އެއީ ހާދަ ބޮޑު، ހާދަ އުފާވެރި، ހާދަ ތާރީޚީ ދުވަހެކޭ!

ދެ ވަނަ ބޮޑު ހަނގުރާމަ ނިމި، އެމެރިކާ އާއި ރޫސީ ވިލާތުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ވުމުގެ ވާދަވެރިކަން ފެށުނެވެ. ހުރިހާ ރޮނގަކުން ވެސް އެންމެ ކުރީގައި އުޅެނީ އެބައެއްކަން ދެއްކުމުގެ ވާދަވެރިކަން އުފެދުނީ މީޑިއާގައި "ފިނި ހަނގުރާމައި"ގެ ނަމުން ނަން ދެވުނު ރޭހުގަ އެވެ. ދުނިޔެ އިން ބޭރަށް ގޮސްގެން މޮޅުކަން ދެއްކުމަކީ ވެސް އޭގެ ބައެކެވެ. ދެ ގައުމުގެ ޖައްވީ ކަންކަމަށް އޭރުގެ އިންސާނީ ނަޒަރު ހުއްޓުވާލި އެވެ. ރަޝިޔާ އިން ފުރަތަމަ ފަހަރަށް އިންސާނަކު ޖައްވަށް، 1961 ގައި ފޮނުވި އެވެ. އެމެރިކާ އިން ނިންމީ އިންސާނުން ހަމައެކަނި ޖައްވަށް ފޮނުވާކަށެއް ނޫނެވެ: ހަނދަށް ވެސް ފޮނުވާށެވެ.


ޖުލައި 16، 1969 ގައި، އެމެރިކާގެ އެތައް ލައްކަ ބަޔަކު ހަމަ ލޮލުން ބަލަން ތިއްބާ، ބިޔަ ރޮކެޓް ސެޓާން ފަހެއްގެ ބާރުގަދަ އިންޖީނު ރޯކޮށްލި އެވެ. މިހާތަނަށް ވެސް އުފެއްދި އެންމެ ބޮޑު ރޮކެޓް، 11 މިނިޓްގެ ތެރޭގައި، ދުނިޔޭގެ އޯބިޓުގެ ތެރެއަށް އެޕޯލޯ 11 ގެންދިޔައީ އެމެރިކާގެ ތިން އެސްޓްރޮނޯޓުން ކަމަށް ވާ ނީލް އާމްސްޓްރޯންގް، ބަޒް އަލްޑްރިން އަދި މައިކަލް ކޮލިންސްއާ އެކު އެވެ. ޖައްވު ތެރޭގައި ދަތުރުކޮށް އޭގެ ހަތަރު ދުވަސް ފަހުން، ޖުލައި 20، 1969 ގައި، އެޕޯލޯ 11 ހަނދުގެ އޯބިޓަށް ދިޔަ އެވެ. އަދި އެ އުޅަނދުގައި ހަރުކޮށްފައި އޮތް "އީގަލް" އުޅަނދު، އާމްސްޓްރޯންގާއި އަލްޑްރިން ގޮވައިގެން ހަނދުގެ ބިމަށް، ޖެއްސި އެވެ. އެންމެ ފުރަތަމަ އެއިން ފައިބައި، ހަނދުގައި ފައިތިލަ ބީއްސާލި ފުރަތަމަ އިންސާނަކަށް ވީ އާމްސްޓްރޯންގެވެ. އަލްޑްރިން ހަނދަށް ފޭބީ އޭގެ 20 މިނިޓް ފަހުންނެވެ.

އެއީ އިންސާނީ ހަޔާތުގައި ފެނުނު އެންމެ ބޮޑު، އެންމެ އުފާވެރި އަދި އެންމެ ތާރީޚީ އެއް ދުވަހެވެ. ދުނިޔޭގެ ގާތްގަނޑަކަށް 600 މިލިއަން މީހުން ޓީވީން އެ މަންޒަރު ވަގުތުން ބަލާފައިވެ އެވެ. އަދި ރޭޑިއޯ އާއި ނޫސްތަކުގެ ޒަރީއާ އިން ދުނިޔޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުންނަށް، އެ ޚަބަރު ފޯރުކޮށްދިނެވެ.

