ފުވައްމުލަކުގެ މޭޔަރު އުއްމީދުން ފުރިފައި!

މީގެ ދެ އަހަރު ކުރިން ސިޓީއެއްގެ ދަރަޖަ ލިބުން ފިޔަވައި ފުވައްމުލަކަށް ލިބުނު ކުރިއެރުމެއް ނެތެވެ. ކުރީ ސަރުކާރުތަކުގެ މާ ބޮޑު އަޅާލުމެއް ނުލިބުމުން ރަށުގެ ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ. ސިއްހަތާއި ތައުލީމާއި އިގުތިސޯދީ ގޮތުން ބެލިކަމަށް ވިއަސް އެހެން ރަށްރަށާ ފުވައްމުލަކާ މާ ބޮޑު ތަފާތެއް ނެތެވެ؛ ފެނާއި ނަރުދަމާ އަޅާދީފައި ވިޔަސް، ބައެއް ކަންތައްތަކުގައި އާދައިގެ ރަށަކަށް ވުރެ ފުވައްމުލައް އޮތީ ފަހަތުގަ އެވެ. ނަމަވެސް މޭޔަރު އަބްދުﷲ ފަލާހު ހުންނެވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލެއް ގެނެސްދޭނެކަމުގެ ވަރަށް ފޮނި އުއްމީދެއްގަ އެވެ.


ފަލާހު ވިދާޅުވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކަންބޮޑުވުންތަކަށް ގެންދަވަނީ ހާއްސަ ސަމާލުކަމެއް ދެއްވަމުންނެވެ. އޭގެ ތެރޭގައި ރިންގް ރޯޑާއި ރަށު ތެރޭގެ ބޮޑެތި މަގުތައް ހެދުމުގެ އިތުރުން ސިއްހީ ދާއިރާއިން މުހިއްމު ބަދަލުތައް ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ވާރޭވެހިއްޖެ ނަމަ މުޅި ރަށުގައި އޮންނާނީ ފެން ބޮޑުވެފަ އެވެ. އެހެން ނޫން ނަމަ ހިރަފުހާ ހެދި އުޅެން އުނދަގޫވެ އެވެ. ރަށް ގިރުމުގެ މައްސަލަ ދިމާވާތާ އެތައް އަހަރެކެވެ. އެކަމަށް މީގެ ކުރީ ސަރުކާރުތަކުން އަޅައެއް ނުލި އެވެ. އުތުރު ފަރާތު ސަރަހައްދުގައި ރިވެޓްމަންޓް ޖަހަން ވަރަށް އަވަހަށް ފަށާނެ އެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑި ރައްޔިތުން އުފުލާ ތަކުލީފަށް އަދި ލުއެއް ނުލިބެ އެވެ. މިއީ ފުވައްމުލަކުގައި މިހާރުން މިހާރަށް ހައްލު ގެންނަން ޖެހިފައިވާ ކަންކަމެވެ. އެއަށް ފަހު ދެން އޮތީ ކައުންސިލްގެ ޒިންމާ އެވެ.

އެންމެ ބޮޑު އަމާޒު: އާބާދީ ރަށަށް ގެނައުން!

ފުވައްމުލަކުގެ އާބާދީގައި ގާތްގަނޑަކަށް 15،000 މީހުން ހިމެނުނަސް ރަށުގައި އުޅެމުން އަންނަނީ 8،000 ވަރަކަށް މީހުންނެވެ. އެއީ އާބާދީއަށް ބަލާ ނަމަ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ. އެހެންކަމުން، ފަލާހު، ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލްގެ އެންމެ މުހިއްމު މަސައްކަތަކީ ރަށް ތަރައްގީކޮށް، ހިޖުރަކުރި މީހުން އަނބުރާ ރަށަށް ގެނައުމެވެ.

އެކަމަށްޓަކައި ތައުލީމީ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އަމިއްލަ ވަޒަން ދޫކޮށް ގިނައިން ގޮސްފައިވަނީ ދަރިންނަށް ކިޔަވައިދިނުމުގެ ބޭނުމުގައި ކަމަށް ވާތީ އެވެ.

