އީދުގެ ކުލައާ އެކު ބައެއް މީހުން ރަތަށް!

މިއީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެކެވެ؛


"...ފިހާރައެއްގެ ކަންމަތީ ހުއްޓާ އައިސް ކުލަ ޖަހައިފި. އަނބިދަރިން ގޮވައިގެން މަގުމައްޗަށް ނިކުމެވޭކަށް ނެތް. މިޒާތުގެ އާއްމު އުނދަގޫ ފުލުހުން ހުއްޓުވަން ޖެހޭ."

ރުޅިގަދަވެގެން އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ފޮޓޯގައި ހުންނެވީ ކުލައިން ފޯވެފަ އެވެ. ގަމީހާއި މޫނާއި ބޮލުގައި ވެސް ހުރީ ރަތް ކުލަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އޭނާ އަކީ މިހާރު ޒުވާނެއް ނޫން ކަމުން، މި ސަކަރާތަށް ވުރެ މުހިއްމު އެހެން ކަންތައްތައް އެބަ ހުއްޓެވެ. އަދި ކުލަ މަޖަލުގައި ބައިވެރިވާން ބައިވެރިވާން ބޭނުން ނޫން މީހުންނަށް، އެ އުނދަގޫ ޖައްސައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ މި ޓްވީޓަށް އިސާހިތަކު ގިނަ ބަޔަކު ރައްދު ދިނެވެ. ބައެއް މީހުން އެކަމަށް ތާއީދުކޮށް ކުލަ ޖެހި މީހުންނަށް އެއްޗެހި ކިޔެވެ. އަނެއް ބަޔަކު ބުނީ މިއީ އީދު ކަމަށާއި މަގުމައްޗަށް ނުކުންނަންޏާ ކުލަ ޖަހާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި އިއްޔެ ބޮޑު އީދުގެ ކުޅިވަރުތައް ފެށުނީ ކުލަ ޖެހުމުގެ ސަކަރާތުންނެވެ. އީދު ނަމާދުން ފޭބި ގޮތަށް ގިނަ ބަޔަކު އަވަސް ވެގަތީ ފެނާއި ކުލައިން ކޮންމެވެސް މީހަކު ތެތްމާލުމަށެވެ. އެކަމަކު ކުލައާ ދުރަށް ދުވި މީހުންގެ ޝަކުވާތައް ވެސް އިއްޔެ މަދެއް ނުވި އެވެ. އެމީހުން ރުޅިއައީ އެ މަޖަލުގައި ބައިވެރިވާން ބޭނުން ނުވެ ހުއްޓާ، ކުލަޖަހައި މުޅި މީހާ ހަޑިކޮށްލުމުންނެވެ.

ފޭސްބުކްގައި މީހަކު ލިޔުނު ގޮތުގައި އިއްޔެ ހެނދުނު އޭނާ ގަޔަށް ކުލަ ޖެހީ ޑިއުޓީއަށް ދިޔުމަށް ގެއިން ނިކުތް ވަގުތެވެ. ކުލަ ނުޖެހުމަށް އެދި ހަޅޭއްލެވި ނަމަވެސް އެކަމަށް އިޖާބަނުދީ އެ މީހުން ދިޔައީ އޭނާގެ މޫނާއި ގަމީހަށް ކުލަ ޖަހާފައި ކަމަށް ބުންޏެވެ.

"އެންމެ ފަހުން ގަމީސް ބަދަލުކޮށްގެން ޑިއުޓީއަށް ދެވުނު އިރު ގަޑި ވެސް ޖެހިއްޖެ،" އޭނާ ބުންޏެވެ.

މި އަހަރުގެ އަލްހާ އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ބީޗް ސަރަހައްދުގައި ކުރިޔަށް ދިޔަ ފެންކުޅި އާއި ކުލަޖެހުމުގެ ހަރަކާތުގައި ބައިވެރިވި މީހެއްގެ ގަޔަށް ކުލަ ޖަހަނީ -. ފޮޓޯ:ނިޝާން އަލީ

