ޔާމީންގެ މާލީ ބަޔާން ވެސް އޮތީ ޔާމީނާ ދެކޮޅަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރުގެ ޖަލު ހުކުމެއް އައުމާ ހަމަޔަށް ވެސް އަދި މިހާރު ވެސް އެއްބަޔަކު ބުނަމުން އަންނަނީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ޚިޔާނާތުގެ ފައިސާ ކަން ސާބިތު ނުވާ ކަމަށާއި އެހެންވެ ޔާމީން ކުށްވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޝަރީއަތް ހިނގަމުން ދިޔައިރު ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވެސް މިކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ގެންދެވި އެވެ. އެކަމަކު ޔާމީންގެ މައްޗަށް ދައުވާކުރި، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނުގައި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ މިންގަނޑު ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތެވެ. އެގޮތުން، ފައިސާއާ މެދު ޝައްކުވާ ހާލަތުގައި އެ ފައިސާ އަތުގައި ބެހެއްޓި ނަމަ އެ ހިސާބުން ކުށްވެރިވީ އެވެ.


މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައުމާ ހަމަޔަށް ވެސް ޔާމީންގެ މާލީ ބަޔާނަކީ ޔާމީން ކުށްވެރިވާން މެދުވެރިވި ބޮޑު ސަބަބެއް ކަމެއް ހާމައެއް ނުވެ އެވެ. ޔާމީން ވެރިކަމަށް ވަޑައިގަތް 2013 ވަނަ އަހަރު ހުށަހެޅުއްވި މާލީ ބަޔާނަށް ފަހު، ބަޔާން ހުށަނާޅުއްވައި ހުންނަވާފައި، ހުރިހާ އަހަރެއް އެއްކޮށްލައްވައިގެން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި، އެސްއޯއެފުން ޖަމާވި އެއް މިލިއަން ޑޮލަރަކީ "އެމްއެމްޕީއާރްސީގެ ފައިސާ އިން ދިން ކަމަށް އަދީބު ބުނާ ފައިސާ" ކަމަށް ތަފްސީލް ދެއްވާފައި އޮތް ކަމަށް ޔާމީނަށް އިއްވި ހުކުމުން ހާމަވި އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން "އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގި ހުރެ ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލުކުރުން ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުމަކީ މަނީ ލޯންޑަރިން" އެވެ.

ޔާމީންގެ މައްޗަށް ދައުވާކުރީ އެމްއެމްޕީއާރްސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާގެ ބޮޑު ބައި ވަދެފައިވާ އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭތީ މައްސަލަ ބަލައި ނިމެންދެން އެ ފައިސާ ހަވާލުކުރަން އެންގުމުން، އޭގެ ބަދަލުގައި އެ ފައިސާ އިން މަންފާ ހޯއްދަވަަން ބަހައްޓަވާފައި އެހެން ބަޔަކު އަތުން ނެންގެވި އެއް މިލިއަން ޑޮލަަރު ހަވާލުކޮށްފައި ވާތީ އެވެ.

ކުށް ސާބިތުވާން ބޭނުންވަނީ ދެ ކަމެއް

ފުރަތަމަ ކަމަކީ ދައުވާ ލިބޭ މީހާގެ އަތުގައި ހުރި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ އެއްޗެއްކަން އެނގި ހުރެ ނުވަތަ އެކަމަށް ޝައްކުވާ ހާލަތެއް އޮތުމެވެ. ދެ ވަނަ ކަމަކީ މި ބުނި ދެ ހާލަތުން ކުރެ ހާލަތެއްގައި އެ މުދަލެއް ނުވަތަ ފައިސާއެއް އަތުގައި ބެހެއްޓުން، ބޭނުންކުރުން ނުވަތަ އަސްލު އޮޅުވާލުމެވެ.

އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް، އެމްއެމްޕީއާރްސީގެ ޚިޔާނާތަށް އިއުތިރާފް ބަޔާނެއް ދެއްވާފައިވާ ކުރީގެ ނައިބު ރައީސް އަދީބު ވިދާޅުވި ކަމަށް ޔާމީން އެ އޮތީ އެއްބަސްވެވަޑައިގެންފަ އެވެ. މާނަ އަކީ ފައިސާއާ މެދު ޝައްކު އުފެދުމެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ޔާމީން ވެސް އިންކާރެއް ނުކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ އެއީ އަދީބުގެ ހަވާލުގައި ހުރި ކެމްޕޭނަ ފައިސާގެ ތެރެއިން ލިބެން ޖެހޭ ފައިސާ ކަމަށެވެ. އެ ފައިސާ ރައްދުކުރަން އެދިވަޑައިގަތުމުން އަދީބު އެސްއޯއެފްގެ ދެ ޗެކަކުން ފައިސާ ދެއްވީ ކަމަށާއި އެއީ ވަގަށް ނަގާފައިވާ ފައިސާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު މާލީ ބަޔާނުން އެނގެނީ ޝަރީއަތުގައި ޔާމީން އިތުރުފުޅު ހެއްދެވިކަމެވެ.

ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، އެމަނިކުފާނުގެ ސަޕޯޓަރުން އެ ކޯޓުގެ ބޭރުގައި އަޑު އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ފައިސާ ޔާމީން ވަނީ އިސްލާމިކް ބޭންކުގައި އޮންނަ އެ މަނިކުފާނުގެ ސޭވިން އިންވެސްޓްމަންޓް އެކައުންޓަކަށް ޓްރާންސްފާކުރައްވައިފަ އެވެ، އަދި އެ ފައިސާ އިން މަންފާ ހޯއްދެވުމަށް ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަކަށް ވަނީ އޭގެ ފަހުން ޓްރާންސްފާކުރައްވައިފަ އެވެ. އެގޮތަށް ހުޅުވާފައި ހުންނަ އެމެރިކާ ޑޮލަރުގެ އެކައުންޓަކުން މަހަކު ގާތްގަނޑަކަށް 5-6 ޕަސެންޓް ފައިދާގެ ގޮތުގައި ލިބެމުން ދިޔަކަން އިސްލާމިކް ބޭންކުގެ ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގެ އެވެ.

މި ހުރިހާ ކަމެއްގެ ކިތާބީ ހެކި ޝަރީއަތަށް ހުށަހަޅާވައިވާކަން، ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ފައިސާ ހަވާލުކުރަން ސިޓީއަކުން އޭސީސީން އެންގި

ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅުން ހުރި ފައިސާ ކަމަށް ތުހުމަތުކުރެވޭތީ މައްސަލަ ބަލައި ނިމެންދެން ފައިސާ ހަވާލުކުރަން އޭސީސީން ޔާމީނަށް އެންގުމުން، ދެ ފަރާތުން އެއްބަސްވީ ބޭންކް އޮފް މޯލްޑިވްސްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ކައުންޓްގައި، މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ފައިސާ ބެހެއްޓުމަށެވެ. މި އެއްބަސްވުން ޝަރީއަތަށް ހުށަހަޅާފައި ވިޔަސް ޔާމީން ވިދާޅުވެފައިވަނީ އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރަން އިސްނަންގަވައި ހުށަހެޅުއްވީ އެ މަނިކުފާނު ކަމަށެވެ. އަދި ފައިސާއާ މެދު ޝައްކުވާކަން އޭސީސީން އެންގި ކަމަށް ބުނާ ވާހަކަ ޔާމީން ދޮގުކުރައްވަ އެވެ. އެކަމަކު ދައުލަތުން އޮތީ ޔާމީނަށް އެކަން އެންގި ސިޓީ، ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެހެންވެ ހެކިންގެ ހެކި ބަހަށް ނުބެލިޔަސް، ފައިސާއާ މެދު ޝައްކު އުފެދިފައި އޮތްކަން އޭސީސީން ޔާމީނަށް އެންގިކަން ކަށަވަރުވެ އެވެ.

އެސްކްރޯ އެކައުންޓް ހުޅުވުމުގެ އެއްބަސްވުމުގައި، އިސްލާމިކް ބޭންކުގައި ޔާމީން ފައިސާ ރައްކާކުރައްވައި ކޮންމެ މަހަކު އެތައް ހާހަކުން ފައިދާ ހޯއްދަވަމުން ގެންދެވި އެކައުންޓްގެ ނަންބަރު ޖަހައި، އެ ކައުންޓްގައި ހުރި ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރަން ބުނެފައި އޮތެވެ. އެކަމަކު "ފައިސާ ވާނީ ފައިސާ" އަށް ކަމަށް ވިދާޅުވި ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެ މަނިކުފާނުގެ އެންމެ ފަހުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތުން ހޯއްދެވި އެއް މިލިއަން ޑޮލަރެވެ. ހުރިހާ ހެއްކަކުން އެކަން ވެސް އެނގެ އެވެ.

