ރިލްވާންގެ މައްސަލާގައި އެދެވޭ ނަތީޖާއެއް ނެރެވިދާނެތަ؟

ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލިތާ" ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، އެންމެ ފަހުން ކުރިން ނޭނގޭ މައުލޫމާތުތަކެއް، ރިޔާސީ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެއް ބައެއްގެ ނަޒަރުގައި އެ މައުލޫމާތުތަކުން ކަށަވަރުވަނީ އޭނާ މަރާލާފައިވާ ކަމެވެ. އެކަމަކު ރާއްޖޭގައި ހިންގި މީހަކު "ފޮރުވުމު"ގެ އެންމެ ނުރައްކާތެރި މައްސަލާގައި ޖަވާބު ނުލިބި އަދިވެސް އެތައް ސުވާލެއް އެބަ ހުއްޓެވެ.


ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ރިލްވާން ގަދަކަމުން ފޮރުވުމަށް ފަހު އޭނާއާ މެދު އަމަލުކުރި ގޮތާއި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ. އެ ރިޕޯޓާ އެކު، މިހާތަނަށް ރިލްވާންގެ އާއިލާ އާއި ގިނަ ބަޔަކު އަމާޒު ކުރި ސުވާލުތަކަކަށް ޖަވާބު ލިބުނަސް، ކޮމިޝަންގެ ޒިންމާ އަދި ނިމުނީ ކަމަކަށް ބުނެވޭކަށް ނެތެވެ.

ތަހުގީގު ނިންމައި، ދައުވާ ކުރަން ފޮނުވުމާއި ކޯޓެއްގައި ކުށް ސާބިތުކުރެވޭނެ މިންވަރަށް ހެކި ހޯދުން ފަަދަ ޒިންމާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ގޮތުން މަތިކޮށްފައި އެބަ އޮތެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށާއި ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވި ކަންކަމަށް ބަލާއިރު، އެ ކޮމިޝަނަށް މިހާރު އެފަދަ ނަތީޖާއެއް ނެރެވިދާނެތޯ ސުވާލު އުފެދެ އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ފެންނަން އޮތީ ރިލްވާން ގެއްލުވާލި މައްސަލާގައި ބޮޑެތި އިހުމާލުތަކެއް ވެފައި ހުރި ކަމެވެ. ރިލްވާން ގެއްލުވާލުމުގެ ކުރިން އޭނާއަށް ފާރަލި މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ސުވައިދު ބަންދުން ދޫކޮށްލަން ކޯޓުން އަމުރު ކުރުމުން އެކަމުގައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ހުރިކަން ރިޕޯޓުން ހާމަވެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ މިންވަރުގެ ހެކި ލިބިފައި ހުރިއިރު، އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފައި ނުވުމުގެ އިތުރުން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ހޯދަން ވެސް ފުލުހުން މަސައްކަތް ކޮށްފައެއް ނެތެވެ. ނަތީޖާއަކަށް ވީ ބަންދުން ދޫކޮށްލިތާ ދުވަސްކޮޅެއް ފަހުން އޭނާ ރާއްޖެއިން ބޭރަށް ދިއުމެވެ.

މީގެ އިތުރުން ރިލްވާން ގެއްލުމުގެ ދެ މަހެއްހާ ދުވަސް ކުރިން، ގޭންގްތަކުގެ ބަޔަކު ބޭނުން ކޮށްގެން ދެ މީހަކު ކަނޑު ފައްތަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރަސްމީކޮށް ލިބުނުއިރު ރިލްވާނަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭތީ ފުލުހުން ރިލްވާނަށް ފާރަލަމުން ދިޔަކަން ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެ އެވެ. އެކަމަކު އެކަން ހުއްޓުވަން ވެސް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތެވެ. މިއީ ތަހުގީގު މަރުލަހާގައި ވެފައި ހުރި ކަމަށް ރިޔާސީ ކޮމިޝަނުން ފާހަގަކުރި އިހުމާލުތަކެވެ.

ކުރިން ވެސް ހުރަހަކީ އެކަށީގެންވާ ހެކި

ރިލްވާން ގަދަކަމުން "ފޮރުވި" ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް 2017 ގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރުމުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކުރި ހުކުމުން ވެސް ހާމަވީ އެފަދަ ކަންތައްތަކެކެވެ. ރަތް ކުލައިގެ ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ދިޔަ ކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް ދައުވާކުރި އިރު އޭގެ ތެރެއިން އެކަކު ގެންގުޅުނު ރަތް ކުލައިގެ ކާރުން ފެނުނު އިސްތަށްޓަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ފެނުނު ކަމަށް ފޮރެންސިކް ތަހުލީލުން ދެއްކި އެވެ. އެކަމަކު އެއީ ކޮން ތަނަކުން ނެގި އިސްތަށްޓެއް ކަން އެނގޭނެ ޗެއިން އޮފް ކަސްޓަޑީއެއް، ހެކި ހުށަހެޅުމުގެ މަރުހަލާގައި ދައުލަތުން ހުށަހަޅާފައެއް ނެތެވެ.

