މި މޫނުގެ މަތިން ހަނދާން އެބަހުރިތަ؟

އައިޝަތު ޝަނާޔާ ޝަރީފް އޭ ބުނުމުން އެއީ ކޮން ކުއްޖެއް ކަން ނޭނގި ދާނެ އެވެ. އެކަމަކު އެ މޫނު ފެނުމާ އެކު އެއީ ކޮން ކުއްޖެއްކަން ނޭނގިދާނީ ވަރަށް މަދު މީހަކަށެވެ. އެއީ، މުޅި ރާއްޖެ ސިއްސުވާލި މޫނެކެވެ.


މިއީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުއްޖެކެވެ. އުފަންވި އިރު އޭނާގެ މޫނުމަތީގައި ހުރި ބޮޑު ލަފުގެ ސަބަބުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި އެވެ. ހަމަ އެއާ އެކު، އެ ލަފު ފޮހެލުމަށް ޓަކައި ކުރަން ޖެހޭ ބޮޑު އަދި އެހާމެ ނާޒުކު އޮޕަރޭޝަނަށް ފައިސާ ހޯދުމަށް ޓަކައި އޭނާގެ އާއިލާ އިން އޭރު ކުރި ކެމްޕޭން ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި ކެމްޕޭނަކަށެވެ.

ތިން އަހަރުގެ ޝަނާޔާ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ މީޑިއާތަކުން ވެސް ބޮޑު ސަމާލުކަމެއް ލިބުނު މި ކެމްޕޭނު ވަރަށް ކާމިޔާބެވެ. އޮޕަރޭޝަނަށް ފުދޭ ވަރަކަށް ފައިސާ އެއްކުރެވުނު އިރު، މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް އަހުމަދު ޝިޔާމް، ޝަނާޔާގެ އޮޕަރޭޝަނުގެ ހުރިހާ ހަރަދަކާ ވެސް ހަވާލުވެ ވަޑައިގަތެވެ.

އެހެންވެ، އޭގެ ފަހުން މިހާރު ތިން އަހަރު ވެގެން ދިޔައިރު މި ކުއްޖާ މިހާރު ކޮބައިތޯ އާއި އޮޕަރޭޝަން ކުރީތޯ، މިއީ ގިނަ ބައެއްގެ ސުވާލަކަށް ވާނެ ކަމެކެވެ. އަދި މިހާރު އެ ކުޑަ ކުއްޖާ ހުރީ ކިހިނެއްތޯ އާއި އެ ލަފު ހުރީ ކިހިނެއްތޯ ވެސް ގިނަ ބަޔަކު ދެކިލަން ބޭނުންވާނެ އެވެ. އެއީ ޝަޔާނާ އުޅޭ ދ. މީދު އަށް ވެސް ދާ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ.

ޝަނާޔާ އެންމެ ތުއްތު އިރު: މޫނުމަތީގައި ހުރި ލަފު އިތުރަށް ބޮޑު ނުވާ ކަމަށް އޭނާގެ ބައްޕަ ބުނޭ

"ޝަނާޔާގެ ހާލު ރަނގަޅު. އެކަމަކު އޮޕަރޭޝަނެއް އަދި ނުކުރަން،" އޭނާގެ ބައްޕަ އަހުމަދު ޝަރީފް ބުންޏެވެ.

އޮޕަރޭޝަން ކުރަން އޭރު ހުރިހާ ކަމެއް ހަމަ ޖެހުނު ނަމަވެސް ޝަނާޔާ ބެލި ޑޮކްޓަރު، އައިޖީއެމްޗުގެ އެސްއެމް ބާލާޖީ ބޭނުންވީ އަދި މަޑުކުރުމަށެވެ. ލަފު ހުރެގެން ރިސްކެއް ނެތުމުން އަދިވެސް ޑޮކްޓަރު ބޭނުން ވަނީ އޮޕަރޭޝަން ފަސް ކުރަން ކަމަށް ޝަރީފް ބުންޏެވެ.

