ޝަރީއަތްތައް ނުނިމި ލަސްވެފައި، ބަންދުގައި އެތައް ދުވަހެއް!

ކޯޓުތަކުން މައްސަލަތައް ނުނިމި ލަސްވުމަކީ ވާހަކައެއް ނޫނެވެ. މަދަނީ މައްސަލަތަކަށް ވުރެ ބޮޑަށް ޖިނާއީ މައްސަލަތައް ކޯޓުތަކުން ނުނިމި އެތައް އަހަރެއް ހޭދަވާ ކަމުގެ ޝަކުވާ ބޮޑެވެ. ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް އެއްކޮޅުގައި އޮންނަނީ އަނިޔާ ލިބުނު ފަރާތުގެ ހައްގު ނުވަތަ މުޖްތަމައުގެ ހައްގެވެ. އަނެއްކޮޅުގައި އޮންނަނީ ތުހުމަތުކުރެވޭ މީހާގެ ހައްގެވެ. މައްސަލަތައް ނުނިމި ލަސްވާ ނަމަ، އެއީ ދެ ކޮޅުގެ ހައްގާ ވެސް ގުޅުން ހުރި ކަމަކަށް ވާތީ އެ ޝަކުވާ އަބަދުވެސް ބޮޑެވެ.


މި ޝަކުވާތަކާ އެކު ޖޭއެސްސީން ދާދި ފަހުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ކްރިމިނަލް ކޯޓުގައި 10 އަހަރު ވެފައިވާ 12 މައްސަލައަކާއި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 126 މައްސަލައެއް އެބަ އޮތެވެ. އަދި ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ވެސް އެ ކޯޓުގައި ގިނަ އެވެ. ހަމަގައިމު ވެސް، 10 އަހަރު ނުވަތަ ފަސް އަހަރަކީ އެންމެ މަރުހަލާއަކުން މައްސަލައެއް ނިންމަން ދިގު މުއްދަތެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ހުރިހާ އިޖްރާއާތުތައް ފުރިހަމަ ކޮށްގެން ޝަރީއަތް ކުރިއަށް ގެންދިޔަޔަސް، އެންމެ ލަސްވެގެން ހަ މަސް ތެރޭގައި ކޮންމެ މައްސަލައެއް ނިންމެން ވާނެ އެވެ.

ޖިނާއީ މައްސަލަތައް ލަސްވުމުގެ ޝަކުވާ އެންމެ ބޮޑުވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންނާ ހަމައިންނެވެ. ބައެއް މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާ މުޖްތަމައުގެ ސަލާމަތަށްޓަކައި ބަންދުގައި ބަހައްޓަން ޖެހެ އެވެ. މިސާލަކަށް މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޓެރަރިޒަމާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، މައްސަލަ ނުނިމި ދިގުލައިގެން ނުވާނެ އެވެ. ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރު ކުރުމަށް ފަހު "ވާނުވާ" ނޭނގި އެތައް އަހަރެއް ހޭދަވެ އެވެ. އަދި އެންމެ ފަހުން މައްސަލަ ނިމޭއިރު ކުށް ސާބިތު ނުވެއްޖެ ނަމަ، ލިބޭނީ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެކެވެ. ބައެއް މައްސަލަތަކުގައި ކުށް ސާބިތުވެގެން ހުކުމް އަޔަސް، އަންނަ ހުކުމަށް ވުރެ ބަންދުގައި ހޭދަކުރި މުއްދަތު ދިގުވެފައި ވެސް އެބަ ހުއްޓެވެ.

މައްސަލަތައް އަވަހަށް ނިންމަން ބާރު އަޅަން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ވަކި މުއްދަތުތަކެއްގެ ތެރޭގައި ޝަރީއަތުގެ އެކި މަރުހަލާތައް ނިންމަން ލާޒިމް ކުރެ އެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުން ލިޔުންތައް ވަކި މުއްދަތެއްގެ ތެރޭގައި ދޫކޮށް، އިބްތިދާއީ އަޑުއެހުންތައް ފެށުމާއި ދެ ފަރާތާ މަޝްވަރާ ކުރެވިގެން ކަނޑެއެޅޭ ވަކި ތާވަލަކާ އެއްގޮތަށް މެދުކެނޑުމެއް ނެތި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ގާނޫނުގައި އޮތަސް އޭގެ އެދެވޭ ނަތީޖާއެއް ނުފެނެ އެވެ.

