އަޒޫ، ތެލެސީމިއާ އާއިލާއަށް ގެނެސްދިން އުއްމީދު

ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް މިދިޔަ ދެ މަސް ދުވަސް މި ދަނީ ވަރަށް ހިތާމަވެރިކޮށެވެ. އެއް އާއިލާއެއްގެ ގޮތުގައި އުޅޭ އެ ކުދިންގެ ތެރެއިން ނުވަ ކުއްޖަކު ކައިރިކައިރީގައި މަރުވެއްޖެ އެވެ. އެކަމަކު އެ އާއިލާގައި ހިމެނޭ އައިމިނަތު އަޒްލާ، އަލަތު ދަރިފުޅު ވިހެއުމާ އެކު، އުއްމީދުތަކެއް ގެނެސްދީފި އެވެ.


ތެލެސީމިއާ ބަލީގެ ކުދިން ވިހެއުމަކީ އާއްމު ކަމެއް ނޫނެވެ. ލޭ އަޅާ މީހަކު ރާއްޖޭގައި އެންމެ ފުރަތަމަ ބައްޕައަކަށް ވީ ވެސް މީގެ ދިހަ ވަރަކަށް އަހަރު ކުރިންނެވެ. އަދި އެ ބަލީގެ އަންހެނަކު އެންމެ ފުރަތަމަ ވިހެއީ މީގެ ދެ އަހަރު ކުރިން، 2017 ގަ އެވެ. އަޒޫ އަކީ، އޭގެ ފަހުން ވިހެއި ފަސް ވަނަ މީހާ އެވެ. އެހެންވެ، މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އޭނާ ގެނެސްދިން އުފާވެރި ހަބަރުން ތެލެސީމިއާ ކުދިންގެ އާއިލާ ވަނީ ފޮޅިފަ އެވެ.

"އަޅުގަނޑުމެންނާ އެކީ އުޅޭ ލޭ އަޅާ ގިނަ ކުދިން ގަބޫލެއް ވެސް ނުކުރާނެ ބަލިވެ އިނދެދާނެ ކަމަކަށް. އެކަމަކު އެއީ ނުވާނެ ކަމެއް ނޫންކަން އެ ކުދިންނަށް މިއަދު އެނގޭނެ. އެހެންވެ މިއީ އެ ހުރިހާ ކުދިންނަށް ވެސް ލިބުނު އުއްމީދެއް ކަންނޭނގެ،" އަޒޫ ބުންޏެވެ.

އަޒޫގެ ދަރިފުޅު: ދެމައިންގެ ހާލު ވެސް ރަނގަޅު

އއ. ތޮއްޑުއަށް އުފަން އުމުރުން 25 އަހަރުގެ އަޒޫ ކައިވެނި ކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ގަވައިދުން ލޭ އަޅައި، ދޭން ޖެހޭ ފަރުވާތައް ހޯދާފައިވުމުން މިހާތަނަށް އޭނާއަށް ސިއްހީ ގޮތުން މާ ބޮޑު މައްސަލައެއް ދިމައެއް ނުވެ އެވެ. ބަލިވެ އިނުމުގެ ފުރުސަތު އޮތް ކަމަށް، ކުރިން ވެސް ޑޮކްޓަރުން އޭނާ ގާތު ވަނީ ބުނެފަ އެވެ. އެހެންވެ ކައިވެނިކޮށްގެން ދަރިން ހޯދުމަކީ އަޒޫ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ.

އެކަމަކު ލޭ އަޅާ މީހަކަށް ވެ ހުރެ، ބަލިވެ އިނުމާ ގުޅިގެން އޭނާ އުފުލަން ޖެހުނު ތަކުލީފުތައް ގިނަ އެވެ. އަޒޫ މީގެ ކުރިން ލޭ އެޅީ މަހަކު ދެ ފަހަރު، ދެ ޕައިންޓެވެ. އެކަމަކު ބަލިވެ އިނުމަށް ފަހު ފުރަތަމަ ފަސް މަހުގެ ތެރޭގައި ދެ ދުވަހުން އެއް ދުވަހު، ކުރިއަށް ވުރެ ގިނައިން ލޭ އަޅަން ޖެހުނެވެ. އޭގެ ފަހުން ކޮންމެ ހަފުތާއަކު ވެސް ލޭ އެޅި އެވެ.

