މިއަދު ކެއުމުގެ ހަރަދު 100 ޕަސެންޓް މައްޗަށް!

މިދިއަ ސާޅީހަކަށް އަހަރުގެ ތެރޭގައި ވެސް ކުއްލިއަކަށް ކާޑުގެ އަގު ބޮޑުނުވާ މިންވަރަށް ރެއިން ފެށިގެން ރާއްޖޭގައި ކާޑުގެ ބާވަތްތަކުގެ އަގު ރަސްމީކޮށް ވަނީ އުފުލައިފަ އެވެ. ކާޑުގެ ބާވަތްތަކުގެ އަގު ތިރިކޮށް ބަހައްޓަން އެސްޓީއޯ އަށް ސަރުކާރުން ދެމުން އައި ސަބްސިޑީ މިއަދުން ފެށިގެން ކަނޑާލައި، އެއީ ހަމައެކަނި ފަގީރުންނަށް ދޭ އެހީއަކަށް ބަދަލުކުރުމުން، ކެއިންބުއިމުގެ އަގު މިއަދުން ފެށިގެން ދެ ގުނަ މައްޗަށް ދާނެ އެވެ.


ކާޑުގެ ކޮންޓްރޯލް އަގު ސަރުކާރުން ބޮޑުކުރުމާ އެކު އޭގެ އަސަރު މުޅި ބާޒާރަށް އަންނާނެ އެވެ. އެންމެ ކުޑަވެގެން ކަޅު ސައިތައްޓެއްގެ އަގު ވެސް، މިހާރު ބޮޑު ކުރި ނިސްބަތުން، 100 ޕަސެންޓަށް ވުރެ މައްޗަށް އަރާނެ އެވެ. އޭގެ މާނަ އަކީ އިއްޔެ ދެ ރުފިޔާ އަށް ލިބުނު މަސް ރޮށި މިއަދު ހަތަރު ރުފިޔާ އަށް އަގު ބޮޑުވުމެވެ.

ސަރުކާރުން މި ބޮޑު ބަދަލު ގެނައީ ދުރާލާ އެއްވެސް އިޝާރާތެއް ނެތި ބުރާސްފަތި ދުވަހުގެ ރޭ، ހަމަ ކުއްލިއަކަށެވެ. އާންމުންގެ ދިރިއުޅުމާ ބެހޭ މިހާ އަސާސީ އަދި ބޮޑު މައްސަލައެއްގައި، ސަރުކާރުގެ ސިޔާސަތު ހާމަކުރީ، އިސް އެއްވެސް ވެރިޔަކު ރައްޔިތުންގެ ކުރިމައްޗަށް ނުނިކުމެ އެވެ. އަދި މިއަދުން ފެށިގެން ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ވިއްކޭނެ ކޮންޓްރޯލް އަގު ހާމަކުރީ، ހުކުރުދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، ރެ އެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ އެބަ ހުއްޓެވެ.

"އަންނަ މަހުން ފެށިގެން ކަރަންޓު ޔުނިޓަކަށް ހަތަރު ލާރި ފިއުލް ސާޗާޖު ނަގަން ފަށާނެ. ދެން ކުއްލިއަކަށް މި އިއުލާންކުރީ ކާޑުގެ ސަބްސިޑީ ކަނޑާލައި ކޮންޓްރޯލް އަގު ބޮޑުކުރި ވާހަކަ. މިހާ ބޮޑެތި ކަންތައްތަކެއް ކުއްލިއަކަށް ދިމާވީމަ ހަދާނެ ގޮތް ހުސްވެފައި މިހިރީ،" ހަތަރު ކުދިން ގޮވައިގެން މާލޭގައި ކުއްޔަށް އުޅޭ ގދ. ގައްދޫ މީހަކު، ނަން ނުޖަހަން އެދި ވާހަކަ ދައްކަމުން، ރޭ ބުންޏެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ސަރުކާރުން މިކަމާ މެދު ވިސްނައި ރަނގަޅު ބަދަލެއް ގެންނާނެ ކަމަށް. މި ބަދަލާ ގުޅިގެން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު އަނެއްކާވެސް ފަހަތަށް މިދިޔައީ."