ޑީއެންއޭ އާއި ރިލްވާން ދިރިއުޅުނު ފްލެޓުން ފެނުނު ބުރުހަކުން ފެނުނު އިސްތަށްޓަކުން ނެގި ޑީއެންއޭއާ ވެސް ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވުމުން، ދައުލަތުން ކޯޓުގައި މަސައްކަތްކުރީ ރިލްވާން މަންމަ އާއި ރިލްވާންގެ އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ މީހުން ދައުވާގައި ބުނާ ރަތް ކުލައިގެ ކާރަށް އަރާފައި ނުވާނެ ކަން ސާބިތުކޮށް ދީގެން، އެ ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށެވެ.

އެކަމަކު ދައުލަތުން ހުށަހެޅި ޑީއެންއޭ އެކްސްޕާޓްގެ ހެކިބަހުން ހާމަވީ އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ މީހުންގެ އިތުރުން ރިލްވާނާ އެހެން ގޮތްގޮތުން އާއިލީ ގުޅުން އޮންނަ ބައެއް މީހުންނާ ވެސް އެ ޑީއެންއޭ ދިމާވުމުގެ ފުރުސަތު އޮތް ކަމެވެ. ނަމަވެސް އެގޮތަށް ރިލްވާނާ ތިމާގެ މީހަކު ނެތްކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައެއް ނެތެވެ. އެހެންކަމުން އެ ޑީއެންއޭއާ ހަމައެކަނި ރިލްވާނާ ގުޅުވާލެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އެރުވި މަންޒަރު ބައެއް މީހުންނަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފުލުހުން ދިޔައިރު އެ ހިސާބުގެ މަގުމަތިން ބެނެޓް ވަޅިއެއް ފުލުހުންނަށް ފެނުނެވެ. އެ ވަޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ތަހުލީލު ކުރުމަށް ފޮރެންސިކާ ހަވާލު ކުރިކަން ހެކިންގެ ބަހުން އެނގުނަސް، އެ ވަޅީގެ އެއްވެސް ތަހުލީލެއް ހެދިކަން ނުވަތަ އެއިން އެއްވެސް ނަތީޖާއެއް ލިބުނު ކަން ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭކަށް ނެތެވެ.

ކުރުކޮށް ބުނާ ނަމަ، މިހާތަނަށް ހާމަވި މައުލޫމާތުތަކުން އެނގުނީ ރިލްވާންގެ މައްސަލާގައި ބޮޑެތި އިހުމާލުތަކެއް ވެފައި ހުރި ކަމެވެ. ރިލްވާނަށް ނުރައްކަލެއް އޮތްކަން އެނގޭއިރު ފިޔަވަޅު ނޭޅުމާއި އެ ހާދިސާއަށް ފަހު، ތުހުމަތުކުރެވޭ އެއް ބަޔަކު ރާއްޖެއިން ބޭރަށް ދިޔަ ދިއުމާއި މި ނޫނަސް ކޮންމެހެން ތަހުގީގު މަރުހަލާގައި ކުރަން ޖެހޭ ކަންތައްތަކެއް ދޫކޮށްލާފައި ހުރި ކަމެވެ. އެކަންކަން އެގޮތަށް ހުރިއިރު ރިޔާސީ ކޮމިޝަންގެ ހޯދުންތަކާ އެކު، މިހާރު އެ މައްސަލާގައި އެދެވޭ ނަތީޖާއެއް ނެރެވިދާނެތޯ ސުވާލު އުފެދެ އެވެ.

ރިލްވާން

ރިިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ރިލްވާން ގަދަކަމުން ފޮރުވުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި އެކަމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުުކޮށް ދިން ކަމަށް ބުނާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ނަމަވެސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެއީ އެ ތަހުގީގުގައި އެހާ ތަނަށް ހޯދިފައި ހުރި މައުލޫމާތުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރަން ގާނޫނު ލާޒިމް ކުރާތީ ނެރުނު ވަގުތީ ރިޕޯޓެކެވެ. އެ ރިޕޯޓް ނެރުނަސް ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ތެދެކެވެ. ރިލްވާނާ މެދު ކަންކަން ވެގެންދިޔަ ގޮތް ހާމަކުރުން މުހިންމެވެ. ރިލްވާންގެ އާއިލާ އާއި އެތައް ބަޔަކު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރަމުން އައީ އޭނާއަށް ވީ ގޮތެއް ހޯދުމަށެވެ. އެންމެ ކުޑަމިނުން ރިލްވާން ދުނިޔޭގައި އެބަހުރިތޯ ނުވަތަ ނޫންތޯ ވެސް އެނގުމުގެ ބޭނުމުގަ އެވެ. އެހެންވެ، ރިލްވާން ވަގަށް ނެގުމަށް ފަހު އޭނާއާ މެދު އަމަލުކުރި ގޮތް މިހާތަނަށް ހޯދުނު ހޯދުންތަކުގެ އަލީގައި ކޮމިޝަނުން ހާމަކުރި ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ކަމަށް ބުނެވޭކަށް ނެތެވެ.