އާމްސްޓްރޯންގް ހަނދަށް ފޭބި މަންޒަރާ އެކު އެމެރިކާގެ އެތައް ބަޔަކު ރުޔެވެ. މަޝްހޫރު ޓީވީ ހުށައެޅުންތެރިންގެ ބަސް ކުޑަ އިރުކޮޅަކަށް ހުއްޓުނެވެ. ބުނަން ބޭނުންވި ޖުމްލަތައް އަނގައިން ނުނެރެވި، ހައިރާންވެ އެމީހުންނަށް ވެސް ތިބެވުނީ އެވެ. އެތައް ކުޑަކުދިންނެއް ޓީވީން މަންޒަރު ބަލާފައި ގެއިން ބޭރަށް ނުކުމެ ހަނދު ފެނޭތޯ އުޅުނެވެ. އެމެރިކާގެ ބޮޑެތި ޕާކްތަކުގައި، އޭރު ލިބެން ހުރި އެންމެ ބޮޑެތި ޓީވީ ސްކްރީންތައް ބަހައްޓައިގެން، އެތައް ހާސް ބަޔަކު އެއްވެ އުފާފާޅުކުރި އެވެ.

ނިއު ޔޯކްގެ ސެންޓްރަލް ޕާކްގައި ބަހައްޓާފައި ހުރި ބޮޑެތި ޓީވީތައް ކައިރީގައި، އެތައް ހާސް ބަޔަކު، އެމެރިކާ އިން ހަނދަން ދިޔަ ތަން ވަގުތުން ބަލަނީ

ދުނިޔެއަށް ގެނައި އެ ބޮޑު އިންގިލާބީ ހަރަކާތަށް މިއަދު 50 އަހަރު ފުރުނީ އެވެ. އެއީ އިލްމީ އަދި ޓެކްނޮލޮޖީގެ ރޮނގުން އޭގެ ކުރިން ނުދެކޭ ވަރުގެ ކާމިޔާބީއެކެވެ.

"މި 10 އަހަރު ނިމުމުގެ ކުރިން ހަނދަށް އިންސާނަކު ފޮނުވައި، ސަލާމަތުން އެނބުރި ދުނިޔެއަށް ގެނައުމަކީ ގައުމީ ލަނޑުދަނޑިއަކަށް ހަދައިގެން މި ގައުމުން މަސައްކަތް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ކޮންގްރެސްގައި ވާހަކަ ދައްކަވަމުން މެއި 25، 1961 ގައި އޭރުގެ ރައީސް ޖޯން އެފް ކެނެޑީ ވިދާޅުވި އެވެ.

އޭނާ ޔަގީންކަން ދެއްވީ، އިގުތިސާދީ ގޮތުން އެމެރިކާއަށް ގޮންޖެހުންތަކެއް ހުއްޓަސް، ނާސާ ބޭނުންވާ ފައިސާ ހޯއްދަވައިދެއްވާނެ ކަމަށެވެ. ކެނެޑީގެ އެ މަގުސަދު ބިނާކުރެއްވީ، ތާރީޚީ ބައެއް އިލްމުވެރިން ބުނާ ގޮތުގައި، ޖައްވީ ކަންކަމަށް ޝައުގުވެރިކަމެއް ހުރެގެންނެއް ނޫނެވެ: ރޫސީވިލާތާ އެކު އޮތް ޖައްވީ ރޭސް ކާމިޔާބުކުރެއްވުމެވެ.