އާއްމު ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިއަދުން ފެށިގެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް އަރާނެ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ތިރިކޮށް ބެހެއްޓުމަށްޓަކައި ކުރިން ސަރުކާރުގެ ހުރިހާ ސަބްސިޑީއެއް ދެނީ އެސްޓީއޯ އަށެވެ. އެކަމަކު މިހާރު އޭގެ ބޮޑު ބައި ދޭން ހަމަޖެއްސީ އެކަމަށް އެދި އެންސްޕާ އަށް ހުށަހަޅާ މީހުންގެ ތެރެއިން، ސަރުކާރުގެ ސަބްސިޑީ ލިބެން ޖެހޭނެ ކަމަށް ކަނޑައަޅާ ބަޔަކަށެވެ. މި ބަދަލު ގެނަޔަސް އަދިވެސް ސަބްސިޑީގެ 15 ޕަސެންޓް އެސްޓީއޯ އަށް ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މާލޭގެ ފިހާރަައެއްގައި ހަކުރު ކިރަން ކައްޓާއަކަށް އަރުވާފައި. ކާޑުގެ ބާވަތްތަކުގެ އަގަށް އައި ބަދަލުން ދިރިއުޅުމުގެ ހަރަދު ބޮޑުވާނެ --ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

"އެސްޓީއޯއިން ހަމަ އަގުގައި ވިއްކާ ނަމަ ކިލޯއެއްގެ އަގު ދިހަ ރުފިޔާއަށް ވުރެ ބޮޑުވާނެ. އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އަދިވެސް 15 ޕަސެންޓް ސަބްސިޑީ ދޭ ގޮތަށް،" އިކޮނޮމިކް މިނިސްޓްރީގެ ނައިބު އާދަމް ތައުފީގް ވިދާޅުވި އެވެ.

ދަތުރުފަތުރާއި އުފުލުމުގެ ހަރަދަށް ބަލާއިރު ކާޑުގެ ބާވަތްތައް މާލެ އަށް ވުރެ ރަށްރަށުގައި ބޮޑުވާނެ އެވެ. އެ އަގުތައް ވެސް މިހާރު ވަނީ ހާމަކޮށްފަ އެވެ.

ރެސްޓޯރަންޓް ކެފޭގެ އަގުތައް ވެސް ބޮޑުކުރަނީ

މާލޭގެ ބޮޑު ރެސްޓޯރަންޓެެއްް ހިންގާ ބައެއް މީހުން، ނަން ނުޖަހާ ގޮތަށް، ވާހަކަ ދައްކަމުން ބުނީ ކާޑުގެ ބާވަތްތަކުގެ އަގަށް ބަދަލު އައި ނިސްބަތުން ތަކެތީގެ އަގު ވެސް ބޮޑުވާނެ ކަަމަށެވެ.

"އަޅުގަނޑުމެން މިދަނީ މެނޫތަކުގެ އަގުތަކަށް ގެންނާނެ ބަދަލުތައް ބަލަމުން. ކޮންމެ ގޮތެއް ވިޔަސް އެ ނިސްބަތުން ބޮޑު ނުކުރާ ނަމަ އަޅުގަނޑުމެންނަށް ވެސް ގެއްލުންވާނެ،" މާލޭގެ މަޝްހޫރު ރެސްޓޯރަންޓެއްގެ ވެރިޔަކު ވިދާޅުވި އެވެ.

"ކަސްޓަމަރުންނަށް އެފޯޑުނުކުރެވޭ ނަމަ ކަސްޓަމަރުން މަދުވެ، ވިޔަފާރިއަށް ހީނަރުކަން އަންނާނެ. ޖުމްލަކޮށް ބަލާ ނަމަ އެންމެންގެ ވިޔަފާރިއަށް ވެސް ހީނަރުކަމެއް އަންނާނެ ކާޑުގެ އަގު ބޮޑުވުމުން،" އޭނާ ވިދާޅުވި އެވެ.

ހެދިކާ އާއި ޕޭސްޓްރީ، ޕާން ފަދަ ތަކެތި ވިއްކާ ތަންތަނުން ވެސް މިއަދުން ފެށިގެން އަގަށް ބަދަލު ގެންނާނެ އެވެ. ބައެއް ތަންތަނުން ބުނީ އަގުތަކަށް ގެންނަ ބަދަލުތައް ދެ ތިން ދުވަހުގެ ތެރޭގައި އާއްމުކުރާނެ ކަމަށެވެ.