އެކަމަކު ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތާއި ތަހުގީގަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުން، ޝަރީއަތަކަށް ބޭނުންވާ ހެކިންނަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ހިނގުމުގެ ފުރުސަތު އޮންނާނެ އެވެ.

ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރެވިދާނެތަ؟

ގިނަ ބައެއްގެ ފާޑުކިޔުން މިހާރު އަމާޒުވެފައިވަނީ ތުހުމަތުކުރެވޭ މީހުން ދޫކޮށްލާފައި ތިބޭ ތިބުމަށެވެ. އެ މައްސަލައާ ގުޅިގެން 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރިޔަސް، އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ. އަދި ރިލްވާން ރާއްޖެއިން ބޭރަށް ދިޔަކަން ދައްކަން މަސައްކަތްކުރި ކަމަށް ބުނާ ދެ ފުލުހަކު ހައްޔަރުކުރަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެންގެވުމުން ވެސް، އެ މީހުން ވަޒީފާއިން ސަސްޕެންޑް ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް ނޭޅުމުން ފުލުހުންނަށް ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ފުލުހުން ބުނާ ގޮތުން އެ މީހުން ހައްޔަރުކުރަން އަމުރު ހޯދުމުގެ ބާރެއް ފުލުހުންނަކަށް ނެތެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން ބުނަނީ އެއީ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލައަކަށް ވުމެވެ. ރިިޔާސީ ކޮމިޝަނާ ބެހޭ ގާނޫނުގައި ކޯޓު އަމުރަށް އެދުމުގެ ބާރު އެ ކޮމިޝަނަށް އޮތްއިރު އެ ކޮމިޝަނުގެ ތަހުގީގަކަށް ކޯޓު އަމުރެއް ހޯދަން ފުލުހުންނަށް ނޭދެވޭނެ ކަމަށް ފުލުހުން ދެކެ އެވެ.

މިކަމުގައި ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ ރިޔާސީ ކޮމިޝަނުން މިހާތަނަށް އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ނުވަތަ ކޯޓެއްގައި ކުށް ސާބިތު ކުރެވޭނެ މިންވަރުގެ ހެއްކެއް ލިބިފައި ނެތުމެވެ. އަނެއްކޮޅުން ކޮމިޝަންގެ ތަހުގީގު ނުނިމެ އެވެ. އެހެންވީއިރު، މި މަރުހަލާގައި ބަޔަކު ހައްޔަރުކޮޮށްފި ނަމަ، އޭގެ ސަބަބުން ގާނޫނީ ގޮތުން ދެން ކުރިމަތިވެދާނެ ގޮންޖެހުންތަކެއް ވެސް އެބަ ހުއްޓެވެ.

މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ނަމަ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހެ އެވެ. ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން މީހަކު ކޯޓަށް ގެންގޮސްފި ނަމަ އެ ހިސާބުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ މީހަކަށް ދައުވާކުރަން އެ ގާނޫނު ލާޒިމް ކުރެ އެވެ. މައްސަލާގެ ބާވަތަށް ބަލައި، ޕްރޮސެކިއުޓާ ޖެނެރަލްގެ ހުއްދައާ އެކު ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރިޔަސް، އެގޮތަށް ވެސް އިތުރުކުރެވޭނީ ގާނޫނުގައި ބުނާ ވަކި މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވިއްޖެ ނަމަ، ދެން އެ މައްސަލައެއްގައި އެ މީހަކަށް ދައުވާ އުފުލަން ގާނޫނީ ގޮތުން ހުރަސްތަކެއް ކުރިމަތިވެ އެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ ކޮމިޝަންގެ ގާނޫނު އޮތް ގޮތުން އެ ކޮމިޝަންގެ ތަހުގީގަކާ ގުޅިގެން ޖިނާއީ އެއްވެސް ތަހުގީގެއް ހިންގައި، ކޯޓު އަމުރު ހޯދައިގެން މީހުން ހައްޔަރު ފަދަ ކަންކަން ކުރުމުގެ ބާރެއް ފުލުހުންނަކަށް ނޯންނާނެ އެވެ. އެ ބާރު ގާނޫނުން ދެނީ ހަމައެކަނި ރިޔާސީ ކޮމިޝަނަށް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އަދި ރިލްވާންގެ މައްސަލާގައި 14 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކޯޓުގައި އެދުނީ ވެސް ރިޔާސީ ކޮމިޝަނުން ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

