ބޮޑު ބަދަލާ ދިމާލަށް، އެކަމަކު ޖޭއެސްސީ އަދިވެސް އޮތް ގޮތަށް؟!

މިދުވަސްވަރު އެންމެންގެ ސަމާލުކަން ވެސް ހުއްޓިފައި އޮތް އެއް ކަމަކީ ޝަރުއީ ދާއިރާއަށް މިހާރު އަންނަ ބަދަލުތަކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކޮށް، އާ ބޭފުޅުން އައްޔަން ކުރުމާއި ބައެއް ބޭފުޅުން ވަކިކުރުމުގެ އިތުރުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ފަދަ ޝަރުއީ ދާއިރާއާ ގުޅޭ ގިނަ ކަންތައްތަކެއް އެކި މަރުހަލާތަކުގައި އަންނަނީ ހިންގަމުންނެވެ.


އެކަމަކު ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ އެ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަން ޖެހޭ އަދި ޝަރުއީ ދާއިރާއާ ގުޅުން ހުރި އެންމެ ބޮޑު ޒިންމާ ހަވާލުވެފައި އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތެވެ.

ޖޭއެސްސީ އަކީ ދާދި ފަހަކާ ޖެހެންދެން އެތައް ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވަމުން އައި މުއައްސަސާއެއް ކަމަށް ވިޔަސް، އެ ކޮމިޝަންގެ މަސައްކަތްތަކަށް ކުއްލިއަކަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅިފައި ޝަކުވާތައް އަވަހަށް ބަލަން ފެށުމާއި ކޯޓުތަކުގެ މައްސަލަތައް ނުނިމި އެތައް އަހަރެއް ހޭދަވާ ސަބަބު ހޯދައި، މައްސަލަތައް އަވަސް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން ޖޭއެސްސީގެ މަސައްކަތްތައް ހާމަކުރަން ފެށުމަކީ އޭގެ މިސާލުތަކެވެ. އެކަމަކު އެ ބަދަލުތައް އެގޮތަށް ފެނުނަސް ޝަރުއީ ދާއިރާއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި ޖޭއެސްސީއަށް އަންނަން ޖެހޭ ބަދަލުތައް އެ ހިސާބުން ނިންމާލެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ޝަރުއީ ދާއިރާއާ މެދު އާންމުންގެ އިތުބާރު ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޖޭއެސްސީގެ ކަންކަން މިހާތަނަށް ހިނގަމުން އައި ގޮތް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. ފަނޑިޔާރުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުން ފަދަ ކަންކަމުގައި ޖޭއެސްސީގެ ނިންމުންތަކާ މެދު އަބަދުވެސް ފާޑުކިޔުން ބޮޑެވެ. އެހެން މިނިވަން މުއައްސަސާތަކަށް ވުރެ ޖޭއެސްސީއަށް އަމާޒުވާ ފާޑުކިޔުން ވަކިން ބޮޑުވާ ސަބަބަކީ އެ ކޮމިޝަން އެކުލެވިފައި އޮތް ގޮތެވެ.

ގާނޫނު އަސާސީ އޮތް ގޮތުން ޖޭއެސްސީ މިހާރު އެކުލެވިފައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެއްގެ މައްޗަށެވެ.

މީގެ ތެރެއިން މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރާއި ސީއެސްސީގެ ރައީސްގެ އިތުރުން އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކީ ސީދާ މަޖިލީހުގެ މެމްބަރުންގެ ވޯޓަކުން ކަނޑައަޅާ ބަޔަކަށް ވާތީ އެ މަގާމުތަކަށް އައްޔަން ކުރެވޭނީ އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުންވާ ބައެކެވެ. ހަމަ އެހެންމެ، ބަންޑާރަ ނައިބާއި ރައީސްގެ މެމްބަރަކީ ރައީސް އައްޔަން ކުރައްވާ ދެ ބޭފުޅުންނެވެ.

