ހޮޑު ކޮތަޅުން ކަނޑުގެ ދިރުންތައް ކޮށިއަރަނީ!

މާލެ އިން ރ. އަތޮޅަށް އެ ލޯންޗް ނައްޓާލިއިރު ވެސް އޭގައި ތިބި އެތައް ބަޔަކު ދިޔައީ ހޮޑުލަމުންނެވެ. އާދައިގެ ވަރަކަށް ކަނޑު ގަދަ ދުވަހެކެވެ. ލޯންޗްގައި ދަތުރުކުރާ މީހުން ހޮޑުލުމަށް ހާއްސަކޮށްގެން ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ޗެންޗޭނުގައި އެލުވާފައި ހުއްޓެވެ. ތިން ގަޑިއިރުގެ އެ ދަތުރުގެ ތެރޭގައި 50 އެއްހާ ޕްލާސްޓިކް ކޮތަޅު މޫދަށް އެއްލައިލި އެވެ. އެއީ މުޅިން ވެސް ހޮޑު ކޮތަޅުތަކެވެ.


އެކަމަކު އެ ކޮތަޅުތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިމާޔަތަށް ލިބެމުން ދަނީ ވަރަށް ބޮޑެތި ގެއްލުންތަކެވެ. މައްސަލައަކީ އެގޮތަށް ކޮތަޅު އުކުން ހުއްޓުމަކަށް ނައުމެވެ. އާންމުން ވެސް އެކަމާ މެދު ކަންބޮޑުނުވުމެވެ.

ޕްލާސްޓިކުން މޫދު ފުރިފައި: އާންމުންގެ ހޭލުންތެރިކަން ބޮޑުކުރަން ޖެހޭ---

މާލެ ދަތުރުކުރާ ދޯނިފަހަރާއި ލޯންޗްތަކުގައި ދަތުރުކުރާ މީހުން ހޮޑުލުމަށް މުޅިންހެން ބޭނުން ކުރަނީ ތިމާވެއްޓަށް ނުރައްކާތެރި ޕްލާސްޓިކް ކޮތަޅެވެ. ދޯނި ފަހަރުގައި މީހުން ތިބުމަށް ހާއްސަކޮށްފައިވާ ހިސާބުގައި ކޮތަޅު ބޮނޑިތައް އެލުވާފައި ހުރެ އެވެ. ކޮންމެ ދަތުރެއްގެ ތެރޭގައި އެތައް ކޮތަޅެއް މޫދަށް އެއްލައިލަ އެވެ.

"ކުރިން ބާލިދީ ހުންނަނީ. އެކަމަކު މިގޮތް [ޕްލާސްޓިކް ކޮތަޅު] ފަސޭހަވީމަ މީތި މި ބޭނުން ކުރަނީ. މިހާރު ފަސޭހައިން އެއްލައިލެވޭނެއެއްނު،" މާލެ އާއި ށ. އަތޮޅާ ދެމެދު ދަތުރު ކުރާ ދޯންޏެއްގެ ފަޅުވެރިއަކު ބުންޏެވެ.

އެ ވިސްނުމުގައި ދޯނިތަކުގެ ވެރިން އެކަން ކުރާއިރު އެއީ ތިމާވެއްޓަށް ކިހާ ނުރައްކާތެރި އަދި ކިހާ ބޮޑު ގެއްލުމެއް ދޭ އެއްޗެއްކަން އެމީހުންގެ ވިސްނުމަކަށް ނާދެ އެވެ.

ތިމާވެއްޓަށް އެތައް ގެއްލުމެއް!

ގުދުރަތީ ރީތިކަން ވިއްކައިގެން ނަފާ ހޯދާ މި ރާއްޖެއަށް ވެސް ޕްލާސްޓިކަކީ ހަތުރެކެވެ. ކަނޑުގެ މުއްސަދިކަމުގެ ވާހަކަ ދައްކަން ބަލާއިރު ޕްލާސްޓިކްގެ ސަބަބުން ފަރުތަކަށް އެތައް ގެއްލުމެއް ދަނީ ލިބެމުންނެވެ. މަސްމެހާމެއްސާއި މުރަކަތަކުގައި ޕްލާސްޓިކް އޮޅި މަރުވަނީ އެވެ. މިއީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.

