ހަނދަކީ ނުރައްކާ، ވިހަ ތަނެއް!

ހަނދަން އިންސާނުން ގެންދަން ނާސާ އިން ހިންގި ކާމިޔާބު ޕްރޮގްރާމްގައި އެތައް ފަހަރަކު އެޕޯލޯ ވަނީ ހަނދަން ޖައްސައިފަ އެވެ. އިންސާނުން ގޮވައިގެން ހަނދަން ކުރި ދަތުރުތައް ކާމިޔާބު ނަމަވެސް ހަނދުގައި އިންސާނުން ހޭދަކޮށްފައި ވަނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.


އެޕޯލޯގެ އެކި ދަތުރުތަކުގައި 12 އެސްޓްރޮނޯޓަކު ހަނދުގައި ހިނގި އެވެ. މި ހުރިހާ އެންމެން ހަނދުގެ ބިމުގައި އުޅުނު ޖުމްލަ ވަގުތުގެ ދިގުމިނަށް ބަލާއިރު 10 ވަރަކަށް ދުވަހުގެ މުއްދަތު ހަމަވަނީ ކިރިޔާ އެވެ. އަދި އެ މީހުން ހަނދަން ދިޔަ އުޅަނދުން ފައިބައިގެން އުޅުނު ވަގުތުގެ ޖުމްލަ ދިގުމިނަކީ އެންމެ 80 ގަޑިއިރެވެ. މި ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެސްޓްރޮނޯޓުންނަށް ހަނދުގެ ވިހަ މާހައުލުގެ ތަސައްވުރެއް ލިބުނެވެ. އެއީ ދިރިހުރުމާއި މަރާ ދެމެދު ހަނގުރާމަކުރަން ޖެހޭ ފަދަ މާހައުލެކެވެ.

ހަނދުގައި އިންސާނުން ހޭދަކުރާ މުއްދަތު ދަންމާލުމުގެ ވާހަކަ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2014 ގައި ފާޅުކުރެއްވި އިންސާނުން އަލުން ހަނދަން ގެންދިއުމުގެ ހިޔާލާ އެކު ގަދަވެއްޖެ އެވެ. އަދި މީގެ 10 ވަރަކަށް އަހަރު ފަހުން ޗައިނާ އިން ވެސް އިންސާނުންނާ އެކު ހަނދަށް ދަތުރެއް ކުރަން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިއިން ކޮންމެ ދަތުރެއްގައި ވެސް، ހަނދުން އިންސާނުންނަށް ކުރިމަތިވެދާނެ ނުރައްކަލާ މެދު ވިސްނަން ޖެހެ އެވެ. ތިރީގައި އެވަނީ އެގޮތުން ދިމާވާނެ އެންމެ ބޮޑު ފަސް ނުރައްކަލެވެ.

ހަނދަކީ ވިހަ ތަނެއް

ހަނދަން ދާން ކުރާ ދަތުރުގައި އަނދާ ރޮކެޓް ފިއުލް އާއި ގްރެވިޓީ ނުހުންނަ ހިސާބުގައި މީހާ އަށް ދިމާވާ މައްސަލަތަކާއި ހަނދަން ޖައްސާ ވަގުތުގެ ނުރައްކަލުގެ އިތުރުން ހަނދަކީ އޭގެ ޒާތުގައި ވެސް ވިހަ ތަނެކެވެ.

ހަނދުގައި ހިނގި އެސްޓްރޮނޯޓުންގެ ސްޕޭސްސޫޓުގައި ހަރުލާފައި ހުރި ހިރަފުސް، އެ މީހުންގެ ހެލްމެޓުގެ މޫނުމަތީގައި އުނގުޅި އޭގައި ކޫރުން އެޅުނެވެ. އަދި މި ހިރަފުހުގެ ސަބަބުން ލޮލުން ފެން އައިސް އަރުތެރެ ބެދުން ފަދަ ކަންކަމާ ދިމާވި އެވެ. މި ހިރަފުހުން، އެސްޓްރޮނޯޓުން ހަނދުން ހިލަ އާއި ވެލި އެޅި ފޮށިތަކުގެ ސީލް ވެސް ހަލާކުވި އެވެ. އަދި ހަނދަން ތިރިކުރި އުޅަނދުގެ ތެރޭގައި ވެސް ހުރީ ބަޑި ބޭސް ވަހެވެ.

ހަނދުގެ ވެލި ވެސް އިންސާނުންނަށް ނުރައްކާ

ހަނދުގެ ވެލި އުފެދިފައި ހުންނަނީ ސިލިކާ ފުނޑުވެ ހިމުންވެ ފުށަށް ވެގެންނެވެ. އެކަމަކު މި ފުށުން ބިއްލޫރިން ކެނޑޭހާ ފަސޭހައިން ތަންތަން ކެނޑޭނެ އެވެ. މި ކުނޑިތައް ނޭވާގެ ޒަރިއްޔާއިން ހަށިގަނޑަށް އެތެރެވުމުން ބޮޑެތި ނުރައްކާތައް ދިމާވާނެ އެވެ. އެގޮތުން، ފުއްޕާމޭގެ ބަލިތަކާއި ކެންސަރުގެ ނުރައްކާ ވެސް އޮވެ އެވެ.

