ހަރަމްފުޅުގެ ތަޅުމުގައިވާ ފިނިކަމުގެ ސިއްރަކީ ކޮބާ؟

އަވިން ހޫނުވެ ދޮން ވުމުން އެންމެ ގިނައިރު ހޫނުކަން ދެމިހުންނަ އެއްޗަކީ ހިލަ އެވެ. މައްކާ ހަރަމްފުޅުގެ ޠަވާފްކުރާ ބައިގަޔާއި މިސްކިތުގެ ހިޔާ ނުކޮށް އޮތް ބައިގައި ވެސް ޖަހާފައިވަނީ ހިލަ އެވެ. އެހެންކަމުން އަވި ދީފައި އޮންނަ އިރު އެ ހިލަތައް އޮންނާނީ ދޮންވެފަ އެވެ.


އެކަމަކު ވެސް ހޫނު މޫސުމުގެ އެންމެ ހޫނު ގަދަ ދުވަސްވަރު 40-47 ޑިގްރީގައި ހޫނުމިން ހުންނަ އިރު ވެސް، އެ ހިލަތަކުގެ މަތީގައި ހުސް ފަޔާ ޠަވާފްކުރުމަކީ ދަތިކަމެއް ނޫނެވެ. އަދި ހުއްޓި ހުރެ ނަމާދުކުރާކަށް ވެސް އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވެ އެވެ.

މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ހުކުރު ދުވަހު 44 ޑިގްރީގެ ހޫނުގައި މައްކާގެ ހަރަމްފުޅުގެ ތަޅުންމަތީގައި، ދިވެއްސަކު ނަމާދު ކުރަނ --ފޮޓޯ، އަހްމަދު އަބްދުﷲ ސައީދު/މިހާރު

މައްކާގެ ޙަރަމްފުޅުގައި ވެސް ޖަހާފައިވަނީ ހިލައިގެ ބާވަތެއް ކަމަށްވާ މާބްލް އެވެ. އެއީ ދިވެހިން މި ކިޔާ ސަންގު މަރުމަރު ހިލަ އެވެ. ނަމަވެސް ގަދަ ހޫނުގެ ތެރޭގައި އެ ހިލަތަކުގެ މަތީގައި ހިނގައި ނަމާދުކޮށް ހަދާއިރު ވެސް އެ ހިލަތަކުން ފަޔަށް ހޫނު ނުވަނީ ކީއްވެތޯ ސުވާލު އުފެދިދާނެ އެވެ.

މައްކާގެ ހަރަމްފުޅު ތަނަވަސްކޮށް ބޮޑުކުރުމަށް ހިންގާ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ގޮންޖެހުމެއް އުފެދި، އަދި ފަރުމާވެރިންގެ މެދުގައި އެންމެ ބޮޑު ބަހުސެއް ހިނގީ ހަރަމްފުޅުގެ ހިޔާ ނުކުރާ ބައިގެ ތަޅުންގަނޑު ހަދާނެ ގޮތަކާ މެދުގަ އެވެ. ތިން ޝަރުތެއް ފުރިހަމަ ވާން ޖެހޭތީ އެވެ.

މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ހުކުރު ދުވަހު 44 ޑިގްރީގެ ހޫނުގައި މައްކާގެ ހަރަމްފުޅުގެ ތަޅުންމަތީގައި، ބަޔަކު ހުކުރު ނަމާދު ކުރަނީ. މި ބާވަތުގެ މަރުމަރު ހިލަ އިން ހޫނެއް ނުވޭ. ފޮޓޯ، އަހްމަދު އަބްދުﷲ ސައީދު/މިހާރު

ތަޅުންގަނޑު ރީތިވެފައި ވަރުގަދަ ވާން ޖެހެ އެވެ. ކިތަންމެ ހޫނަސް، ތަޅުންގަނޑު ހޫނުވެގެން ނުވާނެ އެވެ. ތަންކޮޅެއް ހަލާކު ވިޔަސް ފަސޭހަ އިން މަރާމާތު ކުރެވެން ޖެހެ އެވެ.

މި ތިން ޝަރުތު ފުރިހަމަވާ މާއްދާއެއް ހޯދުން ނުވަތަ އެ ފަދަ މާއްދާއެއް އީޖާދުކުރުމަކީ އިންޖިނޭރުންގެ އެންމެ މުހިންމު މަސްއޫލިއްޔަތެވެ. އެހެންކަމުން ގިނަ ބަޔަކަށް އެއްބަސްވެވުނީ ސަންގު މަރުމަރު ހިލަ ޖެހުމަށެވެ. އެއީ ސިމެންތި އަށް ވުރެ ވަރުގަދަވެފައި ގިނަ ދުވަހަށް ދެމިހުންނަ އެއްޗަކަށް ވާތީ އެވެ.