ވާރޭވެހުމުގެ ސަބަބުން ފުވައްމުލަކުގެ މަގެއްގައި ފެންބޮޑުވެފައި

"އާބާދީ [އަނބުރާ ފުވައްމުލަކަށް] ގެނައުން އެއީ އަޅުގަނޑުމެންގެ އެއް ކަންތައް. މިކޮޅަށް ގެނައުމަށްޓަކައި ހަމައެކަނި ވަޒީފާގެ ފުރުސަތުތަކެއް ނޫން. ތައުލީމީ ފެންވަރު މަތިވާން ޖެހޭ، އެ ޔަގީންކަން ދޭން ޖެހޭ،" ފަލާހު ވިދާޅުވި އެވެ.

"އާބާދީގެ ތެރެއިން ގިނައިން ރަށުން ބޭރަށް، މާލެއަށް ބަދަލުވެފައި ތިބީ ތައުލީމުގެ ބޭނުމުގައި. މަތީ ތައުލީމުގެ ފުރުސަތު ފުވައްމުލަކުގައި އިތުރުވަމުން މި ދަނީ. އެއާ އެކު ޕްރައިމަރީ އަދި ސެކަންޑްރީ ތައުލީމީ ފެންވަރު އަދި ވެސް މަތިވާން ޖެހޭ. އެކޮޅުގައި [މާލޭގައި] ތިބި މީހުންނަށް ޔަގީންކަން ދޭން އެބަ ޖެހޭ، މާލޭގައި ހަމަ ހުރި ފެންވަރު މިކޮޅުގައި އެބަ ލިބޭކަން."

މޭޔަރު ވިދާޅުވި ގޮތުގައި އެ ޔަގީންކަން ލިބުނީމަ އާއިލާތައް ފުވައްމުލަކަށް ބަދަލުވާން ފަށާނެ އެވެ.

މި ރަށު ހަތަރު ސްކޫލެއްގައި، ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށް، ކިޔެވޭނެ ފުރުސަތު ވަނީ ފަހިވެފަ އެވެ. އޭގެ އިތުރުން ޔުނިވާސިޓީ އާއި ކޮލެޖުތަކުގެ ކެމްޕަސްތައް ގާއިމްކޮށް ރަށުގައި ތިބެގެން މަތީ ތައުލީމު ފޯރުކޮށްދެވޭނެ ގޮތްތައް ހަމަޖައްސާފައިވެ އެވެ.

ފަލާހު ވިދާޅުވާ ގޮތުގައި އެ ކޯސްތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގެ ދަރިވަރުން މިހާރު ވެސް އަންނަނީ ކިޔަވަމުންނެވެ. އޭގެ އިތުރުން މެލޭޝިޔާގެ ޔުނިވާސިޓީއަކާ ވާހަކަދައްކައި، ފުވައްމުލަކުގައި އެ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިންގުމާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ފުވައްމުލަކުން އަމާޒު ހިފާފައިވަނީ މާލެއިން ބޭރުގައި ޕީއެޗް.ޑީ ޕްރޮގްރާމް ހިންގާ ފުރަތަމަ ތަނަކަށް ފުވައްމުލަކު ހެދުމެވެ.

ކަރަންޓާއި މަގު

ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމަކީ ފުވައްމުލަކު ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. ނަމަވެސް އޭގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފަށް ލުއެއް ނުލިބި އެތައް އަހަރެއް މާޒީ ވެއްޖެ އެވެ. ރަށުގެ އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 4600 މެގަވޮޓެވެ. ފަލާހު ވިދާޅުވީ އިންޖީނުތައް އޯވަހޯލް ނުކުރެވުމާއި ޑީކާބަނައިޒް ނުކުރެވުމުގެ ސަބަބުން އިންޖީނުތަކުގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

"އެހެންވެ މިހާރަށް ބަލާއިރު ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކިރިޔާ ކަރަންޓު އުފެއްދެނީ. މިހާރުގެ ހާލަތު ހުރި ގޮތުން އެއްވެސް ޖަނަރޭޓަރަކަށް މައްސަލައެއް ޖެހިއްޖެއްޔާ ފުވައްމުލަކަށް 24 ގަޑިއިރު ކަރަންޓު ދިނުމުގެ ގާބިލްކަމެއް، މި އިންޖީނުގެއަކު ނެތް،" ފަލާހު ވިދާޅުވި އެވެ.

އެ މައްސަލަތައް ހައްލުކުރަން މިހާރުން މިހާރަށް 1.2 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވައިދިނުމަށް ކައުންސިލުން އެދިފައިވެ އެވެ.

