ކުއްލިއަކަށް "ސުޕަ ކޮމިޓީއެއް!"، މިއީ ކިހިނެއް ވާ ކަމެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ވެރިކަން ހިންގުމުގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން ދެއްކެވި އެއް ވާހަކަ އަކީ މިނިވަން މުއައްސަސާތައް ސަރުކާރުގެ "އަތް ދަށުގައި" އޮތުމުގެ ނުރައްކަލެވެ. ގާނޫނުއަސާސީންނާއި ގާނޫނުތަކުން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުން ޒިންމާ އަދާނުކޮށް "ފަހަތު ފަޔަށް" ބުރަވީ އެހެންވެގެން ކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަ ދެއްކެވި އެވެ.


މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެމްޑީޕީން ނުކުތީ "ކަތި ފިޔަވަޅުތަކެއް" އެޅި މިނިވަން މުއައްސަސާތައް އިސްލާހުކޮށް، މިނިވަން ކުރާށެވެ. މިހާރު ވެރިކަން ކުރާ ކޯލިޝަންގެ އިސް ބޭފުޅުން އެޖެންޑާގެ ލިސްޓުގެ ކުރީގައި ވެސް އޮތީ އެކަމެވެ. މުއައްސަސާތަކުގެ އިހުމާލުން، ރައްޔިތުންނަށް ލިބުނު އަނިޔާ އާއި ނާއިންސާފަށް، އިންސާފު ހޯދައިދީ ތަސައްލީއެއް ގެނައުމެވެ.

ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބުމުގެ އެއް ސަބަބަކީ ވެސް އެ އިސްލާހުތަކެވެ. އެކަމަކު މަޖިލިހުން މިހާރު ފެންނަ މަންޒަރު ތަފާތުވާން ފަށައިފި އެވެ. މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ބާރު އޮތް މަޖިލިހުން އަމަލުކުރަން އުޅޭ އުސޫލު ގޯސް ކަމަށް، އެމްޑީޕީގެ ތެރެއިންނާއި ބޭރުން ވެސް އެބަ ގަބޫލުކުރެ އެވެ.

މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި ވަޒީރުންނާއި ބޭރު ގައުމުތަކަށް ދިވެހި ސަފީރުން ކަނޑައެޅުމުގެ ޒިންމާއާ ހަވާލުވެފައި އޮތީ މަޖިލިހަށެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ފަދަ ބޮޑެތި މިނިވަން މުއައްސަސާތައް ހިމެނެ އެވެ.

މީގެ ކުރިން މަޖިލިހުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، މިނިވަން، މުސްތަގިއްލު ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރަން ޖެހުމުން އެކަން ފޮނުވަނީ ކަމާ ގުޅޭ ކޮމިޓީއަކަށެވެ. އެ ކޮމިޓީން ނަންތައް ދިރާސާ ކުރުމަށް ފަހު ރުހުން ހޯދަން މަޖިލިހުގެ ތަޅުމަށް ފޮނުވަ އެވެ. އެންމެ ފަހު މަރުހަލާއެއްގެ ގޮތުން ނަންތައް ފާސްކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލިހުގެ ތަޅުމުންނެވެ.

އެއާ ޚިލާފަށް މިހާރުގެ މަޖިލިހުން ކަން ކުރަން އުޅޭ ގޮތާ މެދު ސުވާލުތަކެއް އުފެދެ އެވެ. މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރަން ކޮމިޓީތަކަށް ލިބިފައިވާ ބާރަށް ވުރެ ބޮޑު ބާރެއް ލިބޭ ގޮތަށް "ސުޕަ ކޮމިޓީ"ގެ ނަމުގައި މުޅިން އާ ކޮމިޓީއެއް އުފައްދަން މަޖިލިހުގެ ގަވާއިދަށް ގެންނަ އިސްލާހުގެ ޑްރާފްޓެއް، ކުރީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ހުށައަޅުއްވައިފަ އެވެ.

ސުޕަ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ. ގެންނަން އުޅޭ މި ބަދަލާ ގުޅިގެން މަޖިލިހުގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން ބޮޑުވެފަ އެވެ. އެމްޑީޕީގެ ތެރޭގައި ވެސް އެ ހިޔާލު ތަފާތުވުން އެބަ އޮތެވެ. ޚާއްސަކޮށް، ސުޕަ ކޮމިޓީގެ ޗެއާއަކަށް މަޖިލިހުގެ ރައީސް ނަޝީދު އިންނެވުން ބައެއް މެމްބަރުންނަށް ގަބޫލެއް ނުކުރެއްވެ އެވެ.