ޖިނާއީ ޝަރީއަތްތައް ލަސްވާ ސަބަބުތައް ވެސް ބައިވަރެވެ. ދައުވާ ސާބިތު ކުރަން ހުށަހަޅާ ހެކިވެރިން ނުވަތަ މުހިންމު ފަރާތެއް ހާޒިރު ނުކުރެވިގެން ނުވަތަ އެ މީހުން ވީތަނެއް ސާފުނުވެގެން އެތައް ފަހަރަކު އަޑުއެހުންތައް ފަސްކުރުން އާންމެވެ. އަނެއްކޮޅުން ގިނަ އަދަދެއްގެ މައްސަލަތަކާ ހަވާލުވެ ތިބޭ ދިފާއީ ވަކީލުންނަށް އެކި ސަބަބުތަކާ ހެދި އަޑުއެހުންތަކަށް ހާޒިރު ނުވެވިގެން ވެސް އަޑުއެހުންތައް ފަސްކުރަން ޖެހެ އެވެ.

މީގެ އިތުރުން ބައެއް ފަހަރު ފަނޑިޔާރުންގެ އަދަދު މަދުވުމުން ވޯކް ލޯޑް ބޮޑުވުމާއި ފަނޑިޔާރުންގެ މެދުގައި މައްސަލަތައް ބެހުމުގައި ކޯޓުތަކުން ހަމަހަމަކަން ނުގެންގުޅުމަކީ ވެސް ސަބަބެއްގެ ގޮތުގައި ޖޭއެސްސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މައްސަލަތައް އަވަސް ކުރަން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ގޮތަށް، މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލްތައް ދުރާލާ ކަނޑަނޭޅި ހުރިކަން އެ ރިޕޯޓުން އެނގެ އެވެ.

ޖޭއެސްސީގެ ބައެއް މެމްބަރުން: ޖިނާއީ މައްސަލަތަކާ ބެހޭ ރިޕޯޓެއް ތައްޔާރުކުރި -- ފޮޓޯ/މިހާރު

ޝަރީއަތްތައް ލަސްވުމުގެ ވާހަކަ ދައްކާ ނަމަ، ޖޭއެސްސީން ކުރިން އަމަލު ކޮށްފައި ހުރި ގޮތް ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެއް ކަމަކީ ދާދި ފަހަކާ ޖެހެންދެން ކުއްލި ކުއްލިއަށް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރުމެވެ. ގިނަ ފަނޑިޔާރުން ކުރެން "ހޭ ވެސް އަހާލުމެއް ނެތި" އެހެން ކޯޓުތަކަށް ބަދަލުކުރުމުން އެ ފަނޑިޔާރަކު ބަލަމުން އައި މައްސަލަތަކުގެ ތެރެއިން ހުކުމާ ހިސާބުގައި ހުންނަ މައްސަލަތައް އެހެން ފަނޑިޔާރަކާ ހަވާލުކުރަން ޖެހެ އެވެ. ނަތީޖާއަކަށް ވަނީ އަލަށް އެ މައްސަލައާ ހަވާލުވާ ފަނޑިޔާރަކު އިތުރު އަޑުއެހުންތައް ބާއްވައި، މައްސަލަ ދިރާސާ ކުރަން އިތުރު ދުވަސްތަކެއް ހޭދަވުމެވެ.

ދެން އޮތީ ގާނޫނުތައް ހުރި ގޮތުން ދިމާވާ މައްސަލަތަކެވެ. މާލެއެކޭ އެއްގޮތަށް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުން ބަލާ ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް، ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބައިތިއްބަން ޖެހެ އެވެ. އެކަމަކު މެޖިސްޓްރޭޓް ކޯޓެއްގައި އޮތް މައްސަލައަކާ ގުޅިގެން މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އެންގިޔަސް، އެ މީހަކު ގެންނަން ޖެހެނީ މާލެއަށެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ޝަރީއަތުގެ މަރުހަލާގައި މީހަކު ބަންދުގައި ބަހައްޓަން ޖެހެނީ ރިމާންޑް ޖަލެއްގަ އެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާ ގޮތުން ރިމާންޑް ޖަލުތައް ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ. އެފަދަ ޖަލުތައް ހުރީ މާލެ އާއި މާފުއްޓާއި ހިންމަފުށީގަ އެވެ. ރަށްރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަކީ ކަސްޓޯޑިއަލް ޖަލުތައް ކަމަށް ވާތީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހަކު އެފަދަ ތަނެއްގައި ބަހައްޓަން ގާނޫނު ހުއްދައެއް ނުކުރެ އެވެ.