އެންމެ ފަހުން ހަނދުގައި ހިނގި ހެރިސަން ޝްމިތު ހަނދުގައި 22 ގަޑިއިރު ހޭދަކުރި އެވެ. އޭނާ އަށް ވެސް ހަނދުގެ ހިރަފުހުގެ ސަބަބުން ރޯގާ ޖެހި ހުން އައި ކަމަށް ބުންޏެވެ.

ފަހުގެ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ހަނދުގެ މާހައުލަށް ހުށަހެޅިއްޖެ ނަމަ ފުއްޕަމޭގެ ބަލިތަކާއި ކެންސަރު ވެސް ޖެހުން ވަރަށް ކައިރި އެވެ.

ހިނގަން ފަސޭހައެއް ނުވާނެ

އަހަރެމެންނަށް ފެންނަ ހަނދުގެ ފޮޓޯތަކުގައި ހުންނަނީ، ބަލާ ބެލުމަށް، ދުނިޔޭގައި މި ހުންނަ ވަރަށް ވުރެ އަޑިގުޑަންކަން ތަންކޮޅެއް ބޮޑުކޮށެވެ.

"ވަރަށް ގިނަ މީހުން ހީކުރަނީ ހަނދު އޮންނާނީ ސަހަރާއެއްހެން. އެކަމަކު އެތަން ކަނޑަކާ މާ ވައްތަރުވާނެ،" ނާސާގެ ފްލައިޓް ސާޖަންއެއް ކަމަށްވާ ޑރ. ރިޗާޑް ޝެއުރިން ވިދާޅުވި އެވެ.

"އެއީ ބިޔަ ރާޅުތައް ގޮތަށް، އެހާމެ އޮމާންކަން ހުންނަ އަޑިގުނޑަންތަކެއް."

ފެންނަ ގޮތާއި ހަނދަށް ދިއުމުން ކުރެވުނު ތަޖުރިބާ ހާސް ބައި ތަފާތު

ހަނދުގެ ފޮޓޯ އިން މި ފެންނަ އަޑިގުނޑަންތަކުގައި މާ ބޮޑު އަނދިރިކަމެއް ފާހަގަނުވިޔަސް އެއީ ހީވާ ގޮތެވެ. އެޕޯލޯ 12 ގައި ހަނދަށް ދިޔަ ޕީޓް ކޮންރަޑް އާއި އެލަން ބީން އަށް އޮތީ "ސާވެޔާ ކްރޭޓާ" ގެ ނަން ދީފައިވާ 650 ފޫޓު ފުޅާމިނުގެ ވަޅުގަނޑަށް ފޭބުމުގެ މަސައްކަތެވެ. އެކަމަކު އެ މީހުން އެ ވަޅުގަނޑުގެ ތުންފަތްމައްޗަށް ދިއުމުން އެނގުނީ އެއީ ހިނގާފައި ފޭބޭ ވަރަށް ވުރެ މާ އޮލަނބަށް އަދި ފުންކޮށް ހުރި ތަނެއް ކަމެވެ. އެކަމަކު ޓޮޕޮގްރެފިކް މެޕުން ދައްކަނީ އެއީ ފަސޭހަކަމާ އެކު ފޭބޭ ގޮތަށް، އެންމެ 21 ޑިގްރީ އަށް ކައްޗަށް ހުރި ތަނެއްގެ ގޮތަށެވެ.

ހަނދުގައި ހިނގާލުމަކީ ވެސް ނުރައްކަލުން ފުރިގެންވާ ކަމެއްކަން ހަމައެކަނި އެ ވާހަކަތަކުން ވެސް އެނގެ އެވެ.

މީގެ އިތުރުން ހަނދަށް ބިންހެލުންތައް އާދެ އެވެ.

ހަނދުގައި ނިދުމަކީ ފަސޭހަ ކަމެއް ނޫން

އަހަރެމެންގެ ހަށިގަނޑުގެ ގުދުރަތީ ގަޑި ނުވަތަ ބޮޑީ ކްލޮކް މަސައްކަތްކުރަނީ ރެޔާއި ދުވާލުގެ އައްޔަށެވެ. އެގޮތުން ރެޔަކާއި ދުވާލަކީ އިންސާނެއްގެ ހަށިގަނޑަށް 24 ގަޑިއިރެވެ. އެކަމަކު ހަނދުގައި މިގޮތަށް ރޭވެ އަލިވާނީ ކޮންމެ 28 ދުވަހަކުން އެއް ފަހަރު އެވެ.

