އީ ސިނގިރޭޓް މަނާކުރުން: މަޝްވަރާ ކުރަންޖެހޭ ކަމެއް ނޫން!

ކަމެއްގައި މަޝްވަރާކޮށް އެއީ ކުރާނެ ކަމެއްތޯ ނުވަތަ ނުކުރާނެ ކަމެއްތޯ ވިސްނަންވާނީ އޭގައި ދެކޮޅު އޮންނަ ކަންކަމުގަ އެވެ. ސަބަބަކީ އެކަހަލަ ކަމެއްގައި ކޮށްގެން ފައިދާވެ، ނުވަތަ ނުކޮށްގެން ގެއްލުންވެދާނެތީ އެވެ. ރާއްޖޭގައި އީ ސިނގިރޭޓް މަނާކުރުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނުމުން ގިނަ ބަޔަކު އެ ސުވާލު އުފައްދަނީ އެހެންވެ އެވެ.


ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިގޮތުގައި ރާއްޖޭގައި، އީ-ސިނގިރޭޓާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި ގެންދަނީ މަޝްވަރާ ކުރަމުންނެވެ. ސަރުކާރުން އަޅާ ފިޔަވަޅެއް ނިންމާނީ އެއަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމާ ގުޅޭ ދިރާސާތަކެއް އެބަ ކުރެވޭ ހެލްތު ސެކްޓާ ތެރޭގައި. އެ ރެގިއުލޭޓް ކުރާނީތޯ، ބޭން ކުރާނީތޯ. އެކަމާ ބެހޭގޮތުން މަސައްކަތްތަކެއް ކުރެވޭ. އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް މި ބަލަނީ. އެ ހިސާބުން ޕޮލިސީ ލެވެލްގައި ކަނޑައަޅާނެ ގޮތްތަކާ ބެހޭގޮތުން ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން އެ މަޝްވަރާތައް ކުރަމުން ދާއިރު، ބޮޑެތި ގައުމުތަކުން މިހާރު އަންނަނީ އީ-ސިނގިރޭޓް މަނާ ކުރަމުންނެވެ. އަވައްޓެރި އިންޑިއާގައި މިދިޔަ ސެޕްޓެމްބަރުން ފެށިގެން ވަނީ އީ ސިނގިރޭޓް މަނާކޮށްފަ އެވެ. އެމެރިކާ އާއި ދެކުނު ކޮރެއާގައި އީ ސިނގިރޭޓް މަނާ ކުރާނެ ކަމުގެ އިޝާރާތެއް އެވަނީ ކޮށްފަ އެވެ. އަދި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ފަދަ އިދާރާތަކުން އީ ސިނގިރޭޓާ ދެކޮޅަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ވެސް އާންމު، ފިޔަވަޅު އަވަސް ކުރަން ޖެހޭ!

އީ ސިނގިރޭޓްގެ ނުރައްކާ ރާއްޖޭގައި ވެސް ބޮޑެވެ. ޒުވާނުންގެ މެދުގައި އެކަން ވަރަށް އާންމެވެ. އަދި އެއްފަހަރާ ގިނަ ދުންތަކެއް ދޫކުރުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް އޭގެ އުނދަގޫ ފޯރާ މިންވަރު ބޮޑެވެ.

"އެ ދޫކުރާ ދުންތަކާ ހެދި އެ ބޯ މީހާ ވެސް ނުފެނޭ. އެހާ ވަރަށް ދުން އެބަ ދޫކުރޭ. ސިނގިރޭޓަށް ވުރެ ވެސް އުނދަގޫ އެއްޗެއް މިއީ އެގޮތަށް ބެލިޔަސް،" ކާނިވާ ކެފޭއެއްގައި ސައިބޯން އިން ޒުވާނަކު އީ ސިނގިރޭޓުން ވާ އުނދަގޫތައް ކިޔައިދެމުން ބުންޏެވެ.

މީހަކު އީ ސިނގިރޭޓް ބޮއެ ދުންތައް ދޫކުރަނީ: އެ އިސްތިއުމާލް ރާއްޖޭގައިވެސް އާންމު--

ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މި އަހަރު ލިބިވަޑައިގަތް، އަހުމަދު އަފްއާލް ވިދާޅުވިގޮތުގައި އީ-ސިނގިރޭޓަކީ ނުރައްކާތެރި އެއްޗެއް ކަމުގެ ހެކިތައް ހުއްޓާ އެ މަނާ ކުރުމާ ގުޅޭގޮތުން އިތުރަށް ކުރަން ޖެހޭ މަޝްވަރާއެއް އޮތް ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ.

ދުންފަތުގެ ނުރައްކަލުން ދިވެހިން ސަލާމަތް ކުރުމަށް ކުރަން ޖެހޭ ކަންކަން މީގެ ކުރިން ވެސް ހުރީ ދިގުދަންމައިގެން ނުކޮށް ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ. އިންޑިއާ އާއި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން އީ ސިނގިރޭޓާ ދެކޮޅަށް ފިޔަވަޅުތައް އަޅާއިރު ދިވެހީން އެކަން ކުރާނެތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރަން ނުޖެހޭ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

"ފަންނީ ފަރާތްތަކުން ވަނީ ބޭނުންވާ ލަފާތައް ދީފައި. އެވިޑެންސް އެބަހުރި ނުރައްކާތެރި އެއްޗެއްކަން، އެ ހުރިހާ ކަމެއް ހުރީމަ ރެގިއުލޭޓް ކުރާނީތޯ ވިސްނާނީތޯ ބަލާނެ ފުރުސަތެއް ނެތް،" ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް އެތަކެއް މަސައްކަތް ކުރައްވާ އަފްއާލް ވިދާޅުވި އެވެ.