"ކުއްލިއަކަށް މާ އަވަސް އަވަހަށް ލޭ އަޅަން ޖެހުމުން ވަރަށް އުނދަގޫވި. ލޭގައި ހުންނަ ދަގަނޑުގެ ބައި ވެސް ވަރަށް މަތިވި. އެއީ ކުރިމަތިވި ރިސްކެއް. އެކަމަކު ޑޮކްޓަރުން ޔަގީންކަން ދިން އަޒޫއަށް ވާނެކަން،" ތޮއްޑޫ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އަޒޫ ބުންޏެވެ.

ބަނޑަށް ފަސް މަސް ވާންދެން އޭނާ ލޭ އެޅީ ތެލެސީމިއާ ސެންޓަރުންނެވެ. އޭގެ ފަހުން ދެން ހިދުމަތް ހޯދަން ޖެހުނީ އައިޖީއެމްއެޗުންނެވެ.

އަޒޫ ބަލިވެއިން އިރު އޭނާގެ ފިރިމީހާއާ އެކު

އަޒޫ ބުނިގޮތުގައި މާބަނޑު ދުވަސްވަރު އޭނާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ. ވިހާނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް އެންމެ ފަހު ވަގުތު ޖެހުނީ އޮޕަރޭޝަން ކުރާށެވެ. އެކަމަކު ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

"ލޯބިލޯބި އަންހެން ކުއްޖެއް ލިބުނީ. ހަމަ ނޯމަލް ބޭބީއެއް. އަލްހަމްދުލިއްލާހި،" އަޒޫ ބުނެލި އެވެ.

ފަރުވާ ހޯދާ ނަމަ ދަރިން ހޯދާކަށް އުނދަގުލެއް ނުވާނެ

ތެލެސީމިއާ ބީޓާ މޭޖަރުންނަށް ދަރިން ލިބުމަކީ ވަރަށް މަދުން ވާ ކަމެއް ނަމަވެސް، ގަވައިދުން ފަރުވާ ހޯދާ ނަމަ މިއީ އުނދަގޫ ކަމެއް ވެސް ނޫނެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވި ގޮތުގައި ތެލެސީމިއާ ކުދިން ގަވައިދުން ލޭ އަޅައި ބޭސް ބޭނުން ކުރާ ނަމަ ހަމަ އާދައިގެ ދިރިއުޅުމެއް އުޅެވިދާނެ އެވެ. ދަރިމައިވުމުގެ ފުރުސަތު ވެސް ހަމަ އެހެން މީހުންނެކޭ އެއް ވަރަށް އެބަ އޮތެވެ. ނަމަވެސް އެކަމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ބޭހަށް ފަރުވާ ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިން އާއްމު ގޮތެއްގައި މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ލޭ އަޅަން ޖެހޭއިރު، އޭގެ ސަބަބުން އިތުރުވާ ދަގަނޑުގެ ބައި ކުޑަކުރަން ޑެސްފަރޯލް ގުޅައި ބޭސް ކާން ޖެހެ އެވެ.

ތެލެސީމިއާ ކުއްޖެއްގެ ގަޔަށް ލޭ އަޅަން ތައްޔާރުވަނީ

ޑރ. އުމަރު ވިދާޅުވީ ގަވައިދުން ބޭސް ބޭނުން ނުކުރާ ނަމަ، ކުއްޖާ ފުރާވަރަށް އަރައިގެން އަންނައިރު ހަށިގަނޑުގެ ގުނަވަންތައް ރަނގަޅަށް ބޮޑުނުވެ ނުވަތަ ބަދަލުތައް ނާންނަ ކަމަށެވެ. އެއީ ދަރިމައިވުމަށް އެޅޭ ހުރަހެކެވެ. ލޭ އަޅާއިިރު އުފެދޭ ކެމިކަލްތަކުގެ ސަބަބުން، ގުދުރަތީ ގޮތުން އެ ބަދަލުތަކެއް ކުއްޖާގެ ހަށިގަނޑަށް ނާންނާތީ، ކެމިކަލްގެ އަސަރު ކުޑަކުރުމަށް ބޭސް ބޭނުން ކުރުން ކޮންމެހެން ވެސް މުހިއްމެވެ.

