ޝިއްޕެ: ރީނދޫ ލަޝްކަރުގައި ދެގޮތެއް ނުވެ ކުރިއަށް

އޮގަސްޓް، 12، 2004 ގައި ޖުމްހޫރީ މައިދާނުގައި ދެފައި ވަށްކުރައްވައި އިށީންނެވި އިރު ވާން އުޅޭ ގޮތެއް، މިސްރާބެއް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އަކަށް އެހާ ރަނގަޅަކަށް ސާފެއް ނޫނެވެ. އެކަމަކު އެއީ އެމްޑީޕީއާ އެކު އޭނާގެ ސިޔާސީ ހަޔާތުގެ ފުރަތަމަ ފިޔަވަޅެވެ؛


އޭރު ވެސް އޭނާ އަނިޔާ އާއި ބޭއިންސާފާ ދެކޮޅެވެ. ކަޅުހުކުރު މުޒާހަރާގައި، ބައިވެރިވެވަޑައިގެންނެވުނީ އެ ސަބަބާ ހެދި އެވެ. ޚުދުމުހުތާރު ވެރިކަމަކާ ދެކޮޅަށް އެ މުޒާހަރާގައި އެކަކު އަނެކަކުގެ ކިބައިން ހޯއްދެވި ހިތްވަރަކީ އެމްޑީޕީގެ ފިކުރަށް ޝިއްޕެގެ ހިތުގައި ލޯބި އުފެދުނު ސަބަބެވެ. އަމާޒާއި މިސްރާބު ކަނޑައަޅުއްވައި މަސައްކަތް ފެއްޓެވީ އެ ހިސާބުންނެވެ.

ޚުދުމުހުތާރު ސިފަތަކުގެ ވަކި ރާއްޖެ އިން ނައްތާލައި ޑިމޮކްރަސީ އަށް ރުޖޫއަވެ ރައްޔިތުން ބާރުވެރިކުރުމަކީ އެމްޑީޕީގެ ފިކުރެވެ. ހާލަތު މިއަދު ބަދަލުވެފައި އޮތަސް، ހުދުމުހުތާރުކަމުން މިންޖުވީ "ޖިހާދަކުންނެ"ވެ. ގަދައަޅައި އެމްޑީޕީން ކުރި އެ ހިތްވަރުގައި ޝިއްޕެ ވެސް ދުލެއް ނުދައްވަ އެވެ. ޕާޓީއެއްގެ ގޮތުގައި އެ ފިކުރު ވުޖުދޫވެ، މުޅި ރާއްޖެ ރަން ރީނދޫކޮށްލި އިރު ވެސް ޝިއްޕެ ހުންނެވީ ފުރަތަމަ ފިޔަވަޅު މަތީގަ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ވޭތުވެދިޔަ 14 އަހަރުގައި، އާއްމު މެމްބަރުން ޝިއްޕެ އަށް ބޭނުންވި އެންމެ ހިނދުކޮޅަކަށް ވެސް އޭނާ ނުގެއްލެ އެވެ. ޕާޓީ އަށް ކުރުމަތިކުރުވި ކަންކަމުން އަޑިއަޅާލައި އެންމެ ދަތި އުނދަގޫ ހާލަތްތަތުގައި ވެސް އާއްމު މެމްބަރުންނާ އެންމެ ގާތުގައި ހުންނެވި އެއް ބޭފުޅަކީ ޝިއްޕެ އެވެ.

ދެން ވެސް ނުގެއްލޭނެ އެވެ؛ މިއީ، އިތުބާރާ އެކު އާއްމު މެމްބަރުން ޝިއްޕެ ސިފަކުރާ ގޮތެވެ.

އެމްޑީޕީގެ ރީނދޫ ބިޔަ ލަޝްކަރުގެ ނައިބު ރައީސަކަށް ދެ ވަނަ ދައުރަކަށް ނުކުމެވަޑައިގެން އެ ހުންނެވީ އެ އާއްމު މެމްބަރުންގެ އެ އިތުބާރުގެ މައްޗަށެވެ. އަމިއްލަ އެޖެންޑާއެއް ނުގެންގުޅުއްވަ އެވެ.