ސުޕަ ކޮމިޓީގައި ކަމާ ނުބެހޭ މުގައްރިރުން ތިބުމަކީ މައްސަލައެއް ކަމަށް، ބައެއް މެމްބަރުން ދެކޭ --- ފޮޓޯ: މަޖިލިސް

މި އިސްލާހު، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕަށް ހުށައެޅުއްވީ ވެސް ނަޝީދެވެ. ހިޔާލު ތަފާތާ ބޭފުޅުންގެ ނަޒަރުގައި ނަޝީދު އުޅުއްވަނީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގގެ މަސައްކަތަށް އަތްގަދަ ކުރައްވާށެވެ.

އެކަމަކު އެމަނިކުފާނާ ދެކޮޅަށް ފާޅުގައި އެއްޗެއް ވިދާޅުވާން، އެމްޑީޕީގެ ގިނަ މެމްބަރުންނަކަށް ކެރިވަޑައެއްނުގަންނަވަ އެވެ. އެހެންކަމުން ނަޝީދު ހުށައެޅުއްވި އިސްލާހަކީ "އާ ގޮތެއް" ހޯއްދެވުމުގެ ފިޔަވަޅެއް ކަމަށް، ބައެއް މެމްބަރުން ވިދާޅުވެ އެވެ. ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ނަޒަރުގައި އިސްލާހު ގެންނަނީ މީގެ ކުރިން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގައި މަޖިލިހުގެ ކޮމިޓީތަކުން އަމަލުކޮށްފައި ހުރި ގޮތުން އެ މުއައްސަސާތައް ފެއިލްވުމުންނެވެ. އެހެންކަމުން އެ މަސައްކަތުގައި "އާ ގޮތެއް" ހޯދަން މަޖުބޫރުވެފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ފުށުއެރުންތަކެއް؟

ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އޮންނަ ގޮތުން މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު އެންމެ ފުރަތަމަ ދީފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީތަކަށެވެ. އޭގެ ފަހުގައި މަޖިލިހުގެ ތަޅުމަށް ނަންތައް ހުށަހަޅައިގެން ގޮތެއް ނިންމަން ޖެހެ އެވެ. މަޖިލިހުގެ ގަވައިދަށް އެންމެ ފަހުން ގެނައި އިސްލާހުގައި 17 ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި އިރު، މިނިވަން މުއައްސަސާތަކާ ގުޅޭ ކަންކަން ވަނީ އެކި ކޮމިޓީތަކަށް ބަހާލައިފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އައްޔަން ކުރުމުގެ ބާރު މާލިއްޔަތު ކޮމިޓީ އަށް ލިބޭ އިރު، ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮތީ ޖުޑިޝަރީ ކޮމިޓީ އަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން ކަނޑައެޅުމުގެ ބާރު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް އޮތް އިރު، މީރާގެ ވެރިން ކަނޑައެޅުމުގެ ބާރު އޮތީ އިގްތިސާދީ ކޮމިޓީތަކަށެވެ.

ދެން ބާކީ ހުރި މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

ކޮމިޓީއަކުން ކަމެއް ނިންމިޔަސް، އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް އަހަން ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައި އޮތީ ލާޒިމްކޮށްފަ އެވެ. މުގައްރިރުންނާއި ޕާޓީތަކުގެ ލީޑަރުން ހިމަނައިގެން ސުޕަ ކޮމިޓީއެއް ހެދީމަ ނުކުންނާނެ ގޯސް ނަތީޖާ ގޯސްވާނެ ކަމަށް، ބައެއް މެމްބަރުން ގަބޫލުކުރަައްވަ އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ މަޖިލިހުގެ ގަވައިދަށް އިސްލާހު ގެނެސްފި ނަމަ، އެއް ކަމެއް ކުރާ ތަފާތު ދެ ކޮމިޓީއެއް އުފެދޭނެ ކަމަށެވެ. ބައެއް ގާނޫނުތަކުގައި މިކަންކަން ކުރަން ޖެހޭނީ ވަކި ހާއްސަ ކޮމިޓީއަކުން ކަމަށް ބުނެފައި އޮތީމަ، ގާނޫނީ ފުށުއެރުންތަކެއް ވެސް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާހު ބުނާ ގޮތުން ޖަވާބުދާރީވާން ޖެހޭ ކޮމިޓީން އެކަމުގައި ގޮތެއް ނިންމައި މަޖިލިހަށް ފޮނުވީމަ މަޖިލިހުގެ ފްލޯ އިން ނިމުމުގެ ބަދަލުގައި އަނެއްކާވެސް މި ދަނީ ސުޕަ ކޮމިޓީ އަށް. އަނެއްކާ ސުޕަ ކޮމިޓީން ގޮތެއް ނިންމާފައި އަނެއްކާ ފްލޯ އިން ގޮތެއް ނިންމަން ޖެހޭނީ. އެހެންވީމަ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ ކަމާ ގުޅޭ ކޮމިޓީއަކީ ކޮބައި ކަމާ މެދު ސުވާލު އުފެދޭ،" އުޝާމް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ނަޝީދު: ސުޕަ ކޮމިޓީ އުފައްދަވަނީ ކަންކަން ރަނގަޅަށް ގެންދަން! --- ފޮޓޯ: މަޖިލިސް

މުޅިން އަލަށް މަޖިލިހަށް ހޮވިވަޑައިގެންނެވި އެމްޑީޕީގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސުޕަ ކޮމިޓީއެއް ހަދަން އުޅެނީ ހުރިހާ ބާރުތަކެއް ނަޝީދުގެ "މުށުތެރެއަށް" ލެއްވުމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މަޖިލިސް ކޮންޓްރޯލް ކުރަން ނަޝީދު އަޅުއްވާ ފުރަތަމަ ފިޔަވަޅެވެ. އަދި ފަހަރަކު ބާރެއް، އެމަނިކުފާނުގެ އަތްޕުޅަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ މަސައްކަތަށް ބަލާ އިރު، ފުރަތަމަ ގޮތެއް ނިންމަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން. އެއަށް ފަހު، މަޖިލިހުގެ ތަޅުމަށް ހުށަހަޅައިގެން ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވާނީ. ކޮމިޓީން ދިރާސާކޮށްގެން މަޖިލިހުގެ ތަޅުމަށް ގޮތެއް ނިންމަން އަލުން ފޮނުވަނީ،" އޭނާާ ވިދާޅުވި އެވެ.

"ޖޭއެސްސީގައި ގޮތް ނިންމަން މަޖިލިހުގެ ރައީސް އެބަ އިންނަވާ. އަނެއްކޮޅުން މަޖިލިހުގެ ކޮމިޓީ އަށް އައިމަ، ގޮތް ނިންމަވަން މަޖިލިހުގެ ރައީސް އެބަ އިންނަވާ. އަނެއްކާ އެ މައްސަލަ ފްލޯ އަށް އަންނަ އިރު، ރިޔާސަތުގައި އިންނަވަނީ ވެސް އެމަނިކުފާނު. މިއީ ޑިމޮކްޓަރިކް އުސޫލާ ފުށު އަރާ ކަމެއް."

އެކަމަކު މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމުގައި މުޅި މަޖިލިސް ޝާމިލް ކުރެވޭތޯ ބެލުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. އަދި އެކަން ކުރުމުގައި ހަމައެކަނި އެމްޑީޕީގެ ބައިވެރިވުން އޮންނަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމުން، އިދިކޮޅު މެމްބަރުން ކޮމިޓީއެއްގައި ތިއްބެވިޔަސް، އެއްވެސް ބާރެއް ނޯވެ އެވެ. އެހެންކަމުން ބައެއް މެމްބަރުން ގަބޫލުކުރައްވަނީ، މަޖިލިހުގައި ތިއްބެވި ސިޔާސީ އެހެން ލީޑަރުން ސުޕަ ކޮމިޓީގައި ހިމެނުނަސް، ނަޝީދު ބޭނުންފުޅުވާ ގޮތަށް ނޫން އެހެން ގޮތަކަށް ކަމެއް ނުނިމޭނެ ކަމަށެވެ.