އެކަމަކު އެ ފަރުވާތައް މިހާރު ލިބެން ހުންނައިރު ވެސް ކުދިން ގަވައިދުން ބޭސް ބޭނުން ނުކުރާ މައްސަލަ ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. އުމަރު ވިދާޅުވީ ތެލެސީމިއާ ކުދިން ދަރިމައިވުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އޭގެ ސަބަބުން އެ ކުދިންނާ ކައިވެނިކުރުމަށް ދެކޮޅު ހެދުމުގެ ވިސްނުން މިހާރު ވެސް ބައެއް މީހުންގެ ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން، ބޭސް ނުލިބޭތީ ދަރިމައިވުމަކީ އުނދަގޫ ކަމެއް. އެކަމަކު މިހާރު އެ ކުދިންނަށް ވެސް ނޯމަލް ލައިފެއް އުޅެވި، ދަރިން ހޯދިދާނެކަން މި ސާބިތުވަނީ ނޫންތޯ؟" ޑރ. އުމަރު ވިދާޅުވި އެވެ.

"މިފަދަ ކުދިން ވިހެއުމަކީ [ތެލެސީމިއާ] ޔަންގް ޖެނެރޭޝަނަށް ލިބޭނެ ވަރަށް ބޮޑު އުއްމީދެއް."

އަޒޫ އޭނާގެ މަންމައާ އެކުގައި: ފަރުވާ ދިނުމުގައި މަންމަގެ ދައުރު ބޮޑު ކަމަށް އޭނާ ބުނޭ

އަޒޫ ބުނިގޮތުގައި ގަވައިދުން ފަރުވާ ހޯދުމަށް އޭނާ ކުރީ އުނދަގޫ ދަތުރެކެވެ. ރަށެއްގައި އުޅޭތީ ކުރީގައި ކޮންމެ ފަހަރަކު ލޭ އަޅަން އަންނަން ޖެހެނީ މާލެ އަށެވެ. ކިތަންމެ ވިއްސާރަޔަސް އެއީ ދިރިހުރުމަށް އޭނާ ކުރަން މަޖުބޫރު ދަތުރެކެވެ. ކުޑައިރު، ލޭ އެޅުމަށް އަނގަމަތީ މަސް ދޯނި ފަހަރުގައި މަންމަ އޭނާ ގޮވައިގެން މާލެ އަ އެވެ. ބޮޑުވެ، އަމިއްލައަށް ދިރިއުޅެން ފެށުމުން ވެސް، ފަރުވާތަކަށް އޭނާ އިސްކަންދިނެވެ. މިއަދު އޭގެ ނަތީޖާ ފޮންޏެވެ.

"މިއަދު އެންމެ ބޮޑު ޝުކުރެއް އަދާ ކުރަން ބޭނުންވަނީ މަންމައަށް. އަޅުގަނޑާ މެދު އުއްމީދު ކަނޑާނުލައި އެ ފަރުވާތައް ހޯދައިދިނީތީ. އަދި ހަމަ އާދައިގެ މީހެއް ކަމަށް ދެކިގެން، ފިރިމީހާ އާއި އޭނާގެ އާއިލާއިން އަޅުގަނޑު ބަލައިގަތީވީ ވެސް ޝުކުރުވެރިވަން."

ތެލެސީމިއާ އާއިލާއަށް އަޒޫ ގެނެސްދިން އުފާވެރި ޚަބަރުގެ އަގު ވަރަށް ބޮޑެވެ.