އާއްމު މެމްބަރުންގެ ރޫހާއި ބޭނުންވާ ގޮތާ ދުރަށް ޝިއްޕެ ވަޑައިނުގަންނަވާނެ ކަން ކުލަގަދަ ތާރީޚެއް އޮތް އެމްޑީޕީގެ މާޒީން ހެކިދެ އެވެ.

"ޕާޓީގެ އާއްމު މެމްބަރުން ގަބޫލުކޮށްފި ވޭތުވެދިޔަ ތަނުގައި ޕާޓީ އަށް އަޅުގަނޑު މަސައްކަތްތަކެއް ކޮށްދީފި ކަން. ކުރިއަށް އޮތް ތަނުގައި ވެސް ކޮށްދެވޭނެ ކަން. މިސްރާބު ވަރަށް ސާފު. އެ މިސްރާބަށް ޝައުގުވެރިކަން ހުރީމަ އަޅުގަނޑު އާއްމު މެމްބަރުންނަށް މި އެދެނީ އެ ފުރުސަތު އަނެއްކާވެސް އަޅުގަނޑަށް ދޭން،" ޝިއްޕެ ވިދާޅުވި އެވެ.

"މި ޕާޓީގެ ހަޔާތުގައި މެމްބަރުން ބޭނުންވި އެއްވެސް ކަމަކާ އަޅުގަނޑު ދުރުވެފައެއް ނޯންނާނެ. ޕާޓީގެ އެޖެންޑާ އިން ބޭރުން ފިޔަވަޅެއް ވެސް އަޅާފައެއް ނޯންނާނެ. ދެންވެސް ހުންނަނީ އެ ގޮތުގައި،"

ގްރާސްރޫޓުން އިސް ސަފަށް!

ކަޅުހުކުރު މުޒާހަރާ އަށް ފަހު އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ފަށައި 2005 ގައި ޕާޓީ ހިންގަން ފެށިއިރު ޝިއްޕެ އަކީ މެމްބަރުން އިތުރުކުރުމުގައި ހިއްސާވެވަޑައިގަތް އެކަކެވެ. އަމިއްލަ ރަށް، ހއ. ބާރަށުގައި ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އޭގެ ފަހުން، އެމްޑީޕީގެ ކޮންމެ ގޮވާލުމަކަށް އޭނާ ހުންނަވަނީ ތައްޔާރަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު ޝިފާޒް އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

ޖަލްސާއެއް، އެއްވުމެއް، ހަރަކާތެއް ވިޔަސް އާއްމު މެމްބަރުންނާ އެކު ހުންނެވި އެވެ. މި މަސައްކަތުގެ ތެރެއިން، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރެއްވި އެވެ. އެމްޑީޕީގެ ލީޑަޝިޕުން ޖާގަ ލިބިވަޑައިގަތީ އިޚްލާސްތެރިކަމާ އެކު މަސައްކަތުގައި ދެ ގޮތެއް ނުވެ ހުންނެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އޭނާ ދެއްކެވީ ނަމޫނާ އެވެ. އެމްޑީޕީ އަކީ ފުރުސަތު އޮތް ޕާޓީއެއް ކަމެވެ. ޒުވާނުންނަށް ކުރިމަގު ހޯދައިދޭނެ ޕާޓީއެއް ކަމެވެ. ސިޔާސީ ހަޔާތުގައި އޭނާ ތަޖުރިބާ ހޯއްދެވީ ރާއްޖޭގައި އެންމެ ތާއީދާއި މަގްބޫލްކަން ބޮޑު ލީޑަރުންގެ ފަހަތްޕުޅުގައި ހުންނަވަ އެވެ.

