ބޮޑެތި ބަދަލުތަކާ ހެދި ދައުލަތް ހިންދެމިނުލެވި: ޒިންމާވާނެ މީހަކު ނެތް؟!

ސަރުކާރު ބަދަލުވުމަށް ފަހު އަލަށް އަންނަ ސަރުކާރުތަކަށް އުފުލަން ޖެހޭ އެންމެ ބޮޑު ބުރައަކަށް ވެފަައި އޮންނަނީ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބޮޑެތި މާލީ ބަދަލުތަކެވެ. ކުރީގެ ސަރުކާރުތަކުން އަމަލު ކޮށްފައި ހުރި ގޮތުން ކޮންމެވެސް ބަޔަކަށް ބަދަލުތަކެއް ދޭން ޖެހުމަކީ ސަރުކާރުތައް ބަދަލު ވިޔަސް، ބަދަލު ނުވެ އޮތް ސަގާފަތެކެވެ. މި ބުރަ އުފުލަން ނުޖެހޭ ވަކި ސަރުކާރެއް އަދި ނާދެ އެވެ.


ބޮޑެތި ބަދަލުތައް ދޭން ޖެހޭ މައްސަލަތައް ނިމިގެން އަންނަނީ ޝަރުއީ އެކި މަރުހަލާތަކުގައި އަހަރުތަކެއް ހޭދަވުމަށް ފަހު ކަމަށް ވާތީ މައްސަލަ ނިމޭއިރު އޮންނަނީ ސަރުކާރު ބަދަލުވެ، އާ ސަރުކާރަށް ހުރިހާ ބުރައެއް އުފުލަން ޖެހިފަ އެވެ. ޖީއެމްއާރުގެ އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ބަދަލަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދެއްކުމުގެ ބުރަ އުފުލަން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށެވެ. އެމްޑީޕީގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ވަހީދުގެ ސަރުކާރުގައި ބާތިލް ކުރުމުން 348 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލުގެ މައްސަލަ އެކި މަރުހަލާތަކުގައި ހިނގަމުން އައިސް ސުޕްރީމް ކޯޓުން ވެސް ދައުލަތަށް ނާކާމިޔާބު ވެގެން އޭގެ ބުރަ އުފުލަން ޖެހުނީ މި ސަރުކާރަށެވެ.

ބަދަލުގެ ދޭން ޖެހުން ވެފައި އޮންނަނީ ކޮންމެ ސަރުކާރަކަށް ވެސް ދިމާވާ ބަދު ނަސީބެއް ފަދަ ކަމެއްގެ ގޮތުގަ އެވެ. ކުރީގެ ސަރުކާރުތަކުން ގޯސްކޮށްފައި ހުންނަ ކަންކަމުން ދޭން ޖެހޭ މާލީ ބޮޑެތި ބަދަލުތަކުގެ ނަތީޖާއަކަށް ވަނީ ރައްޔިތުންގެ ފައިދާއަށާއި ތަރައްގީއަށް ބަޖެޓްކުރާ އެތައް މަޝްރޫއުތަކަކަށް ހުރަސް އެޅިގެން ދިއުމެވެ. އެންމެ ފަހުން ބަޖެޓްގެ ތާށިކަން ކުރިމަތިވެ، އެހެން ގޮތްގޮތުން ފައިސާ ހޯދަން ސަރުކާރުތަކަށް މަޖުބޫރުވެ އެވެ. މި ބަދުނަސީބު ދިމާނުވާ އެއްވެސް ސަރުކާރެއް ނެތެވެ.

ގާނޫނާ ޚިލާފަށް އެއްބަސްވުންތައް ބާތިލްކުރުމުން އެކި ފަރާތްތަކަށް ދައުލަތުން ދޭން ޖެހޭ ބަދަލުގެ މިންވަރު މިހާރު 6.6 ބިލިއަނަށް އަރަ އެވެ. އެއީ ދައުލަތުގެ އެއް އަހަރުގެ ބަޖެޓުގެ 23 ޕަސެންޓަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާގެ މައްސަލަތައް ރާއްޖެއިން ބޭރުގެ އާބިޓްރޭޝަނުންނާއި ރާއްޖޭގެ ކޯޓުތަކުން ނިމިފައިވާއިރު، ބާކީ ހުރި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަތައް ވެސް ކާމިޔާބު ވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ސަރުކާރަކަށް ނެތެވެ.

