އަސްދަނޑި: އިމިގްރޭޝަންގެ އެތެރޭގެ ދޯދިޔާކަން

ކޯޓުތަކުން ނެރޭ އަމުރަށް ތަބާވުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމް ކަމަކަށް ވި ނަމަވެސް، ސަރުކާރުގެ ބައެއް މުއައްސަސާތަކުން އެއަށް ދޭ ސަމާލުކަން ކުޑަކަން އެނގެނީ އެއާ ގުޅުން ހުރި ކަމެއް ތަޖުރިބާ ކުރެވުމުންނެވެ. އެ ތަޖުރިބާ މި ފަހުން ކުރަން ޖެހުނީ މޯލްޑިވްސް އިމިގްރޭޝަން ގުޅިފައިވާ ކަމެއްގަ އެވެ.


ކޯޓުތަކުގެ ބޭނުމަށް ހައްޔަރުކުރާ ބައެއް މީސްމީހުންގެ ޕާސްޕޯޓް، ބައެއް ހާލަތްތަކުގައި ހިފަހައްޓަ އެވެ. އިމިގްރޭޝަނުން އެކަން ކުރަނީ ކޯޓުން އެންގުމުންނެވެ. ހަމަ އެގޮތަށް ހިފަހައްޓާ ޕާސްޕޯޓް ދޫކުރަނީ ވެސް އެ ކޯޓަކުން ކުރާ އަމުރަކަށެވެ. އެކަމަކު މިފަދަ އަމުރުތައް ވަގުތުން ތަންފީޒުކުރުމުގައި އިމިގްރޭޝަނުން ވަރަށް ބޮޑަށް ފަރުވާކުޑަކުރާ ކަން ދާދި ފަހުން ރައްޓެއްސަކަށް ދިމާވި ކަމަކުން ޔަގީންވި އެވެ.

ކޯޓަށް ހެކިބަހެއް ދިނުމުގެ ކުރިން ބޭރަށް ދަތުރުނުކުރެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް އެއް ދުވަހަށް ހިފެހެއްޓި އެވެ. އެކަމަކު މިދިއަ ބުރާސްފަތިދުވަހު ހެކިބަސް ދިނުމާ އެކު ޕާސްޕޯޓް ދޫކުރިކަމުގެ ލިއުން ޖިނާއީ ކޯޓުން އޭނާ އަށް ވަގުތުން ދިނެވެ،

މިދިޔަ ހޮނިހިރުދުވަހު ފުރަންވެގެން އޭނާ އެއާޕޯޓަށް ދިއުމުން އިމިގްރޭޝަނުން އެންގީ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ޕާސްޕޯޓް ދޫކުރިކަމުގެ އަމުރު އަތުގައި އޮތަސް، އޭނާ އަށް ކުރެވޭނެ ކަމެއް ނެތެވެ. އެންމެ ފަހުން އެއާލައިނުން ފޮށިތައް އަލުން ހޯދައިގެން އަންނަން ޖެހުނީ މާލެއަށެވެ. އެމައްސަލާގައި އިމިގްރޭޝަންގެ އިސް ބައެއް ވެރިން ދެއްވީ ވަރަށް ހެއްވާ ޖަވާބެކެވެ. ޒިންމާ ނަންގަވާކަށް ބޭނުމެއް ނުވި އެވެ.

އިސް ވެރިންނަށް ގޯސްވީ ކޯޓެވެ. އެއީ ޕާސްޕޯޓް ދޫކުރުމުގެ އަމުރު، އިމިގްރޭޝަން ޑިޕާޓްމަންޓަށް ލިބުނީ ރަސްމީ ގަޑި ނިމުނު ފަހުން ކަމަށް ވާތީ އެވެ. އަމުރުގެ އަސްލު އިމިގްރޭޝަނަށް ލިބުނީ ބުރާސްފަތިދުވަހުގެ ހަވީރު 3:08ގަ އެވެ. އިމިގްރޭޝަންގެ އިސް ވެރިން ވިދާޅުވި ގޮތުން ނަމަ، ރަސްމީ ގަޑި ނިމޭ ފަހުން، ޕާސްޕޯޓެއް ދޫކުރުމުގެ އަމުރެއް ނެރުނަސް އެއާ އެއްގޮތަށް އަމަލްކުރަން ދަތިތަކެއް ހުރެ އެވެ. ކަންކަން އަވަސްކުރުމުގެ ގޮތުން ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ކޮމްޕިއުޓަރު ވިއުގަ މެދުވެރިކޮށް ލިޔެކިޔުން ބަދަލުކުރިޔަސް އަސްލު ލިބެންދެން ކަމެއް ނުކޮށް ތިބެ އެވެ.