އެމްޑީޕީގެ އިސް ބޭފުޅުން އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅެއްގެ ގޮތުގައި ދެމި ހުންނެވުނީ އެ ޕާޓީގެ ފަލްސަފާ ގަބޫލުކުރައްވައި ޕާޓީ އަށް ޝިއްޕެގެ ވަފާތެރިކަން އެނގިވަޑައިގަންނަވާތީ އެވެ.

އާއްމު މެމްބަރުންނާ އެކު ހަތް އަހަރު މަގުމަތީގައި!

ޝިއްޕެ އަކީ ޕާޓީ އަށް ކިހާ އިޚްލާސްތެރި ބޭފުޅެއްތޯ ވަޒަންކޮށްލަން އާއްމު މެމްބަރުންނަށް ލިބުނު ފުރުސަތަކީ ޕާޓީގެ ހަޔާތުގައި އެންމެ ބޮޑު ނާކާމިޔާބީއަކާއި ހިތްދަތިކަން ކުރިމަތިވި ދަނޑިވަޅުތަކެވެ.

ކުރީގެ ސަރުކާރުގައި އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ އިސް ބޭފުޅުންނާ އެކު ޝިފާޒް ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން 2012 ގައި ވައްޓާލުމަކީ އެ ޕާޓީ އަށް ކުރިމަތިވި އެންމެ ހިތްދަތި ވަގުތެވެ. އެ ހާލަތުން އަރައިގަތުމަށް އިންސާފަށް އެދިގެން އެމްޑީޕީ ހޭދަކުރި ހަތް އަހަރު ޝިއްޕެ ފަހަތަށް ޖެހިވަޑައެއް ނުގަންނަވަ އެވެ. އޭނާ އެ ހުންނެވީ، ފެބުރުއަރީ، 6، 2012 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެއިން ޕާޓީގެ އިސް ބޭފުޅުންނާ އެކު ކަނޑައެޅުއްވި އަޒުމުގަ އެވެ. އިންސާފުގެ ދަތުރާއި މަގުމަތީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ހުންނެވި އެވެ. އާއްމު މެމްބަރުން އެކަނި ދޫކޮށްލައި އޭނާ ގެއްލުނު ވަގުތެއް ނާދެ އެވެ. ފެބުރުއަރީ 8 ގައި ފުލުހުންގެ އަނިޔާތަކުގެ ތެރޭގައި އިސްކުރެއްވީ ޕާޓީ އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނުހައްގު ދައުވާއަކުން ޖަލަށް ލުމުން މުޅި ޕާޓީގެ ހިތްވަރު އެލި ވަރަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހުނެވެ. ނައިބު ރައީސެއްގެ ގޮތުން، ޕާޓީގެ ޒިންމާތައް އުފުއްލަވަން ޖެހިވަޑައިގަތް އެއް ބޭފުޅަކީ ޝިއްޕެ އެވެ. އެމްޑީޕީގެ ލީޑަޝިޕް އެއްކޮށް ގޮޅި އަށް ލި އިރު ވެސް ޝިއްޕެ ހިތްވަރު ދުލެއް ނުކުރައްވަ އެވެ. ކޮންމެ ހާލެއްގައި ވެސް އެނާގެ މަސައްކަތަކަށް ވީ އާއްމު މެމްބަރުން އެދޭ ގޮތަށް ރައީސް ނަޝީދު މިނިވަން ކުރުމުގެ މަސައްކަތުގައި ދެމި ހުންނެވުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިމަތިކުރުވާފައި އޮތް ހާލަތަށް ބަލާއިރު، ޝިއްޕެ އަށް ވެސް އޮތީ ޖަލު ގޮޅި އެވެ. މުޒާހަރާތަކުން ހައްޔަރު ވެސް ކުރި އެވެ. އެކަމަކު، ރައީސް ނަޝީދު މިނިވަންކުރަން ގޮވާލައި އާއްމު މެމްބަރުންނާ އެކު އޭނާ މަގުމައްޗަށް ނުކުންނެވީ އެ ހާލަތަށް ފަސްޖެހިވަޑައިގަތުމެއް ނެތި އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކު ބައްދަލުވުމެއްގައި ޝިފާޒް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