"މިހާރު ކުއްލިއަކަށް ބުނަން އުނދަގޫ މިވެނި ވަރެއް ބޮޑުވާނެޔޭ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވީމަ މިތަނުން ވިއްކާ ތަކެތީގެ އަގުތަކަށް ވެސް އެ ނިސްބަތުން ބޮޑުވާނެ،" މާލޭގައި ހިންގާ ބޭކަރީއަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ކާޑުގެ ބާވަތްތައް ވާދަވެރި މާހައުލަކަށް ހުޅުވާލަން ޖެހޭ

ކާޑުގެ ބާވަތްތައް އެތެރެކުރަން ސަރުކާރުން ކޯޓާ ދޫކުރަމުން އައި އުސޫލަށް 2005 ގައި ބަދަލެއް ގެނެސް ހުރިހާ ފަރާތްތަކަށް ހުޅުވާލި އެވެ. އެކަމަކު އަދިވެސް ވިއްކަން ޖެހެނީ ސަރުކާރުން ކަނޑައަޅާފައިވާ އަގުގަ އެވެ.

އެސްޓީއޯގެ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވީ ކާޑުގެ ބާވަތްތައް އެތެރެކުރަން ސަރުކާރުން ދެމުން އައި ސަބްސިޑީ ހުއްޓާލުމުން އެތަކެތީގެ އަގު ހެޔޮކުރުމަށް ވާދަވެރި މާހައުލެއް އުފައްދަން ޖެހޭ ކަމަށެވެ.

އެސްޓީއޯގެ ހެޑް އޮފީސް: ކާޑުގެ ކޮންޓްރޯލް އަގު ދަމަހައްޓަން ސަރުކާރުން އެސްޓީއޯ އަށް ބޮޑު ސަބްސިޑީއެއް ދޭ

"މިހާތަނަށް އެސްޓީއޯއަށް ވަރަށް ގިނަ އިނާޔަތްތަކެއް ސަރުކާރު ދީފައިވޭ ސަބްސިޑީގެ އިތުރުން. އެސްޓީއޯ އަށް ވަރަށް ކުޑަ އަގެއްގައި މާލެއިން ބޮޑެތި ގުދަންތަކެއް ވެސް ދީފައި ވަނީ. އެއީ ނުސީދާ ސަބްސިޑީއެއް. އޭގެ އިތުރުން ފައިސާ ވެސް ސަރުކާރުން ދެމުން ދޭ. އެހެންވެ ކާޑުގެ ބާވަތްތައް އެތެރެކުރުމަކީ އާއްމު ވިޔަފާރިވެރިންނަށް އެހާ ފަސޭހަ ކަމަކަށް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ ބާވަތްތައް އެސްޓީއޯއިން އަމިއްލައަށް އެތެރެނުކުރާތީ ރާއްޖެއާ ހަމަޔަށް ގެނެވެނީ އެތައް ގުނައެއް އަގު ބޮޑުކޮށް ކަމަށެވެ.

"އެސްޓީއޯ އަށް ކާޑުގެ ބާވަތްތައް އެތެކުރުމަށް ހުޅުވާލައިފި ނަމަ އެކަމަށް އޭރު ކުރިމަތިލާނީ ވެސް އެއް ޕާޓީ ނުވަތަ ދެ ޕާޓީއެއް. އެ ބިޑް ކާމިޔާބުކުރާ ބަޔަކު އެސްޓީއޯއަށް ޓަނެއް ވިއްކާނީ ގާތްގަނޑަކަށް 650 ޑޮލަރަށް. އެއީ ވިއްކާ މީހުން ވެސް ޓަނަކުން 100 ވަރަކަށް ޑޮލަރުގެ ފައިދާއެއް ލާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތަކަށް ސަރުކާރުން އެވްރެޖްކޮށް ސަބްސިޑީ ދެނީ ކިލޯއަކަށް ގާތްގަނޑަކަށް ދެ ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގު ދެ ގުނަ ހެޔޮވުމުން ސަރުކާރުން ދޭ ސަބްސިޑީ އެއަށް ވުރެ ހެޔޮވާނެ ކަމަށް ގަބޫލުކުރެެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ހެޔޮ އަގުގައި އަމިއްލަ ވިޔަފާރިވެރިންނަށް އެތެރެކޮށްގެން ވިއްކޭނެ. އެސްޓީއޯއަށް ކާޑުގެ ބާވަތްތައް ސަޕްލައިކޮށްދޭ ފަރާތްތަކަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ވިއްކަން ލަންކާގެ ޕާޓީތަކުން ވެސް ހުށަހަޅާ،" އޭނާ ވިދާޅުވި އެވެ.