ނަޝީދުގެ ޓްވީޓަށް ތާއީދުކޮށް ވާހަކަ ދެއްކި މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ބުނީ އީދު ވިޔަސް މަގުމަތި ވާން ޖެހޭނީ އެންމެންނަށް އަމާންތަނަކަށް ކަމަށާއި އީދު ކުޅިވަރުގައި ބައިވެރިވެވެން ނެތް ހާލަތުގައި ތިބި ގިނަ ބަޔަކު މަގު ބޭނުން ކުރާނެ ކަމަށެވެ. އެހެންވެ މިކަން އެންމެން ވެސް ދަންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ހިޔާލު ފާޅުކުރި އެހެން މީހަކު ބުނީ މަގުމައްޗަކީ އެންމެންގެ ވެސް ތަނެއް ކަމަށާއި ހުރިހާ އެންމެން ކުލަ މަޖަލުގައި އުޅެފާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ކުލަ ޖަހަން ބޭނުން ނުވާ ކަމަށް ބުނެފި ނަމަ އެކަމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ އެކަން ވާނީ ފުރައްސާރަކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

މި އަހަރުގެ އަލްހާ އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ބީޗް ސަރަހައްދުގައި ކުރިޔަށް ދިޔަ ފެންކުޅި އާއި ކުލަޖެހުމުގެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް ޒުވާނުން ފޮޓޯއަކަށް ތައްޔާރުވެގެން،--. ފޮޓޯ:ނިޝާން އަލީ

ނުރުހުމުގައި ކުލަ ޖަހައިގެން އިއްޔެ ބައެއް މީހުން ފުލުހުންނަށް ރިޕޯޓު ވެސް ކުރި އެވެ. ކުލަ ޖެހިތަނަށް ފުލުހުން ގޮސް މައްސަލަ ބަލާފައި ވެސް ވެ އެވެ.

"ނުދަންނަ މީހުންގެ ގަޔަށް ކުލަ އާއި ފެން ޖެހުން ކަޑަ. މަޖާކޮށް ކުލަ ޖަހައި ފެން ޖަހަން ޖެހޭނީ އެކުވެރިން ނޫނީ އާއިލީ މީހުން ނޫނީ ދަންނަ އަދި އެކަމުގައި ޝާމިލްވާ މީހުންގެ ގަޔަށް،" އެހެން މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ނުރުހުމުގައި ކުލަ ޖަހައިގެން ބައެއް މީހުންގެ ރުޅިގަނޑު ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި އިރު އެކަމާ ދެކޮޅަށް ވެސް ގިނަ ބަޔަކު ވާހަކަ ދެއްކި އެވެ.

އެ މީހުން ބުނާ ގޮތުގައި އީދު ކުޅިވަރަކީ މަޖަލާއި ފޯރީގައި ގިނަ ބަޔަކު ޝާމިލްވާ ކަމެކެވެ. ފެނާއި ކުލަ ޖެހުމަކީ އީދުގައި މިހާރު އެންމެ ފޯރީގައި ކުރާ ކަމަކަށް ވުމުން، އެ ދުވަހު ކުލަ ޖަހާނެކަން އެނގެން ޖެހޭނެ ކަމަށް އެމީހުން ދެކެ އެވެ. އަދި އެންމެ ރަނގަޅު ވާނީ، ރުޅިގަދަވުމުގެ ބަދަލުގައި އަހަރަކު ދެ ފަހަރު އަންނަ މި ކަހަލަ މުނާސަބަތެއްގައި އެހެން މީހުންނާ ބައިވެރިވެގެން އެކަމުގައި ޝާމިލުވުން ކަމަށް ވެސް ބުންޏެވެ.

"މިއީ އީދު. ކުލަ ވެސް ޖަހާނެ. ފެން ވެސް ޖަހާނެ. އެންމެ ރަނގަޅުވާނީ އެކަން ސީރިއަސްކޮށް ނުނެގުން،" އެކަކު ލިޔުނެވެ.

ކުލަ ޖަހަން ނުކުންނަނީ ހުދު ހެދުމުގައި

އީދު ފާހަގަކުރުމުގެ ގޮތުން ވަރަށް ކުރިއްސުރެ ރާއްޖޭގައި މީހުން މޫދަށް ލައި، ފެން ޖަހައި ހަދަ އެވެ. ގަދަހެދިޔަސް ނަގައިގަނެގެން ގޮސް މޫދަށް ނޫނީ ފެން ވަޅަށް ވައްޓާލަފާނެ އެވެ. އޭރު ވެސް މި ސަމާސާ ބައެއް ފަހަރު ވިހަވެ އެވެ. އެކަމަކު ކުލަ ޖެހުމުގެ ފޯރި ދިވެހިންގެ ތެރެއަށް އައީ ދާދި ފަހުންނެވެ. މިހާރު ކުލަ ޖެހުމާ ނުލައި އީދު ފުރިހަމައެއް ނުވެ އެވެ.

