ވަޒީފާ އަދާނުކުރާ އަންހެނުންގެ ވާހަކަ!

ފަތިހު ހަތަރެއް ޖަހާއިރު ހޭލައިގެން، ދަރިން ނިދިން ތެދުކޮށް ނަމާދަށާއި ސްކޫލަށް ފޮނުވައި ހެނދުނުގެ ސައި ތައްޔާރުކުރެ އެވެ. ހެދުންތައް ދޮވެ، ގޭތެރެ ފޮޅާ ސާފުކޮށް މެންދުރަށް ކައްކަ އެވެ. ސްކޫލާއި ޓިއުޝަން ގޭދޮށަށް ހިނގައި، ގޭގައި ދެން އުޅޭ މީހުންގެ ކަންކަން ބަލަހައްޓަ އެވެ. ރޭގަނޑު ނިދަން ވަންދެން އުޅެން ޖެހެނީ ކޮންމެވެސް މަސައްކަތެއްގަ އެވެ. މިއީ ކޮންމެ ދުވަހެއްގައި ވެސް، ގިނަ ދިވެހި އަންހެނުން އަދާކުރާ ޒިންމާތަކެވެ.


އެކަމަކު އާމްދަނީ ހޯދަން ވަޒީފާ އަދާނުކުރާތީ ގިނަ ފަހަރަށް އެ މީހުން ވެފައި އޮންނަނީ "ގޭގައި ތިބޭ ބައެއް"ގެ ގޮތުގަ އެވެ. ދަރިން ބަލަން ގޭގައި ތިބޭތީ މުހާތަބު ކުރެވެނީ މަސައްކަތެއް ނުކުރާ ބައެއްގެ ގޮތުގަ އެވެ. ވަޒީފާ އަދާނުކުރާ އަންހެނުން މުޖުތަމައުން ބަލައިގަންނަ ގޮތް އާއްމުކޮށް ތަފާތެވެ.

މިދިޔަ މަހު އިންޑިއާގައި އޮތް ސައުތު އޭޝިއާ ވިމެންސް ނެޓްވޯކްގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ މިކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަތަކުގެ ތެރެއިން ވެސް އާއްމުކޮށް ނުދައްކާ އެކަމަކު މުހިއްމު ވާހަކައެކެވެ.

ރަށެއްގެ ދެ އަންހެނަކު މަސައްކަތުގައި: ގޭތެރޭގެ ހުރިހާ މަސައްކަތެއްހެން ކުރަނީ އަންހެނުން .---މިހާރު ފޮޓޯ: ހުސައިން ވަހީދު

އެ ބައްދަލުވުމުގައި ޝިދާތާ ވިދާޅުވީ ކުދިން ބެލުމާއި ކެއްކުމާއި ފޮޅާ ސާފުކުރުމާއި ދޮވެ އިސްތިރިކުރުން ފަދަ ގޭތެރޭގައި އަންހެނުން ކުރާ އެކި ބާވަތުގެ މަސައްކަތްތަކަކީ އުޖޫރައެއް ނެތި ކުރާ ކަންކަން ކަމަށް ވުމުން އެއީ މަސައްކަތެއްގެ ގޮތުގައި ނުބަލާ ކަމަށެވެ. އަދި މިއީ ބަދަލު ކުރަން ޖެހިފައިވާ ވިސްނުމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތް ކުރޭ!

ވަޒީފާއާ ގުޅޭ ގޮތުން 2016 ގައި ސަރުކާރުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ އުމުރުފުރާގެ 263،311 މީހުން އުޅޭއިރު އޭގެ ތެރެއިން ވަޒީފާ އަދާކުރަނީ 142،422 މީހުންނެވެ. އެ މީހުންގެ 72 ޕަސެންޓަކީ ފިރިހެނުންނެވެ.

އެ ދިރާސާ ބަހާލާފައިވަނީ އިގްތިސޯދީ ގޮތުން ހަރަކާތްތެރިވާ އާބާދީ އާއި ހަރަކާތްތެރި ނުވާ އާބާދީގެ ގޮތުގަ އެވެ. އިގްތިސޯދީ ގޮތުން ހަރަކާތްތެރިނުވާ އާބާދީއަކީ ވަޒީފާ އަދާނުކުރާ މީހުންނެވެ. ދިވެހި އަންހެނުންގެ 58 ޕަސެންޓް ބުނާ ގޮތުން އެ މީހުން ވަޒީފާ އަދާނުކުރަނީ ގޭތެރޭގެ މަސައްކަތްކޮށް ދަރިން ބަލަން ޖެހޭތީ އެވެ.

އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފިރިހެނުންގެ އަދަދު އަންހެނުންނަށް ވުރެ އިތުރު އިރު، މަސައްކަތް ކުރާ ގަޑި ވެސް އެ މީހުންގެ ގިނަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފިރިހެނުން އެވްރެޖުކޮށް ނުވަ ގަޑިއިރު މަސައްކަތް ކުރެ އެވެ. އަންހެނުން މަސައްކަތް ކުރަނީ ހަތް ގަޑިއިރެވެ. ނަމަވެސް ދިރާސާއިން ދައްކާ ގޮތުގައި ވަޒީފާއަށް ދާ އަންހެނުން، އެނބުރި ގެއަށް އައިސް ގޭގެ ޒިންމާތައް އަދާކުރެ އެވެ. އެހެންވެ، ފިރިހެނުންނަށް ވުރެ އަންހެނުން މަސައްކަތުގައި ހޭދަކުރާ ވަގުތު ޖުމްލަކޮށް ބަލާއިރު ގިނަ އެވެ.

އަންހެން މުވައްޒަފުތަކެއް ވެލާނާގޭ ކުރިމަތީގައި މަޑުކޮށްލައިގެން: ރާއްޖޭގެ މަސައްކަތް ކުރާ އާބާދީގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ފިރިހެނުން .-- ފައިލް ފޮޓޯ: މިހާރު

ދިރާސާގައި އިގްތިސޯދީ ގޮތުން ހިއްސާ ނުވާ ބައެއްގެ ގޮތުގައި، ގޭތެރޭގައި މަސައްކަތް ކުރާ އަންހެނުން ހިމަނާފައި ވީ ނަމަވެސް، ޖެންޑާ މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހަމަޖެހޭ އުސޫލެއް ނޫނެވެ. އޭނާ ވިދާޅުވީ އެފަދަ އަންހެނުންގެ ހިއްސާ އިގްތިސޯދީ ގޮތުން ފެންނަން ނޯންނަނީ ވެސް، އެ މަސައްކަތްތައް އަންހެނުންނަށް އަދި ވަޒީފާ އަދާކުރުން ފިރިހެނުންނަށް ހާއްސަވެ "ސްޓީރިއޯޓައިޕްޑް" ވެފައި އޮންނާތީ ކަމަށެވެ.

އެކަމަކު ޝިދާތާ ވިދާޅުވި ގޮތުގައި އަންހެނުން ގޭތެރޭގެ ޒިންމާތައް ނުނަގާ ނަމަ، މުޖުތަމައުގެ ހިނގުން ހުއްޓި އިގްތިސޯދު ފުނޑުފުނޑު ވެދާނެ އެވެ.

"މިއީ ހަމައެކަނި ރާއްޖެއެއް ނޫން، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް ކަން ހިނގަމުން ދާ ގޮތް. އަންހެނުންގެ އެ ދައުރު، އިގްތިސޯދީ މިންގަނޑުގެ ތެރޭގައި ގިނަ ފަހަރަށް ނުހިމެނޭ،" ޝިދާތާ، "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެމަފިރިންގެ ތެރެއިން ފިރިމީހާ ވަޒީފާ އަދާކުރުމުގައި އަނބިމީހާގެ ހިއްސާ ބޮޑެވެ. ކުދިން ބަލަން ގޭގައި ނުހުރެވޭ ނަމަ އެކަން ކުރާނެ މީހަކު ހޯދަން ޖެހެނީ މުސާރަ ދީގެން ކަމަށާއި އެހެންވެ، ކުދިން ބަލަން އަނބިމީހާ ގޭގައި އިނުމަކީ ވެސް އިގްތިސޯދަށް އޭނާވާ ހިއްސާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރިއުޅުމުގެ އަގުތައް ބޮޑުވުމާއި އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ގިނަ ފަހަރަށް ދެމަފިރިން ވެސް މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު އަންހެން މީހާ މަސައްކަތް ކުރަނީ ގޭތެރޭގެ ޒިންމާތަކާ އެކުގައި ކަމަށެވެ. އެހެންވެ، އެ ޒިންމާތައް ދެ ފަރާތުން ވެސް ނަގައި، އެކަމުގައި ހިއްސާ ވެވޭނެ ކަހަލަ ވިސްނުންތަކެއް މުޖުތަމައުގެ ތެރޭގައި އަށަގަންނުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. ފައިނުގައި ހަވީރުގެ ސަޔަށް ތައްޔާރުވުމުގެ ގޮތުން ފައިނުގެ ދެމަޔަކު ހެދިކާ ތައްޔާރުކުރަނީ --މިހާރު ފޮޓޯ: ހުސައިން ވަހީދު

