އަނެއްކާވެސް ސަންސެޓެއް: އިތުބާރު ނެތުމުން ބިރުވެރިކަން؟!

މީހުން މެރުމާއި ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދިނުމާއި ނުރައްކާތެރި މާރާމާރީތައް އޮތީ ގިނަވެފަ އެވެ. އެކަމަކު "ހަތަރެސްފައި ބަނދެ" ފާސްކޮށްފައި އޮތް ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮތް ގޮތުން ގޭންގްތަކާ ހަމައަށް ގާނޫނުގެ އަތެއް ނުފޯރަ އެވެ. އެކަމަށް ހައްލު ގެނައުމަށްޓަކައި ކުށް ކުރުން ހުއްޓުވަން ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލްގެ ނަމުގައި އެމްޑީޕީގެ ކުރީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ.


"ސަންސެޓް" ބިލްގެ ނަމުން މަޝްހޫރުވި އެ ބިލުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމާއި ބަލައި، ފާސްކުރުމާއި ތަންތަނަށް ވަނުމުގެ ޚާއްސަ ބާރުތައް ފުލުހުންނަށް ދޭން ހިމެނި އެވެ. އެ ބިލް ގާނޫނަކަށް ވާތާ އެއް އަހަރާއި ހަ މަސް ފަހުން އޭގެ ޒާތުގައި އަމިއްލައަށް އުވިގެންދާ ގޮތަށް ބިލްގައި ހިމަނާފައި އޮތުމުން "ސަންސެޓް" ބިލްގެ ނަމުން މަޝްހޫރުވި އެ ބިލަކީ މަޖިލީހުގައި އެންމެ ގިނަ އިސްލާހު ހުށަހެޅި ބިލް ވެސް މެ އެވެ. އެކަމަކު ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެ ގާނޫނުގެ ބޭނުން ކޮށްފާނެ ކަމުގެ ބިރުވެރިކަމާ އެކު، އެ ބިިލް މަޖިލީހުން ބޭރުކޮށްލުމުން އޭގެ އިރުއޮއްސި، ހަގީގީ "ސަންސެޓަކަށް" ވެގެން ދިޔައީ އެވެ.

އެއީ މީގެ އަށް އަހަރު ކުރި އެވެ.

މިހާރު އަނެއްކާވެސް އެފަދަ ބިލެކެވެ. ޓެރަރިޒަމްގެ ކުށްތަކުގައި އަސާސީ ބައެއް ހައްގުތައް ހަނިކޮށް، ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދޭން ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމާ އެކު، ފުލުހުންނަށް އެފަދަ ބާރުތަކެއް ދިނުމާ މެދު އަނެއްކާވެސް މި އޮތީ ޚިިޔާލުތައް ތަފާތުވެފަ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ބައެއް ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރާއި ކޯޓު އަމުރެއް ނެތި މީހުން ބަލައި ފާސްކުރުމުގެ ބާރާއި ތަންތަނަށް ވަނުމުގެ ބާރާއި ޖިންސީ ގުނަވަން ހާމަވާ ގޮތަށް ވެސް ކޯޓު އަމުރެއް ނެތި، ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް އެ މީހުންގެ ވަކީލުންނާ ވަކިން ބައްދަލު ނުކުރެވޭ ގޮތަށް، (ލޯޔާ ކްލަޔަންޓް ޕްރިވިލެޖް) ވެސް ބައެއް ހާލަތްތަކުގައި ހިފެހެއްޓުމުގެ ބާރު އެ އިސްލާހުގައި ވެ އެވެ.

މިހާރު ގާނޫނު އަސާސީ އޮންނަ ގޮތުން ހައްޔަރު ކުރާތާ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުން ލާޒިމް ވިޔަސް، އާ ބިލްގައި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން 48 ގަޑިއިރު ވަންދެން ކޯޓަށް ހާޒިރު ނުކޮށް، ބަންދުގައި ބޭތިއްބުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭނެ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ކޯޓަށް ހާޒިރު ކުރުމެއް ނެތި 24 ގަޑިއިރަށް ވުރެ އިތުރަށް ބަންދުގައި ބެހެއްޓުމުގެ ބާރު މިހާރު އޮންނަނީ މޫސުން ގޯސްވުމާއި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ނުވަތަ ތުހުމަތު ކުރެވޭ މީހާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮންނަ ހާލަތްތައް ފަދަ އިސްތިސްނާ ހާލަތްތަކުގައި އެކަންޏެވެ. އެހެންވެ، ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އެ އިސްލާހު ފާސްކޮށްފި ނަމަ އެކަން ވެގެންދަނީ އިސްތިސްނާ ހާލަތެއް ނެތީސް، ވަކި ކުށްތަކަކާ ގުޅިގެން ކޯޓަށް ހާޒިރުނުކޮށް 24 ގަޑިއިރަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމުގެ ހުއްދަ ފުލުހުންނަށް ރާއްޖޭގައި އަލަށް ދެވޭ ފަހަރަށެވެ.

