މަޖިލިސް ކްލާސްރޫމަކަށް! އެއީ ބޮޑު މަައްސަލައެއްތަ؟

މިދިއަ ދެތިން ދުވަހު ރައްޔިތުންގެ މަޖިލިހުން ފެނުނު މަންޒަރުތައް ބައެއް މީހުންނަށް މަޖާވިޔަސް، އަނެއް ބަޔަކު ދުށީ އެއީ ދައުލަތުގެ އެފަދަ މުއައްސަސާއެއްގެ މެމްބަރުން އުޅެން ޖެހޭ ގޮތް ނޫން ކަމަށެވެ. މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ދޭ ބައެއް އަދަބުތައް ވެސް، ބައެއް މެމްބަރުންނަށް އަމާޒުވި އެވެ. އޭގެ ތެރޭގައި މަޖިލިހުގެ ތަޅުމުގައި "ކަށިގަނޑު ނުފުމޭނެ ކަމަށް" 100 ފަހަރު ލިޔުމާއި "ބޭރަށް ނުކުމެ ފާރަށް މޫނު ލައިގެން" ހުންނަން ރިޔާސަތުން އެންގުން ކަހަލަ ކަންކަން ހިމެނެ އެވެ.


މި "އަދަބުތައް" އަމާޒުވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވާ ވިދާޅުވީ މަޖިލިހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު "ޖޯކަރަކަށް" ވެގެން ނުވާނެ ކަމަށެވެ.

އެކަމަކު މަޖިލިހުން ފެންނަ އެފަދަ މަންޒަރުތަކަކީ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ. މަޖިލިހަކީ ސީރިއަސް މަސައްކަތްތައް ކުރާ ތަނަކަށް ވިޔަސް ދޭތެރެއަކުން ސަމާސަކޮށްލަން ވެސް ޖެހޭނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

މަޖިލިހުގެ ގަވައިދު ބުނާ ގޮތުން މެމްބަރުންގެ އަމަލުތައް ހުންނަންވާނީ މަޖިލިހުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތަށެވެ.

ނަޝީދު ސަމާސަ ކުރައްވަނީ.

ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ގިނަ މެމްބަރުން ފެނުނީ ގާނޫނުއަސާސީއަށް ބޯލެނބުމަށް ވުރެ އޭގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވިހާ ކަމެއް، ބޭނުންފުޅުވި ގޮތަށް ކުރައްވާ ތަނެވެ. ގާނޫނުއަސާސީއަށް ވެސް ބެލުމެއް ނެތި އެވެ. ގިނަ ދުވަސްތަކުގައި މަޖިލީހުގައި ކުރާނެ މަސައްކަތެއް ވެސް ނޯވެ އެވެ. ތަޅުމުގައި އެޖެންޑާ ކުރާނެ ކަމެއް، ކޮމިޓީތަކުގައި ކުރާނެ މަސައްކަތެއް ނެތިގެން ކިތަންމެ ދުވަހަކު ޖަލްސާތައް ކެންސަލްކުރި އެވެ.

މަޖިލިހުގެ ތަޅުމުން ތޯރިގް ނެރުމަށް ސާޖެންޓް އެޓް އާމްސް ހަލީމް މަސައްކަތް ކުރައްވަނީ.

އެ ރައްޔިތުންގެ މަޖިލިސް ގިނަ ރައްޔިތުންނަށް ކަމަކުނުދިޔަ އެވެ. ރައްޔިތުން މަޖިލިސް ދެކެ ވަރަށް ބޮޑަށް ފޫހިވެ، އިތުބާރު ވެސް ގެއްލުނެވެ.

މިހާރު އަނެއްކާވެސް މި އޮތީ ތަޅުމުގައި ކުރިން ވެސް ފެނުނު ހަޅޭއްލެވުމާއި ތަޅުމުން ނެރުމާއި ރިޔާސަތާއި ބައެއް މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތައް ބަަލުކުރުމުގެ ދުވަސްވަރެވެ.

ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވާ އެއް ވާހަކަ އަކީ ސްކޫލެއްގެ ކްލާސް ރޫމެއް ތެރޭގައި ހިނގާ ކަންކަން މަޖިލިހުގައި ވެސް ހިނގާނެ ކަމަށެވެ. އެއީ އެމަނިކުފާނު ސަމާސާއަކަށް ވިދާޅުވާ ބަސްފުޅަކަށް ވެސް ވެދާނެ އެވެ. ނޫނީ މަޖިލިހުގެ މެމްބަރުންނާ އޮތް ގުޅުން ވަރުގަދަ ކުރައްވަން ޖައްސަވާ ސަކަރާތަކަށް ވެސް ވެދާނެ އެވެ.

