އިތުބާރެއް ނެތް، އެކަމަކު ބިޝާމް ވަކިކުރާކަށް ބޭނުމެއް ނުވޭ؟

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްއާ ގުޅޭ ގޮތުން އަދިވެސް ފެންމަތިކުރަމުން ދަނީ ބޮޑެތި ތުހުމަތުތަކެވެ؛ ކުރިން ސިޔާސީ މީހުންނެވެ. މި ތުހުމަތުތަކުގެ ދިފާއުގައި ދައްކަވާ ވާހަކަތަކަށް މި ފަހަކަށް އައިސް ކޯޓުތަކުން "ބަހުގެ ހަމަލާ" ވެސް މިވަނީ އަމާޒުވެފަ އެވެ.


އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަދީބު، ޓަގެއްގައި ރާއްޖެ އިން ފިއްލެވީ އެމަނިކުފާނު ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުމުން ވެސް ނުނެރެދީ އޮއްވައި ކަމަށް ބިޝާމް ވިދާޅުވުމުން އެ ކޯޓުން ހިތްހަމަނުޖެހިގެން ބަޔާނެއް ނެރުނެވެ. ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ވަނީ ބިޝާމް ދެއްކެވި ވާހަކަތަކެއްގެ "ހަގީގަތް" ސާފުކޮށްދީފަ އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުން މިނިވަންވި ހުކުމް އިސްތިއުނާފް ކުރެއްވި ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބިޝާމް ވިދާޅުވި އެވެ. އެކަމަކު ހައި ކޯޓުން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަނާޅާ ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީ އަށް ބިޝާމް ހާޒިރުކޮށް، ސުވާލުކުރި ދެ ގަޑިއިރުގެ ތެރޭގައި ވެސް މެމްބަރުން އެޅުއްވީ ހުސް އިލްޒާމެވެ. މެމްބަރުން ސީދާކޮށާއި ނުސީދާކޮށް ވިދާޅުވަމުން ގެންދެވީ "އިތުބާރު ނެތް" ކަމަށެވެ.

އަޅުގަނޑުމެންނަށް އެބަ އެނގޭ ގޯސްކޮށް ކަންކަން ކޮށްފައި ތިބި މީހުންނާއި ރަނގަޅަށް ކަންކަން ކޮށްފައި ތިބި މީހުން. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ވަކި އުސޫލްތަކެއް އޮންނާތީވެ އެ އުސޫލާ އެއްގޮތަށް އެމްޑީޕީގެ ކަންކަން ކުރަމުން އަންނާނީ. އެ ލަސް މިހާރު ވެގެން މިއުޅެނީ. --އާޒިމް

ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު ދެއްކެވި އެވެ. ޒިންމާ އަދާނުކުރެއްވި ބައެއް ކަންކަމުން މިސާލު ނެންގެވި އެވެ. ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގަން ބޭނުންވި ކަންކަމަށް ވާގިވެރިވެވަޑައިގަތް ކަމުގެ ތުހުމަތު ކުރެއްވި އެވެ. އިދިކޮޅު ލީޑަރުންނާއި އޭރުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިކޮށް އުޅުނު އެންމެންނަކީ "ޓެރަރިސްޓުން" ގެ ގޮތުގައި ދައުވާ އުފުލީ ގޯސްކޮށް ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ނެގި ސަބަބާ މެދު ވެސް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

އެއިން އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. ދައުވާތައް އުފުލީ އޮންނަ އުސޫލުގެ ތެރެއިން ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ލައިވްކުރި އެ ބައްދަލުވުމުގައި މަޖިލީހުގެ މެމްބަރުން ވެސް ރައްޔިތުންނަށް ދެއްކި މަންޒަރަކީ ޕީޖީއާ އެކު އިންސާފު ގާއިމް ކުރަން ހުރަސްތަކެއް ހުރި ކަމެވެ. ފާޅުކުރެއްވީ އެ މުއައްސަސާގެ އިތުބާރު ގެއްލިފައި އޮތް ކަމުގެ ކަންބޮޑުވުމެވެ.

މައްސަލައަކީ މި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުއްޓަސް ބިޝާމް މަގާމުން ވަކިކުރުމުގެ ވިސްނުން އަދިވެސް ނެތުމެވެ!