މިއީ ސީދާ ގޮތެއްގައި ދައުލަތުން ޒިންމާވާން ޖެހިފައި ހުރި ބޮޑެތި އަދަދުތަކެވެ. ސަރުކާރު ކުންފުނިތަކުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބޮޑެތި އަދަދުތައް ހުރި ގޮތަށް ހުރީ އެވެ. ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްގެން ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކުން އެކި މީހުންނަށް ދޭން ޖެހޭ ބަދަލުގެ މައްސަލަތައް ވެސް ބައިވަރެވެ. ސަރުކާރު ކުންފުނިތަކަށް އެ ފައިސާ ދެއްކޭނެ ގޮތެއް ނެތް ހާލަތެއްގައި، އާޚިރުގައި އެ ބުރަ ވެސް އުފުލަން ޖެހޭނީ ދައުލަތުންނެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދިނުމަކީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ބަޔަކު ހޯދާ ނާޖާއިޒް ފައިދާތަކެކެވެ. ގެއްލުމާ ނުބައްދަލު، ބޮޑެތި އަދަދުތައް ހޯދުމަކީ ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށް އެއް ބަޔަކު ސިފަކުރާއިރު، އަނެއް ބަޔަކު ސިފަކުރާ ގޮތުގައި އެއީ ސަރުކާރަށް ޖެއްސުން ކުރުމުގެ އަމަލެކެވެ. އެކަމަކު މިއީ ކަމުގެ އެއްކޮޅެވެ.

ގާނޫނާ ޚިލާފަށް ނުވަތަ ބޭއިންސާފުން އެއްވެސް ފަރާތަކާ މެދު އަމަލު ކޮށްފި ނަމަ، އެކަމުން ލިބޭ ގެއްލުމުގެ ބަދަލަކީ ގެއްލުން ދިން ފަރާތަކުން ޒިންމާވާން ޖެހޭނެ ކަމެކެވެ. އެ ޒިންމާއިން ދައުލަތް ވެސް އިސްތިސްނާއެއް ނުވެ އެވެ. އަދި އެ ޒިންމާއިން ދައުލަތް އިސްތިސްނާވާ ނަމަ، އެއީ ހަމަގައިމު ވެސް ބޭއިންސާފުން ނުވަތަ ހަމައެއް ލަމައެއް ނެތި، ނިޒާމީ ގޮތެއްގައި މީސްމީހުންގެ މުދަލާއި ހައްގުތަކަށް ވެރިވެގަތުމަށް ދައުލަތަށް ދެވޭ ލައިސެންސަކަށް މެނުވީ ނުވާނެ އެވެ. އެފަދަ އެތައް މަންޒަރެއް ވޭތުވެދިޔަ ތަނުގައި ފެނުނެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން މީހުން ޖަލަށްލުން އެކަންޏެއް ނޫނެވެ. ނުހައްގުން ވަޒީފާއިން ވަކިކުރުމާއި ވަކި ފަރާތަކަށް އަމާޒު ކޮށްގެން ގާނޫނުތަކާ ޚިލާފަށް މަދަނީ އަދި ވިޔަފާރީގެ އެއްބަސްވުންތައް ބާތިލް ކުރުމާއި އެކައުންޓްތައް ފްރީޒްކޮށް އަދި މާލީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވެ އެވެ. އެއްވެސް ސަބަބެއް ނެތި އެފަދަ ނިންމުންތައް އައިސްފައި ހުރީ ކީއްވެގެން ކަން އެއީ އެންމެ އާދައިގެ މީހާއަށް ވެސް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. ކަމާ ބެހޭ މުއައްސަސާތަކަށް ގޮސްގެން ވެސް ގިނަ ފަހަރަށް ފަރުވާއެއް ނުލިބެ އެވެ.

މީގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ބޮޑެތި ބައެއް އެއްބަސްވުންތައް ހަދާފައި ހުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި ދައުލަތަށް އެކަމުން ލިބޭ މުގާބިލަށް ވުރެ ބޮޑު ފައިދާ އާއި މަންފާތަކެއް އެހެން ފަރާތްތަކަށް ލިބޭ ގޮތަށެވެ. އަދި ފަހުން އަންނަ ސަރުކާރަކުން އެފަދަ އެއްބަސްވުންތައް ގޯސްކަމަށް ދެކިގެން ބާތިލްކޮށްފި ނަމަ، ބޮޑެތި ބަދަލުތަކެއް ދޭން ޖެހިދާނެ ކަމުގެ ބިރު ދައުލަތަށް އޮވެ އެވެ. އެހެންކަމުން މިއީ ސިޔާސީ މީހުން ވެސް ހިމެނިގެން ހިންގާ ޖަރީމާއެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