މުޒާހަރާތަކުގައި ދައްކަވާ ވާހަކަތަކުން ސަރުކާރަށް ޕްރެޝަރު ކުރިމަތިކުރުވި އެވެ. އެއީ، ޓެރަރިޒަމަކާ އެކު 25 އަހަރުގެ ޖަލު ހުކުމެއް ކަން އެނގިވަޑައިގެން ހުންނަވައި ވެސް ޕްރެސް ކޮންފަރެންސްތަކާއި ހަރަކާތްތައް ބާއްވައި ސަރުކާރަށް ފާޑުވިދާޅުވި އެވެ. ހަރުގޭގެ ހަރަކާތަށް މަޑުޖެހުމެއް އަޔަ ނުދީ ކުރިއަށް ގެންދެވުމުގައި އެހީތެރިވެވަޑައިގަތެވެ. މަގުމައްޗަށް ހަމަ ނުކުންނަވާ އިރަށް މޫނަށް ޕެޕަ ސްޕްރޭ ޖަހައި ކޮއްޕައި ވައްޓާލިއަސް އެއަށް ވުރެ ބާރަށް ތެދުވެވަޑައިގެން އަޒުމް ވަރުގަދަ ކުރައްވަ އެވެ.

މިއީ، އެމްޑީޕީގެ އާއްމު މެމްބަރުން ދެކެ ފަރިތަ މަންޒަރެކެވެ.

"އޭރު ވެސް އަޅުގަނޑު ދެކުނީ މީހަކު ހުންނަން ވާނެއޭ. އެސްއެމްއެސްކޮށްލާފައި ނުވަތަ ޕްރެސް ކޮންފަރެންސެއް ބާއްވައި މާދަމާ މުޒާހަރާއެއް އޮތޭ ބުނެ ނިންމައެއް ނުލެވޭނެ ކަމަށް ގަބޫލުކުރީ. އެ މީހުންނާ އެންމެ ގާތުގައި ހުރީ އެހެންވެ،"

ޕާޓީން މުޅިން އޭރު ހުސްވީ ނަޝިދު މިނިވަންކުރުމަށެވެ. ޝިފާޒް މަސައްކަތް ކުރެއްވީ އާއްމު މެމްބަރުންގެ ރޫހާ އެއްގޮތަށެވެ.

"ރައީސް ނަޝީދު މިނިވަންކުރުމަކީ ވަރަށް ބޮޑު ޒިންމާއެއްގެ ގޮތުގައި ދެކުނިން. އެކަމަށް ގޮތެއް ފެންނަންދެން އެކަމުގައި ދެމިހުންނަން އަޒުމްވެސް ކަނޑައެޅިން."

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ފަށައި، ތިން އިންތިޚާބަކުން އެމްޑީޕީ މިވަނީ މޮޅު ހޯދައިފަ އެވެ. މި ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރުމުގައި ވެސް ޝިއްޕެގެ ބައިވެރިވުން އޮތެވެ. ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ޝިއްޕެ ވަނީ އެމްޑީޕީ އަށް ކާމިޔާބީ ހޯދައިދިނުމުގައި ހިއްސާވެވަޑައިގެންފަ އެވެ. އެމްޑީޕީން ވަކިން ވާދަކުރި އިރު، ވެރިކަން ކުރާ ކޯލިޝަނުން ވަކިވަކި ބޭފުޅުންގެ ތާއިދާއެކު ނުކުންނެވީ ކަމުގެ ދައުވާ ކުރެއްވި އިރު ވެސް ޝިއްޕެ ހުންނެވީ އެމްޑީޕީން ނެރުނު ކެންޑިޑޭޓުންގެ ފަހަތުގަ އެވެ. ކެމްޕޭން ކުރެއްވީ އެޖެންޑާ 19 އަށެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް ވާހަކަ ދައްކަވަނީ.

