ހަމައެކަނި ބޭނުންވަނީ އެއާޕޯޓުގައި އޮންނަ ވަރުގެ ފަޔަ ލޮރީއެއް؟

ބާރު ގަދަ ގޮވުންތަކަކާ އެކު ކެމިކަލް ގުދަނުގައި ރޯވެ، މުޅި ސަރަހައްދަށް އޮތީ ހުޅުގަނޑު ފެތުރިފަ އެވެ. އެމްއެންޑީއެފްގެ ފަޔަމަނުންތައް ދުވެފައި ވަދެގަތީ އިމާރާތްތަކުގެ ތެރެއަށެވެ. އަނދައަނދައި ހުރި އަލިފާންގަނޑުން އެނބުރި ނުކުމެވޭނެ ކަމުގެ ޔަގީން ކަމެއް ނެތަސް ބެލީ ތާށިވެފައި ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ އެވެ. އިމާރާތްތަކުގެ ތެރެއަށް ޓީމުތައް ވަނީކީ އެންމެ ފަހަރަކު، ދެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެވެ. ފަޔަފައިޓަރުންގެ ގޮތުގައި އެއީ ވަޒީފާ އަދާކުރުމެއް ނޫނެވެ. ވަރަށް ބޮޑު ގުރުބާނީއެކެވެ.


އެ ހާދިސާގައި ސަލާމަތް ނުކުރެވުނީ އެންމެ މީހެކެވެ. ހ. ރަދުވާނިއާގޭ ތިން ވަނަ ފްލޯގައި ދިރިއުޅުނު އައިޝަތު ޝައުނާ ސަލާމަތް ކުރަން ވެސް ދެތިން ފަހަރަކު އެ ގެއަށް ވަނެވެ. އެކަމަކު، އެތަނަށް ވަންނަން ހުރި ދޮރު ތާށިވެފައި ހުރުމުންނާއި އެ ގޭގައި އަލިފާން ހިފާފައި ހުރިލެއް ބޮޑުކަމުން ކައިރި ނުވެވުނީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ގެތަކުގައި ރޯވެފައި ހުރި އަލިފާން މުޅިން ނިއްވޭތޯ ވެސް ސިފައިން މަސައްކަތް ކުރި އެވެ. އެކަމަކު އަލިފާން ނިއްވުނީ އެއާޕޯޓުގެ ފަޔަ ވެހިކަލް އައިސް ފޯރުކޮށްދިން އެހީތެރިކަމާ އެކުގަ އެވެ. އެމްއޭސީއެލްގެ ފަޔަފައިޓަރުން މަސައްކަތް ފެށީ ނިއްވާލާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

މީގެ ތިން އަހަރު ކުރިން، މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ވެސް ކުރަން ޖެހުނީ މިފަދަ ތަޖުރިބާއެކެވެ.

ކޯސްޓް ލައިންގެ ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ ޖެހިގެން ހުރި އިމާރާތްތައް އަނދައި ހުލިވާން ފެށުމުން، ޖެހުނީ އެއާޕޯޓުގެ ފަޔަ ލޮރީ ގެންނާށެވެ. އެ ފަހަރު ވެސް އަލިފާން މުޅިން ނިއްވާލެވުނީ އެއާޕޯޓުގެ ވެހިކަލް ގެނެސް ފޯމް ޖަހައިގެންނެވެ.

އެއާޕޯޓުގައި ގެންގުޅޭ ފަސް ވެހިކަލަކީ، މަތިންދާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ބޯޓު ވަށާލައި ފޯމުން ފްލަޑްކޮށްލައިގެން އަލިފާން ނިއްވާ ވެހިކަލްތަކެކެވެ.

މި ހިސާބުން ބައެއް މީހުން އުފައްދާ ސުވާލަކީ، ސިފައިން އަތުގައި އަލިފާން ނިއްވުމުގެ ޒަމާނީ ވަސީލަތްތައް ނެތީ ހެއްޔެވެ؟ މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު އެއާޕޯޓުގެ ވެހިކަލް ބޭނުން ހިފަން ޖެހޭ ނަމަ، މާލެ އަށް ވެސް ބޭނުން ވަނީ އެފަދަ ވެހިކަލެއް ނޫން ހެއްޔެވެ؟

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެމިކަލް ގުދަނުގައި ރޯވުމުން، ރައްޔިތުންގެ މަޖިލީހަށް މި ހަފުތާގައި ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ވެސް ބައެއް މެމްބަރުން ވަނީ ސިފައިންގެ އަތުގައި އެފަދަ ވަސީލަތްތައް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ މަޖިލިހުން އެމްއެންޑީއެފަށް ބޮޑު ބަޖެޓެއް ދޭ އިރު ވެސް އަލިފާން ނިއްވަން ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ހުރި ވަސީލަތްތައް ރާއްޖޭގައި ބޭނުން ނުކުރާ ކަމަށެވެ. އެއީ ކީއްވެތޯ ސުވާލު އުފައްދަވައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކެމިކަލް ގުދަނުގައި ރޯވި އަލިފާން ނިއްވުމަށް އެއާޕޯޓުގެ ވެހިކަލް ނައިސް ލަސްވި ނަމަ، "މުޅި ކޮށީގައި ނުވަތަ މާލެ ރޯވެގެން ދިޔައީސް" ކަމަށް ޖާބިރު ވިދާޅުވި އެވެ.