ސަންގު މަރުމަރު ހިލައިގެ ތެރެއިން އެ ހުރިހާ ޝަރުތެއް ފުރިހަމަވަނީ ކޮން ކަހަލަ ހިލައެއްގައި ކަން ދެނެގަތުމަށްޓަކައި، އިރުގެ ހޫނު އެތެރެ އަށް ދަމައިގަންނަ ނިސްބަތް އެންމެ ކުޑައީ ކޮން ބާވަތެއްގެ މާބްލްއެއްގައިތޯ ދިރާސާ ކުރި އެވެ. މި ގޮތުން ކުރި ދިރާސާ އިން އެނގުނު ގޮތުގައި މަރުމަރު ހިލައިގެ ތެރެއިން، އޭގެ ތެރެއަށް އަވީގެ ހޫނު ދަމައިގަންނަ ނިސްބަތް އެންމެ ކުޑައީ ތާސޮސް ކިޔާ ބާވަތެއްގެ ހިލައެކެވެ.

މައްކާގެ ހަރަމްފުޅުގެ ޠަވާފްކުރާ ސަރަހައްދުގައި މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރިން ކުރަނީ

މަރުމަރު ހިލައިގެ ބާވަތެއް ކަމަށްވާ ގްރެނައިޓަކީ އޭގެ އެތެރެ އަށް ހޫނާއި އަލި ވެސް ދަމައިގަންނަ އެއްޗެކެވެ. އަދި ޠަބީއީ މަރުމަރު ހިލައަކީ އޭގައި ޖެހޭ އަލި ރިފްލެކްޓް ކުރާ، ނަމަވެސް ހޫނުކަން އެތެރޭގައި ހިފަހައްޓާ ބާވަތެކެވެ. މިއާ ޚިލާފަށް ތާސޮސް އަކީ އޭގައި ޖެހޭ ހޫނާއި އަލި ވެސް އެތެރެއަށް ދަމައިގަތުމުގެ ބަދަލުގައި އަނބުރާ ފޮނުވައިލާ ބާވަތެކެވެ.

ތާސޮސް މަރުމަރު ހިލައިގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭގައިވާ ސާފު ހުދު ކުލަ އެވެ. ފަރުބަދަ އިން ބޮޑެތި އެތިގަނޑުގަނޑު ނައްޓާ އިރު ވެސް، ހުންނާނީ ސާފު ބޯކިރުހާ ހުދުކޮށެވެ. މި ހިލައިގައި ހޫނާއި އަލި ޖެހުނު ކަމުގައި ވިޔަސް، ހޫނާއި އަލި ހަރުނުލަނީ ނުވަތަ އަނބުރާ ފޮނުވާލަނީ އޭގައިވާ ސާފު ހުދު ކުލައިގެ ސަބަބުންނެވެ.

އެހެންކަމުން އިންޖިނޭރުންނަށް އެއްބަސްވެވުނީ ހަރަމްފުޅުގެ ހިޔާ ނުކޮށް އޮންނަ ސަރަހައްދުގައި "ތާސޮސް" މަރުމަރު ހިލަ ޖެހުމަށެވެ. އޭރުން އެންމެ ހޫނު ދުވަސްވަރު ވެސް ހުސް ފަޔާ ޠަވާފްކޮށް ނަމާދު ކުރެވޭނެތީ އެވެ.

މައްކާގެ ހަރަމްފުޅުގެ ޠަވާފްކުރާ ސަރަހައްދުގައި މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރިން ކުރަނީ

ހަރަމްފުޅުގެ މަރުމަރު ހިލަތައް ކަފާފައި ހުންނަ ދިގުމިނަކީ ނަމާދަށް ސަފު ހަދާ އިރު ދެ ސަފު ދެމެދުގައި ހުންނަ މިނެވެ. ހިމަ ދިގުކޮށް ކަފާފައި ހުންނަނީ އެއްކޮޅަށް ވުރެ އަނެއް ކޮޅު ތަންކޮޅެއް ފުޅާ ކޮށެވެ. އެހެންކަމުން މަރުމަރު ހިލައިގެ މި ފޮތިވަރުތައް އެކައްޗާ ޖެހި އަނެކަތި އަތުރާލާފައި ހުންނަ އިރު، ހުންނާނީ ގެފުޅުގެ ވަށައިގެން ވަށްބުރެއް ކުރެހޭ ގޮތަށެވެ. ހިލައިގެ ފޮތިވަރުތަކުގެ ހިމަކޮޅު ގެފުޅާ ވީ ކޮޅަށް ބެހެއްޓުމުން ވަށް ބުރު ހެދިފައި ހުންނާނީ ގެފުޅާ ދިމާލަށް ގޮނިވާ ގޮތަށެވެ.

ގެފުޅުގެ ވަށައިގެން ވަށް ބުރަކަށް މީހުން ތިބެ ނަމާދުކުރާ އިރު ހަރަމް ތެރެ ފެންނާނީ މަލެއްގެ ސިފައިގަ އެވެ. ގެފުޅު އެއީ މަލުގެ ކަރުގަނޑެވެ. އަދި ރުކޫއުކޮށް ތެދުވާ އިރުގައްޔާއި ސަޖިދަ ޖަހައި، ސަޖިދަ އިން ތެދުވާ އިރު ސިފަ ވާނީ އެ މަލުގެ ކަރުގަނޑުގެ ވަށައިގެން ބައިވަރު ކުދިކުދި ފިޔަތަކެއް ލެއްޕިފައި ހުޅުވޭ ގޮތަށެވެ.

