ޖޭއެސްސީ މިނިވަންކުރަން ބޭނުންވަނީ އުމުރުތަ؟

ޝަރުއީ ދާއިރާގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ އަންނާނީ ޖޭއެސްސީއަށް އިތުބާރު ހޯދުމުގެ ވާހަކަ އެވެ. ދާދި ފަހުން ޖޭއެސްސީގެ ތަހުގީގުތައް އާންމުކޮށް ހުޅުވާލައި، ގިނަ ޝަކުވާތަކެއް ބަލަން ފެށުމާއި މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރަން ފެށުމާއި ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކަމާ އެކު ކުރިއަށް ގެންދަން ފެށިޔަސް، އެ ކޮމިޝަނާ މެދު ކުރާ އިތުބާރު ހޯދަން ކުރަން ޖެހޭ މަަސައްކަތްތައް އަދިވެސް މަދެއް ނޫނެވެ.


ޖޭއެސްސީގެ ގާނޫނަށް ބޮޑެތި ގިނަ އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް އިސްލާހަކީ ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރާއި ރައީސް އައްޔަން ކުރައްވާ މެމްބަރާއި އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުންގެ އުމުރުގެ ޝަރުތު 40 އަހަރަށް މަތި ކުރުމެވެ. އަދި އެ ތިން މެމްބަރުން މަގާމުގައި ތިބޭ މުއްދަތުގައި ވަކީލުންގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

ޖޭއެސްސީގައި އިންނަވާ މުއްދަތުގައި ކޯޓުތަކުގައި ވަކާލާތު ކުރުން މަނާ ކުރާ ސަބަބަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލާ މުއައްސަސާގެ މެމްބަރުން ކޯޓުތަކަށް ވަޑައިގެން މައްސަލަތަކުގައި ވަކާލާތު ކުރެއްވުމުން އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ނުސީދާކޮށް ނުފޫޒުތަކެއް ފޯރުވުމުގެ ފުރުސަތު އޮތުމެވެ. އެހެންވެ، އެއީ މުހިންމު ބަދަލެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެކަމަކު އެ ތިން މެމްބަރުންގެ އުމުރު 40 އަހަރަށް މަތިވުމުގެ އިސްލާހާ މެދު ވިސްނާލަން ޖެހެ އެވެ.

ޖޭއެސްސީގެ ގާނޫނު މިހާރު އޮންނަ ގޮތުން ވަކީލުންގެ ތެރެއިން އަންނަ މެމްބަރާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރުގެ އިތުރުން ރައީސްގެ މެމްބަރުގެ އުމުރަކީ 25 އަހަރު ފުރިފައިވުމެވެ. ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ މަގާމުގެ ހައިސިއްޔަތުން ކޮމިޝަންގައި ތިއްބަވާ ބޭފުޅުން ކަމަށް ވާތީ އެ ބޭފުޅުންނާ ގުޅޭ އިތުރު ޝަރުތުތަކެއް ނޯވެ އެވެ.

ތިން މެމްބަރެއްގެ އުމުރު 40 އަހަރަށް މަތިކުރުމުގެ ސަބަބެއްގެ ގޮތުގައި ދައްކަނީ އުމުރުން ހަގު ބޭފުޅުން ޖޭއެސްސީގެ މެމްބަރު ކަމަށް ވަޑައިގަތުމުން ނުފޫޒުތަކުގައި ޖެހުމުގެ ފުރުސަތު އޮތުމާއި އެފަދަ ބޭފުޅުންގެ ކުރިމަގު ބިނާ ކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ޖޭއެސްސީ ހެދުމެވެ. އޭގެ ބަދަލުގައި އުމުރުން ދޮށީ މީހުން އައްޔަން ކުރާ ނަމަ، ތަޖުރިބާ ލިބިފައިވާ އަދި މުޖްތަމައު ބަލައިގަންނަ ފަދަ ނަޒާހަތްތެރި ބަޔަކު ލިބޭނެ ކަމަށް އިސްލާހަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.

ތެދެކެވެ. ޝަރުއީ ދާއިރާއާ ގުޅޭ އެންމެ މުހިންމު ޒިންމާ ހަވާލުވެފައި އޮތް ޖޭއެސްސީ މިނިވަންކަމާ އެކު ހިންގޭނެ މަގު ފަހިކުރަން ނަޒާހަތްތެރި ބޭފުޅުން ކޮމިޝަންގައި ތިއްބަވަން ޖެހޭނެ އެވެ. އެކަމަކު ޖޭއެސްސީގެ މެމްބަރު ކަމަށް އައުމުގެ އުމުރު މަތިކުރުމަކީ އެކަމަށް އޮތް ހައްލެއްތޯ ސުވާލު އުފެދެ އެވެ.