"ޖަނަރޭޓަރުތަކުގެ ހާލަތު ހުރި ގޮތުން ޕީކް ގަޑީގައި ހުރިހާ އިންޖީނެއް ހިންގަން ޖެހޭތީ އެއްވެސް އިންޖީނެއް އޯވަހޯލްކުރުމަކީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު މޭޔަރު ފަލާހު، "މިހާރު" އަށް އިންޓަވިއުދެއްވަނީ

މި ރަށު މަގުތަކަށް ބަލާ އިރު، މިއީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ތަނެކޭ ނުބުނެވޭނެ އެވެ. ވާރޭވެހިއްޖެ ނަމަ މުޅި ރަށުގައި ކިސަޑު ފެނެވެ. އެކަމަކު ރަށުގެ 31 މަގެއް ޒަމާނީ ފެންވަރަށް ހަދަން މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއާ އެކު، ބަނދަރު ހެދިއިރު މީގެ 10 އަހަރު ކުރިން ރިންގް ރޯޑުގެ ވަކި ހިސާބެއްގައި ތާރު އަޅާފައިވެ އެވެ. މިހާރު ރާވާފައި ވަނީ އެ ބައި ވެސް މިހާރަށް ވުރެ ބޮޑުކުރާށެވެ.

ގެދޮރުގެ ގިނަ މަޝްރޫއުތަކެއް

ބިމުގެ ގޮތުން ތަނަވަސް ނަމަވެސް ފުވައްމުލަކު ރައްޔިތުންނަށް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފަ އެވެ. އެކަން ހައްލުކުރަން ކުރީގެ ސަރުކާރުން 200 ހައުސިން ޔުނިޓް އެޅިއިރު މިހާރު ހުރީ އެތަންތަން ހަވާލުކުރުމުގެ މަރުހަލާގަ އެވެ. ނަމަވެެސް ފަލާހު ވިދާޅުވާ ގޮތުގައި، ތިން ކޮޓަރީގެ އެ ހައުސިން ޔުނިޓުތައް އަޅާފައިވަނީ ރައްޔިތުން އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ.

"ވަރަށް ފަރުވާކުޑަކޮށް އެތަންތަން ހަދާފައި ހުރީ. އޭގެ އިތުރުން އެ ހައުސިން ޔުނިޓްތަކަކީ ފުވައްމުލަކު ރައްޔިތުންނަށް ބީރައްޓެހި ގޮތަކަށް ހަދާފައި ހުރި ތަންތަން. ތަން ކުޑަވެފައި ހައުސިން ޔުނިޓުތައް އެތުރިފައި ހުރި ގޮތުން ބޮޑު ޖާގައެއް ބޭނުންވި އެ މަޝްރޫއަށް،" ފަލާހު ވިދާޅުވި އެވެ.

ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ރަށުގައި 800 ހައުސިން ޔުނިޓް އަޅައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އެއާ އެއްގޮތަށް އެ ޔުނިޓުތަކަށް ކުރިމަތިލާން ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.

ފަހި ދިިރިއުޅުން ކޯޕަރޭޝަނުން އިންވެސްޓްކުރާ ހައުސިން ޔުނިޓުތައް އަޅަން ނިންމާފައިވަނީ ތަފާތު ކޮންސެޕްޓަކަށެވެ. އެ މަޝްރޫއުގެ ދަށުން، ގޯތި ދޫކޮށް، ގެ ނޭޅި ތިބި މީހުންނަށް ވެސް އެހީތެރިކަން ދޭން ވަނީ ނިންމައިފަ އެވެ. ފުވައްމުލަކުގައި މިހާރު ވެސް ހުސްކޮށް 300 އެއްހާ ގޯތި އެބަ އޮތެވެ.

ފުވައްމުލަކުގައި ކުރީގެ ސަރުކާރުން އަޅާފައިވާ ހައުސިން ޔުނިޓުތަކެއް.-- ފޮޓޯ: އާސިމް ނިޒާރު/ މިހާރު

ފަލާހު ވިދާޅުވި ގޮތުގައި ހުސްކޮށް އޮތް ގޯތިތަކުގައި ހައުސިން ޔުނިޓް އަޅާއިރު، ތިން ކޮންސެޕްޓެއް ރައްޔިތުންނަށް ދައްކާނެ އެވެ. އެތަނުން ބޭނުން ޑިޒައިނެއް އިހުތިޔާރުކުރުމުގެ ފުރުސަތު އެމީހަކަށް ލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ފްލެޓުތަކުގެ ޑައުންޕޭމަންޓަށް ކުރިން ހަމަޖައްސާފައިވަނީ އެއްފަހަރާ 25،000ރ. އެވެ. އަދި މަހަކަށް 3،000ރ. އެވެ. ނަމަވެސް ޑައުންޕޭމަންޓު މިހާރު ވަނީ 18،000ރ. އަށް ދަށްކޮށް މަހު ކުލި 2،500ރ. އަށް ތިރިކޮށްފަ އެވެ.