ގެފުޅުގެ ވަށައިގެން ހަދާފައިވާ ސަފުތަކުގައި ތިބެގެން މުސްލިމުން ނަމާދު ކުރަނީ

މަރުމަރު ހިލައިގެ މިއިން ކޮންމެ ފޮތިވަރެއް ކަފާފައި ހުންނަނީ 120 ސެންޓިމީޓަރު ދިގު، 60 ސެންޓިމީޓަރު ފުޅާ އަދި ބޯމިނުގައި ފަސް ސެންޓިމީޓަރު ހުންނަ ވަރަށެވެ. މި ބޯމިނުގައި ހިލަތައް ބެހެއްޓުމުގެ ބޭނުމަކީ ވައިގެ ތެތްކަން ވީއެންމެ މަތީ ނިސްބަތަކަށް އަދި ވީހާ ގިނަ އިރަކު އެ ހިލައިގެ ތެރޭގައި ހަރުލައްވާފައި ބެހެއްޓުމެވެ.

މި ޒާތުގެ މަރުމަރު ހިލައަކީ ކުރިން ވެސް ދެންނެވި ފަދައިން، އިރުގެ އަތްވާއި އަލިކަން އޭގެ އެތެރެ އަށް ވަދެގެން ނުދާ އެއްޗެކެވެ. އޭގެ ބަދަލުގައި ވައިގެ ތެތްކަން (ހިއުމިޑިޓީ) އޭގައި ހަރުލަ އެވެ. މިހެންކަމުން ރޭގަނޑުގެ ވަގުތުގައި ހިލަތަކުގައި ހިފާފައި ހުންނަ ފިނިކަން ދުވާލުގެ ވަރަށް ގިނަ ވަގުތުތަކަށް ދެމި ހުރެ އެވެ. މިއީ ވެސް އަވިން ހިލަތަކަށް ލިބޭ ހޫނުކަން މަޑުކޮށްދޭ ސަބަބެކެވެ.

މައްކާގެ ހަރަމްފުޅުގައި ޖަހަން ގްރީކްގެ ތާސުސްގެ މަރުމަރު ހިލައިގެ ފަރުބަދައަކުން ހިލަ ކަނޑަނީ.

މި ހިލަތަކުގެ މަތީގައި ނަމާދުކޮށް ޠަވާފްކުރާ މީހުންނަށް އަތްވާއި ހޫނުން އުނދަގުލެއް އިހްސާސް ނުކުރެވެނީ، މަރުމަރު ހިލައިގެ މި ބާވަތުގައި އެކުލެވޭ މި ދެ ސިފައިގެ (ހޫނު ނުހިފެހެއްޓުމާއި ފިނިކަން ހިފެހެއްޓުން) ސަބަބުންނެވެ.

އޭގެ އިތުރުން މަރުމަރު ހިލަތައް ތަޅުމުގައި އަތުރާފައި ހުންނަނީ، އެ ހިލަތަކުގެ އަޑީގައި ހުދު ކުލައިގެ މަރުމަރު ހިލައިގެ ކުދިކުދި އެތިކޮޅުތަކެއް އަތުރައި އޭގެ މަތީގަ އެވެ. އަދި އެ ކުދި ހިލަކޮޅުތައް އަތުރާފައި ހުންނަނީ އެ ހިލަކޮޅުތަކުގެ ތެރޭގައި ވައި ދައުރުވާ ގޮތަށް ދުރުދުރު އެވެ.

މައްކާގެ ހަރަމްފުޅުގައި ޖެހުމަށް ގްރީކުން ގެނެސްފައިވާ ތާސުސް މަރުމަރު ހިލައިގެ ކޮޑިތަކެއް

މި ބާވަތުގެ މަރުމަރު ހިލައަކީ ވަރަށް މަދު އަދި އެހާމެ އަގު ބޮޑު އެއްޗެކެވެ. މައްކާގެ ޙަރަމްގައި ހުންނަ މިބާވަތުގެ ހިލަ ގެންނަނީ ގްރީކްގެ ރަށެއް ކަމަށްވާ ތާސޮސްގައި ހުންނަ މަރުމަރު ހިލައިގެ ފަރުބަދަތަކުން ކަނޑައިގެން ބޮޑެތި އެތިގަނޑުގަނޑުގެ ގޮތުގަ އެވެ. އެއަށް ފަހު ފަސް ސެންޓިމީޓަރުގެ ބޯމިނުގެ ފޮތިތަކެއްގެ ގޮތުގައި ހިލަތައް ކަފައި، ހަރަމްގައި ޖެހުމަށް ބޭނުންވާ ގޮތަށް ތައްޔާރު ކުރަނީ ސައޫދީގައި ހުންނަ ހާއްސަ ކާރުޚާނާއެއްގަ އެވެ.