ކިޔެވުން ނިމި ދޮޅު މަހުގެ ސްކޫލް ބަންދު ފެށިއްޖެ

މިއަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތް ދީ ދޮޅު މަހުގެ ސްކޫލް ބަންދު މިއަދު ފެށިއްޖެ އެވެ.


ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކަހަލަ ގޮތަކަށް މިއަދު ރިޕޯޓު ފޮތް ދީފައިވާއިރު އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރު ކިޔަވަން ފަށާނީ ޖެނުއަރީ 12 ގަ އެވެ.

މިއަހަރު ގްރޭޑު 1 އިން 12 އާ ހަމައަށް 73،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔެވި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ މިއަހަރުގެ ކިޔެވުން ނިމިގެން ދިޔަ ގޮތާމެދު ޖުމްލަކޮށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއީ އާ ކަރިކިއުލަމާއެކު ގޮންޖެހުންތަކެއް ދިމާވި އަހަރެއް ކަމަށް ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ދަރިވަރަކު ޕޯޓް ފޮތް ހިފަހައްޓާލައިގެން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ މިދިޔަ އަހަރު ގްރޭޑު ނުވައްގައި އުޅުނު ދަރިވަރުންނާއި މިއަހަރު ގްރޭޑު ނުވެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ނަތީޖާ ދަށް ކަން، އެހެން ސްކޫލްތަކުގެ ވެރިންނާ ދެކެވިފައިވާ ވާހަކަތަކުން ފާހަގަވި ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ކިޔަވަމުން އައި މަންހަޖު ކުއްލިއަކަށް ބަދަލުވުމެވެ.

"އާ ކަރިކިއުލަމާ ހެދި ދިމާވި ޗެލެންޖަސް އިން އެންމެ އެދެވޭ ނަތީޖާ ނުވަތަ އެކްސްޕެކްޓް ކުރި ނަތީޖާއަކާ ހިސާބަށް އަދި ނުދެވޭ. އެކަމަކު އެކަން ރަނގަޅުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގެ ބެލެނިވެރިއަކު ބުނީ މޮޅު ނަތީޖާ ހޯދަން ދަރިވަރުންނަށް ޕްރެޝާކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ކިޔަވުމުގެ ބޭނުމާއި އޭގެ މުހިއްމުކަން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭނެ ކަމަށާއި އޭރުން ދަރިވަރުން އަމިއްލައަށް ކިޔަވާނެކަމަށް ބުންޏެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރަކު، ރިޕޯޓު ފޮތާއެކު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ހިތްހަމަޖެހިގެން މިއަހަރުގެ ކިޔެވުން ނިމިގެން ދިޔައީ،" އޭނާ ބުންޏެވެ.

ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދު ވިދާޅުވީ މިއީ އެ ސްކޫލަށް އެތައް ގޮތަކުން ހާއްސަ އަހަރެއް ކަމަށެވެ. ކިޔަވައިދިނުން އެއްދަންފަޅިއަށް ބަދަލުކޮށް ސްކޫލްގައި ނާސްތާ ދޭން ފަށާފައިވާ ކަމަށާއި އެކަމުގެ ފައިދާތައް ފެނުނު ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ އަދިވެސް ރަނގަޅުކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"ޖުމްލަކޮށް ހިތްހަމަޖެހޭ އަހަރު ނިމިގެން ދިޔަ ގޮތާމެދު. ނަމަވެސް ނާސްތާ ފަދަ ޕްރޮގްރާމްތަކުގައި ރަނގަޅުކުރެވޭނެ މުހިއްމު ކަންތައްތައް އެބަހުރި. މިހާރު ހުރިހާ ދަރިވަރުންނަށް އެއް މިންވަރަކަށް ނާސްތާ ދެނީ. އެކަމަކު އެކި އުމުރުގެ ކުދިންނަށް ނާސްތާ ބޭނުންވާނީ އެކި މިންވަރަށް،" އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.