"އެހެން ނޫނީ އާމްދަނީ ހޯދަމުން އަންހެން މީހާ ގޭތެރޭގައި ކުރާ މަސައްކަތްތަކާއި ޒިންމާތައް އިގްތިސޯދުގެ ތެރެއިން ނުފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަންހެނުންގެ މަސައްކަތް ބަލައެއް ނުގަނޭ"

ވަޒީފާ އަދާނުކޮށް ގޭގައި ދަރިން ބަލަން އިންނަ މައެކޭ ބުނެފި ނަމަ މުޖުތަމައުން އެ މީހުންނާ ދޭތެރޭ ދެކޭ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވެ އެވެ. ބާރުވެރި އަންހެނުންގެ ގޮތުގައި ގިނަ ބަޔަކު އަދިވެސް ބަލައިގަންނަނީ ވަޒީފާ އަދާކުރާ އަންހެނުންނެވެ. އެކަމަކު މުސާރައެއް ނެތި، ކޮންމެ ވަގުތަކު ވެސް މަސައްކަތްކޮށް، ދިރިއުޅުމާއި ގޭގެ ހަރަދުތައް ބެލެހެއްޓުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ.

މި މައުލޫއާ ގުޅޭ ގޮތުން ޝިދާތާ ދެން ނެންގެވި މިސާލަކީ ކައިވެނިކޮށްގެން ގިނަ ދުވަސްތަކެއް ވާންދެން އެކުގައި އުޅެ ވަކިވާއިރު، ހޯދާފައިވާ މުދާ ފިރިހެން މީހާއަށް ލިބުމެވެ. އަންހެން މީހާ ގޭތެރޭގެ ޒިންމާތައް ނެގި އިރު އަގުބޮޑު މުދާތައް ގަނެފައިވަނީ ފިރިހެން މީހާއަށް ލިބުނު މުސާރައިންނެވެ. އެކަމަކު މުސާރައިގައި އަންހެން މީހާގެ ހިއްސާއެއް ނެތުމުން އޭނާ އެ ދިރިއުޅުމުން ދާން ޖެހުނީ ހުސް އަތާ އެވެ.

"އެކަމަކު ސުވާލަކީ ގޭތެރޭގެ ޒިންމާތައް އަނބިމީހާ އަދާނުކުރި ނަމަ ފިރިމީހާ ވަޒީފާ އަދާކޮށް، އެ މުސާރަ ހޯދުނީސްތޯ. އޭނާއަށް ލިބޭ މުސާރައިގައި އަނބިމީހާގެ ހިއްސާ ވެސް ވެއެއް ނޫންތޯ؟" ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ބަދަލުކުރުމަށް މީހުންގެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށާއި ފިރިހެނުންގެ އިތުރުން އަންހެނުން ވެސް އެކަމާ ގުޅޭ ގޮތުން ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުވެނީ އަންހެނުންގެ އެ ޒިންމާތައް ވެސް އޭގެ ތެރޭގައި ހިމަނައިގެންނެވެ.

ރ. ކިނޮޅަހު ގެއެއްގެ ގޯތިތެރޭގައި އަންހެނަކު އިށީނދެގެން އިނދެ ކަށިކެޔޮ ލިޔަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ޝިދާތާ ވިދާޅުވީ ލީޑަޝިޕް ފްރޭމްވޯކާއި ހިންގުމުގެ ނިޒާމަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އެގޮތުން އުފެއްދުންތެރިކަމުގެ މިންގަނޑު އަގުކުރާއިރު އަންހެނުންގެ އެ މަސައްކަތް ވެސް ހިމަނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަންހެނުން ގޭތެރޭގައި ކުރާ މަސައްކަތަކީ ވެލިއު އެޑެޑް މަސައްކަތެއްކަން އަމިއްލައަށް ގަބޫލުކުރަން ފެށީމައި ވެސް އެ ވިސްނުމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.