އެއްވެސް ފިކުރެއްގެ ދޭތެރޭގައި އޭނާ ތާއްޓެއް ނުވެ އެވެ. ހާލަތު އޭނާ އަކަށް އޮޅިވަޑައެއްނުގަންނަވަ އެވެ.

އެމްޑީޕީ ވެރިކަމުގައި އޮތަސް، ހަތް އަހަރު ބޭއިންސާފާ ކުރިމަތިލީ އެންމެންނަށް ވަގުތުން އިންސާފު ހޯދައެއް ނުދެވޭނެ އެވެ. އެ އުދާސްތައް އިހްސާސްކުރެއްވޭ ކަމަށާއި ބުއްދިވެރި ގޮތަކީ މި ވަގުތުގެ އަޖަލުގައި ނުޖެހި ދެމިތިބުން ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ އާއްމު މެމްބަރުންނަކީ ހޭލުންތެރި، ތަސައްރަފު ފުދޭ މެމްބަރުންތަކެއް ކަން ޝިއްޕެ ފާހަގަކުރެއްވި އެވެ.

މައިދާން ދޫކޮށްނުލައްވާނެ ލީޑަރެއް

ޝިއްޕެ ވިދާޅުވި ގޮތުގައި، އޭނާ އާ ދައުރަކަށް ނުކުމެވަޑައިގަތީ ވެސް ޕާޓީގެ އެޖެންޑާ ހިފައިގެންނެވެ. އަމިއްލަ ޕޮލިސީތަކެއް ހައްދަވައި މަސައްކަތް ކުރެއްވުމަކީ އޭނާގެ އުސޫލެއް ނޫން ކަމަށް ވިދާޅުވި އެވެ. ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ރޫހާއި ލީޑަޝިޕްގެ އިރުޝާދާއި އަސާސީ ގަވާއިދުގެ އިމުގައި ކަމަށް ވިދާޅުވި އެވެ.

ޕާޓީގެ އަސާސީ ގަވާއިދުގައި ނައިބެއްގެ ދައުރު ލިއެފައިވާ ކަން އޮޅިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންގެ ވިސްނުމާއި ރޫހަށް، ޕާޓީ ހިންގުމުގެ ތެރެއިން އަބަދުވެސް ޖާގަ ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އޭނާ ދެއްވާ ޔަގީންކަމަކީ މިއެވެ!

"ހާލަތެއް ނާންނާނެ އެމްޑީޕީގެ އާއްމު މެމްބަރުން ދޫކޮށްފައި ގެއަށް ވަންނާނެ. ފޫހިވީމަ ގެއްލިފައި، ހަމައަކަށް އެޅުނީމަ ފެންނާނެ ހާލަތެއް ނާންނާނެ. ބޭނުންވާ ކަމެއް ނޫވީމަ ފުރަގަސްދީފައި، އެ ކަމެއް ވީމަ އެނބުރި އަންނާނެ ފަދަ ހާލަތެއް ނާންނާނެ،" ޝިއްޕެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑަރުން އަންގާ ގޮތެއް، ދެއްވާ އިރުޝާދަށް ބޯނުލަނބައި ޕާޓީ ހިންގާނެ ހާލަތެއް ނާންނާނެ އެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝިއްޕެ ވާހަކަ ދައްކަވަނީ.

ޝިއްޕެގެ މާޒީ އަކީ މިއެވެ؛ އާ ފެށުމަކަށް، ޕާޓީގެ އާއްމު މެމްބަރުންނަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތެއް ދޭން ޖެހެނީ ވެސް މި ސަބަބުތަކާ ހެދި އެވެ. ދެން ވެސް ދެގޮތެއް ނުވެ ރީނދޫ ލަޝްކަރާ އެކު ގުރުބާންވެވަޑައިގަތުމަށް ޝިއްޕެ ތައްޔާރެވެ.

އެޑިޓަރުގެ ނޯޓް: މިއީ މާދަމާ ބާއްވާ އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށް ވިޔަފާރި އުސޫލުން ޝާއިއުކޮށްފައިވާ އާޓިކަލެކެވެ.