ލަފު ހުރެގެން ޝަނާޔާގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިހާރު އޭނާ ސްކޫލަށް ދެ އެވެ. މިހާރު ވެސް ގިނަ ބަޔަކު އޭނާ ސިފަ ކުރަނީ ރީތި، ތަފާތު ކުއްޖެއްގެ ގޮތުގަ އެވެ.

ޝަރީފް ބުނީ އެންމެ ފުރަތަމަ ލިބުނު އެ އަންހެން ދަރިފުޅުގެ މޫނު ފެނުނު ވަގުތު ވަރަށް ދެރަވި ކަމަށެވެ. އެގޮތަށް މޫނު ހުރުމުން، މީހުން ދެކޭނެ ގޮތާއި ދަރިފުޅުގެ ކުރިމަގާ މެދު ހިޔާލުކޮށްލައި، އެ ގޮތަށް އޭނާގެ މޫނު ހުންނާކަށް ބޭނުމެއް ނުވި އެވެ. ލަފު ނައްތާލަން، އޮޕަރޭޝަން ކުރުމަށް ފައިސާ އެއްކުރަން ފެށީ ވެސް އެ ސަބަބާ ހެދި އެވެ.

ޝަނާޔާ: އުޅޭ އުޅުމުގައި އަދިި މީހުންގެ ފަރާތުން ވެސް އޭނާއަށް ތަފާތު ކަމެއް އިހުސާސް ނުވާ ކަމަށް އާއިލާއިން ބުނޭ

އެކަމަކު އޭނާ ހީކުރި ގޮތާ ހިލާފަށް މީހުން މާ ޕޮޒިޓިވް އެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޝަނާޔާ މުހާތަބު ކުރަން ފެށީ ރީތި މޫނެއް ލިބިފައިވާ ކުއްޖެއްގެ ގޮތުގަ އެވެ. އެހެންވެ، މީހުން ދަރިފުޅާ މެދު ދެކޭނެ ގޮތް ފަހުން އޭނާއަކަށް މައްސަލައަކަށް ނުވި އެވެ.

"އެކަމަކު އޭރު ބައެއް ޑޮކްޓަރުން ބުނި ގިނަ ދުވަސްވާ ވަރަކަށް ލަފު ފަހަރެއްގައި ކެންސަރަށް ބަދަލުވެދާނޭ. އެހެންވެ، އަޅުގަނޑުމެން އެހާ ބޮޑަށް ކެމްޕޭން ކުރީ ވެސް،" ދ. މީދުއަށް އުފަން، އަދި އެ ރަށު ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޝަރީފް ބުންޏެވެ.

ޝަނާޔާ އަށް މިހާރު ތިން އަހަރު ވެއްޖެ އެވެ. އެކަމަކު ލަފެއް އިތުރަކަށް ބޮޑެއް ނުވެ އެވެ. އެކަމަކު އެ ލަފުގައި، ބޮލުގެ އިސްތަށިގަނޑެކޭ އެއްގޮތަށް އިސްތަށި ދިގު ވާ ކަމަށް ބައްޕަ ބުންޏެވެ.

ޝަނާޔާ އޭނާގެ މަންމަ އާއި ބައްޕައާ އެކު

"ބޮލުގެ އިސްތަށި ހުންނަ ބޯމިނުމުގައި އަދި ހަމަ އެވަރަށް ލަފުގައި ވެސް އިސްތަށި ދިގުވޭ. އެހެންވެ، އަބަދުވެސް ކޮށާފައި ބަހައްޓަން ޖެހެނީ،" އޭނާ ބުންޏެވެ.

"އެ ނޫން ކަމެއް އޭގެ ސަބަބުން ނެތް."

