއް ވެސް ހަދައިފަ އެވެ.

އެ ފޭޖްގައި އެކަކު ލިޔެފައި ވަނީ "އަދިވެސް ފްލެޓާ ބެހޭ ގޮތުން ރައީސް ރަނގަޅު ހަބަރެއް ދެއްވާނެ ކަމުގެ އިންތިޒާރުގައި އެންމެ ކެތްތެރިކަމާ އެކު ތިބީން" ކަމަށެވެ.

"ކަނޑައެޅިގެން ސަރުކާރަށް އެނގޭނެ އެތަންތަނުން ފްލެޓް ލިބޭ ގިނަ މީހުންނަކީ ވަންނާނެ ގެދޮރެއް އަދި އެވަރުގެ ތަނަވަސްކަމެއް ވެސް ތިބި މީހުން ނޫން ކަން. ކުއްލިއަކަށް އެހާ ފައިސާ ދައްކަން އެންގުމުން ކޮން ތާކުން އެ ފައިސާ ހޯދަނީ؟ މިއީ އަޅުގަނޑުމެންނަށް ލިބިފައި އޮތް ތަންތަން އަތުލަން ޖެހި މަޅިއެއް،" އެ މީހާ ލިއެފައިވެ އެވެ.

ސްޓޭޓް މިނިސްޓަރު ހަސަން ވިދާޅުވީ ފްލެޓްތަކުގެ އަގަށް އިތުރު ބަދަލެއް ގެންނަން ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ. އަދި ގިނަ މީހުން އެ އަގު ދައްކަން އެއްބަސްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފައިސާ ދެއްކެން ނެތް ކަމަށް ވެސް ކޮންމެވެސް ވަރަކަށް އަންގާފައި އެބަ އޮތް. ފައިސާ ދައްކަން އެއްބަސްވި ފަރާތްތަކާ އެކު ވަރަށް އަވަހަށް އެގްރިމަންޓް ކުރެވޭނެ،" ހަސަން ވިދާޅުވި އެވެ.

އަގު ބޮޑުވީ އަޅުގަނޑުމެންގެ ސަބަަބަކުން ނޫން. އެހެންވީމަ އެ އަގު ބޮޑުވި ބަޔަކަށް ޒިންމާވާން ޖެހޭނީ ސަރުކާރުން. އަޅުގަނޑުމެން ފެލާލައިގެނެއް ނޫން އެކަމަށް އަގު އަދާކުރަން ޖެހޭނީ --ފްލެޓް ލިބުނު މީހެއް
މަޖީދީމަގުގައި ކުރިން އަރަބިއްޔާ ހުރި ތަނުގައި ހަދާ ފްލެޓްތައް: ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުމަކީ ދައްކަން ޖެހޭ މިންވަރު މާ މަތިވުން

ފްލެޓް ދިނުމުގައި އިސްކަންދޭން ހަމަޖައްސާފައި ވަނީ އެއްފަހަރާ އަގު އަދާކުރާ މީހުންނަށެވެ.

ފްލެޓް ލިބުނު ބައެއް މީހުން ބުނިގޮތުގައި ކުރިން ވަކި އުސޫލްތަކަކާއި އަގެއް ކަނޑައަޅާފައި އޮތުމަށް ފަހު މިހާރު ކުއްލިއަކަށް އަގު ބޮޑުކޮށް އެ ފައިސާ ދައްކަން އެންގުމަކީ ވަރަށް ބޮޑު ބޭ އިންސާފެކެވެ. އަދި ކުރިން ސަރުކާރުން އެއްބަސްވި އަގަށް އެތަންތަން ލިބެން ޖެހޭނެ ކަމަށް ވެސް އެމީހުން ގަބޫލުކުރެ އެވެ.

ފްލެޓް ލިބުނު ބައެއް މީހުން ބުނާ ގޮތުގައި ޑިވެލޮޕަރާއި ސަރުކާރާ ދެމެދު މި ފަހުން އެއްބަސްވި އަގުތަކަށް ފްލެޓް ލިބުނު މީހުން ޒިންމާވާކަށް ނުޖެހޭ އެވެ.

"އަގު ބޮޑުވީ އަޅުގަނޑުމެންގެ ސަބަަބަކުން ނޫން. އެހެންވީމަ އެ އަގު ބޮޑުވި ބަޔަކަށް ޒިންމާވާން ޖެހޭނީ ސަރުކާރުން. އަޅުގަނޑުމެން ފެލާލައިގެނެއް ނޫން އެކަމަށް އަގު އަދާކުރަން ޖެހޭނީ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި މީހަކު ބުންޏެވެ.

"މާލޭ ގްރޭންޑް" އާއި "މާލެ ސްކެއާ"ގެ ނަމުގައި ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް އަދިވެސް ނުނިމެ އެވެ. ކުރިން ބުނެފައި އޮތީ ލަސްވެގެން ފެބްރުއަރީ މަހު ނިންމޭނެ ކަމަށެވެ. އެކަމަކު މިހާރު ކުރިމަތިވެފައިވާ މައްސަލަ އަކީ ފްލެޓަށް ވަދެވޭނެ ދުވަހެއް ނޭނގުމެއް ނޫނެވެ؛ އަގު ދައްކާނެ ގޮތެކެވެ. އެކަން ނުވެއްޖެ ނަމަ ފްލެޓް އަތުން ބީވީ އެވެ.