ލާމަރުކަޒީ ނިޒާމަށް ދެން އަންނަން އޮތީ ބޮޑެތި ބަދަލުތަކެއް!

ރާއްޖެ ލާމަރުކަޒީކޮށް ހިންގަން ކަނޑައަޅާފައި ވިޔަސް ކައުންސިލްތަކުގެ މައްޗަށް ސަރުކާރުތަކުގެ ބާރާއި ކޮންޓްރޯލް އޮތްލެއް ބޮޑުކަމުން، އެ މަގުސަދު ހާސިލްނުވާކަން، މިދިއަ ނުވަ އަހަރުގެ ތަޖުރިބާ އިން އެނގެ އެވެ. އެކަމަކު ލާމަރުކަޒީ ގާނޫނަށާއި ގާނޫނު އަސާސީއަށް ސަރުކާރުން ގެންނަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކާ އެކު އެ ނިޒާމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ދައުލަތުން މުސާރަ އާއި އިނާޔަތްތައް ދީފައި ތިބޭ ކައުންސިލް މެމްބަރުންނަކީ ހަމައެކަނި އޮފީސް ހުޅުވައި އަދި ލައްޕާ ބައެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން އެ ބިލުގައި ކަންތައްތަކެއް ހިމަނާފައިވެ އެވެ.


ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމަކީ ގާނޫނު އަސާސީއަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެވެ. މިހާރު އޮންނަ ގޮތުން ތިން އަހަރުން ކައުންސިލްތަކުގެ ދައުރު ނިމޭތީ އިންތިޚާބަށް ކުރަން ޖެހޭ ޚަރަދު ބޮޑުވުމާއި ބޭނުންވާ ކަންކަން ހާސިލްކުރަން ކައުންސިލްތަކަށް އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ. ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން މީގެ ކުރިން އަމިއްލަ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހެޅިޔަސް، އޭރު މަޖިލީހުގެ ވިސްނުން ހުރި ގޮތުން އެ ބަދަލު ގެނެސްފައެއް ނުވެ އެވެ

މިހާރު ގާނޫނު އޮންނަ ގޮތުން ކައުންސިލްތަކަށް މެމްބަރުން ހޮވަނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިޔަސް، ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމުގައި ރައްޔިތުންގެ ދައުރެއް ނޯވެ އެވެ. އެއީ ކައުންސިލަށް އިންތިޚާބުވާ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިޚާބު ކުރާ ބައެކެވެ. އެކަމަކު އާ އިސްލާހުތައް އޮތް ގޮތުން ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސަކީ ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރަން ޖެހޭ ބައެކެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ވަކިވަކިން މެމްބަރުން އިންތިޚާބު ކުރަން ޖެހޭ ގޮތަށް މިހާރު އޮތަސް، އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލްގެ ރައީސް އޮޓަމެޓިކުން އަތޮޅު ކައުންސިލަށް ވެސް ހޮވޭނެ އެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު ކައުންސިލް އިންތިހާބު އޮންނާނީ އާ ބަދަލުތަކާ އެކުގަ އެވެ.

އަތޮޅު ތެރޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ ސީދާ ދައުރެއް ނުވަތަ ބައިވެރިވުމެއް ނެތަސް، އާ އިސްލާހު އޮތް ގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ވެސް ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ފަސް މިލިއަނަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން، އާ އިސްލާހު ލާޒިމްކުރެ އެވެ. އަދި ފަސް މިލިއަނަށް ވުރެ ބޮޑެތި މަޝްރޫއުތައް ކައުންސިލްތަކާ ހަވާލު ކުރުމުގެ ފުރުސަތު ވެސް އެ ބިލް އޮތް ގޮތުން ލިބެ އެވެ. އެކަމަކު މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ކައުންސިލްތަކުން ސަރުކާރަށް އަންގަން ޖެހެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ: ގާނޫނަށް އަލަށް ގެންނަ ބަދަލުން ސިޓީ ކައުންސިލްތަކުގެ ދައުރު ވެސް ބޮޑުވާނެ

ލާމަރުކަޒީ ނިޒާމާ މެދު މިހާތަނަށް އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ ކައުންސިލްތައް އުފެދުނަސް، އެ ސަރަހައްދެއްގެ ވަސީލަތްތަކުން ލިބޭ އާމްދަނީގެ ފައިދާ، އެ ހިސާބުގެ ރައްޔިތުންނަށް ނުލިބުމެވެ. އެކަމަކު އެ ޝަކުވާއަށް ވެސް ކޮންމެވެސް ހައްލުތަކެއް ގެންނަން ބިލުގައި ހިމަނާފައިވެ އެވެ.