"ސަރުކާރުން ކުރީގައި ހުރި އަގަށް ވުރެ ވަރަށް ބޮޑުތަން ލުއިކޮށްދެއްވާފައި މި ވަނީ. އެއާ އެކު ވެސް އަޅުގަނޑުމެން މަސައްކަތްކުރަން ޑައުންޕޭމަންޓް ވެސް، ޕޭމަންޓް ޕްލޭނެއްގެ ތެރެއިން ދެއްކޭނެ ގޮތެއް ވޭތޯ. ހީވަނީ އެކަން ވެސް ސަރުކާރުން ހަމަޖައްސައިދޭނެހެން،" ފަލާހު ވިދާޅުވި އެވެ.

ސިއްހީ ދާއިރާއިން ބަދަލު ފެނޭ

އިތުރު ފަރުވާތަކަށް އަދިވެސް މާލެއަށާއި ރާއްޖޭން ބޭރަށް ދާން ޖެހުމަކީ ރައްޔިތުން ކަންބޮޑުވުމެކެވެ. އާ ސަރުކާރު ގެނައީ އެ ހުރިހާ ކަމެއް ބަދަލުކުރުމުގެ އުއްމީދުގައި ކަމަށް ވާއިރު، ފަލާހު ވިދާޅުވީ، ރަށުގެ ސިއްހީ ދާއިރާއިން ވެސް ބަދަލުތައް އަންނަން ފަށާފައިވާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާއި މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ވެސް ފުވައްމުލަކު ރައްޔިތުން ވަނީ އެމްޑީޕީއަށް މެޖޯރިޓީ ދީފަ އެވެ. އެއީ މީގެ ކުރިން ފުވައްމުލަކުން ފެނުނު މަންޒަރެއް ނޫނެވެ.

ދެ ވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށް ވިއަސް ފުވައްމުލަކު ހޮސްޕިޓަލުގައި ސްޕެޝަލިސްޓުންނާ އެކު ޖުމްލަ 15 ޑޮކްޓަރުން މަސައްކަތްކުރެ އެވެ. އެ ހޮސްޕިޓަލުގެ ޖާގަ އިތުރުކުރަން ވެސް ޖެހެ އެވެ. ފަލާހު ހުންނެވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެކަމަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމުގެ އުއްމީދުގަ އެވެ. އޭރުން ނަމްބަރު ނެގުން ފިޔަވައި އިތުރު ފަރުވާއެއް މިވަގުތު ނުލިބޭ ލޮލުގެ ޑިޕާޓްމަންޓުގެ މަސައްކަތްތައް ވެސް ފުޅާކުރެވޭނެ އެވެ.

ފުވައްމުލަކު އުތުރު ފަރާތު ސަރަހައްދުން ގިރަނީ: ރަށް ގިރުމުގެ މައްސަލަ ދިމާވާތާ 10 ވަރަކަށް އަހަރު ވެއްޖެ.- ފޮޓޯ: އާސިމާ ނިޒާރު/މިހާރު

ލޯކަލް ޓޫރިޒަމްގެ މައި ރަށަކަށް

ރާއްޖޭގެ އެހެން ރަށްރަށާ ފުވައްމުލަކުގެ ތަފާތަކީ ވެސް މިއީ އެވެ؛ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި ފުރިހަމަކަމެވެ. ތުނޑި އާއި ކުޅި ފަދަ ތަންތަން ވިއްކައިގެން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރެވިދާނެ އެވެ.

ގެސްޓްހައުސްގައި މިހާރު އެންމެ ނަގާ ކިޔާ ތަންތަން ވެސް ކުރިއަރައިގެން ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެ ރަށްރަށް އުފެދިފައި އޮންނަ ހިސާބާއި އެތަންތަނަށް އަންނަ ކުރިއެރުން ހިމެނެ އެވެ.

