އިމާރާތްކުރުމުގެ ދާއިރާގެ ކަންބޮޑުވުން އިންތިހާގައި!

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތައް ކުރާ ކޮންމެ ކުންފުންޏަކަށް ގުޅާލުމުން ވެސް މިހާރު އިވެނީ އެއް ވާހަކައެކެވެ. މަސައްކަތްތައް މަދު ވާހަކަ އެވެ. ކުރާނެ ކަމެއް ނެތް ވާހަކަ އެވެ. އާމްދަނީ ވަރަށް ބޮޑަށް ދަށްވި ވާހަކަ އެވެ.


ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން މިދިޔަ ޖޫން މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް ދަށްވެފައިވެފައިވާ ކަން އެނގެ އެވެ. އަދި މިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖެ އަށް އެތެރެކުރި، ކޮންސްޓްރަޝަން މެޓީރިއަލް ވަނީ މާ ބޮޑަށް ވެސް މަދުވެފަ އެވެ.

ޕްރޮޖެކްޓްތައް މަދު

ވޭތުވެދިޔަ ވަރަކަށް އަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާ ދިޔައީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް އޮންނަ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ބެޗް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޕްރޮޖެކްޓްތައް ލިބޭ ވަރު ވަރަށް ބޮޑަށް ދަށް ކަމަށެވެ. އެގޮތުން ލިބޭ ޕްރޮޖެކްޓްތަކުގެ އަދަދު މިދިޔަ އަހަރަށް ވުރެ ދެބައިކުޅަ އެއްބައި ދަށަށް ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް އޭނާ އަށް ގަބޫލު ކުރެވުނީ، އާ ސަރުކާރު އައުމާ އެކު ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓްތައް ނެތުމެވެ.

"ކުރީގެ ސަރުކާރުން ހިންގީ އިކޮނޮމިކް ޑިވެލޮޕްމެންޓް ބޮޑު ޕްރޮޖެކްޓްތައް. މި ސަރުކާރު އަދި ފެންނަނީ ސޯޝަލް މަޝްރޫއުތަކަށް ފޯކަސް ކުރާތަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ ސަރުކާރުން ބޮޑެތި މަޝްރޫއުތައް ފެށުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އާ މަޝްރޫއުތައް ފެށިގެން ދިއުމާ އެކު އަނެއްކާ ވެސް ރަނގަޅު ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ވިޝާމް ވިދާޅުވީ، ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތައް އެހާ ބޮޑަށް މަދުވެފައި ވަނީ ސަރުކާރުގެ ޕްރޮޖެކްޓްތައް މަދުވުމުން ކަމަށެވެ. އަދި މި ދުވަސްވަރު ބޭންކުތަކުން ލޯނުތައް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް އަމިއްލަ ފަރާތްތަކުގެ ޕްރޮޖެކްޓްތައް އަޅުގަނޑުމެން ގެންގުޅެނީ. މި އިންޑަސްޓްރީގައި ސަރުކާރުގެ މަޝްރޫއުތައް ނަގާ ކުންފުނިތައް ވެސް އެބައުޅޭ. އެފަދަ ކުންފުނިތަކަށް ބޮޑަށް ގެއްލުން ވާނީ،" އޭނާ ވިދާޅުވި އެވެ.

އެހެން ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު މި ވަނީ ވޭތުވެދިޔަ ދެތިން ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ވެސް ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި، މިގޮތަށް މިކަން ދިގުލައިގެން ދާ ނަމަ މިއީ ވަރަށް ގިނަ ކުންފުނިތަކަށް ކުރިމަތިވާނެ ނުރައްކަލެކެވެ.

"މަސައްކަތެއް ނެތި މަސްތައް ފާއިތުވެގެން މިދަނީ. މިގޮތަކަށް އަބަދަކު ހިފަހައްޓައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ. "މިއީ މި އިންޑަސްޓްރީގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް."

