އައްޑޫ ފްލައިން ސްކޫލާ ބެހޭ ބޮޑެތި ޝަކުވާތަކެއް!

"ކިޔެވުމާއި އަމަލީ ތަޖުރިބާތަކުގެ ބޮޑު ބައެއް ނިމި، ކޮމާޝަލް ޕައިލޮޓް ލައިސަންސް [ސީޕީއެލް] ހޯދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތަކާ ހިސާބުގައި ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ، އައްޑޫގައި ތިބުމަކީ ވެސް ބޮޑު ހަރަދެއް ހިނގާ ކަމެއް،" މިއީ އައްޑޫ ފްލައިން ސްކޫލް ނ. މާފަރަށް ބަދަލުކުރާ ހަބަރާ އެކު އެ ސްކޫލްގެ ދަރިވަރެއްގެ ޝަކުވާ އެވެ.


އޭނާގެ އިތުރުން އެހެން ދަރިވަރަކު ވެސް "މިހާރު"އާ ވާހަކަ ދެއްކި އެވެ. އޭނާގެ ވެސް ޝަކުވާ އަކީ ކޯސް ނިންމުމަށް ވުރެ އެހެން ކަންކަމަށް ސްކޫލްގެ ވަސީލަތްތަކާއި ވަގުތު ހޭދަކުރުމެވެ. އޭނާ ބުނި ގޮތުގައި 15 ވަރަކަށް ގަޑި އިރުގެ އުދުހުމުގެ ތަޖުރިބާ ހޯދަން ފުރުސަތު ނުލިބިގެން ހަ މަސް ބޭކާރު ގޮތުގައި ހޭދަ ކުރަން ޖެހުނެވެ. އެ ދުވަސްތަކުގައި ސްކޫލުގެ މަތިންދާބޯޓްތައް ބޭނުންކުރީ މުޅިން އެހެން ކަމަކަށް ކަމަށް އޭނާ ބުންޏެވެ.

"އެމީހުންނަށް [ފްލައިން ސްކޫލް ހިންގާ ކުންފުންޏަށް] މާ ގިނަ ފައިސާ ލިބޭ ސްކައި ޑައިވިން އާއި އެފަދަ ކުޅިވަރަށް އުދުހުމުގެ އެނޫން ވެސް ހަރަކާތްތަކުން. އެހެންވީމާ އަޅުގަނޑުމެންގެ ތަޖުރިބާ ހޯދުމުގެ އުދުހުންތައް ލަސްވަމުން ލަސްވަމުން ދަނީ،" ދަރިވަރު ކިޔައިދިނެވެ.

ބައެއް ދަރިވަރުން ބުނީ މަތީ ތައުލީމަށް ދޭ ލޯނު ސަރުކާރުން ހަމަޖައްސައިދިން އިރު ޝަރުތުކޮށްފައި އޮތީ އައްޑޫ ފްލައިން ސްކޫލުން ތަމްރީނު ނިންމުމަށް ކަމަށެވެ. އެހެން ނޫން ނަމަ އަވަށްޓެރި ގައުމަކަށް ގޮސް މިއަށް ވުރެ މާ އަވަހަށް ލައިސަންސް ހޯދައިގެން އައިސް ވަޒީފާއަށް ނުކުމެވުނީސް ކަމަށް އެ ދަރިވަރުން ބުނެ އެވެ.

"އެގޮތަށް ޝަރުތުކޮށްފައި އަޅުގަނޑުމެން މިތަނަށް އައިސް ކޯސް ދިގުލާތީ ކުރި ޝަކުވާ މިނިސްޓްރީއަކުން އަޑެއް ނާހާ. އެންމެ ފަހުން މިކަން ބޮއްސުންލީމާ ބަޔާނެއް ނެރެފައި އެބުނީ އެހެން ގައުމަކަށް ދިޔަޔަސް ދެން އެންމެ ރަނގަޅޭ. އެކަން ހުޅުވާލި އިރު ފައިސާގެ ބޮޑު ބައެއް ވަނީ ހަރަދުވެ ނިމިފައި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ދަރިވަރުންގެ ތެރެއިން އެކަކު ބުންޏެވެ.