"އެހެން ގައުމުތަކަށް ހުރި ލީޑަރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ޖައްވީ މި ރޭހުގައި ފަހަތަށް ވެއްޓޭކަން ބޭނުމެއް ނުވާނެ. މި ދިހަ އަހަރު ނިމުމުގެ ކުރިން ހަނދަށް ދާށާއި އެހެން ކަންކަން ކުރަން އަހަރެމެން ހިޔާރުކުރީ ފަސޭހަ ކަމަކަށް ވެގެންނެއް ނޫން، އުނދަގޫވުމަކީ ވެސް އޭގެ ސަބަބެއް،" އެހެން ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ކެނެޑީ ވިދާޅުވި އެވެ.

ކެނެޑީގެ އެ ހުވަން އެމެރިކާ އިން ހަގީގަތަކަށް ހެދިތަން ފެނިވަޑައިގަތުމުގެ ނަސީބެއް ލިބިވަޑައެއް ނުގަތެވެ. އޭގެ ދެ އަހަރު ފަހުން، 1963 ގައި ބަޑިން ހަމަލާދީ އޭނާ އަވަހާރަކޮށްލި އެވެ.

އެކަމަކު އެމެރިކާގެ ސައިންސްވެރިން ދިޔައީ މަގެއް ހޯދަމުންނެވެ. އެތައް ޓެސްޓްތަކެކެވެ. އެތައް ބައެއްގެ މަރެވެ. ޝައްކާއި ވަހުމް ވެސް އުފެދުނެވެ. އެކަމަކު ހިސާބު އިލްމުވެރިންނާއި އެހެން ދާއިރާތަކުގެ ސައިންސްވެރިން، އޭރު ލިބެން ހުރި އެންމެ މަތީ ޓެކްނޮލޮޖީ އާއި އަލަށް ބޭނުންކުރަން ފެށި އެތައް އުފެއްދުމެއްގެ ތެރެއިން، އެޕޯލޯ މަޝްރޫއުއަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ހަދައިދިނެވެ.

ހަނދުން ނާދެވިދާނެތީ ތައުޒިޔާ ވެސް އޮތީ ތައްޔާރުކޮށްފައި!

ގިނަ މީހުންނަށް ނޭނގުނަސް، އެޕޯލޯ 11 ހަނދަށް ގޮސް އެނބުރި އާދެވިދާނެކަމަށް އޮތީ ފަންސާސް ޕަސެންޓްގެ ޔަގީންކަމެކެވެ. ދުނިޔެ އިން ބޭރުގެ އެކަހަލަ މާހައުލަކަށް އިންސާނުން ދާ ފުރަތަމަ ފަހަރަށް ވެފައި، ބޭނުންކުރި އުޅަނދުތަކުގައި ލިބެން ހުރި ފުރުސަތުތައް މަދުކަމުން، ކިރިޔާ ގޯހެއް ވިޔަސް، އެ ހިސާބުން މުޅި މިޝަން ނާކާމިޔާބުވުމުގެ ބިރު އޮތެވެ.

އެމެރިކާގެ ރައީސް ރިޗަޑް ނިކްސަން، އޯވަލް އޮފީހުގައި އިންނަވައިގެން، ޖުލައި 20، 1969 ގައި، ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިންއާ ފޯނުން ވާހަކަ ދައްކަވަނީ

އޭރު ވެރިކަމުގައި ހުންނެވި ރިޗަޑް ނިކްސަން ދައްކަވާނެ ދެ ވާހަކަކޮޅެއް، އޭނާގެ ހުރިހާ ރަސްމީ ބަޔާންތަކާއި ތަގުރީރުތައް ލިއުއްވި، ވިލިއަމް ސޭފާ ތައްޔާރުކުރެއްވި އެވެ. އެގޮތުން އެކައްޗަކީ އާމްސްޓްރޯންގާއި އަލްޑްރިން އަށް ހަނދުގެ ބިމުން ނައްޓާލެވޭ ގޮތް ނުވެއްޖެ ނަމަ ދެއްވާނެ ތައުޒިޔާގެ މެސެޖެކެވެ.