ކޮންސްޓްރަކްޝަން މެޓީރިއަލް އެތެރެކުރާލެއް މަދު

މި އަހަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖެ އަށް ސިމެންތި އާއި ހިލަވެލި އެތެރެކޮށްގެން މި އަހަރު 179 މިލިއަން ޑޮލަރު ލިބުނު އިރު މިދިޔަ އަހަރު މި އަދަދު އުޅުނީ 206 މިލިއަން ޑޮލަރުގަ އެވެ.

ރާއްޖެ އަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި އިސްކޮށް އުޅޭ ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް މި ދުވަސްވަރު ވަރަށް މަދު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިމްޕޯޓް ދަށްވެފައި ވަނީ މިދިޔަ އަހަރު ހިންގި ބޮޑެތި ޕްރޮޖެކްޓްތައް ނިމުމާ އެކު، އެއާ އެއްވަރުގެ ޕްރޮޖެކްޓްތައް އަދި ނުހިނގާތީ ކަމަށެވެ.

މާލޭގެ ބާޒާރުމަތީ ފިހާރައެއް ކައިރީގައި ބަޔަކު ބިސް ކޭސްތަކެއް އުފުލަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މީގެ ކުރިން އަބަދުވެސް މާލޭގެ ބަނދަރުގައި 50،000 ޓަނު ނުވަތަ 70،000 ޓަނުގެ ހިލަ އާއި ހިލަވެލި ގެންނަ ބޯޓުތައް އޮންނާނެ. މިހާރު ހިލަވެލި ގެންނަ ބޯޓުތައް އަންނަލެއް މަދު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޯޓުފަހަރުގެ 50 ޕަސެންޓް ވެސް މިހާރު ނުފުރޭ ކަމަށާއި، އަންނަ ކޮންޓެއިނާތައް ވަރަށް މަދު ކަމަށެވެ. އެހެންވެ ކުންފުނިތަކަށް ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ދިގު ދެމިގެންދާ ނަމަ މުވައްޒަފުން މަދު ކުރަން އަޅުގަނޑުމެންނަށް ވެސް މަޖުބޫރުވާނެ،" މާނު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ސަރުކާރު ހިންގާ މަޝްރޫއުތައް ފަށަން ޖެހެ އެވެ.

ގާތްގަނޑަކަށް 300 މުވައްޒަފުން ގެންގުޅޭ ސެންޗޫރިއަން އިން މިހާރު ވަނީ އިތުރު މުވައްޒަފުން ކުންފުންޏަށް ނެގުން ވެސް މަޑުޖައްސާލާފަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަން ފެށުމުން އަނެއްކާ ވެސް އިގްތިސާދީ ހަރަކާތްތައް އިތުރުވެ، އިމްޕޯޓު ކުރާ މިންވަރު ރަނގަޅުވާނެ ކަމަށެވެ.

އަހަރު ދެބައި ވެގެންދިޔައިރު ސަރުކާރުން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި ހަތް ބިލިއަން ހޭދަކުރުމަށް ކަނޑައަޅާފައިވާ އިރު ހޭދަކުރެވުނީ 20 ޕަސެންޓެވެ. އެއިން ވެސް، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މަދުކަން އެނގެ އެވެ.

ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ދާއިރާ އަށް ވެފައި، ވޭތުވެދިޔަ ތިން އަހަރު ވެސް ހަލުވި ދުވެއްޔެއްގައި މި ދާއިރާގެ ކުރިއެރުމަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. މި ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކުން ބުނާ ގޮތުގައި މިއީ އާ ސަރުކާރެއް ބަދަލުވެގެން ދިމާވެގެން އުޅޭ ކަމެއް ކަމަށެވެ. މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް އަދި ނުފެށެ އެވެ. އަދި ހަމަ ފެންނަނީ ލިޔުންތަކުގައި ސޮއި ކުރާ މަންޒަރެވެ.

މި ދާއިރާގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް ކުރާ އަސަރު ދިގު ދެމިގެންދާނަމަ އާންމު ދިރިއުޅުންތަކަށް އަސަރު ކުރާނެ ކަމަށެވެ.