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ވެސް ޚާއްސަ އުސޫލުތަކެއް އެ ބިލްގައި ހިމަނާފައިވެ އެވެ. އެގޮތުން ފަސް ހާލަތަކުން ކުރެ ހާލަތެއް ވުޖޫދުގައިވާ ނަމަ، އެފަދަ މީހުން ބަންދުގައި ބައިތިއްބަން އަމުރު ކުރަން ބިލުން ފަނޑިޔާރަށް ލާޒިމް ވާއިރު، އެއިން ހާލަތެއް އޮތްތޯ ނުވަތަ ނެތްތޯ ކަނޑައެޅުމުގައި ފަނޑިޔާރު ބަލަން ޖެހޭ މިންގަނޑު ވެސް ތަފާތެވެ.

އެ ހާލަތުން ކުރެ ހާލަތެއް ވުޖޫދުގައި އޮތްތޯ ނުވަތަ ނެތްތޯ ކަނޑައަޅަން ޖެހެނީ ފުލުހުން ހުށަހަޅާ ކަންކަމަށް ރިއާޔަތްކޮށް، މަދަނީ މިންގަނޑު (ބެލެންސް އޮފް ޕްރޮބެބިލިޓީ) ގެ މިންގަނޑުންނެވެ. މާނައަކީ ބޮޑަށް ބުރަވެވޭ މިންގަނޑުންނެވެ. އެހެންވެ، އެ ފަސް ހާލަތުން ކުރެ ހާލަތެއް ނެތުމަށް ވުރެ އެފަދަ ހާލަތެއް އޮތް ކަމަށް ކިރިޔާ ވެސް ބެލެވޭ ނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރަން ފަނޑިޔާރަށް ލާޒިމްވެ އެވެ.

މީގެ އިތުރުން ބޭނުން ކުރެވޭނެ ހެކީގެ ބާވަތްތަކެއް އިތުރު ކުރުމާ އެކު، ޓެރަރިޒަމްގެ ކުށް ސާބިތު ކުރުމުގެ މިންގަނޑު ވެސް އެ ބިލްގައި ވަނީ ލުއިކޮށްފަ އެވެ. އެގޮތުން، ވަކި ޝަރުތުތަކެއް ފުރިހަމަވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ރަސްމީ އިދާރާތަކުން ހޯދާ މައުލޫމާތުގެ އިތުރުން ތަހުގީގުގައިވާ އިއުތިރާފާއި ކުށަކާ ގުޅޭ ކަމެއް ކުރަން އެ މީހާ ތައްޔާރުވިކަން ދޭހަކޮށްދޭ މައުލޫމާތު ވެސް ހިމެނޭ ގޮތަށް ޖުމްލަ 14 ބާވަތެއްގެ ހެކި ހިމަނާފައިވެ އެވެ. ދައުވާ އުފުލާއިރު ނުލިބޭ ހެކިތައް ވެސް ފަހުން ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު ލިބިދެ އެވެ. އޭގެ ތެރެއިން މަދުވެގެން ހަތަރު ހެކި ހުރެއްޖެ ނަމަ، އެ ކުށް ސާބިތުވީ ކަމަށް ކަނޑައަޅަން ޖެހޭނެ އެވެ.