މިކަހަލަ ސަބަބުތަކާ ހެދި ދަރިވަރުންގެ ކިޔެވުން ނުނިމި، ބެލެނިވެރިންގެ ޝަކުވާ ވެސް ބޮޑެވެ. އޭގެ ތެރެއިން ބެލެނިވެރިޔަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ މީޑިއާއަށް މައުލޫމާތު ދެނީ ކާކުކަން އެނގިއްޖެ ނަމަ އޭނާގެ ދަރިފުޅު ސްކޫލުން ވަކިކޮށް، އެތައް ހާސް ޑޮލަރެއް ބޭކާރު ވުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. ފްލައިން ސްކޫލުން ވަނީ އެގޮތަށް އިންޒާރު ވެސް ދީފައި ކަމަށް އޭނާ ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގެ ޗީފް އެގްޒެކެޓިވް އަދި ޕައިލޮޓް ޓްރޭނިންގެ ހެޑް ކެޕްޓަން، ސޫރަންޖަން ޑި ސިލްވާއާ ވެސް "މިހާރު" އިން ވާހަކަ ދެއްކި އެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާތަކާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ އަވަސްވެގަތީ، މީޑިއާއާ ވާހަކަ ދެއްކި ދަރިވަރުންނަކީ ކޮބައިތޯ ބެލުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަކުވާ ކުރަނީ ކޮން ދަރިވަރުންނެއްކަން އެނގިވަޑައިގެންފި ނަމަ އެމީހުންގެ ކަންކަން ހިނގާފައިވާ ގޮތުގެ ތަފުސީލް ދެއްވި ދާނެ އެވެ. އެއްވެސް މީހެއްގެ ނަން ނުބުނެވޭނެ ކަމަށް ދެންނެވުމުން، ބައެއް ދަރިވަރުންގެ ނަންތައް އަމިއްލައަށް ވިދާޅުވެ، "ތިޔަ ދައްކަނީ މި ދަރިވަރުންގެ ވާހަކަތޯ؟ ސުވާލުކުރެއްވި އެވެ.

ޑި ސިލްވާ ވިދާޅުވީ ކޯސް ނުނިމި ލަސްވީ އެ ދަރިވަރުންގެ އިހުމާލުން ކަމަށެވެ. އެގޮތުން ގަވައިދުން ފީ ނުދެއްކުމާއި ހާޒިރުނުވުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަސްވާ މައްސަލައިގައި ކުރީ ސަރުކާރުން ވެސް އަޅުގަނޑުމެންނާ ސުވާލުކުރި. އޭރު ވެސް ދެންނެވިން މައްސަލަ ދިމާވެގެން އުޅޭ ދަރިވަރުންގެ ނަންތައް ދޭށޭ. އޭރުން ވަކިވަކިން އެ ދަރިވަރުންގެ ތަފުސީލު ދޭނަމޭ،" ޑި ސިލްވާ ވިދާޅުވި އެވެ.

"ދެން އެ މައްސަލަތައް އޮޅުންފިލުވައިދިނިން. ބައެއް ދަރިވަރުން އެބަ ތިބި ހަ މަސް ހަތް މަސް، އެހެން ގޮސް 10 މަސް ދުވަހު ވެސް ހާޒިރުނުވެ. ދެން އެ ދަރިވަރުންގެ ތަމްރީނު ނުނިމި ލަސްވުން އެެއީ މިތަނުގެ މައްސަލައެއް ނޫން."

ކެޕްޓަންގެ އެ ވާހަކަތައް ޝާއިއުކުރި ފަހުން "މިހާރު"އަށް ގުޅި ދަރިވަރުން ބުނީ ފްލައިން ސްކޫލުން އެޓެންޑެންސް ޗާޓް ހެދުމުގައި ސްކޫލުގެ ސަބަބުތަކާ ހުރެ ކެންސަލްވި އުދުހުންތައް ވެސް ހިމަނާފައި ވަނީ ހާޒިރު ނުވާ ދުސްތަކުގެ ގޮތުގައި ކަމަށެވެ. އޭގެ އިތުރުން ޑި ސިލްވާ އަކީ ނުފޫޒު ގަދަ ބޭފުޅަކަށް ވާތީ އޭނާ ރުހިވަޑައިނުގަންނަވާ ދަރިވަރުން ގަސްދުގައި ފެއިލްކޮށްލުން ފަދަ ކަންތައްތައް ވެސް ކުރައްވާ ކަމަށް އެ ދަރިވަރުން ތުހުމަތުކުރެ އެވެ.

ވާހަކަ ދެއްކި ބެލެނިވެރިންގެ ވެސް ހުރީ ހަމަ އެއް ޝަކުވާތަކެކެވެ. އެއް ބެލެނިވެރިއަކު ބުނި ގޮތުގައި ފްލައިން ސްކޫލުގެ ތަމްރީނުގެ ބޮޑު ބައެއް ނިމި، އެންމެ ފަހުގެ ޓެސްޓްތައް ހެދުމުގެ ފުރުސަތު ނުދީ ލަސްކުރުމުގެ ސަބަބުން ދަރިވަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އިސްރާފުވެ އެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ތަމްރީނަށް މިހާރު ވެސް 82،000 ޑޮލަރު ހަރަދުކޮށްފިން. އޭނާގެ އެންމެ ފަހުގެ ޓެސްޓްތައް ނުނިމިގެން ވަޒީފާ އަށް ނުދެވިފައި ހުންނަތާ މިހާރު މިވަނީ ދެ އަހަރު،" ބެލެނިވެރިޔަކު ބުންޏެވެ.