ސަރުކާރުން ކަނޑައަޅާ ފޯމިއުލާއެއް ބޭނުންކޮށްގެން ދައުލަތުގެ އެ އަހަރެއްގެ އާމްދަނީން މަދުވެގެން ފަސް ޕަސެންޓަށް ވާ ފައިސާ ހުރިހާ ކައުންސިލްތަކަށް ދޫކުރަން ވަނީ ހުށައަޅައިފަ އެވެ. އަދި ކައުންސިލްގެ އިހްތިސާސް ނުހިނގާ ގޮތަށް ސަރުކާރުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅުތަކުން ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް އެތަނެއްގެ ކައުންސިލަކަށް ދޭން ޖެހެ އެވެ. އެކަމަކު ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ އޭގެ ތެރޭގައި ނުހިމެނެ އެވެ.

ސިޓީ ކައުންސިލްތަކުގެ އެކުލެވުމަށް ވެސް ބޮޑު ބަދަލެއް

މި ބިލާ އެކު ދެން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިޓީ ކައުންސިލްތައް އެކުލެވިގެންވާ ގޮތެވެ. ސިޓީ ކައުންސިލްތައް މިހާރު އެކުލެވެނީ އެތަނެއްގެ ކޮންމެ އިންތިޚާބީ ދާއިރާއަކުން އެއް މެމްބަރަކު ހިމެނޭ ގޮތަށެވެ. ބިލްގައި ހުށަހަޅާފައިވަނީ އާބާދީ ނިސްބަތުން މެމްބަރުންގެ އަދަދު ކަނޑައަޅާ ގޮތަށެވެ. އެއީ ސިޓީއެއްގެ ދަރަޖަ ލިބުމަށް އޮންނަ އެންމެ ދަށް މިންގަނޑު ކަމަށްވާ އާބާދީ 10،000 އާއި 20،000 އާ ދެމެދު ނަމަ ފަސް މެމްބަރުން އަދި 20،000 އާއި 30،000 އާ ދެމެދު އާބާދީއެއް ނަމަ ހަތް މެމްބަރުން ތިބުމާއި އެއަށް ވުރެ އާބާދީ ބޮޑު ނަމަ، އިތުރުވާ ކޮންމެ 10،000 އަކަށް ދެ މެމްބަރުން ތިބޭ ގޮތަށެވެ.

އަތޮޅެއްގެ ވެރިކަން ކުރާ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭ ނަމަ، އޭގެ ކުރިން އަތޮޅެއްގެ ދެން ހުރި ރަށްރަށުގެ ތެރެއިން ވެރިކަން ކުރާނެ ރަށަކާ މެދު ރައީސް ގޮތެއް ނިންމަވަން ޖެހޭނެ އެވެ. އަދި ރަށު ކައުންސިލެއްގެ ދައުރު ހިނގަމުން ދަނިކޮށް އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނަސް، އެ ކައުންސިލްގެ ދައުރު ހަމަވަންދެން އެ ސިޓީއެއް ހިންގާނީ ރަށު ކައުންސިލުންނެވެ. އެކަމަކު ސިޓީ ކައުންސިލަކަށް އޮންނަ ހުރިހާ ބާރެއް އެ މުއްދަތުގައި ރަށު ކައުންސިލަށް އޮންނާނެ އެވެ.

ކައުންސިލްތަކާއި ކުރީގެ ބައެއް ސަރުކާރުތަކާ އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ކައުންސިލްތަކަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދިއުމެވެ. ގާނޫނަށް އޭރު ގެނެސް އަދި މިހާރު ވެސް އަމަލުކުރާ އިސްލާހު އޮންނަ ގޮތުން ސިޓީ ކައުންސިލްތަކުން ފޯރުކޮށް ދެވޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ކަނޑައަޅުއްވާ ޚިދުމަތްތަކެއް އެކަންޏެވެ.

ބާރުތައް ކުޑަވަމުން ގޮސް، ސިޓީ ކައުންސިލްތަކަކީ ހަމައެކަނި ވިހާ މަރުވާ ބަލަހައްޓާ އިދާރާތަކެއްގެ ގޮތުގައި އެއް ދުވަސްވަރެއްގައި އޮތެވެ. އެކަމަކު އެ ބިލުގައި ހުށަހަޅާފައިވަނީ ރައީސަށް ލިބިވަޑައިގަންނަވާ އެ ބާރު އުވާލުމަށް ފަހު، ލާ މަރުކަޒީ ގާނޫނުގައި ބަޔާންކުރާ ހުރިހާ ބާރެއް ވެސް ސިޓީ ކައުންސިލްތަކަށް ލިބޭ ގޮތަށެވެ.