ކެމިކަލް ގުދަނުގައި ރޯވެ، މުޅި ސަރަހައްދަށް އަލިފާންގަނޑު ފެތުރިފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަނެއް ބައެއްގެ ކަންބޮޑުވުމަކީ، އަލިފާން ނިއްވުމުގެ ވަސީލަތްތައް ހޯދަން ގައުމުތަކުން ދޭ އެހީގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފުމެވެ. މިދިޔަ ޖޫން މަހު، ޖަޕާން ސަރުކާރުން ވަނީ އަލިފާން ނިއްވުމުގެ ޒަމާނީ ސާމާނު ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ. އެ ތަކެތީގެ އަގު 4.9 މިލިއަން ޑޮލަރު (69 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރޭގައި ވެހިކަލްތަކުގެ އިތުރުން އަލިފާން ނިއްވާ ބޯޓަކާއި ލޭންޑިން ކްރާފްޓެއް ހޯދުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

ޒަމާނީ ވަސީލަތްތައް އެބަހުރި، މުޅިން އެހެން މައްސަލައެއް!

އަބަދަށްފެހި މަހުގައި ރޯވި އަލިފާން އެ ރޭ 7:26 ގައި ސިފައިންނަށް ރިޕޯޓް ކުރިތާ އިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފަޔަ ލޮރީތައް ދިޔަ އެވެ. ފުރަތަމަ ވެހިކަލް އެ ހިސާބަށް ފޯރީ 7:32 ގަ އެވެ. ދެ ވަނަ ވެހިކަލް 7:35 ގައި ދިޔައިރު، އޭގެ ފަހުން ވެސް ބައެއް ވެހިކަލްތައް އެ ސަރަހައްދަށް ދިޔަ އެވެ. އަލިފާން ނިއްވުމުގައި ޖުމްލަ 12 ވެހިކަލް ހަރަކާތްތެރިވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ފުރަތަމަ ދިޔަ ވެހިކަލަށް ވެސް އެ ގޯޅިއަކަށް ނުވަދެވުނެވެ. ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކީ ގޯޅި ތެރޭގެ ދެ ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް އެތަނުން ނެގުމެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ފެށުނީ އެ ހިސާބުންނެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން: މާލޭގެ ހާލަތު އޮތް ގޮތުން އުނދަގޫ މަސައްކަތެއް --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު، ކާނަލް އަބްދުﷲ އިބްރާހީމް އެރޭ ނޫސްވެރިންނަށް ވިދާޅުވީ ސައިކަލްތައް ނުނެރެވިގެން އެކަށީގެންވާ މަސައްކަތް ނުފެށި "ވަރަށް ގިނަ ވަގުތު ހޭދަވި" ކަމަށެވެ. ކެމިކަލްގައި ރޯވެ ބާރު ސްޕީޑުގައި އިމާރާތްތަކަށް އަލިފާން ފެތުރުނު އިރު އެއީ ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ބަޔަކަށް ހީވެފައި އޮތީ އަލިފާން ނިއްވަން ފޯމް ޖެހީ ހަމައެކަނި އެއާޕޯޓުގެ ވެހިކަލުން ކަމަށެވެ. އެކަމަކު އެމްއެންޑީއެފުން ވެސް ފޯމު ޖެހި ކަމަށް ކާނަލް އަބްދުﷲ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޖަޕާނުން އެންމެ ފަހުން ހަދިޔާކުރި ވެހިކަލްތައް ވެސް ބޭނުންކުރި އެވެ.

"އެ ސަރަހައްދުގައި އޮތް އަޅުގަނޑުމެންގެ ވެސް ފޯމް ޓެންޑާ ބޭނުން ކުރިން. ސައިކަލްތައް ދުރުކޮށްފައި މަޖީދީ މަގާ ވީ ކޮޅަށް އަޅުގަނޑުމެން ވެއްދީ ފުރަތަމަ ހަރުގަނޑު. ވަރަށް ހަނި މަގެއް. މަޖީދިއްޔާއާ ވީކޮޅަށް ބަލާއިރު އެތަނުގައި ހުރި ސައިކަލްތައް ނެރެވުމުން އެތަނަށް އެމްއޭސީއެލްގެ ފަޔަ ޓްރަކަށް ވަދެވުނީ،" އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ފޯމް ވެހިކަލް އެ މަގަށް ވެއްދީ މީހުން ސަލާމަތްކުރަން ގޯޅިތެރެއަށް ވެއްދި ހަރުގަނޑު ނެރެވުމުންނެވެ. އަދި އެމްއޭސީއެލްގައި ހުރި ފަދަ ޒަމާނީ ވެހިކަލްތައް ސިފައިންގެ ފަޔަ އެންޑް ރެސްކިއު ސާވިސްގައި ހުރި ކަން ފާހަގަކުރެ އެވެ.