ފަލާހު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުން ފުވައްމުލަކަށް އަންނަ ދިވެހިންގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 200 ޕަސެންޓް އިތުރެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކުގައި 1000 އެނދު ތަރައްގީކުރުމަކީ ރައީސްގެ ވައުދެކެވެ. ގެސްޓް ހައުސް އެޅުމަށް ދެ ސަރަހައްދެއް މިހާރު ވެސް ވަނީ ހަމަޖައްސައިފަ އެވެ. ތުނޑީ ސަރަހައްދާއި އެއާޕޯޓު ސަރަހައްދުގައި ގެސްޓް ހައުސް އަޅަން ދޫކުރުމުގެ މަސައްކަތްތައް ކައުންސިލުން ވަނީ ފަށައިފަ އެވެ.

ފުވައްމުލަކުގައި މިހާރު ވެސް ގެސްޓްހައުސްތައް އަންނަނީ ހިންގަމުންނެވެ.

ލޯކަލް ޓޫރިޒަމާ އެކު އިގުތިސޯދީ ގޮތުން ފުވައްމުލައް ތަރައްގީވަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެއާޕޯޓެވެ. ވިޔަފާރިތައް ފުޅާވެ، ޓޫރިސްޓުން އިތުރުވެ، ރަށަށް ލިބޭ އާމްދަނީ ވެސް އިތުރުވުމުގެ ފުރަތަމަ ދޮރަކީ ވެސް އެއީ އެވެ.

"އިގުތިސޯދީ ގޮތުން ކުރިއެރުން އެބަ އާދޭ. ވިޔަފާރިތައް އެބަ އުފެދޭ، ފުޅާވެގެން އެބަ ދޭ. ޕްރައިވެޓް ސެކްޓާއިން އުފައްދާ ވަޒީފާތައް އިތުރުވެގެން އެބަ ދޭ. އޭގެ އަސްލު ސަބަބަކީ އެއާޕޯޓު،" ފަލާހު ވިދާޅުވި އެވެ.

ފުވައްމުލަކުގައި ތާރުއަޅަން ހަމަޖައްސާފައިވާ މަގެއް: ރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށް

ފުވައްމުލަކު ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ތަރައްގީގެ މަސައްކަތްތަކަށް ކައުންސިލުން ހުރަސްއެޅި ކަމުގެ ވާހަކަތައް އޭރުގެ ސަރުކާރުން އޭރު ވަރަށް ގަދައަށް ދެއްކި އެވެ. ނަމަވެސް ފަލާހު ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމަކަށް ހުރަހެއް ނާޅާ ކަމަށެވެ. އަދި އެޅި ކަމުގައި ވިއަސް، ސަރުކާރުން ކުރަން ބޭނުން ނަމަ އެކަމެއް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދުވަހަކު ވެސް ހުރަހެއް ނާޅާން، ކައުންސިލަކުން ހުރަހެއް ނާޅަން. ޕްރޮޖެކްޓެއް ހިންގާއިރު ރައްޔިތުންގެ ބަސް އެކަމުގައި ނުހޯދަންޏާ އެ ވާހަކަ ކައުންސިލުން ދައްކާނެ. ގަބޫލުކުރަންވާނެ، ރަށެއްގައި ކަމެއް ކުރާއިރު، އެކަމެއް ކުރަންވާނީ އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ވިސްނުމާ އެއްގޮތަށް ކަން،" ކުރީގެ ތަޖުރިބާތަކަށް ބައްލަވާފައި ފަލާހު ވިދާޅުވި އެވެ.

"އާހިރުގައި އެކަމެއްގެ ބޭނުން ހިފަން ތިބި މީހުން އެދޭ ގޮތް ނޫން އެހެން ގޮތަކަށް އެކަން ކޮށްފިއްޔާ ވާނީ ބޭކާރު ކަމަކަށް. އަސްލު އެއީ ރައީސް ޔާމީންގެ ސަރުކާރުން ކަންތައްތައް ނުކުރަން ދެއްކެވި ހުއްޖަތެއް."

ފަލާހު ދެއްވާ ޔަގީންކަމަކީ ރައްޔިތުންގެ ހުވަފެންތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސައިދޭނެ ކަމެވެ. އޭނާ ވިދާޅުވާ ގޮތުން އެ މަންޒަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ. އެހެންކަމުން މިރަށު ރައްޔިތުންނަށް އޮތީ އުއްމީދީ ދުވަސްތަކެކެވެ.