އުރީދޫގެ ކާމިޔާބު 14 އަހަރު، ފަސް ޖެހުމެއް ނެތް

ދެހާހުގެ އަހަރުތަކުގެ ކުރީ ކޮޅު މޮބައިލް ފޯނެއް އަތުގައި އޮވެއްޖެ ނަމަ އެ މީހަކަށް ސަމާލުކަން ދެ އެވެ. އޭރު ސިމެއް ލިބެނީ 500 ވަރަކަށް ރުފިޔާ އަށެވެ. މިއީ އޭރުގެ ނިސްބަތުން ބޮޑު އަދަދެކެވެ. ސިމް ނެގުމުން ނިމުނީކީ ނޫނެކެވެ. ކޯލެއްގެ އަގު ބޮޑުވުމާ އެކު ގިނަ މީހުން މާ ގިނައިރަކު މޮބައިލް ފޯނުން ވާހަކައެއް ވެސް ނުދައްކަ އެވެ. ބުނެލަން ބޭނުން އެއްޗެއް އަވަހަށް ބުނެލާފައި ބާއްވަނީ އެވެ.


އެ ސަގާފަތް ބަދަލުކޮށްލީ ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް ޒަމާނީ ކުރިއެރުންތަކެއް ގެނެސްދިން އުރީދޫންނެވެ.

ރާއްޖޭގެ މުއާސަލާތީ ހިދުމަތުގެ އަގުތައް ކުޑަކޮށް، "ޑޭޓާ" އަކީ ކޮން އެއްޗެއްކަން ދިވެހިންނަށް އެންމެ ބޮޑަށް ކިޔައިދިން ކުންފުންޏަކީ އުރީދޫ އެވެ. އޮގަސްޓް 1، 2005 ގައި އުރީދޫން ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ ތެރެއަށް ވަދެ މިއަދާ ހަމައަށް އެ ކުންފުނިން ވަނީ ފަހުރުވެރިވުން ހައްގު ކުރިއެރުންތަކެއް ހޯދައިދީފަ އެވެ. އެ ބަދަލުތައް އޭރު ފެށީ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން ނަމަވެސް 2016 ގައި އުރީދޫއަށް ރީބްރޭންޑް ކުރި އެވެ.

އުރީދޫ މޯލްޑިވްސް އިން 2016 ވަނަ އަހަރު ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ތައާރަފް ކުރުމަށް ބޭއްވި މިއުޒިކް ނައިޓް ގެ ތެރެއިން-- މިހާރުފޮޓޯ:ނިޝާން އަލީ

އުރީދޫގެ ޑިރެކްޓަ، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުނިން ގިނަ ހިދުމަތްތަކެއް ތައާރަފްކުރި އިރު، ކަނޑައެޅި އަމާޒުތައް ވެސް ހާސިލް ކުރެވުނު ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދިނީ އަދި މިހާރު ވެސް ދެމުން އަންނަނީ ކަސްޓަމަރުންނަށް އެންމެ ފަސޭހަކާ އެކު ހިދުމަތްތައް ފޯރުކޮށްދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕާޓްނާ ޝޮޕެއް މިހާރު ހުންނާނެ. އެހެންވީމަ ޕާޓްނާ ޝޮޕުން ދޭ ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ވަރުގަދަ ކުރަމުން،" ނިޔާޒް ވިދާޅުވި އެވެ

ނިމިގެން ދިޔައީ ކާމިޔާބު އަހަރެއް

އުރީދޫން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރަން މިދިއަ އަހަރު ތައާރަފްކުރި ކަންކަން ގިނަ އެވެ. އަދި ސީއެސްއާރުގެ ދަށުން ވެސް މުހިންމު އެތައް ކަމެއް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ،

1. ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމް

2. ވައިބާގައި އުރީދޫ ނެސްޓް

3. މެސީއާ އެކު އެންޖޯއީ ދަ އިންޓަނެޓް ކެމްޕެއިން

4. ސުޕަނެޓް ބިޒްނަސް

5. ސީ އެމްބިއުލަންސް ހެލްތު މިނިސްޓްރީއަށް

6. އެލްޓީޑީ ރޯމިން ހިދުމަތް

ނިޔާޒް ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދުނިޔެއަށް އަންނަ އާ ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފް ކުރުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ފަހުކޮޅު އުރީދޫން 5ޖީ ހިދުމަތުގެ ޑެމޯއެއް ދެއްކި އެވެ. އަދި 5ޖީގެ ފޯނުތަކާ އެކު އުރީދޫން ފަސްވުމެއް ނެތި އެ ބާރުމިނުގައި ހިދުމަތް ދޭން ފެށޭވަރަށް ވަނީ ތައްޔާރުވެފަ އެވެ.

"5ޖީގެ ފޯނުތައް މާކެޓަށް ނެރުމުން ރާއްޖޭގައި އެ ހިދުމަތް ލިބޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ގްރޫޕުން މިހާރު ވަނީ ގަތަރާއި ކުވައިތުގައި 5ޖީ މޯބައިލް ޕްލޭންތައް ތައާރަފްކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސް 2017 ގައި ރާއްޖޭގައި ހިއްސާ ވިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތު ފޮޓޯ: ޝަރުހާން /މިހާރު

މިދިއަ 14 އަހަރު އުރީދޫން ކުރިއެރުން ހޯދަމުން ދިޔައީ ކާމިޔާބު ކުންފުންޏެއްގެ ނަމޫނާ މިސާލެއްގެ ގޮތުގަ އެވެ. އޭރު މޮބައިލްގެ ހިދުމަތުގައި ބޭނުންކުރި އެޖް އަދި ޖީޕީއާރްއެސް ޓެކްނޮލޮޖީ އާއި ޑޭޓާގެ ހިދުމަތް 2005 ގައި ރާއްޖޭގައި ފުރަތަމަ ތައާރަފްކުރީ އުރީދޫންނެވެ. މި ކުރިއެރުންތަކާ އެކު މޯބައިލް އިންޓަނެޓްގެ ސަގާފަތެއް ދިވެހިންގެ ތެރޭގައި އުފެދުނެވެ.

މުވާސަލާތީ ހިދުމަތާއި އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ގޮތުން ކަނޑު އަޑިން އިންޓަނޭޝަނަލް ކޭބަލެއް ރާއްޖޭގައި އެޅުމުގެ މަޝްރޫއު 2007 ގައި އުރީދޫން ފެށުމަކީ ވެސް، ޒަމާނީ އިންގިލާބެކެވެ. މިއީ ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭގެ އިތުރުން ރާއްޖޭގައި ފުރަތަމަ 3ޖީ ނެޓްވޯކާއި 2013 ގައިފުރަތަމަ ފަހަރަށް 4ޖީ ހިދުމަތް ދިވެހިންނަށް ފޯރުކޮށްދިނީ ވެސް އުރީދޫންނެވެ.

ތައުރީފު ހައްގު ކުރިއެރުންތަކެއް އުރީދޫން ހޯދަމުން އަންނަ އިރު 2015 ވާވޭ އީސީ މެކްރޯ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުމަކީ ވެސް އޭގެ ސަފުހާއެކެވެ. މިއީ ޒީރޯ ކާބަން ޕްރިންޓް ހިމެނޭ، މާލެ ފަދަ އާބާދީ ބޮޑު ސަރަހައްދެއްގައި ކަވާރޭޖް ފުރިހަމަކޮށްދޭ ޓެކްނޮލޮޖީއެކެވެ.

އުރީދޫން އައްޑޫ ސިޓީގައި ބޭއްވި ކަލަ ރަން --ފޮޓޯ:އުރީދޫ

އުރީދޫގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތަކުން މާލީ ގޮތުން ފުދުންތެރި ކުންފުންޏަކަށް ބަދަލުވެ، 2017 ގައި އާންމު ހިއްސާ ވިއްކުމަކީ، ދިވެހިންނަށް ހޯދައިދިން އިތުރު ފުރުސަތެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ ކުންފުންޏަކަށް ބަދަލުވެ، އުރީދޫ އިތުރަށް ފުޅާކުރަން ވަރަށް ބޮޑު ފުރުސަތެއް ހުޅުވާލި އެވެ. މިދިއަ އަހަރު 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ސާފު ފައިދާ 544 މިލިއަން ރުފިޔާއަށް އެރި އެވެ.