ކައުންސިލްތަކުގެ އިހްތިސާސް ހިނގާނެ ސަރަހައްދުތައް ކަނޑައެޅުމަކީ އެ ބިލުން ގެންނަ މުހިންމު އަނެއް ބަދަލެވެ. ކޮންމެ ރަށަކާ ގުޅޭ ގޮތުން ވެސް ކައުންސިލްގެ ބާރު ހިނގާނެ ސަރަހައްދު ރައީސް ކަނޑައަޅުއްވަން ޖެހޭއިރު، މީހުން ދިރިއުޅޭ ރަށަކާ އެއް ފަޅެއްގައި އޮންނަ ފަޅުރަށްތަކުގެ އިހްތިސާސް ވެސް އެ ކައުންސިލަށް ދިނުން އޭގެ ތެރޭގައި ހިމެނެ އެވެ. އެފަދަ ހުރިހާ ތަނެއްގެ ވަސީލަތްތަކާއި ބިނާތަކުގެ މިލްކުވެރިކަން އެ ކައުންސިލަކަށް ލިބޭއިރު، ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން އެފަދަ ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކުގެ ބޭނުން ކައުންސިލްތަކަށް ހިފޭނެ އެވެ.

އެކަމަކު ޓޫރިޒަމްގެ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކަށް ކައުންސިލްތަކުގެ އިހްތިސާސެއް ނުހިނގާނެ އެވެ. އަދި ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ތަނެއް އެފަދަ ބޭނުމަކަށް ސަރުކާރުން ދޫކޮށްފި ނަމަ، ކައުންސިލްގެ އިހްތިސާސުން އެތަނެއް ވަކިކުރާނެ އެވެ. ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހުންނަ ވަސީލަތްތައް ވެސް ދައުލަތުން ހިންގަން ބޭނުންވާ މަޝްރޫއުއަކަށް ބޭނުންވެއްޖެ ނަމަ، އެ ތަކެތި ދޫކުރަން ޖެހޭނެ އެވެ.

އަންހެނުންގެ ދައުރު ފުޅާވޭ

ކައުންސިލްތަކުގައި އަންހެނުން ދައުރު ފުޅާކުރަަން ވެސް ބިލްގައި ޚާއްސަ ބާބެއް ހިމަނާފައިވެ އެވެ. އެގޮތުން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ޚާއްސަވެ އެވެ. މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަ ކުރާ ފުރަތަމަ ފަހަރެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް މިހާއު އޮންނަނީ ހަމައެކަނި ސިޓީގެ ދަރަޖަ ލިބިފައިވާ ރަށްރަށުގައި ކަމަށް ވިޔަސް، އާ ބިލްގައި އޮންނަ ގޮތުން ކޮންމެ ރަށު ކައުންސިލެއްގެ ދަށުން ވެސް އެފަދަ ކޮމެޓީއެއް އޮންނަން ޖެހޭނެ އެވެ. އެ ކޮމިޓީ ހޮވާނީ ހަމައެކަނި އަންހެނުންގެ ވޯޓަކުން ނޫނެވެ. އެ ދާއިރާއެއްގެ ހުރިހާ ރައްޔިތުންނަށް ވެސް ކޮމެޓީގެ އިންތިޚާބުގައި ވޯޓު ދެވޭ ގޮތަށް ބިލްގައިވެ އެވެ.

މީގެ އިތުރުން ކައުންސިލަކުން މަސްއޫލިއްޔަތު އަދާނުކުރާ ނަމަ ނުވަތަ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުން ކައުންސިލްތައް އުވާލުމުގެ ބާރު ހައި ކޯޓަށް އޮތް އޮތުން ބަދަލުކޮށް، ކައުންސިލަކުން އިސްލާހު ކުރަން ޖެހޭ ކަންކަން އެންގުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބެ އެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ މި ބަދަލުތަކަކީ ކޮންމެ ކަމެއްގައި މައި ސަރުކާރަށް ބަރޯސާވުމުގެ ބަދަލުގައި ރައްޔިތުންނާއި ކައުންސިލްތަކަށް ބާރުތަކެއް، އޭގެ އަމަލީ މާނައިގައި ދިނުމެވެ.