މިހެން ވުމުން ހަނދުގައި އުޅޭއިރު އިންސާނާގެ ހަށިގަނޑުގެ ނިޒާމު އޮޅުންބޮޅުންވާނެ އެވެ. ދުނިޔޭގެ ބިމުގައި އުޅޭއިރު ވެސް ހަމަ ނިދި ނުލިބުމުން މޫޑު ގޯސްވެ އުޅުމަށް ބަދަލު އަންނަނީ ވަރަށް ބޮޑަށެވެ. އެހެންކަމަށްވާ ނަމަ ހަނދުގައި މި މައްސަލަ އިންތިހާ އަށް ބޮޑުވުން ކައިރި އެވެ.

"ހަނދަށް ދާ މީހުންނަށް ނިދީގެ މައްސަލަ ކުރިމަތިވިޔަ ނުދިނުމަކީ އެންމެ ބޮޑު ކަންތައް،" ނާސާގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އަލްބާޓް އޮލާންޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިދި ނުލިބުމުގެ ސަބަބުން ހަނދުގައި ފުރާނަ އަށް ނުރައްކާވާނެ ކަމަށެވެ.

ރޭޑިއޭޝަނުން ފަސޭހައިން ގެއްލުންވާނެ

ނާސާ އިން 2011 ގައި މާސް އަށް ފޮނުވި ކިއުރިއޮސިޓީގެ ދަތުރުގައި، ރޭޑިއޭޝަންގެ އަސަރުކުރާ ގޮތް ބަލަން ވަނީ ދިރާސާއެއް ކޮށްފަ އެވެ. ކިއުރިއޮސިޓީގައި ހާއްސަ އާލާތެއް ބޭނުންކޮށްގެން ބެލުމުން އެނގުނީ ދުނިޔޭގެ ރައްކާތެރިކަމުގެ ވައިގެ ފަށަލަ، އެޓްމޮސްފިއާ އާއި މެގްނެޓިކް ފީލްޑުގެ ބޭރަށް ދިއުމުން ރޭޑިއޭޝަންގެ އަސަރު އެތައް ގުނައެއް ބޮޑަށް ހަށިގަނޑަށް ކުރާނެ ކަމެވެ. އެއީ ދުނިޔޭގައި ރޭޑިއޭޝަން ހުންނަ ވަރަށް ވުރެ 200 ގުނަ މަތީ މިންވަރަކަށެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަކީ ދުނިޔެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ އެއްޗަކަށް ވިޔަސް އޭގައި ތިބޭ އެސްޓްރޮނޯޓުންނަށް ވެސް ރޭޑިއޭޝަންގެ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ. އެގޮތުން، އެސްޓްރޮނޯޓުން ލޯ މަރައިގެން ތިބޭއިރު ވެސް ކޮސްމިކް ދޯދިތައް ފެންނަވަރުވެ އެވެ. މި ދޯދިތަކުގެ ސަބަބުން ސިކުނޑި އަށް މައްސަލަތައް ޖެހުމާއި ކެންސަރު ޖެހުމާއި ހަނދާން ބަލިވުމާއި އެންޒައިޓީ އާއި ޑިޕްރެޝަން އަދި ކަންކަމުގައި ގޮތް ނިންމަން ދަތިވުމުގެ މައްސަލަ ވެސް ކުރިމަތިވެ އެވެ.

ކުދި ހިލަ، ބޮޑެތި ގޮވުން

ހަނދުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ރޭޑިއޭޝަނެއް ނޫނެވެ. މިދިޔަ ޖެނުއަރީ 20 ގައި ދުނިޔޭގެ ހުޅަނގު ބިތަށް ހިފި ހަނދުކޭތައެއް ބެލި ބަޔަކަށް ވަނީ ކޭތައިގެ ސަބަބުން ހަނދުން ރަތްވެފައިވާ ބަޔަށް ހިލައިން "ހަމަލާދޭ" މަންޒަރު ފެނިފަ އެވެ. މިއީ ވަރަށް ކުދި އެކަމަކު ވަރަށް ބާރަށް ދަތުރުކުރާ ހިލަތަކެވެ. އެސްޓްރޮނޯޓުން މިހާރު ބޭނުންކުރާ ސްޕޭސް ސޫޓް ހަދާފައި ހުންނަނީ ނުވަ މިލިމީޓަރުގެ ހިލަކޮޅުތަކުން ރައްކާތެރިކޮށްދޭ ގޮތަށެވެ. އެކަމަކު ބާރަށް އަންނަ އެތައް ބައިވަރު ހިލަޔަކާ ދިމާވެއްޖެ ނަމަ އެ ރައްކާތެރިކަމެއް ނޯންނާނެ އެވެ.