ޖޭއެސްސީގައި މިހާތަނަށް ވެސް މެމްބަރުކަން ކުރެއްވީ އުމުރުން ހަގު ބޭފުޅުންނެއް ނޫނެވެ. މަގާމުގެ ހައިސިއްޔަތުން ބެލިޔަސް އަދި މަގާމުގެ ހައިސިއްޔަތުން ނޫން ގޮތަށް އެ ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ބޭފުޅުންގެ އުމުރު ވެސް ހަގެއް ނޫނެވެ. ޖޭއެސްސީގެ ނިންމުންތަކާ މެދު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އިރު ވެސް ކޮމިޝަންގައި ތިއްބެވީ އުމުރުން ހަގު ބޭފުޅުންނޭ ބުނެވޭކަށް ނެތެވެ. ކުރީގެ ތަޖުރިބާއިން އެކަން ފެންނަން އޮތްއިރު، ޖޭއެސްސީގެ މެމްބަރުންގެ ނަޒާހަތްތެރިކަމާއި މިނިވަންކަމަކީ އެ ބޭފުޅުންގެ އުމުރާ ހަމައިން ނިންމާލެވޭނެ ކަމެއް ނޫނެވެ.

އެ އިސްލާހު އެގޮތަށް ގެނަޔަސް، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން އިންތިޚާބު ކޮށްފައިވާ ނުވަތަ އައްޔަން ކޮށްފައި ތިބޭ މެމްބަރުންނާއި ތިން މަރުހަލާގެ ތިން ކޯޓުގެ ފަނޑިޔާރުން ތިއްބަވާތީ އެ ބޭފުޅުންނަށް ކޮންމެހެން 40 އަހަރު ވުން ލާޒިމެއް ނުވެ އެވެ. އެހެންވީއިރު، މި އިސްލާހު ގެނެސްގެން ޖޭއެސްސީގެ އެންމެ ތިން މެމްބަރެއްގެ އުމުރު މަތިކުރުމުން އެއްވެސް މަގްސަދެއް ހާސިލްވާނެ ހެއްޔެވެ؟

ޖޭއެސްސީ މިނިވަން ކުރުމާއި ރައްޔިތުންގެ އިތުބާރު ހޯދުމުގެ ވާހަކަ ދައްކާ ނަމަ، އެންމެ ފުރަތަމަ ވެސް އަންނާނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ މައްސަލަ އެވެ. ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލަވާލި ގޮތުން، ކޮމިޝަންގެ ގިނަ މެމްބަރުންނަކީ ސިޔާސީ ގޮތުން އައްޔަން ކުރާ ނުވަތަ ސިޔާސީ މަގާމުތަކެއް އަދާކުރައްވާ ބޭފުޅުންނަށް ވުމަކީ އެންމެ ބޮޑު މައްސަލަ އެވެ.

ބަދަލު ގެންނަންވީ މުޅި ޖޭއެސްސީ އެކުލެވޭ ގޮތަށެވެ. އެ ބަދަލުނުގެނެސް ވަކިވަކި މެމްބަރުންގެ އުމުރު ކަނޑައެޅިޔަސް އެއީ ހައްލެއް ނޫނެވެ.

ރާއްޖޭގައި މިހާރު ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ މީހުންގެ ތެރެއިން ގިނައީ 40 އަހަރުން ދަށުގެ މީހުންނެވެ. އަދި އުމުރުން 40 އަހަރު ވާ ފަހުން ނުވަތަ އެއަށް ވުރެ އުމުރު މަތިވާ ފަހުން ވަކީލުކަމުގެ ހުއްދަ ނަގާފައި މީހުން ވެސް އުޅެ އެވެ. އެހެންވުމުން ގާނޫނީ ދާއިރާގައި ގިނަ ތަޖުރިބާ ހުއްޓަސް 40 އަހަރު ނުވާ ވަކީލުންނަށް ފުރުސަތު ގެއްލެ އެވެ. އެކަމަކު ތަޖްރިބާ މަދު، 40 އަހަރުން މަތިވެފައިވާ ކޮންމެ ވަކީލަށް ފުރުސަތު އެބަ ލިބެ އެވެ. އިސްލާހުގައި ވަކި މުއްދަތެއްގެ ތަޖުރިބާގެ ހުރުން ލާޒިމްކޮށްފައެއް ވެސް ނެތެވެ.