ޕާސްޕޯޓެއް: ހިފަހައްޓާ ޕާސްޕޯޓުތައް ދޫކުރަން ރަސްމީ ގަޑީގެ ފަހުން ނެރޭ އަމުރުތައް ތަންފީޒު ކުރުމުގައި އިމިގްރޭޝަނުން އުޒުރުތައް ދައްކާ

އަޅުގަނޑުގެ ރައްޓެހި މީހާގެ ޕާސްޕޯޓް ދޫކުރުމުގެ އަމުރު ނެރުމަށް ފަހު، ޖެމްސް ސިސްޓަމްގެ ތެރެއިން އޮތީ އިމިގްރޭޝަނަށް ފޮނުވައިފަ އެވެ. ނަމަވެސް އެ އަމުރާ އެއްގޮތަށް އަމަލުނުކުރެވުނު ކަމަށް ދެއްކީ ވަރަށް ތާކުންތާކު ނުޖެހޭ އުޒުރެކެވެ. ހޮނިހިރުދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން އިމިގްރޭޝަންގެ ހެޑް އޮފީސް ހުޅުވައި އަދި ޕާސްޕޯޓް ދޫކުރުމާ ގުޅޭ ކަންކަން ސިސްޓަމަށް އެންޓާ ކުރެވެން ނެތީ އެވެ. ބަންދު ދުވަހަކަށް ވާތީ ޕާސްޕޯޓް ރިލީޒް ކުރާނެ މުވައްޒަފަކު ވެސް ނުލިބުނީ އެވެ.

އިސް ވެރިންނަށް ގޯސްވީ ކޯޓެވެ. އެއީ ޕާސްޕޯޓް ދޫކުރުމުގެ އަމުރު، އިމިގްރޭޝަން ޑިޕާޓްމަންޓަށް ލިބުނީ ރަސްމީ ގަޑި ނިމުނު ފަހުން ކަމަށް ވާތީ އެވެ. އަމުރުގެ އަސްލު އިމިގްރޭޝަނަށް ލިބުނީ ބުރާސްފަތިދުވަހުގެ ހަވީރު 3:08ގަ އެވެ. އިމިގްރޭޝަންގެ އިސް ވެރިން ވިދާޅުވި ގޮތުން ނަމަ، ރަސްމީ ގަޑި ނިމޭ ފަހުން، ޕާސްޕޯޓެއް ދޫކުރުމުގެ އަމުރެއް ނެރުނަސް އެއާ އެއްގޮތަށް އަމަލްކުރަން ދަތިތަކެއް ހުރެ އެވެ.

ސުވާލަކީ އިމިގްރޭޝަންގެ ރަސްމީ ގަޑި ނިމުމަށް ފަހު، ޕާސްޕޯޓެއް ދޫކުރަން އަމުރެއް ނެރެފި ނަމަ ކިތަންމެ މުހިންމު ކަމެއްގައި މީހަކު ރާއްޖެ އިން ބޭރަށް ދާން ޖެހުނަސް އެކަން ކޮށްދެވޭނެ ގޮތެއް ނޯންނަނީ ހެއްޔެވެ؟ ދަތުރުފަތުރުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އެއީ އިމިގްރޭޝަނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ރަސްމީ ބަންދު ގަޑިއެއްގައި މީހެއްގެ ޕާސްޕޯޓް ދޫކޮށްލަން ކޯޓުން އަމުރުކުރިޔަސް ވަގުތުން ތަންފީޒުކުރެވެން ޖެހޭނެ އެވެ.

ހުޅުލޭގައި ހުންނަ އެއާޕޯޓުގެ ކައުންޓަރަކުން ހިދުމަތް ދެނީ --ފޮޓޯ: އިމިގްރޭޝަން

ކޯޓުން ޕާސްޕޯޓް ދޫކުރުމުން ޕާސްޕޯޓްގެ ވެރި ފަރާތުން ވެސް ގަބޫލުކުރާނީ އެއާ އެއްގޮތަށް އިމިގްރޭޝަނުން އަމަލުކުރާނެ ކަމަށެވެ. އިމިގްރޭޝަންގެ ކަންކަން އެހާ ދޯދިޔާކަން ނޭނގޭ އާންމު މީހާ އަށް، ފުރަން ދިއުމުގެ ކުރިން ޕާސްޕޯޓް ކްލިއާ ވެފައިވޭތޯ ނުބެލިދާނެ އެވެ. އަދި އިމިގްރޭޝަނަކީ 24 ގަޑިއިރު މަސައްކަތްކުރާ ތަނެކެވެ. އެހެންކަމުން ޕާސްޕޯޓާ ގުޅޭ އަމުރުތައް ތަންފީޒްކުރުމުގައި އިމިގްރޭޝަނުން 24 ގަޑިއިރު މަސައްކަތްކުރަން ޖެހޭނެ އެވެ.

ދިވެހި ރައްޔިތެއްގެ ޕާސްޕޯޓް ނުހައްގުން ހިފެހެއްޓިގެން ނުވާނެ އެވެ. އިމިގްރޭޝަންގެ ވެރިންނަށް ތިބެން ޖެހޭނީ އެކަން އެނގޭ ވަރުގެ މީހުންނެވެ. އަދި ތަނުގެ ނިޒާމް އޮންނަން ޖެހޭނީ ކޯޓުން ހިފަހައްޓާ ޕާސްޕޯޓް ކޯޓު އަމުރާ އެއްގޮތަށް ހަމަ ވަގުތުން ދޫކުރެވޭ ގޮތަށެވެ. އޭގައި ސަރުކާރު ބަންދު ދުވަހެއް، މުވައްޒަފަކު ނެތުމުގެ އުޒުރެއް ނުދެއްކޭނެ އެވެ.