އެހެންވެ ކޮންމެ އަޑުއެހުމެއް ތާވަލް ކުރުމުން އެ މައްސަލަ އޮތް މެޖިސްޓްރޭޓް ކޯޓަކަށް އެ މީހަކު ގެންދަން ޖެހެނީ މާލެއިންނެވެ. ކިތަންމެ ދުރުގައި އޮތް ރަށަކަށް ވިޔަސް، އެ އަޑުއެހުމެއް ނިމުމުން އަނެއްކާވެސް ޖެހެނީ އަނބުރާ މާލެ ގެންނާށެވެ. އެކަމަށް ކޮންމެ ފަހަރަކު ކުރަން ޖެހޭ ދަތުރުތަކަށް ބަޖެޓްގެ ދަތިކަން ބޮޑެވެ. މިއީ ދައުލަތުގެ ވަސީލަތްތަކާ ނުބައްދަލު އެކަމަކު ގާނޫނީ ގޮތުން އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް ވުމުގެ އިތުރުން މައްސަލަތައް ކުރިއަށް ގެންދަން ވެސް އޮތް ބޮޑު ހުރަހެކެވެ.

ދަށު ކޯޓުތަކުގެ އިތުރުން އިސްތިއުނާފީ މަރުހަލާގައި ހައި ކޯޓުގައި ވެސް ގިނަ ދުވަސް ވީ މައްސަލަތަކެއް ނުނިމި އެބަ ހުއްޓެވެ. އިސްތިއުނާފް މަރުހަލާއަކީ ހަމައެކަނި ދަށު ކޯޓުގެ ނިންމުން ރިވިއު ކުރާ މަރުހަލާ އެވެ. އާންމު އުސޫލުން ބަލާ ނަމަ އިސްތިއުނާފްގެ މައްސަލަތައް ދަށު ކޯޓުތަކަށް ވުރެ އަވަހަށް ކުރިއަށް ގެންގޮސް، ނިންމާލެވޭނެ އެވެ. އެކަމަކު ހައި ކޯޓުގައި މިހާރު ވެސް ޖިނާއީ ބޮޑެތި ބައެއް މައްސަލަތައް ނުނިމި ލަސްވެފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހަތަރު ވަރަކަށް އަހަރު ވީ މަރުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ދާދި ފަހުން ނެރުނު ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލައަކީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ލަސްވެ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެތައް ބަޔަކު "ވާނުވާ" ގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމެވެ. އެގޮތަށް ބައެއް މީހުން ބަންދުގައި ތިބޭތާ ހަތް އަހަރު ވެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މިއީ ހުކުމެއް ނައިސް މީހަކު ބަންދުގައި ބަހައްޓަން ދިގު މުއްދަތެކެވެ.

ޖިނާއީ ޝަރީއަތްތައް ލަސްވުމުގެ ކަންބޮޑުވުންތައް ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަނީ ފާޅު ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ބާރު މިނެއްގައި ޝަރީއަތްތައް ނުދާ ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އޭގައި ކޯޓުތަކަށް އިދާރީ ގޮތުން ދިމާވާ ސަބަބުތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"ކޮންޓިނިއަސް ޓްރަޔަލްގެ އުސޫލުން ޝަރީއަތްތައް ކުރިއަށް ގެންދަން މިހާރު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ވެސް ބާރުއަޅާ. އެ ކޮންސްޕެޓް ވެސް އެބަ އޮވޭ ލިޔެވިފައި. އެހެން ނަމަވެސް އެގޮތަށް ކުރިއަށް ނުގެންދެވޭ ކަމަށްޓަކައި އަޅުގަނޑުމެންނަށް ފާހަގަވި ކޮންމެ މައްސަލައަކާ ގުޅިގެން އަޅުގަނޑު ދިޔައީ އެ މައްސަލައެއް ހުށަހެޅިފައި އޮތް ކޯޓަށް ވެސް އަދި އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ވެސް އެކަން ގެންނަމުން،" ބިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކުގައި ކުރިއަށް ނުގޮސް ލަސްވެފައި ހުރި މައްސަލަތަކުގެ ތެރޭގައި މަރުގެ ބޮޑެތި މައްސަލަތަކާއި ހިއުމަން ޓްރެފިކިން ފަދަ ސީރިއަސް މައްސަލަތައް ހިމެނެ އެވެ.

އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ ކުރެވި، ޝަރީއަތް ކުރުމުގެ ހައްގު ލިބިދެނީ ގާނޫނު އަސާސީންނެވެ. އެ ހައްގު ލިބިދެވޭ ކަން ކަށަވަރުކުރަން ގާނޫނުތަކުގައި އުސޫލުތަކެއް ލުޔެފައި އެބަ ހުއްޓެވެ. އެކަމަކު އެ އުސޫލުތަކާ އެއްގޮތަށް އެކަން ކުރިޔަކަށް ނުދެ އެވެ. ޖިނާއީ މައްސަލަތަކުގައި ބައެއްގެ މިނިވަންކަމާއި އަސާސީ ހައްގުތައް ވެސް ހިމެނެ އެވެ. އެހެންކަމުން އެކަށީގެންވާ މުއްދަތެއްގައި ހުކުމަކާ ހަމައަށް ދެވޭނެ ނިޒާމެއް ގާއިމްކުރަން އެބަ ޖެހެ އެވެ.