ކަމަކާ މަޝްވަރާކޮށް ބަލަން ޖެހޭނީ އެކަމެއް ކުރުމުގެ ސަބަބުން ގެއްލުމެއް ލިބެން އޮތް ނަމަ އެވެ. އެކަން އަވަސް ކުރަން ޖެހޭ އިތުރު ސަބަބެއް ފާހަގަ ކުރައްވައި އަފްއާލް ވިދާޅުވިގޮތުގައި އީ ސިނގިރޭޓް މަނާކޮށްގެން ރާއްޖެ އަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ. ލިބެން އޮތީ މުޅިން ވެސް ފައިދާ އެވެ. ދުޅަހެޔޮ ރައްޔިތުންތަކެކެވެ.

"މިކަން ކޮށްގެން ގައިމު ވެސް ޒުވާނުން މަރުން ސަލާމަތް ކުރެވޭނެ. އެހެންވީމަ އެކަން ކުރަން ފަސް ޖެހެންވީ ސަބަބެއް ނެތް."

ދިރާސާތަކުން ބުނަނީ ނުރައްކާ ބޮޑު އެއްޗެއް ކަމަށް!

އީ-ސިނގިރެޓްގެ 400 ބްރޭންޑެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ވިއްކަމުން ދެ އެވެ. އޭގެ ތެރޭގައި 150 ރަހައިގެ އީ-ސިނގިރޭޓް ހިމެނެ އެވެ. އީ-ސިނގިރެޓް ނުވަތަ ވޭޕް ކުރާ ގިނަ މީހުންނަކީ އާދައިގެ ސިނގިރޭޓުން ލިބޭ ގެއްލުން ނުލިބޭ ކަމަށް ހީކޮށް، އަދި ރައްކާތެރި އެއްޗެއް ކަމަށް ހީކޮށް އޭގެ ބޭނުންކުރާ މީހުންނެވެ. ދިވެހީންގެ ތެރޭގައި ވެސް އެކަން އޮތީ އެގޮތަށެވެ. ނަމަވެސް ސައިންޓިފިކް ދިރާސާތަކުން ހާމަވާގޮތުގައި އީ ސިނގިރޭޓާއި ވޭޕްގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ.

އެކި ބްރޭންޑްތަކުގެ އީ ސިނގިރޭޓްތަކެއް: ރާއްޖޭގައި އެ މަނާ ކުރަން ޖެހޭ--

ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުގައި އީ-ސިނގިރެޓަށް އަޅާ ދިޔާ އެއްޗެހީގައި ނިކޮޓީން އެކުލެވޭ މިންވަރަށް ދަށް ނަމަވެސް، އޭގެ ސިއްހީ ގެއްލުންތައް ކުޑައެއް ނޫނެވެ. ދިޔާ އެއްޗެހި އަޅައިގެން ބޭނުންކުރާ އީ-ސިނގިރެޓް ބުއިމުން މިހާރު އާންމުވަންދާ އެއް ބައްޔަކީ ލިޕޮއިޑް ނިއުމޯނިއާ އެވެ.

އެހެންވެ، ނޭލާވާ ނިޒާމުގައި އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް ފްލެވާޑް އީ-ސިނގިރެޓްގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. ފްލެވާތަކުގެ ތެރެއިން ވެސް ބައެއް ބާވަތްތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އަދި އެފަދަ ރަހަތައް ބޭނުންކުރުމުން ނޭވާލުމުގެ ނިޒާމު އިތުރަށް ހަލާކުވެ، ނޭވާ ހިއްލާބަލީގެ އުނދަގޫ ބޮޑުވާ ކަމަށް ސައިންސްވެރިންގެ ދިރާސާގައި ބުނެފައިވެ އެވެ.

ފުއްޕާމެއަށް ޖެހޭ، ގޮތް ނޭނގޭ ބައްޔެއް އެމެރިކާގައި އާންމުވަމުން، އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އަންނަނީ އެކަން ބަލަމުންނެވެ. އެތަނުން ވެސް ބޮޑަށް ބުރަވާ ގޮތުގައި އެބަލި ފެތުރެމުން އަންނަނީ ވޭޕާއި އީސިނގިރޭޓްގެ ސަބަބުންނެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން ކުރި ދިރާސާ އެއްގައި ބުނީ އީ-ސިނގިރެޓުގެ އާންމުކޮށް ބޭނުން ނުކުރި ކަމުގައި ވިޔަސް، އެ ބޭނުންކުރާ ކުރު މުއްދަތުގައި ވެސް، ނިކޮޓީން އިން ސެލްތަކަށް އެ ކުރާ އަސަރު، ދިގު މުއްދަތުން ލިބޭ ގެއްލުމާ އެއްވަރުކޮށްލާ ކަމަށެވެ. އެގޮތުން އީ-ސިނގިރެޓުން ސްޓެމް ސެލްގެ ޑީއެންއޭ އޮޅުންބޮޅުންވެ ސިއްހީ މައްސަލަތަކާ ކުރިމަތިކުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސައިންސްވެރިންގެ ދިރާސާތައް ހެއްކަކަށް ފުދޭނެ އެވެ. އެވަރުން ނުވާނަމަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އަޅަމުންދާ ފިޔަވަޅުތައް ނަމޫނާއަކަށް ބަލާށެވެ. ޖީލެއް ނެތި ނުދަނީސް ފިޔަވަޅު އަޅާށެވެ. ރާއްޖޭގައި ވެސް އީ ސިނގިރޭޓާއި ވޭޕް ކުރުން ވަރަށް އިތުރެވެ. އަވަސް ފިޔަވަޅުތަކެއް މުހިންމެވެ.