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި މަޖިލީހުގައި ވެސް އެކަން އޮތީ މަޑުޖެހިފަ އެވެ. "އެޖެންޑާ 19" ތަފާތުވެފައި، ސްޕީޑު ބާރު ނަމަވެސް ޕީޖީއާ ދޭތެރޭގައި ގެންގުޅެނީ ދެފުށް ފެންނަ އުސޫލެއް ނޫނެވެ.

ކުރިން ދެ ފަހަރަށް ހުށަހެޅި، ވަކިކުރަން އެއްބަސްނުވީ!

މި ވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ވެއްދި އެއް މައްސަލައަކީ ބިޝާމް މަގާމުން ވަކިކުރުމެވެ.

ތިނަދޫ ދެކުނު ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ، މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އެކަމަކު މައްސަލަ ހިނގައެއް ނުގަތެވެ. އެހެންވެ އަނބުރާ ނެންގެވުމަށް ފަހު ތިން މަސް ފަހުން މިދިޔަ ފެބުރުއަރީ މަހު އަލުން ހުށަހެޅުއްވި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް މަގާމުން ވަކިކުރެވޭނީ މަޖިލީހަށެވެ. ދެ ވަނަ ފަހަރަށް ހުށަހެޅުމުން ވެސް ލީޑަރުން އެ މައްސަލައިގައި ސީރިއަސްއެއް ނުވި އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެޖެންޑާ ވެސް ނުކުރެވި އުޅެނިކޮށް ދައުރު ނިމުނީ އެވެ. މައްސަލަ ނިންމަމުން ދިޔައީ، އިސްކަންދިން ތަރުތީބުންނެވެ. އެ ލިސްޓުގައި އެ މައްސަލަ ނުހިމެނުނެވެ.

އޭރު އެކަން ހިނގައި ނުގަނެ، ލަސްވި ސަބަބާ ގުޅިފައި ވަނީ، މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ލީޑަރުންތަކެއްގެ މަސްލަހަތެވެ.

ރަސްމިއްޔާތެއްގައި ބިޝާމް ބައިވެރިވެވަޑައިގަންނަވަނީ: އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅާފައި ނުވާ ކަމަށް އާޒިމް ވިދާޅުވި. --ފޮޓޯ/މިހާރު

މިކަން މިގޮތަށް ހިނގާފައި އޮތް ކަން އެނގި ތިބެމެ މަޖިލީސް އިންތިޚާބުގައި އެމްޑީޕީ އަށް ސާފު އަޣުލަބިއްޔަތު ރައްޔިތުން ދިނީ މުއައްސަސާތަކުގެ ގެއްލިފައިވާ އިތުބާރު އިޔާދަކޮށް، އިންސާފު ކަށަވަރުކޮށްދޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު ސަރުކާރަށް އަހަރެއްވާ އިރު ވެސް މި ވައުދު އޮތީ މާ ފަހަތުގަ އެވެ. ޕީޖީ ހިމެނޭ ގޮތުން މުއައްސަސާތަކުގައި އަދިވެސް ހިންގަވަނީ (މި ސަރުކާރުގެ އިސް ވެރިން) އިދިކޮޅުގައި ތިއްބެވި އިރު ބޮޑެތި ތުހުމަތުތައް އަޅުއްވައި ނަން "ކިލަނބުކޮށްލި" ބޭފުޅުންނެވެ.!

އަލުން ހުށަހެޅުމުން ވެސް "ވާނުވާގައި"!

ކުރީގެ ސަރުކާރުގައި، އިދިކޮޅު ސިޔާސީ ފިކުރުގެ ގިނަ ބަޔަކަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށް ޖުޑިޝަރީ ކޮމިޓީގައި ބިޝާމް ވިދާޅުވި ނަމަވެސް މެމްބަރުން އެކަން ގަބޫލެއް ނުކުރައްވަ އެވެ. ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ އާއި ނައިބު މުގައްރިރު މޫސާ ސިރާޖާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ހިސާން ހުސެއިނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފަދަ ބޭފުޅުން ކޮމިޓީގައި ދެއްކެވި ވާހަކަތަކުން ސާފުކޮށްދެއްވީ ގާނޫނުއަސާސީން ޕީޖީއާ މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވުމުގައި ބިޝާމް އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.

ނަތީޖާއަކަށް ވީ ބިޝާމް މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުމެވެ.

އެއީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ދެކެވަޑައިގެން އިސްވެ އެ މައްސަލަ ހުށަހެޅުއްވީ މޫސާ ސިރާޖެވެ.

އޭނާ މި މަހުގެ ނުވަ ވަނަ ދުވަހު "މިހާރު" އަށް ވިދާޅުވީ ބިޝާމަށް އިތުބާރު ނުކުރެވޭތީ އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕަށް ހުށަހެޅީ އޭގެ ތިން ހަފުތާ ކުރިން ކަމަށެވެ. މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރުމަށް މެމްބަރުންނަށް މަޖިލީހަށް ހުށަހެޅެ އެވެ. އެކަމަކު ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުއްވީ އޭނާ ވިދާޅުވެފައިވާ ގޮތުގައި، ޕާޓީން އެކަމާ މެދު ގޮތެއް ނިންމާށެވެ.

މައްސަލަ ހުށަހެޅުއްވި ކަމަށް ސިރާޖު ވިދާޅުވި ނަމަވެސް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕާޓީގެ އެއްވެސް ގުނަވަނަކަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.

"އަދިއެއް ހަމަޔަގީނުން ވެސް އެމްޑީޕީގެ ޕާލަމެންޓް ގްރޫޕަަކަށް އަދި އެހެން ތާކަށް ވެސް ހުށަހެޅުމެއް ހުށަހެޅިފައެއް ނެތް މިވަގުތަކާ ހިސާބަށް،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ މަޝްވަރާކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމާ ޕާޓީ އެކެވެ. ޕާޓީގެ އެތެރޭގެ ނިންމުންތައް ނިންމުމުގެ ކުރިން ވެސް ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ގޯސްކޮށް ކަންކަން ކޮށްފައި ތިބި މީހުންނާއި ރަނގަޅަށް ކަންކަން ކޮށްފައި ތިބި މީހުން. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ވަކި އުސޫލްތަކެއް އޮންނާތީވެ އެ އުސޫލާ އެއްގޮތަށް އެމްޑީޕީގެ ކަންކަން ކުރަމުން އަންނާނީ. އެ ލަސް މިހާރު ވެގެން މިއުޅެނީ،" އާޒިމް ވިދާޅުވި އެވެ.

ޔަގީންވާ ކަމަކީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ނުކުރެވި ލަސްވާ ސަބަބެއް ވެސް ބައެއް މެމްބަރުންނަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

މިއީ، އެމްޑީޕީގެ ވިސްނުން ރައްޔިތުންނަށް ތިލަކޮށްދޭން ޖެހޭ މައްސަލައެކެވެ.

ޖިނާއީ ތަހުގީގެއް ފުލުހުން ހިންގާ އިރު ވެސް ޕީޖީގެ ދައުރު އޮވެ އެވެ. ދައުވާ އުފުލާ އިރު ވެސް ޕީޖީގެ ދައުރު އޮވެ އެވެ. ޝަރީއަތުގެ މަރުހަލާގައި ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ ޒިންމާތަކެއް ހުންނަ އިރު، ތުހުމަތުތަކެއް އެޅިފައިވާ ޕީޖީއަކާ އެކު އިންސާފުގެ މަގު ހުޅުވިފައި އޮތް ކަމަށް ރައްޔިތުން ގަބޫލުކުރަންވީ ހެއްޔެވެ؟

ނޫން ނަމަ، ބިޝާމް މަގާމުގައި ބަހައްޓަނީ ކުރީގެ ގޯސްތައް ތަކުރާރު ކުރަން ހެއްޔެވެ؟ ދައުވާތަކަށް މި ސަރުކާރުން ނުފޫޒު ފޯރުވަން ބޭނުން ވަނީ ހެއްޔެވެ؟

މިކަންކަން ސާފުކޮށް ނުދޭ ނަމަ، ސިޔާސީ މަންފާ އަށް ބިޝާމަށް ތުހުމަތުތަކެއް ކުރުމުގެ ބޭނުމެއް ނެތެވެ! ބިޝާމް ވިދާޅުވި ގޮތަށް، ދައުވާ އުފުލުމުގައި "ތި ބޭފުޅުން ތި ތުހުމަތުކުރައްވާ ކަހަލަ އެއްވެސް ކަމެއް ހަގީގަތުގައި ވެސް ނުހިނގަ" އެވެ!