"ތަގުދީރު ނިޔާކުރީ ހަނދުގެ ކަންކަން ދެނެގަތުމަށް ދިޔަ މީހުން އެތަނަށް ފުރާނަ ދޫކޮށްލަން. އެމީހުން ހޯދޭނެ ކަމުގެ އުއްމީދެއް ނެތް ކަން، މި ހިތްވަރު ގަދަ މީހުން، ނީލް އާމްސްޓްރޯންގާއި އެޑްވިން (ބަޒް) އެލްޑްރިންއަށް ރަނގަޅަށް އެނގޭ. ހަމައެހެން އެ މީހުންގެ ގުރުބާނީ އަކީ އިންސާނިއްޔަތަށް ލިބިދިން އުއްމީދެއް ކަން ވެސް އެ މީހުންނަށް އެނގޭ،" ހަނދަށް ގޮސް އެނބުރި ނާދެވޭ ހާލަތެއްގައި، ނިކްސަން ދެއްވާނެ ތަގުރީރުގެ ފެށޭ ބައިގައި ވެ އެވެ.

ދެ އެސްޓްރޮނޯޓުން ހަނދުގައި 23 ގަޑިއިރު ހޭދަކުރި އެވެ. އެކަމަކު އެ ބިމުގައި ހިނގީ، އޭގެ ތެރެއިން ގާތްގަނޑަކަށް އެންމެ ދެ ގަޑިއިރެވެ. އީގަލްސްގައި ހަރުކޮށްފައި ހުރި، މައްޗަށް އުދުހިގަންނަ ބައިގައި އެންމެ ފަހު ވަގުތު މައްސަލައެއް ޖެހުނު ނަމަވެސް އެކަން ހައްލުކޮށް ނައްޓާލި އެވެ. ހަނދުގެ އޯބިޓްގައި އޮތް އެޕޯލޯ 11 އަށް ކައިރިކޮށް، އެއަށް އެރި އެވެ.

ތިން އެސްޓްރޮނޯޓުން ދުނިޔެއަށް އެނބުރި އައީ ޖުލައި 24 ގަ އެވެ. އުޅަނދު ވައްޓާލީ ޕެސިފިކް ކަނޑަށެވެ. އެއިން އެ މީހުން ނަގައިގެން ގެންގޮސް 21 ދުވަސް ވަންދެން ކަރަންޓީން ކުރި އެވެ. ހަނދުގައި އުޅެދާނެ އެއްޗެއްގެ ގޮތް ނޭނގޭތީ، ސައިންސްވެރިން ވިސްނީ އެސްޓްރޮނޯޓުންނާ އެކު ކޮންމެވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

ތައުޒިޔާގެ ތަގުރީރެއް ދެއްވާކަށް ނިކްސަންއަށް ޖެހިވަޑައެއް ނުގަތެވެ. އޭގެ ބަދަލުގައި އޭނާ އާމްސްޓްރޯންގާއި އަލްޑްރިންއަށް ނިކްސަން ކިއުއްވީ މަރުހަބާ އެވެ.

"ޔަގީނުން ވެސް މި ވާނީ އެންމެ ތާރީޚީ ފޯނު ކޯލަށް،" ހަނދުގައި ތިބި ދެ އެސްޓްރޮނޯޓުންނަށް، ވައިޓް ހައުސްގައި އިންނަވާ ނިކްސަން ވިދާޅުވި އެވެ.

"ތި ކޮށްދިން ކަންތަކާ މެދު އެންމެން ފަހުރުވެރިވާވަރު އަޅުގަނޑަކަށް ކިޔައެއް ނުދެވޭނެ. އެމެރިކާގެ ކޮންމެ ރައްޔިތަކަށް މި ދުވަސް ވާނީ އެމީހުންގެ ހަޔާތުގެ އެންމެ ފަހުރުވެރި ދުވަހަށް."