މި އިސްލާހާ އެކު ދިމާވާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ވަކީލުންގެ ފަރާތުން އިންނަވާ މެމްބަރުގެ މަގާމު ހުސްވެފައިވާތީ އާ މެމްބަރަކު ނެގުމުގެ އިންތިހާބު މި އޮތީ ޖެހިފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެއަށް ހަމަވީ އެވެ. އިންތިޚާބުވާ ފަހުން 40 އަހަރަށް މަތިކޮށްފި ނަމަ، އެ މެމްބަރެއްގެ މަގާމު ގެއްލި އަނެއްކާވެސް އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ.

މިކަމުގައި ގާނޫނީ ގިނަ ބޭފުޅުންގެ ޚިޔާލު ތަފާތެވެ. ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ ހިންގާ ކޮމެޓީގައި އެކަމާ ބެހޭ ގޮޮތުން ވާހަކަ ދެއްކެވިއިރު ވެސް ޚިޔާލު ތަފާތެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ވަކީލު ކަމުގެ ތަޖުރިބާއަށް ވުރެ ބޮޑަށް އުމުރަށް އިސްކަން ދިނުމަކީ ގޯހެކެވެ. އުމުރަށް އެކަނި ބަލައިގެން އެއްވެސް މީހެއްގެ ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

އިސްލާހާ ދެކޮޅު ބޭފުޅުންގެ ވިސްނުމަކީ އުމުރަށް ވުރެ ބޮޑަށް އެ މީހެއްގެ ގާބިލްކަމަށް އިސްކަން ދިނުމެވެ. އެގޮތުން ވަކީލުންގެ ތެރެއިން މެމްބަރަކު ކަނޑައެޅުމުގައި ވަކީލުންގެ އަތްމައްޗަށް އެކަން ދޫކޮށްލާފައި ބޭއްވުން މުހިންމު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"ވޯޓު ދެއްވާ ވަކީލުންނަށް ވެސް އަޅުގަނޑުމެން އެބަ ޖެހޭ އިތުބާރު ކުރަން. އެ ބޭފުޅުން ކުރިފުޅުމައްޗަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ އަދި ކޮންމެ ބޭފުޅަކަށް ވިޔަސް އެ ބޭފުޅުން ވަޒަން ކުރައްވާނެ އެއީ ކޮން ކަހަލަ ބޭފުޅެއް ކަން. އެ ބޭފުޅާ ތަޖްރިބާއަކީ ކޮބައިކަން ވަޒަން ކުރައްވާފައި އެ ބޭފުޅުން ރަނގަޅު ގޮތެއް ނިންމަވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ކޮމެޓީގައި ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވި އެވެ.

"އެހެންވީމަ އެ ޕްރޮސެސްއަށާއި ވޯޓާސްއަށް އަދި އިލެކްޓްރޭޓަށް ކުރާ އިތުބާރު ސާބިތުކޮށް ދެވޭނީ ވީހާ ވެސް ފުޅާ ދާއިރާއެއްގައި ވީހާ ވެސް ބޮޑަކަށް އިހްތިޔާރަށް ދޫކޮށްލައިގެން."

އެކަމާ ޚިޔާލު ތަފާތުވާ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުކަން ކުރެވޭނެ ވަކި އުމުރުތަކެއް ކަނޑައެޅިފައި ހުރިއިރު އެއަށް ވުރެ ހަގު ބޭފުޅުން ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ބައިވެރިވެވޭ ގޮތަށް އޮތުން ރަނގަޅެއް ނޫނެވެ. އެކަމަކު ތަޖްރިބާ އެއީ ޝަރުތަކަށް ހެދުން މުހިންމު ކަމަށް އެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

ޖޭއެސްސީއާ މެދު އިތުބާރު ގެއްލިގެންދިޔަ މައިގަނޑު ސަބަބަކީ ޖޭއެސްސީ އެކުލެވޭ ގޮތެވެ. އެކަމަކު އެކަން ބަދަލު ކުރުމެއް ނެތި، ވަކިވަކި މެމްބަރުންގެ އުމުރު ކަނޑައެޅުމަކުން ނުކުންނާނެ ބޮޑު ނަތީޖާއެއް ނެތެވެ. ދާއިމީ ހައްލަކީ ޖޭއެސްސީގެ މިނިވަންކަން ކަށަވަރު ކުރަން ގާނޫނު އަސާސީ އިސްލާހުކޮށް، ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމެވެ.