އެޑަމް: ބަހާއި އަމަލުން ވެސް ތިމާވެށީގެ ޒުވާނެއް!

ކޮފީތަކަށް އޭނާ ދަނީ ފެން ފުޅި ހިފައިގެންނެވެ. އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކާ ދުރުވުމަށް އޭނާ އަބަދުހެން އުޅެނީ ގިނަ ފަހަރު ބޭނުންކުރެވޭ ފުޅިއަކަށް ފެން އަޅައިގެންނެވެ. ދިވެހި އެހެން ޒުވާނުންނެކޭ އެއްގޮތަށް އޭނާއަކީ ވެސް ސޯޝަލް މީޑިއާގައި އެކްޓިވް މީހެކެވެ. ނަމަވެސް އޭނާގެ ހުރިހާ ޕޯސްޓެއް ކަހަލަ ގޮތަކަށް ގުޅިފައިވާނީ ތިމާވެށީގެ ކޮންމެވެސް ކަމަކަށެވެ. މީހުން ހޭލުންތެރިކުރުވުމަށެވެ. ނޫނީ ގުދުރަތީ ރީތި މަންޒަރެކެވެ.


މިއީ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާ އެކްޓްވިސްޓް އަބްދުﷲ އާދަމް (އެޑަމް)، 30، ގެ ވާހަކަ އެވެ. ގިނަ ބަޔަކަށް އޭނާ އެނގޭނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެންމެ ގަދަ އެއް އަޑުގެ ގޮތުގަ އެވެ.

ތިމާވެއްޓާއި އެޑަމްގެ ވާހަކަ ފެށެނީ ޅަދުވަހުގެ ހަނދާންތަކުންނެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން އެޑަމް އުޅެބޮޑުވީ ގުދުރަތީ ރީތި މާހައުލުތަކުގަ އެވެ. އޭނާގެ ގެ ހުންނަނީ ކުޅުދުއްފުށީ ކުޅި ސަރަހައްދުގަ އެވެ. އެއީ ކަނޑޫފާ ބޮޑު، ރީތި ކުޅިއެކެވެ. އެދިމާލުގައި އޮންނަ ހޭޅިއަކީ ވެސް ގަސްގިނަ ސަރަހައްދެކެވެ. އޭނާގެ ޅަދުވަހު ގިނަ ވަގުތުތަކެއް އެ ސަރަހައްދުގައި ހޭދަކުރި އެވެ.

އެޑަމް ގަސްތަކެއްގެ ހިޔަލުގައި: ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަކީ އޭނާގެ ލޯބި -- ފޮޓޯ: އެޑަމް ފޫސްބުކް

"ގަސްތަކުގެ ތެރޭގައި އުޅެ، އެތަންތަނުގައި ގެ އަޅައިގެން އުޅުނީ. ފޮތް ކިޔަނީ ވެސް ގަސްތައް މަތީ. ހޯމްވޯކް ހަދަން ވެސް އޭރު ދަނީ އެ ސަރަހައްދަށް. އޭރަކު ނޭނގޭ މިއީ ކިހާ ލަގްޒަރީ ކަމެއްކަމެއް،" ކުޑައިރުގެ ހަނދާންތައް ކަޔައިދެމުން އެޑަމް ބުންޏެވެ.

ގިނަ ބަޔަކަށް އެޑަމް އެނގުނީ އެ ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ. ޅަދުވަހުގެ ހަނދާންތަކާ ގުޅިފައިވާ ކުޅި ހިއްކުމާ އެޑަމް ދެކޮޅުހެދީ އެއީ އެ ރަށުގެ ތިމާވެއްޓަށް މުހިންމު ގުދުރަތީ ވަސީލަތަކަށް ވާތީ އެވެ. ރަށުގެ ދިރުމަށްޓަކައި އެތަން ހިމާޔަތްކޮށްފައި ބާއްވަން ޖެހޭތީ އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމު ހާސިލްކުރި އެޑަމް ސްކޫލު ދައުރުގައި ވެސް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅުނެވެ. އެންވަޔަރަމެންޓް ކުލަބްގެ ހަރަކާތްތަކުގައި ބައިވެރިވި އެވެ. އޭރުވެސް އެންމެ ޝައުގުވެރިކަމާ އެކު އޭނާ ކުރި އެއް ކަމަކީ ސްކޫލުގެ އެކި ތަންތަނުގައި ގަސް އިންދުމެވެ. ޖަލާލުއްދީން ސްކޫލުން އޭ ލެވެލް ހެދިއިރު އެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންކަން ކުރި އެޑަމް އޭރުވެސް އިސްކަން ދިނީ ތިމާވެށީގެ ކަންކަމަށެވެ. އަދި އެއީ ތިމާވެއްޓަށް އޭނާ ލޯ ހުޅުވެން ފެށި ދުވަސްވަރެވެ.

"އޭރު ބައިލޮޖީ އާއި އެހެން މާއްދާތައް ކިޔެވިއިރު ބޮޑަށް އެނގެން ފެށީ ތިމާވެށީގެ ކަންކަން. އެ ހިސާބުން ވަރަށް ޝައުގުވެރިވި،" ތިމާވެށީގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަން ނިންމި ސަބަބު ކިޔައިދެމުން އެޑަމް ބުންޏެވެ.

އެޑަމް އެމެރިކާގައި މާސްޓާސް ހާސިލްކުރުމަށް ފަހު: އޭނާ އަކީ ތިމާވެށީގެ ހިމާޔަތުގައި ނަމޫނާ ދައްކާ ޒުވާނެއް-- ފޮޓޯ: އެޑަމް ފޭސްބުކް

އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީން މީގެ އަށް އަހަރު ކުރިން ބެޗްލާސް އޮފް އާޓްސް ހާސިލްކޮށް ތިމާވެށީގެ ސައިންސްގެ ދާއިރާއިން އޭނާ ވަނީ މަތީ ތައުލީމު ހޯދައިފަ އެވެ.

"ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމު ކަމާއި ހުރި މައްސަލަތަކާ އެކަހަލަ ވަރަށް ގިނަ އެއްޗެހިތަކެއް އެނގުނު އެކޮޅުން [އޮސްޓްރޭލިއާ އިން] ކިޔެވި އިރު،" ޓްވިޓާގައި ތިމާވެށީގެ މައްސަލަތަކަށް ގިނަ ބަޔަކު ހޭލުންތެރިކުރަމުން އަންނަ އެޑަމް ބުންޏެވެ.

ކިޔަވައި ނިންމައިގެން 2014 ގައި އެނބުރި ރާއްޖެ އައިސް އޭނާ ގިނަ ވަގުތުތަކެއް ހޭދަކުރީ ތިމާވެށީގެ އެކި މަސައްކަތްތަކުގަ އެވެ. އެކި ރަށްރަށަށް ދަތުރުކޮށް ގަސް އިންދުމާއި ތަންތަން ސާފުކުރުމުގަ އެވެ. އަދި ތިމާވެއްޓަށް އާންމުން ހޭލުންތެރިކުރަން ވަރަށް ބޮޑު އިސްކަމެއް ދިނެވެ. ޔޫއެންޑީޕީގެ ޕްރޮޖެކްޓެއްގައި ވަޒީފާ އަދާކުރިއިރު ޓޫރިޒަމްއާ ގުޅޭ ދާއިރާއިން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް އާންމުންގެ ލޯ ހުޅުވައިދޭން ބުރަކޮށް އުޅުނެވެ.

އެޑަމްގެ އަޑު ސޯޝަލް މީޑިއާގައި ގަދަވެގެން ދިޔައީ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް އޭނާ ފެށި މަސައްކަތްތަކުންނެވެ. އެކަމުގެ ނުރައްކާތެރިކަން ބުނެދީ އާންމުން ހޭލުންތެރިކުރަން އޭނާ ވަނީ ސޯޝަލް މީޑިއާގައި އެތައް ކެމްޕެއިނެއް ހިންގައިފަ އެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެކި ފަރާތްތަކާ އެކު ސަރުކާރަށް ގިނަ ޕްރެޝާތަކެއް ވެސް ކުރިމަތިކުރުވި އެވެ.

އެކުވެރިންތަކަކާ އެކު އެޑަމް ރާއްޖޭގެ ކުޅިއެއްގެ ހިތްގައިމުކަން އިހުސާސްކުރަނީ

ހަމައެކަނި ކުޅީގެ މައްސަލައެއް ނޫނެވެ. ރާއްޖޭގެ ރަށްރަށުން ރުއްގަސް ނަގައިގެން ރިސޯޓްތަކަށް ގެންދާ މައްސަލާގައި ވެސް އެޑަމްގެ އަޑު ގަދަ އެވެ. ސޯޝަލް މީޑިއާގައި އެފަދަ ކަންކަން ހާމަކުރުމުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކަށް އެކަންކަން ހުށަހަޅާފައިވެ އެވެ. މުއައްސަސާތަކުގެ ޒިންމާތައް ބުނެދީ ނުކޮށް ހުންނަ ކަންކަން ހާމަކުރަން ފެށި އެވެ.

"އަސްލު ބޭނުންނުވީ ތަން ހަލާކުވާއިރު ސައިލެންޓްކޮށް ހުންނަން. އެހެންވެ [ތިމާވެށީގެ] އެކްޓްވިސްޓެއް ގޮތަށް ފާޅުގައި ނުކުތީ،" އެޑަމް ބުންޏެވެ.

ދާދި ފަހުން އޭނާ ވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އެންވަޔަރަމެންޓް ޕޮލިސީގެ ދާއިރާ އިން އެމެރިކާގައި މާސްޓާސް ހަދައިފަ އެވެ. އޭނާ އެނބުރި ރާއްޖެ އައީ ދާދި ފަހުންނެވެ. އެޑަމް ދެން ވެސް ކުރިއަށް ދާނީ ތިމާވެއްޓަށް ހިދުމަތް ކުރުމުގެ މަސައްކަތުގަ އެވެ. އޭނާ މިވަގުތު ހުރީ އެފަދަ ވަޒީފާއެއްގެ އިންތިޒާރުގަ އެވެ.

"ކޮމިއުނިޓީއާ އެކު މަސައްކަތް ކުރެވޭނެ ވަޒީފާއެއްގައި އުޅެން ބޭނުމީ،" އެޑަމް ބުންޏެވެ.

ކުޑައިރު ވަގުތު ހޭދަކުރި ހިތްގައިމު ސަރަހައްދު މިހާރު ނެތަސް، ރާއްޖޭގެ އެފަދަ ގުދުރަތީ ރީތިކަން ހިމާޔަތްކުރަން ދުވަހަކު ވެސް އޭނާގެ އަޑު މަޑެއް ނުވާނެ އެވެ. އޭނާގެ ޒުވާންކަމުގެ ލޭ އުތުރިއަރަނީ ރާއްޖޭގެ ތިމާވެށީގެ ދިރުން ދެމެހެއްޓުމުގެ ވިސްނުންތަކުގަ އެވެ. އޭނާގެ ލޯތްބަކީ ވެސް އެ އެވެ.