އެކަމަކު އެންމެންނަށް އެއީ ސަކަރާތަކަށް، މަޖަލަކަށް ނުވެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިހުގެ ރައީސަކީ ޖޯކަރަކަށް ވެގެން ނުވާނެ ކަމަށެވެ. މަޖިލިހަކީ އެންމެ ސީރިއަސް އެއް މަސައްކަތް ކުރާ ތަނަކަށް ވުމުން އެއީ އަމިއްލަ ވާހަކަ ދައްކައި މަޖާކުރަން ފާޑުފާޑުގެ ކޫސަނި އަދަބު ދީ އަމިއްލަ ގޮތްތައް ގެންގުޅެން އޮންނަ ތަނެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް މަޖިލިހެއްގައި މަޖާކުރަން ހުއްދަކޮށްފައެއް ނުވާނެ އެވެ.

ސަމާސަ ވިހަވެ ގަވައިދަށް ބޯނުލަނބާ ކަމުގެ ޝަކުވާ!

މަޖިލިހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމަކަށް ހުށަހަޅާ މައްސަލައަކާ މެދުގައި މަޖިލިހުގެ ރައީސް ދެކޭ ގޮތް، މަޖިލިހުގެ ގަވައިދު އޮތް ގޮތުން، ހާމަކޮށްގެން ނުވާނެ އެވެ. ނަމަވެސް ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދުގައި މަޖިލިހުގެ ރައީސް ހިޔާލު ފާޅުކޮށް، ދެކޭ ގޮތް ހާމަކޮށް، މަޝްވަރާ އާއި ލަފާ ދެވިދާނެ އެވެ. އެ ގަވާއިދު ބުނާ ގޮތުން މަޖިލިހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތެކެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފަހަކަށް އައިސް، މަޖިލިހުގެ ކަންކަން ކުރިއަށް ދަނީ ރިޔާސަތަށް ވަރަށް ފުރުސަތު ބޮޑުކޮށް ކަމަށެވެ. އެކަމަކު މަޖިލިހަށް ހުށަހަޅާ ކަންކަމުގައި ބަހުސް ކުރުމުގެ ޖާގަ ރައީސަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސަތަށް ކަމެއް ސާފުކޮށް ދެވިދާނެ. އެކަމަކު ކޮންމެ މެމްބަރަކު ކުރައްވާ ބަހުސްއަކާ ގުޅިގެން ރައްދެއް ނުދެވޭނެ. މެމްބަރުން ދައްކާ ވާހަކަ ރިޔާސަތުން ދޮގެއް ވެސް ނުކުރެވޭނެ. އަނެއްކާ މެމްބަރެއް ދައްކާ ވާހަކަ ތަފްސީލްކޮށްދީ ނުހެދޭނެ. މަޖިލިހުގެ ގަވައިދު ތަނެއް ނުދޭ އެގޮތަށް،" ޝިޔާމް ވިދާޅުވި އެވެ.

ނަޝީދު ސަމާސަ ކުރައްވަނީ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސަތުގައި އިންނަވާ އެއްވެސް ބޭފުޅަކަށް، މެމްބަރެއްގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އިމްތިޔާޒް ކޮމިޓީ އަށް ހުށަހަޅައިގެން ބެލޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަޝީދުގެ ސްކޫލް އަދަބު ތޯރިގަށް އަމާޒުވީ، ކަށިފުމެއް ފެއްޓެވުމުންނެވެ. ފުރަތަމަ ދުވަހު ނަޝީދު އެދިވަޑައިގަތީ ކަށިގަނޑު ނުފުމޭނެ ކަމަށް، 100 ފަހަރު ލިޔުމަށެވެ. މިއީ ރާއްޖޭގެ ސްކޫލްތަކުގައި ބައެއް ދަރިވަރުންނަށް ކުރިން ދީ އުޅުނު "އަދެބެކެ"ވެ. ދެ ވަނަ ދުވަހު ވިދާޅުވީ މަޖިލިހުގެ ތަޅުމުން ނުކުންނަވައި "ފާރަށް މޫނު ލައިގެން ހުންނެވުމަށެ"ވެ.