ސިފައިންނާއި އެމްއޭސީއެލް އަދި ފުލުހުންނާއި އާންމުން ވެސް ގުޅިގެން ކުރި މަސައްކަތުން އަލިފާން މުޅިން ކޮންޓްރޯލްވި އިރު، ހަ ގެ އަކާއި ހަތަރު ގުދަނެއް ވަނީ އަނދައި ހުލިވެފަ އެވެ.

މިފަދަ ހާދިސާތަކުގައި، އެމްއޭސީއެލްގެ ފަރާތުން ދޭ އެހީތެރިކަމަށް ސިފައިން ޝުކުރު އަދާކުރެ އެވެ.

މުހިއްމީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އެކަން ކޮންޓްރޯލް ކުރެވޭނެ ވަރުގެ ވަސީލަތްތަކާއި ގާބިލްކަން އެބަހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފާއި އެއާޕޯޓުގެ ބައެއް ފަޔަމަނުން ދެކޭ ގޮތުގައި މިފަދަ ހާދިސާތަކުގައި އަލިފާން ކޮންޓްރޯލް ނުވަނީ ޒަމާނީ ވަސީލަތްތައް ނެތިގެންނެއް ނޫނެވެ. ކުރަން ޖެހިފައި އޮތް ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. އިމާރާތް ކުރުމުގަ އާއި މަގުތަކުގައި ވެސް ސަލާމަތީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމެވެ.

އަބަދަށްފެހި މަގުގައި ހުރި އިމާރާތްތަކުގައި ރޯވެ އަނދަމުންދާ އިރު އަލިފާން ނިންވުމަށް ސިފައިން މަސައްކަތް ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަލިފާން ނިއްވާ ވެހިކަލަށް ނުވަދެވޭ ނަމަ، ނުވަތަ ގޯޅިތަކަށް ސިޑި ނުވެއްދެންޏާ ދެން ކީއްހޭ ކުރާނީ؟ މާލޭގައި އެބަހުރި އެފަދަ ގޯޅިތައް. ދުނިޔޭގެ ނުހުންނާނެ ކަންނޭނގެ އެ ކަހަލަ ގޯޅިތަކަށް ވެއްދޭނެ ވަކި ސްޕެސިފިކް ފަޔަ ވެހިކަލްތަކެއް. އެހެންވެ އަސްލުގައި މި ޖެހެނީ، ބިލްޑިން ކޮންސްޓްރަކްޝަން އަށް ވެސް ވިސްނަން،" ފަޔަފައިޓަރަކު ބުންޏެވެ.

"ހައްލަކީ ފަޔަ ޕްރިވެންޝަން. ބޮޑަށް ފޯކަސް ކުރަންވީ ފަޔަ އެންޑް ރެސްކިއު ގާނޫނެއް ވުޖޫދަށް ގެނެސް، އެ ގާނޫނުގެ ދަށުން ފަޔަ ސޭފްޓީ ރެގިއުލޭޝަނެއް ހަދައި ތަންފީޒުކުރުމުގެ ގާނޫނީ ޒިންމާ ވަކި މުއައްސަސާއަކާ މަތިކުރުން. އޭރަށް ކޮންމެ ގެއެއްގައި ނުވަތަ ކޮންމެ ގުދަނެއްގައި ހުންނަން ޖެހޭނެ ފަޔަ އެކްސްޓިންގްޝާސް. ކެމިކަލް ގުދަނެއް ވިއްޔާ ވަކި ސްޓޭންޑަޑަކަށް އެތަނުގައި ފަޔަ ސޭފްޓީ ހުންނަން ޖެހެނެއޭ. އެކަންކަން އެ މުއައްސަސާ އިން ތަންފީޒުކުރާ ގޮތަށް."

މިފަހަރު ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ރައްކާތެރިކަމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިހާރު އެ ވަނީ، ގުދަންތަކުގައި ކެމިކަލް ރައްކާކުރުމާ ބެހޭ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ. ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަދިވެސް ގިނަ އެވެ. އެހެންކަމުން ހޯދަން ޖެހިފައި އޮތީ އިތުރު ފަޔަ ލޮރީތަކެއް ނޫނެެވެ. ރައްކާތެރި ވުމުގެ ޕްލޭނެކެވެ.