އޭނާ ބުނީ ލަފާ ބެހޭގޮތުން ޝަނާޔާ ސުވާލު ނުކުރާ ކަމަށާއި އަދި އެންމެން ވެސް އެއަށް ހޭނިއްޖެ ކަމަށެވެ. އެހެންވެ، އޮޕަރޭޝަންކޮށްގެން، ލަފު ދުއްވާލުމުގެ ބޭނުމެއް ނެތް ކަމަށް ބައެއް މީހުން ދެކޭ ކަމަށް ޝަރީފް ބުންޏެވެ.

ޝަނާޔާ -- ފޮޓޯ: ފޮޓޯގްރަފީއިބްން

"މުޖުތަމައު ވަރަށް ޕޮޒިޓިވް. އެކަމަކު ކުރިއަށް އޮތްތަނުގައި ކަންތައްތައް ވާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އޮޕަރޭޝަން ކުރެވޭނެ ގޮތް މަގު އޮވެމެ، އެކަން ނުކުރީމައި ފަހުން ޝަނާޔާ ދެރަ ވެސް ވެދާނެ. އެހެންވެ، އަޅުގަނޑުމެން ބޭނުން އޭނާގެ މޫނު ރީތިކުރަން،" ދޮއްޓަށް އަދި ފިރިހެން ކުއްޖެއް ހުންނަ ޝަރީފް ބުންޏެވެ.

ޝަނާޔާގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ބާލާޖީ ހިޔާރު ކުރީ އޭނާގެ ކާމިޔާބު މަސައްކަތްތަކަށް ބަލާފަ އެވެ. އެހެން ޑޮކްޓަރުން އޭނާގެ އޮޕަރޭޝަން ކުރަން ބޭނުންވި ނަމަވެސް ޝަނާޔާގެ އާއިލާއިން ބަރޯސާވީ ބާލާޖީ އަށެވެ.

ޝަރީފް ބުނީ ކޮންމެ ތިން މަހަކުން ދަރިފުޅުގެ ފޮޓޯ ޑޮކްޓަރަށް ފޮނުވާ ކަމަށާއި އޮޕަރޭޝަން ކުރާނެ ދުވަހެއް އޭނާގެ އަތްމައްޗަށް ދޫކޮށްލުމަށް ޑޮކްޓަރު އެދިފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ރިސްކެއް އުޅޭނަމަ ވަގުތުން އޮޕަރޭޝަން ކުރާނެ ކަމަށް ބުނާ ކަމަށް ވެސް ޝަރީފް ބުންޏެވެ.

ޝަނާޔާ: އޮޕަރޭޝަން ކުރެވޭނެ ދުވަހެއް އަދި ނޭނގޭ

ލަފު ނަގައި، މޫނު މަތި ރީތި ކުރުމަށް ޝަނާޔާ ކުރަން ޖެހެނީ އާދަޔާޚިލާފު ބޮޑު އޮޕަރޭޝަނެކެވެ. ޑޮކްޓަރުން ބުނާގޮތުން ލަފުގެ ކޮންމެ ތަންކޮޅެއް ވެސް އޮޕަރޭޝަން ކުރަން ޖެހެނީ ވަކިވަކިންނެވެ. އެހެންވެ، އެކަމަށް ހޭދަ ވާނެ ހަރަދު އަންދާޒާކޮށްލަން ނޭނގޭ ކަމަށް ޝަރީފް ބުންޏެވެ.

ފައިސާގެ ގޮތުން ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާތީ ޚަރަދާ ދޭތެރޭ އޭނާ ހާހެއް ނުވެ އެވެ. އެކަމަކު ލަފު ނެތް ދަރިފުޅުގެ މޫނު ދެކިލަން އޭނާ ވެސް ހުރީ ކެތްމަދުވެފަ އެވެ.

"ލަފު ހުއްޓަސް ނެތަސް އަޅުގަނޑަކަށް މައްސަލައެއް ނެތް. އެކަމަކު ވަރަށް ދެކިލާ ހިތްވޭ ލަފު ނެތީސް ހުންނާނެ ގޮތް،" ޝަރީފް ބުންޏެވެ.