"ތޯރިގާ ދޭތެރޭގައި އެގޮތަށް ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވާހަކައެއް ނުދެއްކެވޭނެ. އެއީ ވާނެ ކަމެއް ނޫން. މަޖިލިހުގެ ގަވައިދު އެގޮތަށް ތަނެއް ވެސް ނުދޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ނަން އިއްވި އިރު، އިޖުރާއުތައް ފުރިހަމަނުކުރޭ؟

މަޖިލިހުގެ ތަޅުމަށް މި ދެ ދުވަހު އިދިކޮޅު މެމްބަރުން ދުންމާރި އާއި ކަށިގަނޑު ފަދަ ތަކެތި ވައްދައި އަޑުގަދަ ކުރުމުގެ ސަބަބުން ހަތަރު މެމްބަރެއްގެ ނަން އިއްވި އެވެ. މިއީ 19 ވަނަ މަޖިލިސް ފެށުނު ފަހުން އެއް ޖަލްސާއެއްގައި އެހާ ގިނަ މެމްބަރުންގެ ނަން އިއްވި ފުރަތަމަ ފަހަރެވެ.

އެކަމުގައި އަމަލު ކުރި ގޮތް ގޯސް ކަމަށް ބައެއް މެމްބަރުން ގަބޫލުކުރައްވަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ނަން އިއްވަން ޖެހޭނީ ތިން މަރުހަލާއެއް ފުރިހަމަކޮށްފަ އެވެ. އެންމެ ފުރަތަމަ ނަސޭހަތްދޭން ޖެހޭނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އެގޮތަށް ކިޔަމަން ނުވެއްޖެ ނަމަ، ނަން އިއްވަން ޖެހިދާނެ ކަމަށް ބުނެ، އިންޒާރު ދޭން ޖެހެ އެވެ. ނަން އިއްވައި، މަޖިލިސް ދޫކޮށް ނުކުންނަން އަންގާނީ އޭގެ ފަހުންނެވެ.

މެދުހެންވޭރު ދާއިރާގެ އަލީ އާޒިމާއި (ކ) ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް.

އެކަމަކު ޝިޔާމް ވިދާޅުވީ ހަތަރު މެމްބަރެއްގެ ނަން ރިޔާސަތުން އިއްވެވީ އަވަސް އަރުވާލައިގެން ކަމަށެވެ.

"މަޖިލިހުގެ ނިޒާމު ގެއްލުވާލަން އެއްވެސް މެމްބަރަކު މަސައްކަތެއް ނުކުރޭ. މެމްބަރުންނަށް އިހްތިޖާޖް ކުރެވޭނެ. މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ރައްޔިތުން މިހާރު އެބަ ސުވާލު އުފައްދާ ހަގީގަތުގައި. މަޖިލިހުގެ ކަންތައްތައް ހިނގަނީ ކުޅޭކުޅޭ ގޮތަކަށް،" ޝިޔާމް ވިދާޅުވި އެވެ.

ނަޝީދު ސަމާސަ ކުރައްވަނީ.

މިހާރުގެ މަޖިލިހުގައި މަސައްކަތްކުރާ ކަމަށް ޝިޔާމް ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު ޕްރޮފެޝަނަލް ކަމެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ. މިހާރު މި ފެންނަ ގޮތަށް މަޖިލިހުގެ ތެރޭގައި ސަމާސާކުރާ ނަމަ، އޭނާ ވިދާޅުވީ، ފާސްކުރާ ބިލްތަކަށް ރައްޔިތުން އިތުބާރުނުކޮށްފާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކަންކަމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހުދުމުހުތާރު ގޮތްތައް އިސްކުރުމަކީ އޮތް ހަމައެކަނި ގޮތް ނޫން ކަމަށެވެ. ހުދުމުހުތާރު ގޮތްތައް ބޭނުން ކުރުމަށް ވުރެ، މަޝްވަރާކުރުން ބުއްދިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އަބްދުﷲ މަސީހް ހުންނެވި އިރު، އޭރު އޮތް އިދިކޮޅު އެމްޑީޕީން މަޖިލިހުގައި އަޑުގަދަކޮށް، އިހްތިޖާޖްކުރީ ރައްޔިތުންނަށް ކަންކަން ވިޔަނުދޭކަށް ނޫނެވެ. އޭރު އިހުތިޖާޖްކުރީ ގާނޫނުއަސާސީން ބޭރުން ކަންކަން ކުރާތީ ކަމަށް ވިދާޅުވި އެވެ.

"ކަންބޮޑުވެފައި ތިބޭކަށް ނުޖެހޭ، މަޖާކުރާ ވަގުތު ދާނެ"

އާޒިމް ވިދާޅުވީ މަޖިލިހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް މަޖިލިހުގެ ގަވައިދުގައި ހިމެނޭ ހުރިހާ ކަމެއް ހަނދާން ނުހުރެދާނެ އެވެ. އެހެންކަމުން ގަވައިދާ އެއްގޮތަށް ކަމެއް ނުދާ ނަމަ، އެކަން ސަމާލު ކަމަށް ގެނައުމަކީ 86 މެމްބަރުންގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"އެކަން ރީތި ގޮތުގައި މެމްބަރަކު ވިދާޅުވެއްޖެ ނަމަ، އެކަމެއް އެބަ ރަނގަޅު ކުރޭ. މަޖިލިސް ގަވައިދާ ހިލާފަށް ހިންގަނީކީ ނޫން. ބައެއް ފަހަރު އަތް ދަށުން ދާ ކަންކަން ނޫނީ އާ ގަވައިދަށް އެހާ ފަރިތަ ނުވާތީ ގަވައިދަށް އަހުލުވެރިވަންދެން އަޅުގަނޑުމެން ތެދުވާން ޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.

ރިޔާސަތުގެ އަމަލުތަކާ ހުރެ، މަޖިލިހުގެ ޝަރަފާއި މެމްބަރުންގެ ހައިބަތާ މެދުގައި ބައެއް މީހުން ސުވާލު އުފައްދަމުންދާތީ އެކަމަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ މަޖިލިހުގެ ތެރޭގައި މަޖާކުރާ ވަގުތު ވެސް އަންނާނެ ކަމަށެވެ.

"މިސާލަކަށް ނަޝީދު ވިދާޅުވަނީ ކަށިގަނޑު ނުފުމެން ކަމަށް 100 ފަހަރު ލިޔަން. އޭގެ މާނައަކީ އެކަން ކުރާށެކޭ ނޫން. މި ހުންނަނީ މަޖަލަކަށް ދައްކާ ވާހަކަ،"

"އަބަދަކު ނުޖެހޭ ރުޅިވެރިކަމުގައި ތިބޭކަށް. ކިތަންމެ ސިޔާސީ ތަނެއްގައި ތިއްބަސް މަޖާވާ ވަގުތު އަންނަން ޖެހޭނެ."

އާޒިމް ވަނީ ޑރ. ޖަމީލަށް ވެސް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވުމުން ވެސް ރައްޔިތުން ބަލައިނުގަތީ "އަބަދުވެސް ސީރިއަސްކަމުގައި ހުންނަވާތީ" ކަމަށެވެ.

"މަޖިލިހަކީ އަބަދުވެސް ތަޅާފޮޅާ ތަނެއް ނޫން. މަޖާ ކަންކަން ވެސް ހިނގާ ތަނެއް ކަން ދައްކައި ދޭން ނަޝީދު ބޭނުންފުޅު ވަނީ. ހުދުމުހުތާރު ނޫން ކަމާއި އިންސާނުން އުޅޭ ތަނެއްގެ ގޮތުގައި ދައްކައި ދޭން އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ. މިއީ މަޖަލަށް ކުރާ ކަންކަން،" އާޒިމް ވިދާޅުވި އެވެ.

"[ޖަމީލް] އަނގަނުތަޅާ ސިޔާސީ ކަންކަމަށް ނުނިކުމެ ހުންނެވީމަ ރަނގަޅު ވާނީ. ޖަމީލަށް އެނގިވަޑައިނުގަންނަވަނީ މަޖަލާއި ސީރިއަސް ކަމަކީ ކޮބައި ކަން. ސީރިއަސްވީމަ، މަޖިލިހަށް ޖަމީލް ނުހޮވުނީ. ޖަމީލަކީ އަބަދުވެސް ރުޅި އައިސްފައި ހުންނަވާ ބޭފުޅެއް."

އެކަމަކު މަޖިލިހުގެ ތަޅުމުގައި މަޖަލަށް ވެސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން މެމްބަރުން ދެނެގަންނަން ޖެހެ އެވެ. އެހެންނޫނީ މާ ސަމާސާ ބޮޑު ތަނަކަށްވެ، އާންމުންނަށް އަނެއްކާވެސް މަޖިލިސް އެހެން ގޮތަކަށް ފެނިދާނެ އެވެ.