އުރީދޫގެ އެންމެ ހާއްސަ ސިފައަކީ ތައާރަފުކުރާ އާ ހިދުމަތްތަކެވެ. ދުނިޔޭގެ މޮބައިލް ބާޒާރަށް ނެރޭ އާ ހިދުމަތްތައް އުރީދޫން ރާއްޖެ ގެންނާނެ ދުވަހަކަށް ކަސްޓަމަރުން އިންތިޒާރު ކުރެ އެވެ. މިފަހުން ތައާރަފުކުރި އެފަދަ އެއް ހިދުމަތަކީ އީ-ސިމް އެވެ. ފިހާރައަކަށް ގޮސް ސިމެއް ގަތުމުގެ ބަދަލުގައި އުރީދޫ ކަސްޓަމަރުންނަށް މިހާރު ސިމް ޑައުންލޯޑް ކޮށްލެވެ އެވެ. މިވަގުތު އެ ހިދުމަތް ލިބެނީ ދުނިޔޭގެ ގާތްގަނޑަކަށް 30 ގައުމެއްގަ އެވެ. އުރީދޫގެ ގިނަ އަދަދެއްގެ ކަސްޓަމަރުން އީ-ސިމް ބޭނުންކުރެ އެވެ.

ޑޭޓާއަކީ އުރީދޫގެ އެއްޗެއް

އުރީދޫގެ ކަސްޓަމަރުންގެ އަދަދު 440،000 އަށް ވުރެ މައްޗެވެ. އޭގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިނނާއި ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތައް ވެސް ހިމެނެ އެވެ.

އުރީދޫގެ ޑިރެކްޓަ، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒް "މިހާރު" އަށް އިންޓަވިއުދެއްވަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު

ނިޔާޒު ވިދާޅުވީ މިހާރު ސާވޭއެއް ކޮށްލިޔަސް ޑޭޓާ ނުވަތަ އިންޓަނެޓްގެ ލީޑާއަކީ އުރީދޫކަން އެނގޭނެ ކަމަށެވެ. އެ ކުންފުނިން ހަދާ ސާވޭތަކުން ވެސް އެކަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަސްޓަމާ ބޭސްގައި ޑޭޓާ ބޭނުން ކުރާ ކަސްޓަމަރުން ވަރަށް ގިނަވާނެ. ގާތްގަނޑަކަށް 60 ޕަސެންޓް ކަސްޓަމަރުންނަކީ ޑޭޓާ ބޭނުންކުރާ ކަސްޓަމަރުން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުރީދޫގެ ނެޓްވޯކް ޑިޒައިންކޮށްފައިވަނީ ޑޭޓާއަށެވެ. ސްޕީޑަށް ވުރެ ބޮޑަށް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ރަނގަޅު އެކްސްޕީރިއެންސެއް ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.

މިކަން ހާސިލުކޮށްދޭން އުރީދޫގެ މުވައްޒަފުން ކެނޑިނޭޅި އަންނަނީ މަސައްކަތްކުރަމުންނެވެ. އެންމެ 50 އަކަށް މުވައްޒަފުންނާ އެކު ފެށި މަސައްކަތުގައި މިހާރު 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެ އެވެ. މި ހުރިހާ މުވައްޒަފުންގެ މަސައްކަތަކީ، ކަސްޓަމަރުންނަށް އެންމެ ފަހުގެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޔަގީންކަން ހޯދުމެވެ.

ރާއްޖޭގައި ދިމާވާ ލޮޖިސްޓިކް އުނދަގޫތަކާ އެކު އުރީދޫގެ ކުރިއެރުން ވަރަށް ފުޅަ އެވެ. އެ ކުންފުނިން އާ އަހަރަކަށް މަރުހަބާ ކިޔާ އިރު ކުރިއަށް އޮތީ ވެސް ކުރިއެރުމުގެ ދުވަސްތަކެކެވެ.