ކްރައިމް ސީނެއް ފުލުހުން ބަންދު ކޮށްފައި -- މިހާރު ފޮޓޯ/ހުސެން ވަހީދު

އެކަމަކު ބިލްގައި މުހިންމު އިސްލާހުތަކެއް ނެތެކޭ ދެންނެވޭކަށް ނެތެވެ. މިސާލަކަށް، ހަނގުރާމައަށް ދާ މީހުންނާއި ސީދާ ހަނގުރާމައެއްގައި ބައިވެރި ނުވިޔަސް، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ ހަނގުރާމަވެރި ތަމްރީނުތައް ހޯދާ މީހުންނަށް އަދަބުތައް ކަނޑައެޅޭ ގޮތަށް ހެދުމާއި އެފަދަ މީހުން ރާއްޖެ އަނބުރާ އައުމުން މުޖްތަމައުގެ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި ރިހެބިލިޓޭޓް ކުރުން ފަދަ ކަންކަން ކުރުން ލާޒިމްވާ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ. އެކަމަކު ފާޑުކިޔުން އަމާޒުވެފައި މި އޮތީ ހައްގުތަކެއް ހަނިކޮށް، ބޮޑެތި ބާރުތަކެއް ފުލުހުންގެ އަތްމައްޗަށް ދޫކޮށްލާ ގޮތަށް އޮތުމުންނެވެ.

ގާނޫނު އަސާސީގެ 16 ވަނަ މާއްދާ ބުނާ ގޮތުން މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އަސާސީ ހައްގެއް ނުވަތަ މިނިވަން ކަމެއް ހިފެހެއްޓިދާނެ އެވެ. އެކަމަކު އެކަން ކުރުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ގާނޫނު އަސާސީ ލާޒިމް ކުރެ އެވެ. އެއީ އެ ހައްގެއް ހަނިކުރަނީ ނުވަތަ ހިފަހައްޓަނީ ގާނޫނު އަސާސީއާ އެއްގޮތަށް މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށް ވުމާއި އަދި ގާނޫނުގެ ދަށުން ވެސް ހައްގު ހަނިކުރަނީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި އެ ހައްގެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރާ މިންވަރަކަށް ކަމަށް ވުމެވެ. ހައްގެއް ނުވަތަ މިނިވަންކަމެއް ހަނިކުރުން ނުވަތަ ހިފެހެއްޓުން ސައްހަ ވާނީ މިދެންނެވި ދެ ޓެސްޓުން ފާސްވެގެންނެވެ.

ޓެރަރިޒަމްގެ އަމަލުތަކަކީ ވަކިވަކި ފަރުދުންނާ ދެކޮޅަށް ހިންގާ އަމަލުތަކަކަށް ވުރެ ބޮޑަށް ވަކި ބަޔަކަށް ނުވަތަ ގިނަ ބަޔަކަށް އަމާޒުކޮށް ހިންގާ ނުރައްކާތެރި ކުށްތަކެކެވެ. އޭގެ ސަބަބުން އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެހެން ގައުމުތަކުގައި ވެސް ޓެރަރިޒަމްގެ ކުށްތަކުގައި އަމަލުކުރާ އުސޫލުތައް ޖިނާއީ އިޖްރާއާތުގެ އާންމު އުސޫލުތަކާ ތަފާތެވެ. އޭގެ އެއް ބޭނުމަކަށް ވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ ކުރިން އެކަން ހުއްޓުވަން ފިޔަވަޅުތައް އެޅުމުގެ ބާރު ދިނުމެވެ.

އެކަމަކު އުފެދޭ ސުވާލަކީ މިހާރު ސަރުކާރުން ހުށަހަޅާފައި އޮތް ބިލްގައި ހައްގުތައް ހަނިކުރަން ހިމަނާފައިވަނީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގު ހަނިކުރާ މިންވަރަށް އަދި ކޮންމެހެން އެކަމަށް ބޭނުންވާ މިންވަރަށް ހެއްޔެވެ؟. އަނެއްކޮޅުން ބޮޑެތި ބާރުތަކެއް ދޭއިރު، އެހެން ގައުމުތަކުގައި ތަންފީޒީ އިދާރާތަކާ މެދު އޮންނަ ފަދަ އިތުބާރެއް ރާއްޖޭގެ މުއައްސަސާތަކަށް އެބަ އޮތްތޯ އާއި އެ ބާރުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.

ކޮންމެ ގާނޫނެއް ވެސް ވުޖޫދަށް އަންނާނީ ކުރިން އޮތް އުނިކަމެއް (ޑިފެކްޓެއް) ފޫބައްދައި، އިސްލާހު ކުރުމަށް ނުވަތަ ކުރިން ގާނޫނުގައި އޮތް ގޮތަށް ވުރެ މޮޅު އަދި ރަނގަޅު ގޮތެއް ހޯދުމަށެވެ. އެހެން ގޮތަކަށް އެ ގާނޫނަކުން ދޭހަ ނުވާހާ ހިނދަކު، ގާނޫނު މާނަކުރުމުގައި އަބަދުވެސް ބަލާ އެއް ހަމައަކީ އެއީ އެވެ. އެކަމަކު ރާއްޖޭގައި ފާއިތުވި ތަނުގައި ހަރުކަށި ގާނޫނުތައް ހަދައި، ޚާއްސަ ބާރުތައް ދިނީ ކޮން އުނިކަމެއް އިސްލާހު ކުރަންތޯ ނުވަތަ ކޮން މަގްސަދެއްގައިތޯ އެއީ ވިސްނަން ޖެހޭ ކަމެކެވެ. އެ ސުވާލު އުފެދެނީ ގާނޫނުތައް މިހާތަނަށް ބޭނުންކުރި ގޮތަށް ބަލައިގެންނެވެ.

