ސަރުކާރަށް އެއް އަހަރު، 100 ދޭން ޖެހޭ ތިން ކަމެއް!

ރައީސް ކަމަށް އިބްރާހިމް މުހަންމަދު ސޯލިހު ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަރަށް ގިނަ ކަންތައްތަކަކަށް ވައުދުވެ ވަޑައިގަތެވެ. އޭގެ ތެރެއިން އެމަނިކުފާނު ކޮންމެހެން ވެސް ކުރައްވަން ފަހަށް ޖެހިވަޑައިނުގަތް އެއް ކަމަކީ ނޫސްވެރިކަމުގެ މިނިވަން ކަމެވެ. މިނިވަން ޖުޑީޝަރީއެއް އުފެއްދުމާއި ޒުވާނުންގެ ފަރާތުން ހިނގާ ނޭދެވޭ ކަންކަމުން މުޖުތަމައު ސަލާމަތް ކުރުމަކީ އޭގެ ތެރެއިން އަނެއް ވައުދެވެ.


މިއީ، ސަރުކާރަށް އެއް އަހަރުވީ އިރު ކުރިން އޮތް ހިސާބު ހަނދާން ނެތޭ ވަރަށް ބަދަލުވެފައިވާ ތިން ދާއިރާ އެވެ. ކަމަކާ ނުލައި ވެސް ހައްޔަރުކޮށްފާނެ ކަމުގެ ބިރު މިހާރު ފިލައިފި އެވެ. ނޫސްވެރިކަމަށް އޮތް ހުރަސްތައް މިހާރު ނެތިގެން ހިނގައްޖެ އެވެ. ކުށުގެ ވެހި މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފި އެވެ.

ނޫސްވެރިކަމަށް އޮތް ހުރިހާ ދައްޗެއް ވަނީ ނައްތާލައިފައި

ޚުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވާ ގޮތުގައި މިނިވަން ނޫސްވެރިކަމެއް ނެތި ގައުމެއް ނޯންނާނެ އެވެ. އަދި، ސަރުކާރުން ވެސް ގަބޫލު ކުރަނީ ސަރުކާރު ވެސް ކުރިއަށް ދާނީ މިނިވަން ނޫސްވެރިކަމެއް އޮވެގެން ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ. އެހެންވެ ރައީސް އަމިއްލަފުޅަށް މީޑިއާގެ މިނިވަން ކަމަށް ޖާގަ ދެއްވާނެ ވާހަކަ އެކި ހަފުލާތަކުގައި ވިދާޅުވެފައި ވެ އެވެ. މީޑިއާ އަށް ކުރިމަތިވާ އެއްވެސް ހުރަހެއް ނުބާއްވަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެކަމަށް އެއްވެސް ހުރަހެއް އޮތިއްޔާ "ތިޔަ ބޭފުޅުން ވިދާޅުވާށޭ" އެތައް ފަހަރަކު ވިދާޅުވި އެވެ.

އެމަނިކުފާނުގެ އެ ބަސްފުޅުގެ ތެދުކަން ޔަގީނުން ވެސް މި ފަސް އަހަރު ދައްކުވައިދީފި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ބޭއްވެވި ނިއުސް ކޮންފަރެންސަށް ފަހު އޮތް ސައިފޮދުގައި، ބައެއް ނޫސްވެރިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ވަނީ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ކުރީ ސަރުކާރުން ހަދާފައިވާ ގާނޫނު އުވާލައިފަ އެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަން ބަނދެލުމަށް ޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖެހި ދަންތުރަ އެކެވެ. މި ދަންތުރަ ވުޖޫދުން ދުއްވާލުމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރި މަސައްކަތެވެ.

ރާއްޖޭގެ ނޫސްވެރިން މިހާރު ގަބޫލު ކުރާ ގޮތުގައި ނޫސްވެރިކަމަށް އޮތް ގާނޫނީ އެއްވެސް ހުރަހެއް މިހާރަކު ނެތެވެ. އަދި ކުރިއާ ހިލާފަށް މިހާރު ރައީސްގެ ހާއްސަ ޕްރެސް ބްރީފިންތައް ބާއްވައި، ސަރުކާރުގެ އެކި ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރައްވައި ބައްދަލުވުންތައް ބޭއްވުމަކީ ކުރިމަގުގައި ނޫސްވެރިކަމަށް އޮތް ހެޔޮ ފާލެކެވެ. މިއީ ވަރަށް މަދު ސަރުކާރެއްގައި ނޫނީ ނުފެންނަ ކަމެކެވެ. ނޫސްވެރިންގެ ސުވާލު ހުސްވަންދެން ގައުމުގެ ރައީސް ޕޯޑިއަމް ކައިރީގައި ހުންނެވުމަކީ ރަނގަޅު ފާލެކެވެ.

ކުށުގެ ވެހި: ގޭންގުތައް ކޮބާ؟

މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފިއޭ ބުނުމުން އެއީ އާންމު ވާހަކަ އެކެވެ. އެކަމަކު މި ވާހަކަ އަޑުނީވޭތާ އެއް އަހަރުވީ އެވެ. އެކަން ފާހަގަކުރެވެނީ ކިތައް މީހުންނަށްބާ އެވެ؟

ހަގީގަތަކީ މި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ގޭންގު ކުށްތަކުގައި އެކަކު ވެސް މަރުވެފައި ނުވާ ކަމެވެ. މިއީ އާންމުން ވަރަށް އުފަލާ އެކު ފާހަގަ ކުރާނެ ކާމިޔާބެއް ކަން ޔަގީނެވެ. ހަމަ އެހެންވެ، މިއީ ސަރުކާރުގެ އެއް އަހަރު ދުވަހުގެ އެންމެ ބޮޑު ކާމިޔާބީ ވެސް މެ އެވެ.