"އެކި ފަހަރު އެކި ވާހަކަ ދައްކަނީ. އެއް ފަހަރު ކެންސަލް ކޮށްފާނެ ފްލައިޓަށް އަޅާނެ ތެޔޮ ނެތިގެންނޭ ކިޔާފައި، އަނެއް ފަހަރު އެހެން ވާހަކައެއް ދައްކާނެ."

ފްލައިން ސްކޫލް އައްޑޫން މާފަރަށް

ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާތައް އިވޭތާ އެތައް ދުވަހެއް ފަހުން އޭއޭއޭގެ ސީއީއޯ ސޫރަންޖަންގެ ބަހެއް ލިބުނު އިރު އޭނާ ބުރަކޮށް އުޅުއްވަނީ ފްލައިން ސްކޫލް އައްޑޫން ނ. މާފަރަށް ބަދަލުކުރުމުގެ މަސައްކަތްތަކުގަ އެވެ.

އޭނާ ވިދާޅުވީ މާފަރުގައި ފްލައިން ސްކޫލް ހުޅުވަން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ސޫރަންޖަން ވިދާޅުވި ގޮތުގައި މާފަރުގައި ފްލައިން ސްކޫލް ފަށާނީ ކުރިއަށް ވުރެ ރަނގަޅު ހިދުމަތްތަކާ އެކުގަ އެވެ. އެގޮތުން އެތަނުގައި ދަރިވަރުން ތިބޭނެ ކޮޓަރިތަކެއް ވެސް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލައިން ސްކޫލް އަންނަ އަހަރު ޖުލައި މަހު މާފަރަށް ބަދަލުކުރަން ނިންމީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ކުލި ބޮޑުކުރުމުން ކަމަށެވެ. މާފަރުގައި ސްކޫލް އަޅަނީ އެއަށް ވުރެ ކުޑަ ކުއްޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރާ ކަމަކީ ކޮބާ؟

ދަރިވަރުން ބުނީ ކޯސް ނުނިމި ދިގުލައި، ގިނަ އަދަދެއްގެ ފައިސާ އިސްރާފުވާތީ ފްލައިން ސްކޫލްގެ މި މައްސަލަތަކަށް އެޑްރެެސް ކޮށްދޭން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަށް ތަކުރާރުކޮށް ހުށައަޅާފައިވާ ވާނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް އިދާރާއަކުން އެޅި ފިޔަވަޅެއް ސާފު ނުވާ ކަމަށާއި ފްލައިން ސްކޫލްގެ ވެރިންނާ ވާހަކަ ދެއްކިކަން ވެސް އެނގިފައި ނުވާ ކަމަށް ދަރިވަރުން ބުންޏެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބަހެއް ހޯދަން "މިހާރު"ން މަސައްކަތްކުރި އެވެ. އެކަމަކު ވާހަކަ ދައްކާނެ މީހަކާ ދިމައެއް ނުވި އެވެ.

"އަޅުގަނޑުމެންގެ އަތުން މިހާރު ހަތަރު ލައްކައާ ގާތްކުރާ އަދަދަކަށް ފައިސާ ހަރަދުވެއްޖެ. ދަރިވަރުގެ އުމުރުން ތިން އަހަރު ބޭކާރުވެއްޖެ. އެމެރިކާއަށް ފޮނުވައިގެން ކިޔަވައިދޭން އުޅުނު ނަމަވެސް ހަރަދުވާނީ މިހާވަރަށް ކަންނޭނގެ،" ބެލެނިވެރިއަކު ޝަކުވާކުރި އެވެ.

މިހެން ކަންތައްތައް ހުރުމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އޭއޭއޭގެ މައްސަލަ ވަރަށް ގާތުން ބަލަން ޖެހޭނެ ކަމަށް ފެނެ އެވެ. ހާއްސަކޮށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ސްކޫލް ހިންގަން ފެށުމުގެ ކުރިންނެވެ. ދެ ފަރާތުން މި ދައްކާ ވާހަކަތަކުގެ ތެދުދޮގު ބަލައި، ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ޒިންމާއެކެވެ.