"ފުލުހުންނަށް އިދާރީ ފިޔަވަޅެއް އެޅިދާނެ. އެކަމަކު ދެން ޖިނާއީ ތަހުގީގެއް ނުހިންގޭނެ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ. މީގެ އިތުރުން ރިޔާސީ ކޮމިޝަނުން ތަހުގީގުތައް ހިންގުމާ ބެހޭ ގަވާއިދުތައް ހަދަން ރިޔާސީ ކޮމިޝަންގެ ގާނޫނު ލާޒިމްކުރާއިރު، އެ ގަވާއިދުތައް ހެދުމެއް ނެތި ތަހުގީގުތައް ކުރިއަށް ގެންދިއުމުން އެ ތަހުގީގުތަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ވެސް އެބަ ލިބެ އެވެ.

"ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އެބަ ބުނޭ ތަހުގީގުތައް ގެންދަން ވާނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާއި އޭގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން ކަމަށް. ފުލުހުންނާއި އޭސީސީން އެބަ އޮތް ގަވާއިދު ހަދާފައި. އެކަމަކު ކޮމިޝަނުން ނެތް ގަވާއިދެއް ހަދާފައެއް. މިހާރު ވަރަށް ފަސޭހައިން ބުނެވިދާނެ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށޭ ތަހުގީގުތައް އެ ގެންދަނީ،" އެ ވަކީލް ވިދާޅުވި އެވެ.

އެކަމަކު ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރި ދެ ފުލުހުންގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި، ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރުން ފަދަ ފިޔަވަޅުތައް ފުލުހުންނަށް ވެސް އެޅޭނެ އެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ދެ ފުލުހުންގެ މައްސަލަ ފެންމަތިވީ ރިލްވާން މައްސަލަ ކޮމިޝަނުން ބަލަމުން ދަނިކޮށް ކަމަށް ވާތީ އެއީ ޖިނާއީ އެހެން މައްސަލައަކަށް ވުމެވެ. އެހެންވެ، ވަކި މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ކޮމިޝަނުން ބަލާ މައްސަލައެއްގައި ކޮމިޝަނުން އަމިއްލައަށް ކޯޓު އަމުރެއް ހޯދައިގެން ތަނެއް ފާސްކުރަނިކޮށް އެތަނުން މި ފެނުނީ ވައްކަން ކޮށްގެން ހޯދާފައި ހުރި އެއްޗެހިތަކެއް. އެކަމަކު ވައްކަން ކޮށްގެން ހޯދި އެއްޗެހީގެ މައްސަލައެއް ނޫން ކޮމިޝަނުން މި ބަލަނީ. އެހެންވީމަ އެކަން ބަލަން ޖެހޭނީ ފުލުހުން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރިލްވާންގެ މައްސަލައިގެ ތަހުގީގު އެއްކޮށް ނުނިމެނީސް އޭގެ ގިނަ މައުލޫމާތުތަކެއް ކޮމިޝަނުން ހާމަކުރީ ކޮމިޝަންގެ ބާރުތަކުގެ ތެރެއިންނެވެ. އަދި އެހެން ބައެއް މައްސަލަތަކުގައި ވެސް ތަހުގީގުގެ ކުރީގެ މަރުހަލާތަކުގައި އެގޮތަށް އަމަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު ފުލުހުން ވެސް ތަހުގީގުތަކުގެ ކުރީ ބައިގައި ބައެއް މައުލޫމާތުތައް އާންމު ކުރާނެ. އެއީ ތަހުގީގު ކުރުމުގައި ބޭނުން ކުރާ އުކުޅެއް،" ޝަމީމް ވިދާޅުވި އެވެ.

"މި މައްސަލާގައި ކޮމިޝަނުން ވެސް އެބަ ބުނޭ އެ މައުލޫމާތު ހާމަކުރީ އިިތުރަށް ތަހުގީގު ކުރިއަށް ގެންދަން މުހިންމު ކަމަށް ވީމާ ކަމަށް. ކޮމިޝަނަށް އޮތް ބާރެއް އެއީ ހާމަކުރުމާއި ނުކުރުން."

ރިލްވާންގެ ތަހުގީގު އަދިވެސް ނުނިމެ އެވެ. ތަހުގީގުގައި އިތުރު ހެކި ހޯދުމާއި ދައުވާ ކުރަން ޖެހޭ ފަރާތްތަކާ މެދު ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާ ވެސް އޮތީ އެވެ. ހަމައެހެން ކޮމިޝަންގެ ތަހުގީގުން ނަތީޖާއެއް ނެރެވިދާނެ ކަމާ މެދު އުފެދިފައިވާ ބަހުސް އޮތީ ކުރިއަށެވެ.