ޝައްކު އުފެދުނު ފައިސާ އިސްލާމިކް ބޭންކުގެ އެކައުންޓްގައި ހުރެގެން ފައިދާވަމުން ދިޔަ އެވެ.

ޔާމީންގެ މާލީ ބަޔާން

ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކު ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނުގައި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރަން ޖެހެ އެވެ. ޖެނުއަރީ 1، 2014 އިން ނޮވެމްބަރު 11، 2018 އަށް ޔާމީން ހުށަހެޅުއްވި މާލީ ބަޔާނުގައި، އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ހިމަނުއްވާފައި އޮތެވެ. އެއީ އެމްއެމްޕީއާރްސީގެ ފައިސާ އިން ނަގައި ޖަމާކޮށްފައިވާ ފައިސާ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް އަމިއްލަފުޅު އިހްތިޔާރުގައި ލިޔުއްވުމަށް ފަހު، އޭގެ ފަހުން އޮތް ޝަރީއަތުގައި ޔާމީން ކެނޑިނޭޅި ވިދާޅުވަމުން ގެންދެވީ ކޮން ފައިސާއެއްކަން އެނގިވަޑައިގަނުގަންނަވާ ކަމަށާއި ޝައްކު އުފެދޭ ފައިސާކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހުކުމުގައި މާލީ ބަޔާނާ ބެހޭ ގޮތުން އޮތް ބައި

މީގެ އިތުރުން އޮޑިޓަ ޖެނެރަލް ކުރެއްވި އެމްއެމްޕީއާރްސީގެ އޮޑިޓުން ވެސް އޮތީ އެސްއޯއެފަކީ ކޮން ތަނެއްކަން ހާމަވެފަ އެވެ.

ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެންނާއި އެ ނޫން ގޮތްގޮތުން އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ޖުމްލަ ފައިސާ އިން 79.37 މިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) ދައުލަތަށް ހޯދަން ޖެހިފައިވާކަން އޮޑިޓް އޮފީހުން ކުރި އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުން އެނގެ އެވެ. އަދި މި ފައިސާގެ ތެރެއިން 73.07 މިލިއަން ޑޮލަރު އެކި ނަންނަމުގައި ޖަމާކޮށްފައިވާ ކަމާއި އޭގެ ތެރެއިން 70.17 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި އޮތީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީން ގެއްލުނުކަން އެނގެން ހުރި ފައިސާގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ފައިސާއެއްހެން ޖަމާވި އެކައުންޓުން ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއާ މެދު ޝައްކު ނުއުފެދޭނެ ގޮތަކީ ނެތް ގޮތެކެވެ. އެހެންވެ ޔާމީން ދިފާއުގައި ދެއްކެވި އެއްވެސް ވާހަކައަކަށް ބާރެއް ނުލިބުނެވެ.

ދައުލަތުން ސާބިތުކޮށްދޭން ބޭނުންވީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއާ މެދު ސުވާލު އުފެދޭތީ އެ ހަވާލުކުރަން އެންގި ކަމާއި އެ ހަވާލު ނުކުރާ ކަމާއި އެ ފައިސާއާ މެދު ޝައްކު އުފެދޭކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމެވެ. އޭސީސީން ޔާމީނަށް ފޮނުވި ސިޓީ އާއި ޔާމީންގެ މާލީ ބަޔާނާއި ޔާމީންގެ އެކައުންޓްގައި ފައިސާ ހަވާލު ނުކޮށް ހުރި ގޮތަށް ހުރުން އެއީ ކުށް ސާބިތުވާނެ ސަބަބުތަކެވެ. އިތުރު އެހެން ކަމެއް، ރައީސްކަމުގައި ޔާމީން ހުންނެވި އިރު އެމަނިކުފާނު ތަސްދީގުކުރެއްވި މަނީ ލޯންޑަރިންގެ ގާނޫނަށް ބަލާއިރު ސާބިތުވާކަށް ނުޖެހެ އެވެ.