ދައުލަތުން ނުބައި ނިޔަތެއްގައި އަދި ބޭއިންސާފުން އަމަލު ކޮށްފި ނަމަ ގެއްލުން ލިބުނު ފަރާތްތަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި އޭގެ ބަދަލު ލިބެން ޖެހެ އެވެ. އެކަމަކު ވަކި ފަރާތަކަށް މަންފާއެއް ދިނުމުގެ ގޮތުން ހިންގާފައިވާ މުއާމަލާތްތަކުގެ ސަބަބުން ދައުލަތުން ބުރައެއް އުފުލަން ޖެހިއްޖެ ނަމަ އެކަމަށް ވެސް ޒިންމާ އުފުލަން ޖެހޭ ކޮންމެވެސް ބަޔަކު ތިބެން ޖެހޭނެ އެވެ. ޓެކްސް ފައިސާއިން ބޮޑެތި ބަދަލު ދޭން ޖެހޭއިރު، ދައުލަތް "ނިވައި ފަތްގަނޑަކަށް" ބޭނުން ކޮށްގެން ގޯސް ހެދި މީހުންނާ މެދު ފިޔަވަޅު ނޭޅެންވީ ކީއްވެގެންތޯ އެއީ އުފެދޭ ސުވާލެކެވެ.

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ބޮޑެތި ބަދަލުތަކެއް ދޭން ހުކުމްކޮށްފައިވޭ -- ފޮޓޯ/މިހާރު

އާންމު އުސޫލަކީ ދައުލަތުގެ އިސް މަގާމެއް އަދާކުރާ މީހެއް ނުވަތަ މުވައްޒަފަކު ވިޔަސް ހެޔޮ ނިޔަތުގައި ކުރާ އެއްވެސް ކަމަކަށް ފަރުދީ ގޮތުން އޭނާ ޒިންމާ އުފުލަން ނުޖެހުމެވެ. އެކަމަކު މީހަކު ނުވަތަ ބަޔަކާ މެދު ދައުލަތުން ބޭއިންސާފުން ނުވަތަ ގާނޫނާ ޚިލާފަށް އަމަލުކުރި ކަން ޝަރުއީ ކޯޓެއްގައި ސާބިތުވެގެން އެކަމުގެ ބަދަލު ދައުލަތުން ދޭން ޖެހިއްޖެ ނަމަ، ކޮންމެވެސް ހިސާބެއްގައި ދައުލަތުގެ ފަރާތުން އެ ގޯހެއް ހެދި ބަޔަކު ތިބިކަން އެ އޮތީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނާށެވެ. އެހެންވީއިރު، އެ ހާލަތު އުފަން ކުރުވި ބަޔަކު ހޯދައި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ޒިންމާ ދައުލަތަށް އެބަ އޮތެވެ.