ކުށް ކުރާ ނިސްބަތް މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ކުރެވިފަ އެވެ. އެހެން އަހަރުތަކާ އަޅާ ބަލާއިރު ދެ ގިނަ ދަށަށް ގޮސްފައިވާ ކަން ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން ގޭންގު މާރާމާރީތައް ވެސް ދެބައިކުޅަ އެއްބަޔަށް ކުޑަވެފައިވާ ކަން އެ ހިސާބުތަކުން އެނގެ އެވެ. މިކަން ނިމިގެން ދިޔަ ޖުމްހޫރީ ދުވަހު ރައީސް ދެއްވި ޚިތޯބުގައި ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ގޭންގު ކުށްތަކުގައި ފަހަކަށް އައިސް އަހަރެއްގެ މައްޗަށް 6-8 މީހުންގެ ފުރާނަ ގެއްލިގެން ދެ އެވެ. މަގުމަތީގައި އެއްވެސް ބިރެއް ނެތި މާރާމާރީ ހިންގަމުން ދާތަން ފެނެ އެވެ. އެކަމަކު އެ މަންޒަރު މިހާރަކު ނުފެނެ އެވެ. އޭގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

ބައެއް މީހުންގެ ނަޒަރުގައި އޭގައި މުހިންމު އެއް ސަބަބެއް އެބައޮތެވެ. އެއް ކަމަކީ އިންސާފު ގާއިމްކުރާނެ ކަން ޔަގީން ކުރެވުމާއި ކޯޓުތަކުގެ ތެރެއިން މިހާރު ރިޝްވަތު ދީގެން ވެސް ސަލާމަތް ނުވާނެކަން ގޭންގުތަކަށް އެނގުމެވެ.

އަމާން ވެއްޓެއް، އިންސާފުވެރި ހުކުމެއް!

ޖުޑީޝަރީ މިނިވަން ކުރުމުގެ ވާހަކަތަކަކީ ކޮންމެ ސަރުކާރަކުން ވެސް ދައްކަމުންް އައި ވާހަކަތަކެކެވެ. އެކަމަކު މިހާރު އެ ދާއިރާއާ ދޭތެރޭ އަޅަމުން އަންނަ ފިޔަވަޅުތައް އަޅަން ކެރުނު އެއްވެސް ސަރުކާރެއް އަދި ނުފެނެ އެވެ. އޭގެ ނަތީޖާ އަކީ ކޮބައިހެއްޔެވެ؟

ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ފަނޑިޔާރުންގެ ކަންކަން ރަނގަޅަށް މޮނީޓާ ކުރާ ބަޔަކު ތިބިކަން ފަނޑިޔާރުންނަށް އެނގޭ ނަމަ ރަނގަޅު އަދި މިނިވަން ހުކުމްތަކެއް ނެރެން ފަނޑިޔާރުންނަށް މަޖުބޫރު ވާނެ އެވެ. އަދި އާންމުންނަށް ޖޭއެސްސީ އަށް މައްސަލަ ހުށަހެޅެން އޮތް އިރު، އަދި އެ މައްސަލަތައް ޖޭއެސްސީން ބަލާތީ ފަނޑިޔާރުންނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އިންސާފުގެ މަގު ހިޔާރު ކުރުން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަނެ އެވެ.

އުއްތަމަ ފަނޑިޔާރާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ހައިލަމް: ދެ ބޭފުޅުން ވެސް ވަނީ ސަސްޕެންޑްކޮށްފައި -- ފައިލް ފޮޓޯ: މިހާރު

މި ސަރުކާރު އައުމުގެ ކުރިން އެންމެ ބޮޑަށް ވަކާލާތު ކުރީ ވެސް މިނިވަން ޖުޑިޝަރީއަކަށެވެ. އެއް އަހަރު ދުވަސް ވީއިރު 100 ދޭން ޖެހޭ ތިން ވަނަ ކަމަކީ ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރާ މަސައްކަތްތަކެވެ. ބައެއް މީހުންގެ ނަޒަރުގައި މީގެ ތެރޭގައި ގޯސް ކަންތައްތަކެއް ހިނގި ނަމަވެސް، ޖުޑިޝަރީ އިސްލާހު ކޮށް، މުޅި ސިސްޓަމް ދޮވެލުމަކީ ކުރަން ޖެހޭ ކަމެކެވެ. ސަރުކާރުން މިކަމަށް ފަސްބެލުމެއް ނެތްކަން އެނގެ އެވެ.

އޭގެ ނަތީޖާ ވެސް އެބަ ފެނެ އެވެ. އަދުލުވެރި ހުކުމްތަކެއް ނެރެވިދާނެކަން މިހާރު މަޑުމަޑުން އެބަ ގަބޫލު ކުރެވެ އެވެ. ރިޝްވަތާ ދުރަށް ދާން ފަނޑިޔާރުންނަށް މިހާރު މުޅިންހެން މަޖުބޫރުވެއްޖެ ކަން ގަބޫލު ކުރެވެން ފަށައިފި އެވެ. ބޭނުމެއް ނެތި މައްސަލަތައް ލަސްކުރާ ނިޒާމު މިހާރު ނެތިގެން ދާނެކަން ޔަގީން ކުރެވެން ފަށައިފި އެވެ.

އަމާން ވެއްޓެއް ގާއިމް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޖުޑީޝަރީންނެވެ. އެ ވެށި މަޑުމަޑުން ފެންނަން ފެންނަން ފަށައިފި އެވެ.