ވެލައަކަށް އޮޅިގެން ޕްލާސްޓިކް ކޮތަޅެއް ކެވެނީ: ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް

އުތުރު ޕެސިފިކް ކަނޑުގައި އުޅޭ މަސްމަހާމެހި ގާތްގަނޑަކަށް 12،000 އާއި 24،000 ޓަނުގެ ޕްލާސްޓިކް ކޮންމެ އަހަރަކު ކާ ކަމަށް ބެލެވެ އެވެ. މަހުގެ އިތުރުން ކަނޑުގެ އެތައް ދިރުމަކަށް ޕްލާސްޓިކްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ އެވެ. ޕްލާސްޓިކް ކެވުމުން އެތަކެތީގެ ގޮހޮރަށް ގެއްލުންވެ، މަރުވެ އެވެ.

ޕްލާސްޓިކް ކޮތަޅާއި ޖެލީފިޝް ވަކިކުރަން ނޭނގުމުން، ވެލާ ފަދަ ތަކެއްޗަށް ވަރަށް ގިނައިން ޕްލާސްޓިކް ކެވެ އެވެ. އެ ކެއުމުން އެތެރެ ހައްޓަށް ގެއްލުންވެ، އެތަކެތި މަރުވެ އެވެ. އަދި ޕްލާސްޓިކް ގިނަކަމުން ގިނަ ދިރޭތަކެތީގެ ދަރިމައިވުމަށް ވެސް ނޭދެވޭ އަސަރުކުރެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 60 ޕަސެންޓަށް ވުރެ ގިނަ ކަނޑުމަތީ ދޫނި، ޕްލާސްޓިކް ކަ އެވެ. އަދި 2050 ވާ އިރު އެ ނިސްބަތް 99 ޕަސެންޓަށް އަރާނެ ކަމަށް ބެލެވެ އެވެ.

ހައްލަކަށް ކަރުދާސް ކޮޅަތު!

ރާއްޖޭގެ އެއާލައިންތަކުން ހޮޑުލުމަށް ހާއްސަކޮށް ބަހައްޓާފައި ހުންނަނީ ކަރުދާސްކޮތަޅެވެ. އެއީ ފާހާނާއަށް ލައި ފްލެޝްކޮށްލުމުން ފަސޭހައިން ނެތިގެންދާ ކޮތަޅެކެވެ. މޫދަށް އެއްލައިލިޔަސް އެފަދަ ކޮތަޅު ފަސޭހައިން ނެތެ އެވެ. އަދި އެއީ އަގުހެޔޮކޮށް ލިބޭ އެއްޗަކަށް ވާއިރު، ކަނޑު ދަތުރުފަތުރަށް ވެސް ރަނގަޅު ހައްލަކީ ކަރުދާސް ކޮތަޅެވެ.

އަވަހަށް ހަލާކު ނުވާ ޒާތުގެ ކުނި ކަނޑަށް އެޅުމަކީ ތިމާވެއްޓާ ބެހޭ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ. ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި ޖެހޭނީ ޑަސްބިންތައް ބަހައްޓާށެވެ. ޕްލާސްޓިކާއި ދަޅު ފަދަ ކުނި ނައްތާލަން ޖެހޭނީ ކުނިގޮނޑަކަށް ގެންގޮސްގެންނެވެ. އެއާ ހިލާފަށް އަމަލު ކުރާ ނަމަ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނު ބުނެ އެވެ.

މަތިންދާބޯޓެއްގައި ކަރުދާސް ކޮތަޅަކަށް މީހަކު ހޮޑުލަނީ: ކަނޑު ދަތުރުފަތުރުގައި ވެސް މި ގޮތް ބޭނުންކުރަން ޖެހޭ

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ފާހަގަކުރެވިގެން ފެރީ އާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ ވަނީ އެކި ފަހަރުމަތިން ވާހަކަ ދައްކައިފަ އެވެ. އެއީ ކަނޑުމަތީ ހިނގާ ކަމަކަށް ވުމުން ރެގިއުލޭޓް ކުރެވޭނެ ގޮތެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންވާނީ ފަރުދީ ޒިންމާ ނަގައިގެން. ކޮތަޅާ، ފުޅި ކަހަލަ އެއްޗެހި މޫދަށް އުކައިގެން ނުވާނެކަން އާންމުން ގަބޫލުކޮށްގެން. މޮނީޓާކުރަން ވަރަށް އުނދަގޫ،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

ޕްލާސްޓިކަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް އޮތް ބޮޑު ހުރަހެކެވެ. ބޮޑު ހަތުރެކެވެ. އެކަން ހައްލު ކުރެވެން އޮތީ ޕާލާސްޓިކަށް ނޫނެކޭ ބުނެގެންނެވެ. ނޫނެކޭ ބުނުމުގެ އެއްގޮތަކީ ހޮނޑުލާން ވެސް ޕްލާސްޓިކް ކޮތަޅު ބޭނުންނުކުރުމެވެ.