މަޖިލިހުގައި ނަޝީދު ވިދާޅުވީ މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމަކީ ހަމައެކަނި މަޖިލިހުގެ އެއް ކޮމިޓީއަކުން ކުރާ ކަމަކަށް ވުރެ ބޮޑު މަސައްކަތެއް ކަމަށެވެ. މިނިވަން މުއައްސަސާތަކަށް މީހުން ނެގުމުގައި މަޖިލިހުން އަމަލުކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަން ކަށަވަރުކޮށް، ނަޒާހަތްތެރި މަޖިލިހެއްގެ ސިފަތައް ގަވައިދުގެ ތެރެއިން ފެންނަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އާ މަޖިލިހުގައި ގޯސްކޮށް މާކްސް ދިން"

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ހުރިހާ ބޯޑުތަކެއް ފެއިލްވެފައިވާ ކަމަށެވެ. ހުރިހާ ތަނަކަށް މެމްބަރުން އައްޔަންކުރީ ސިޔާސީ ވިސްނުންތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނީ 17 ވަނަ މަޖިލިސް، 18 ވަނަ މަޖިލިސް އަދި 19 މަޖިލިސްގައި މާކްސް ދީފައި ހުރީ އެމީހަކު ހޮވަން ބޭނުންވި މީހަކަށް މަތީ މާކްސް ދީފައި. މިކަމާ ހުރެ ހުރިހާ މިނިވަން މުއައްސަސާތަކެއް ފެއިލް ވަނީ. އެހެންވެގެން އެހެން ގޮތެއް ހޯދަންވީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ގާބިލް، ނަޒާހަތްތެރި ބަޔަކު ހޮވަން ބޭނުން ނަމަ، ޕޮއިންޓް ދޭ ގޮތް ވެސް ބަދަލުކުރެވިދާނެ ކަމަށެވެ. އަދި ނަޝީދާއި އޭނާ މަސައްކަތް ކުރައްވަނީ މިނިވަން މުއައްސަސާތަކަށް އެންމެ ރަނގަޅު އަދި އިންސާފުވެރިކޮށް މީހުން ހޮވަން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑާއި ނަޝީދު ބޭނުންވެގެން އުޅެނީ އަމިއްލަ ކަމެއް ނޫން. އިންސާފުވެރިކަމާ އެކީގައި ރަނގަޅު މީހާ އެ ތަނުގައި ބައިންދަން. ނަޝީދު ވެސް، އަޅުގަނޑު ވެސް ބޭނުމެއް ނޫން ގޯސް މީހެއް އެތަނަށް އަންނަން. އެހެންވީމަ އަޅުގަނޑުމެން މި ފާހަގަކުރަނީ ތަންކޮޅެއް ހަރުކަށިވާން ހިނގާށޭ،" އާޒިމް ވިދާޅުވި އެވެ.

"މާލެ އިން ޑިގްރީއެއް ހަދައިފި ނަމަ، ހުރިހާ މެމްބަރުން ދެއްވަން ޖެހޭނީ އެއް ވަރަކަށް މާކްސް. މާލެ އިން ޑިގްރީ ހަދާފައި ހުންނަ މީހުންގެ ތެރެއިން އެކި މީހުންނަށް އެކި މާކްސްއެއް ނުދެވޭނެ."

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގެ ކުރިން ނަޒާހަތްތެރި ކަމަށް މާކްސް ދެމުން އަންނަ އިރު، އެ ނަޒާހަތްތެރިކަން މިނާނީ ކޮން ގޮތަކުންތޯ ވެސް އާޒިމް ސުވާލު ކުރެއްވި އެވެ. ނަޒާހަތްތެރި މީހެއްތޯ ބެލުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ އާއިލާ އާއި ރައްޓެހިންނާއި މަސައްކަތް ކުރި ތަންތަނުގެ ވެރިން ގެނެސްގެންނެވެ. ޕޮލިސް ރިކޯޑާއި ކޯޓުތަކުގައި މައްސަލައެއް އޮތްތޯ އާއި ފޭސްބުކާއި ޓުވިޓާ ބަލައިގެން މީހެއްގެ ނަޒާހަތްތެރިކަން ނޭނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އުޝާމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ހޮވާ މެމްބަރުންގެ ކަންކަން ދެނެގަންނަން ޖެހޭ ކޮމިޓީތަކުގެ ބަދަލުގައި ކަމާ ނުގުޅޭ ކޮމިޓީތަކެއްގެ މެމްބަރުން ހިމެނޭ ގޮތަށް ސުޕަ ކޮމިޓީއެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"މިހާރު ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީތައް އެކުލަވާލާފައި ވަނީ. މަޖިލިހުގެ ހުރިހާ މުގައްރިރުންނާއި ލީޑަރުން ތިބޭ ހާއްސަ ކޮމިޓީއެއް އުފެއްދުމަކުން ޕާޓީތަކުގެ އިތުރު ބައިވެރިވުމެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" އުޝާމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި (ކ) ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި (މ) ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާޒިމްގެ ވާހަކަ އަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެއްވެސް މީހަކަށް ގޯސްކޮށް މާކްސް ދީފައި ނުވާނެ ކަމަށެވެ. އަދި ވަކިވަކި މެމްބަރުންނަށް މާކްސް ދިން ގޮތުގެ ތަފްސީލްތައް "އަކުރުން އަކުރަށް" ކިޔައި ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އިންޓަވިއު ޕްރޮސެސް ރަނގަޅު ކުރުމުގެ ނިޔަތުގައި ހާއްސަ ކޮމިޓީއެއް ހަދަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް އުޝާމް ވިދާޅުވީ އޭގެ ސަބަބުން ނުކުންނާނީ ގޯސް ނަތީޖާތަކެއް ކަމަށް ފާހަގަކުރައްވަމުންނެވެ.

ހަގީގަތަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާތަނަށް ކުރި ގިނަ މަސައްކަތްތަކެއް ކޮޅެއްގައި ނުޖެހި އޮތުމެވެ. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ނިންމައި މަޖިލިހުގެ ތަޅުމަށް ގޮތެއް ނިންމަން ފޮނުވާލުމުން މަޖިލިހުގެ ކޮމިޓީން ރިޕޯޓު ބާތިލްކުރީ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންތަކެއް ވަކިކުރަން ކޮމިޓީން ނިންމި ރިޕޯޓު އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަން ކުރުމަށް އިންޓަވިއު ކުރުމުގެ ޕްރޮސެސް އޮތީ ހުއްޓުވައިފަ އެވެ.

"ވަކިވަކި މީހުންނަށް ދިން މާކްސްތައް އެ ހުރީ. މާކްސް ދިނީ ކީއްވެކަން އަޅުގަނޑު ޖަވާބުދާރީވާނެ ފެންވަރު އެބަހުރި. އެހާ ވެސް ހުޅުވާލެވިގެން ކުރިއަށް ގެންދިޔައީ. ޕްރޮސެސްގައި މައްސަލައެއް އުޅޭ ނަމަ މައްސަލަ ކިޔައިދޭންވީ،" މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރަކަށް ހުންނެވި އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައިަ ނަޝީދަށް ވަކި މީހެއްގެ މައުލޫމާތު އެނގިވަޑައިގަންނަވާނީ ކޮމިޓީއަކުން ދިރާސާކޮށްގެން ފޮނުވީމަ އެވެ. އެހެންކަމުން ނަޝީދަށް ކޮމިޓީތަކުގެ މަސައްކަތްތަކަށް ސީދާ ބާރެއް ނޯވެ އެވެ.

"އެކަމަކު މިހާރު ވާން އުޅޭ ގޮތުން އޮންނާނެ މުޅި އެތި ކޮންޓްރޯލް ކުރުމުގެ ބާރު،" އަމިއްލަ ގޮތުން މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން ހޮވުމާއި ވަކިކުރުމުގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރާ އޮތީ ކޮން ގުޅުމެއްތޯ، އޭނާ ސުވާލުކުރެއްވި އެވެ.

"ފަނޑިޔާރުން ވަކިކުރުމުގައި އިޖުތިމާއީ ކޮމިޓީގެ މުގައްރިރު [ސުޕަ ކޮމިޓީގައި] އިނުމުގެ ބޭނުމެއް ކޮބައިތޯ؟ އެއީ ޖުޑިޝަރީ ކޮމިޓީން ބަލަހައްޓާ ކަމެއް ނޫންތޯ؟" އެ މެމްބަރު އިތުރު މިސާލުތަކެއް ދައްކަވަމުން ވިދާޅުވި އެވެ.

ނަމަވެސް އާޒިމް ތަކުރާރުކޮށް ވިދާޅުވީ މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގައި އެހެން ކޮމިޓީއެއް ހަދަން ތާއީދުކުރައްވާފައި ނުވާނެ ކަމަށެވެ. އެކަމަކު ކޮމިޓީތަކުން އިންޓަވިއު ކުރުމާއި މާކްސް ދިނުމުގައި އެހެން ގޮތެއް ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި ސުޕަ ކޮމިޓީ ނެގުމާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ދެބަސްވުންތަކެއް އެބަ ހުއްޓެވެ. އެކަމަކު އެމްޑީޕީއަކީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ކަންކަން ހައްލު ކުރާނެ ޕާޓީއެއް ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.