ކުރުކޮށް ބުނާ ނަމަ، ޝަރުއީ ދާއިރާއާ ގުޅޭ އެންމެ މުހިންމު ޒިންމާ ހަވާލުކޮށްފައި އޮތް ޖޭއެސްސީގެ ބޮޑު އަޣުލަބިއްޔަތު އޮތީ ސިޔާސީ ގޮތުން އިންތިޚާބު ކުރާ ނުވަތަ އައްޔަންކުރާ މެމްބަރުންތަކެއްގެ މައްޗަށެވެ. އޭގެ ސަބަބުން ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު އޮތް ކަމަށް ދައްކަމުންދާ ވާހަކައަށް ނިމުމެއް ނެތެވެ. ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ނިޒާމާ ގުޅޭ ގޮތުން ނެރުނު ރިޕޯޓްތަކުގައި ވެސް އެކަން އޮތީ އެކި ފަހަރު މަތިން ފާހަގަކޮށްފަ އެވެ. އެހެންވެ، ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.

މަޖިލީހުގެ ޖަލްސާއެއް: ޖޭއެސްސީ ބަދަލުކުރުމުގެ މަސައްކަތެއް އަދި ނެތެ -- ފޮޓޯ/މަޖިލިސް

ޖޭއެސްސީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި މިހާރު އޮތީ ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން ކަމަށް ވިޔަސް، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އިއްޔެ ތަސްދީގު ކުރެއްވި އިސްލާހާ އެކު ޝަރުއީ ދާއިރާގެ ހިންގުމުގެ ކަންކަން ވެސް އެ ކޮމިޝަންގެ ދަށަށް ބަދަލުވީ އެވެ. ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވެސް އެ އިސްލާހާ އެކު، ޖޭއެސްސީގެ ދަށަށް ބަދަލުވެ، ޝަރުއީ ދާއިރާގެ އިދާރީ އަދި ހިންގުމުގެ ހުރިހާ ކަމެއް ވެސް އެ ކޮމިޝަނަށެވެ.

މިވަރުން ނިމުނީކީއެއް ނޫނެވެ. ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހިގެން ކޯޓުތަކަށް ދެވޭ ގޮތަށް ކުރިން އޮތަސް، ގާނޫނު މިހާރު ބަަދަލުވި ގޮތުން، ޖޭއެސްސީން ފަނޑިޔާރަކާ މެދު އަޅާ ފިޔަވަޅެއް އިސްތިއުނާފް ކުރެވޭނީ އިސްތިއުނާފް މަޖިލީހެއްގައި އެކަންޏެވެ. އަދި އެ މަޖިލީހުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

އެކަމަކު ޖޭއެސްސީން ފަނޑިޔާރަކާ ގުޅޭ ގޮތުން ބަލާ މައްސަލައެއް މައުޟޫއީ ގޮތުން އަލުން ބެލުމުގެ ބާރެއް ނުވަތަ ޖޭއެސްސީން އަޅާ ފިޔަވަޅު އެ ނޫން ގޮތަކަށް ބަދަލު ކުރުމުގެ ބާރެއް އިސްތިއުނާފް މަޖިލީހަކަށް ވެސް ނޯންނާނެ އެވެ.

ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާ ނިންމުންތައް ވެސް އެ އިސްލާހު އޮތް ގޮތުން އިސްތިއުނާފް މަޖިލީހަކަށް ނުބެލޭނެ އެވެ. މާނައަކީ އެ މަޖިލީހަށް ބެލޭނީ ފިޔަވަޅެއް އެޅުމުގެ ގޮތުން ފަނޑިޔާރަކަށް ނަސޭހަތް ދިނުމަށް ނުވަތަ މަގާމު ދަށް ކުރަން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ނިންމާ ނިންމުންތައް އެކަނި ކަމެވެ. އަދި މައްސަލައެއް ބެލުމުގައި ފަނޑިޔާރަކާ މެދު ޖޭއެސްސީން ވަގުތީ ގޮތުން އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތައް ވެސް އިސްތިއުނާފް މަޖިލީހަކަށް ނުބެލޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ވެ އެވެ.