ދައުލަތުގެ މަގާމެއްގައި ހުރެގެން ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދަން ބައެއް މީހުންނާ ދެކޮޅަށް މަދުން ނަމަވެސް ދައުވާ ކޮށްފައި އެބަ ހުއްޓެވެ. އެއީ އޭގެ ޒާތުގައި އެ މީހަކު ކުރި ޖިނާއީ ކުށެއްގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުންތަކުގެ މައްސަލަ އެވެ. އެކަމަކު ޖިނާއީ ކުށަކަށް ނުވާ ގޮތަށް، ނުބައި ނިޔަތެއްގައި އަމަލުކުރާ ގޮތުން ނުވަތަ އިހުމާލުވުމުން ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަތަކަށް ފަރުދީ ގޮތުން ބަޔަކު މިހާތަނަށް ޒިންމާކޮށްފައެއް ނުވެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގޯސްކޮށް އަމަލު ކުރުމުގެ ސަބަބުން ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަތަކަށް ފަރުދީ ގޮތުން މީހުން ޒިންމާ ކުރެވިދާނެ އެވެ. އެއީ އިހުމާލެއްގެ ސަބަބުން ނުވަތަ ނުބައި ނިޔަތެއްގައި ގަސްދުގައި ކުރި ކަމެއްތޯ ބެލުމަށް ފަހު ޒިންމާވާން ޖެހޭ މީހަކާ މެދު ފިޔަވަޅު އެޅުން ނުވަތަ ދައުވާކޮށް އެ ބަދަލެއް އެ މީހެއްގެ އަތުން ހޯދުމެވެ. އެކަމަކު މިހާތަނަށް އެގޮތަށް ޒިންމާ ނުކުރުވަނީ އެކަމުން ހާސިލް ކުރަން ބޭނުންވާ އަސްލު މަގްސަދު ހާސިލް ނުކުރެވިދާނެތީ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އިހުމާލުވެގެން ނުވަތަ ގަސްދުގައި ކުރާ ކަންކަމަށް ފަރުދީ ގޮތުން އެ މީހަކަށް ދައުވާ ކޮށްގެން އެ ބަދަލެއް އެ މީހަކު އަމިއްލައަށް ދައްކަން ޖެހޭ ގޮތަށް ހެދިޔަސް އެހާ ބޮޑު އަދަދެއް މީހަކަށް ދެއްކޭނެ ގޮތެއް އޮންނާނެތޯ ސުވާލު އުފެދޭ. އެއީ ދިމާވާ އެއް ކަމަކީ. އެހެންވީމަ މިކަހަލަ ކަންކަން ޖިނާއީ ކުށަކަށް ހެދޭތޯ ބަލަން ޖެހެނީ. އެކަމަކު އެވަރަށް ވެސް ނެތް މަސައްކަތެއް ކޮށްފައެއް،" މަދަނީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައި ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އެހެން ބައެއް ބޭފުޅުން ވިިދާޅުވާ ގޮތުން ސުވާލު އުފެދޭ ގޮތަށް ބޮޑެތި އެއްބަސްވުންތައް ސަރުކާރުތަކުން ހަދާފައި ވަނިކޮށް ފަހުން އަންނަ ސަރުކާރަކުން އެ އެއްބަސްވުންތައް ގޯސްކަމަށް ދެކިގެން ބާތިލް ކުރުމުން އެކަމުގެ ބަދަލު ދޭން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އެކަމަށް ކޮންމެވެސް ބަޔަކު ޒިިންމާ ކުރުވެން ޖެހޭނެ އެވެ.

"މިސާލަކަށް ގޯސްކޮށް އެއްބަސްވުމެއް އޮވެގެން އެ އެއްޗެއް ބާތިލް ކުރާ ހާލަތެއް އަތުވެއްޖެ ނަމަ ގޯސްކޮށް އެ އެއްބަސްވުން ހެދި ބަޔަކާ ހަމައަށް ދެވެން ޖެހޭ. އަދި ގޯސް ކަމަށް ދެކިގެން ވެސް އެއްބަސްވުން ބާތިލް ކުރާ ބަޔަކު އެކަން ކުރަނީ ވެސް އުސޫލުތަކުގެ ތެރެއިންތޯ ބަލަން ޖެހޭ. އެ އެއްބަސްވުން ދެމެހެއްޓީމަ ހުރި ފައިދާ އާއި ގެއްލުންތަކާއި ބާތިލް ކުރީމަ ލިބޭނެ ފައިދާ އާއި ގެއްލުންތައް ވެސް ބަލަން އެބަ ޖެހޭ،" ދައުލަތުގެ ފަރާތުން މަދަނީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ވަކީލަކު ވިދާޅުވި އެވެ.

ދައުލަތުން ބޭއިންސާފުން އަމަލު ކޮށްގެން ލިބޭ ގެއްލުމަކަށް ވެސް ދޭން ޖެހޭނީ އެކަށީގެންވާ މިންވަރުގެ ބަދަލެކެވެ. އެކަމަކު މާލީ ގޮތުން ލިބޭ ކުދިކުދި ގެއްލުންތައް ވަރަށް ބޮޑުކޮށްގެން، އެތައް މިލިއަނުން ބަދަލު ނެގޭ ގޮތަށް އެއްބަސްވުން ހަދާފައި އެބަ ހުއްޓެވެ. އަދި އެއްވެސް ކަހަލަ އިންވެސްޓްމަންޓެއް ނުކޮށް ވެސް، އެތައް ސަކޭތަ މިލިއަން ރުފިޔާގެ ބަދަލު ހޯދަން ބައެއް ކުންފުނިތަކުން އެބަ ދުވެ އެވެ.

މިއީ ނިމުމަކަށް ގެންނަން ޖެހޭ ވަރަށް ނުބައި އަދި އެހާމެ ގެއްލުން ބޮޑު އާދައެކެވެ. ދައުލަތުން ބަދަލު ދޭން ޖެހޭ ނަމަ، އެ ބަދަލެއް ދޭން ޖެހުނު ހާލަތު އުފަން ކުރުވި ބަޔަކު ހޯދައި، އެ މީހުންނާ މެދު ވެސް ފިޔަވަޅު އެޅެން ޖެހޭނެ އެވެ.