ކުލަ ޖެހުމުގެ މަޖާ ވިހަވިޔަ ނުދިނުމަށް، ބައެއް ރަށްރަށުގައި މިހާރު އެކަމަށް ގަވައިދުތަކެއް ވަނީ ހަދައިފަ އެވެ.

ކުލަ ޖަހަން ނުކުންނަން ޖެހޭނީ ހުދު ހެދުމެއްގައި ނުވަތަ ޓީޝާޓެއްގަ އެވެ. މިއީ އަވަށްޓެރި އިންޑިއާގެ ސަގާފީ ހަރަކާތެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރިޔަސް، އެ ކުޅިވަރުގައި އިސްކޮށް އުޅޭ މީހުން ބުނަނީ އެއީ މަސްލަހަތަށްޓަކައި ހަދާފައި އޮންނަ ގަވައިދެއް ކަމަށެވެ. އޭރުން ކުލަ ޖަހަން ބޭނުންވާ މީހުންނާއި އެހެން މީހުން ވަކިކުރެވޭނެ އެވެ.

މި އަހަރުގެ އަލްހާ އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ބީޗް ސަރަހައްދުގައި ކުރިޔަށް ދިޔަ ފެންކުޅި އާއި ކުލަޖެހުމުގެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް ޒުވާނުން ކުލަ ޖަހަނީ، މި ކުޅިވަރުތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވި--. ފޮޓޯ:ނިޝާން އަލީ

"ވަކި ކުލައެއްގެ ހެދުމުގައި މި ނުކުންނަނީ އޭރުން އެނގޭނެ ކުލަ ޖެހުމުގައި ބައިވެރިވަނީ ކޮން ބައެއްކަން. އޭރުން ކުލަ ޖަހާނީ އެމީހުން ގަޔަށް އެކަނި،" ކުލަ ޖެހުމުގެ ހަރަކާތުގައި އުޅޭ މުހައްމަދު އަފްރާހް "މިހާރު"އަށް ބުންޏެވެ. "އިތުރު މީހުން ގަޔަކަށް ނުޖަހާނެ. އެގޮތަށް ވަކިކުރަން ފަސޭހައަކަށް ވަކި ކުލަ އެއްގެ ހެދުމުގައި ނުކުންނަނީ."

މި އަހަރު ކުލަ ޖެހުމުގެ ކުޅިވަރު ވަރަށް ބޮޑަށް ކުރިއަށް ގެންދިޔަ ހދ. މަކުނުދޫގައި ވަނީ، ކުލަ ޖަހަން ބޭނުންވާ މީހުންނަށް ހުދު ކުލައިގެ ޓީޝާޓް ބަހައިފަ އެވެ. ރަށުގެ ހުރިހާ ގެއަކަށް ގޮސް ބައިވެރިވާނެ މީހުންނާއި އެމީހުންނަށް ހެޔޮވަރު ޓީޝާޓް ބެހީ، ކުލަ ޖެހުމުގައި ބައިވެރިވާ މީހުން ފާހަގަކުރުމުގެ ބޭނުމުގަ އެވެ.

ހުދު ހެދުން ލުމުގެ އިތުރުން، ކުލަ ޖެހުމަށް ބައެއް ރަށްރަށުގައި ވަނީ ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފަ އެވެ، އެގޮތުން އަތިރިމައްޗާއި ހުސް ސަރަހައްދުތައް އެކަމަށް ވަނީ ހާއްސަކޮށްފަ އެވެ. މަގްސަދަކީ، އީދުގެ މި މަޖާ ވިހަވިޔަ ނުދީ، މީހުން ރުޅި ނާރުވާ އެކަން ކުރިއަށް ގެންދިޔުމެވެ.

މާލޭގައި ވެސް ކުލަ ޖަހަން ނުކުތް ގިނަ ޒުވާނުން ތިބީ ހުދު ކުލައިގެ ޓީޝާޓްގަ އެވެ.