އިސްތިއުނާފް މަޖިލިސް އެކުލެވިގެން ވަނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެއްގެ މައްޗަށެވެ. އެ މަޖިލިސް އުފެއްދުމުގެ ބާރު ދީފައި އޮތީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށެވެ. އެކަމަކު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ވެސް މިހާރު ގާނޫނަށް ގެނައި ބަދަލު ބުނާ ގޮތުން، ޖޭއެސްސީން އައްޔަންކުރާ ބޭފުޅެކެވެ. އެހެންވެ، ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ އިތުރުން މުޅި ޝަރުއީ ދާއިރާގެ ހިންގައި ބެލެހެއްޓުމަށް ބޮޑެތި ބާރުތަކަކާއި އިތުރު ޒިންމާތަކެއް ޖޭއެސްސީގެ ދަށަށް ދާއިރު، ޖޭއެސްސީ މިހާރު އެކުލެވިފައި އޮތް ގޮތަށް އަދިވެސް ބޭއްވުމަކީ މައްސަލައެކެވެ.

ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލެއް ގެނެވެން އޮތީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސްގެންނެވެ. މިިހާރު ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބަޔަށް ވުރެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް އޮތުމުން ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ސަރުކާރަށް ނުވަތަ އެމްޑީޕީއަށް އެއްވެސް ހުރަހެއް ނެތެވެ. ކުރީގެ ސަރުކާރުގެ ދުވަސްވަރު އެކި ފަރާތްތަކަށް އަމާޒު ކޮށްގެން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް އުވާލައި، ކުރިން އޮތް ގޮތަށް ބަދަލު ކުރުމަކީ އޭގެ މިސާލެކެވެ. އެހެންކަމުން ޖޭއެސްސީއަށް ބަދަލު ގެނައުން މި ލަސްވަނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ގެންނާނީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާ ގުޅިގެން ހަދަމުން އަންނަ ދިރާސާއަށް ފަހު އެވެ. އަދި އެ ދިރާސާއަށް ފަހު ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރާނީ އެންމެންނަށް ވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

"އެންމެ މުހިންމު ކަމަކީ މިކަން ރަނގަޅަށް ކުރުން. އެއީ ދިރާސާއެއް ކުރެވިގެން ނޫނިއްޔާ މިކަން ރަނގަޅަށް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމަ ދިރާސާގެ އަލީގައި ޖުޑީޝަލް ސާވިސްގެ ކޮމްޕޮޒިޝަނަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން،" ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީގެ މަސައްކަތްތަކަށް ބަދަލު އަޔަސް، އެ ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ނުކުރާހާ ހިނދަކު އެ ކޮމިޝަނަށް އިތުބާރު ލިބޭނެ ގޮތެއް ނެތެވެ. އަދި އެންމެ ފުރަތަމަ ކަމަކަށް ކުރަން ޖެހޭނެ ކަމަކީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން އެ ބަދަލެއް ގެނައުން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އެއިރެއްގައި ސަރުކާރަށް ތާއީދުކުރާ ބަޔަކު ދެކޭނީ ޖޭއެސްސީން ކުރާ ކަންކަން ރަނގަޅޭ. އެކަމަކު އިދިކޮޅުގައި ތިބޭ ބަޔަކަށް އަބަދުވެސް އެކަންކަން ގޯސްވާނެ. އެހެން އަބަދުވެސް އެކަން މި ހިނގަނީ. އެކަމަކު ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިބޭހާ ހިނދަކު އެ ކޮމިޝަނަށް އިތުބާރު ލިބޭނެ ގޮތެއް ނޯންނާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމަށް އާންމުންގެ އިތުބާރު ހޯދަން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމެވެ. އެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާއި ފާޑުކިޔުންތަކަށް ނިމުމެއް ގެނެވެން އޮތީ ވެސް އެ ބަދަލު ގެނެސްގެންނެވެ.