މިހާރު އަމަލުކުރާ އަދި އިސްލާހު ގެންނަން މަސައްކަތް ކުރަމުން އަންނަ ޓެރަރިޒަމްގެ ގާނޫނަށް ބަލަމާ ހިނގާށެވެ. އެތައް އަހަރެއް ވެފައި އޮތް ކުރީގެ ޓެރަރިޒަމްގެ ގާނޫނު އުވާލުމަށް ފަހު، މިހާރު އަމަލުކުރާ ޓެރަރިޒަމްގެ ގާނޫނު ފާސްކުރަން 2015 ގައި އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުމާ އެކު އެންމެ ބޮޑަށް އަމާޒުވި ކަންބޮޑުވުމަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އެ ގާނޫނު ބޭނުން ކޮށްފާނެތީ އެވެ. ސަބަބަކަށް ވީ އެ ގާނޫނުގައި ޓެރަރިޒަމް މާނަކޮށްފައި އޮތް ގޮތް ފުޅާކަމުން ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމުގެ ގޮތުން ކުރާ ކޮންމެ ކަމެއް ވެސް ޓެރަރިޒަމްގެ އަމަލަކަށް ފެތޭ ގޮތަށް އޮތުމެވެ.

ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ޓެރަރިޒަމް ގާނޫނު ފާސްކުރިތާ އަހަރެއް ނުވަނީސް، ފެންނަން ފެށީ އުއްމީދު ނުކޮށް ތިބި މަންޒަރުތަކެއް ނޫނެވެ. މުޒާހަރާއެއް ކުރިޔަސް އަދި ސަރުކާރާ ދެކޮޅަށް ޚިޔާލެއް ފާޅުކުރިޔަސް، ޓެރަރިޒަމްގެ ގާނޫނަށް ނުފެތި ސަލާމަތްވާނެ ގޮތެއް ނޯވެ އެވެ. އެތައް ބަޔަކަށް އެ ގާނޫނުގެ ދަށުން ދައުވާކޮށް، ޖަލުގައި ބޭތިއްބި އެވެ. ހަނގުރާމައަށް ދިޔަ ކަމަށް ބުނެ މަދު ބައެއްގެ މައްޗަށް އެ ގާނޫނުގެ ދަށުން ދައުވާ ކުރިޔަސް، އެ ނޫން ހުރިހާ ކަމެއްގައިހެން މުޅި އެ ގާނޫނުގެ "ދިގު އަތް" އަމާޒު ކޮށްފައި އޮތީ ސިޔާސީ ފަރާތްތަކާ ދެކޮޅަށެވެ. އޭރު އެކަންކަން ފެނުނު މިނިވަން މުއައްސަސާއެއް ނެތެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބައެއް ހައްގުތައް ހަނިކޮށްފައިވާ މިންވަރަށް ބަލާއިރު އޭގެ ނުރައްކާ ވަރަށް ބޮޑެވެ. ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމާއި ތުހުމަތުކުރެވޭ މީހުން ބަންދުގައި ބަހައްޓަން ފުލުހުންނަށް އެ އިސްލާހުގެ ދަށުން ފަހިކޮށް ދީފައިވާ ފުރުސަތުތައް ބޮޑުކަން އެ ބޭފުޅުން ވެސް ފާހަގަކުރައްވަ އެވެ. އަދި އެހެން ގައުމުތަކުގައި ޓެރަރިޒަމް ފަދަ ކުށްތަކުގައި ހަރުކަށި ޚާއްސަ އުސޫލުތަކަކުން އަމަލު ކުރިޔަސް، އެ ގައުމުތަކުގައި ގާނޫނީ ނިޒާމުތަކުން އެކަން ހުއްދަކުރާ ގޮތް ރާއްޖެއާ ތަފާތު ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ޓެރަރިޒަމްގެ ކުށްތަކާއި ހަރުކަށި ފިކުރުތަކުގެ ނިވަލުގައި ކުރާ ޖިނާއީ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އަސާސީ ހައްގުތަކަށް އިހްތިރާމް ނުކޮށް، ހައްގުތައް ނިގުޅައިގަނެ ހިންގޭ ތަހުގީގުތަކަކުން ރަނގަޅު ނަތީޖާތަކެއް ނެރެވުމަކީ ދުރު ކަމެއް،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ބިލުގެ ދަށުން ބައެއް ހައްގުތައް ހަނިކުރުމުގެ ފުރުސަތު ދީފައި އޮތީ ކުރިމަތިވެދާނެ ހުރަސްތަކަށް ބަލައި، ކޮންމެހެން ހައްގު ހަނިކުރަން ޖެހޭ ޟަރޫރީ ހާލަތްތަކުގައި އެ ބާރުގެ ބޭނުން ކުރުމަށެވެ. އަދި ހައްގުތައް ހަނިކުރުމުގެ އުސޫލުތައް ފުލުހުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން ހަމަޖެއްސިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހައްގުތައް ހަނިކުރަން ކޮންމެހެން ލާޒިމެއް ނުވޭ އެ ބިލް އޮތް ގޮތުން. ފުލުހުންނަށް މި އޮންނަނީ އިހްތިޔާރުތަކެއް ދީފައި ހަނިކުރަން ޖެހޭ ހާލަތެއްގައި ހަނިކުރަން. އެއީ އެ ފުރުސަތު ނުދީފިިއްޔާ ކުރިމަތިވެދާނެ ދަތިތަކެއް ހުރެދާނެ އެފަދަ މައްސަލަތަކުގައި،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ތަންފީޒީ އިދާރާތަކަށް ލިބިދޭ ގާނޫނީ ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ އެވެ. އެކަމަކު އެކަންކަން ފާރަވެެރިވާން ޖެހޭ މިނިވަން މުއައްސަސާތަކުން ޒިންމާ އަދާކޮށް، ޖަވާބުދާރީ ކުރުވާ ނަމަ އެކަންކަން ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު މުއައްސަސާތަކުގެ ޒިންމާ އަދާކުރަމުން އަންނަ ގޮތަށް ބަލާއިރު، ތަންފީޒީ އިދާރާތަކުން އެގޮތަށް ނާޖާއިޒް ގޮތުގައި ބާރުތައް ބޭނުން ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ބާރު އެބިއުޒް ކުރުމުގެ ފުރުސަތު އޮންނާނެ އަބަދުވެސް. އެއީ ކޮންމެ ވެރިކަމެއް އޮތަސް. އެއީ ކޮންމެހެން ގާނޫނުތައް ހުންނަ ގޮތަކުންނެއް ނޫން އެއީކީ. ބާރު އެބިއުޒް ކުރުމުގެ ފުރުސަތު އޮންނާނެތީ މިނިވަން މުއައްސަސާތައް އުފެދިފައި މި ހުންނަނީ،" ޝަމީމް ވިދާޅުވި އެވެ.

"އެހެންވީމަ އެބިއުޒް ކުރުމުގެ ފުރުސަތަށް ވުރެ ބޮޑަށް މައްސަލައަކަށް ވެފައި އޮތީ މިނިވަން މުއައްސަސާތަކުން އަމަލުކުރި ގޮތުން. އެކަމަކު މަޖިލިސް މިހާރު ހިނގާ ގޮތުން މިހާރު އެބަ އޮތް ކޮންމެވެސް އުއްމީދުތަކެއް."

ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމާގައި ހަރުކަށި އަދަބު ދީ، އެފަދަ ކަންކަން ހުއްޓުވަން ފިޔަވަޅު އަޅަން ކުރަން ޖެހޭ މަސައްކަތްތައް ވެސް އެބަ ހުއްޓެވެ. ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގައި ވެސް މުހިންމު ކަންތައްތަކެއް ހިމެނި އެވެ. އެކަމަކު އެފަދަ ކުށްތައް ހުއްޓުވަން ދޭ ބާރަކީ، މައުސޫމް މީހާ ވެސް ހިމެނޭ ގޮތުން، ބައެއްގެ ހައްގުތަކަށް އަރައިގަތުމަށް ލިބިދޭ ލައިސަންސަކަށް ވެގެން ނުވާނެ އެވެ.