މާލޭގައި ކެމެރާތައް މާ މަދު!

ޓްރެފިކް ފުލުހުން ހުރިހާ ތަނެއްގައި ތިބޭކަށް ނުޖެހެ އެވެ. ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވާ މީހުންނަށް، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި، ޖޫރިމަނާގެ ޗިޓް އަންނަނީ ޕޯސްޓުންނެވެ؛ ޓްރެފިކް ލައިޓް ކައިރީގައި ހުންނަ ކެމެރާތަކުން، އެ ބަޔަކު ހޯދައި ފިޔަވަޅު އެޅުމުގެ ފުރުސަތު ފުލުހުންނަށް ލިބެނީ ނުހަނު ފަސޭހަކަމާ އެކުގަ އެވެ.


އެކަމަކު މާލޭގައި އަދި އެކަހަލަ ކުރިއެރުމެއް ނުފެނެ އެވެ.

ޓީވީ މޯލްޑިވްސް ކައިރި ބާއްވާފައި އޮތް ކާރަކަށް ބަޔަކު ގެއްލުންދޭތީ އެ މައްސަލަ ފުލުހުންނަށް މީގެ ހައެއްކަ މަސް ކުރިން ހުށަހެޅި އެވެ. ތިން މަސް ފަހުން ފުލުހުން ޑުރައިވަރަށް ގުޅާފައި ބުނީ ހަމަލާދިން މައްސަލަ ސީސީޓީވީއަށް އަރާ ކަމަށާއި އެކަމަކު އެއީ ކޮން ބައެއްކަން ސާފުނުވި ކަމަށެވެ. އެ ހިސާބުން އެ މައްސަލަ ބެލެން ނެތް ކަމަށް ނިންމައި ފައިލްކުރީ އެވެ.

ސީސީޓީވީ ފްޓޭޖްތަކެއް: މާލޭގައި އެކަށީގެންވާ ވަރަށް ކެމެރާ ހަރުކޮށްފައެއް ނުހުރޭ

ކުށް މަދު ކުރުމަށް ދުނިޔޭގެ ބޮޑެތި ސިޓީތައް ހުންނަނީ ސީސީޓީވީން ކަވަރުކޮށްފަ އެވެ. އޭގެ ސަބަބުން ކުށްވެރިން ޖެހިލުންވެ އެވެ. ފިލައިގެން ނޫޅެވޭނެކަން ޔަގީނެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ކުރާ މި ކުޑަކުޑަ މާލެ ސިޓީ އަދިވެސް މި އުޅެނީ ސީސީޓީވީން ކަވަރުނުކުރެވިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފޭރުމާއި މާރާމާރީތައް ދަނީ ކުރިއަށެވެ. ޓެކްސީ ޑުރައިވަރަކަށް ކާރު ތެރޭގައި ހަމަލާދީ މަރާލިތާ ހަފްތާއެއް ވީއިރު ވެސް އެކަން ހިނގި ގޮތާއި އެކަން ކުރި ބަޔަކު ފުލުހުންނަށް އުޅެނީ ނޭނގިގެންނެވެ. ބްރިޖު ހުޅުވިތާ އަހަރު ވީއިރު އަދިވެސް އެތަނުގައި ކެމެރާ ހަރެއް ނުކުރެވެ އެވެ.

ރަސްމީ ނޫން މައުލޫމާތުތަކަށް ބަލާއިރު މުޅި މާލޭގައި ފުލުހުންގެ 200 އެއްހާ ސީސީޓީވީ ކެމެރާ އެބަ ހުއްޓެވެ. އެކަމަކު އޭގެ ތެރެއިން ވަގުތުން ބަލައި މޮނީޓާ ކުރަމުން އަންނަނީ އެންމެ ސާޅީހަކަށް ކެމަރާ އެވެ. ފުލުހުންގެ ކޮމާންޑް ސެންޓަރަށް ވަގުތުން އެ ކެމެރާތަކުން މަންޒަރު ބަލައިލެވެ އެވެ. ހުޅުމާލޭގައި ހުރީ އެންމެ 48 ކެމެރާ އެވެ. ވިލިމާލޭގައި ހުރި އަދަދެއް ނޭނގެ އެވެ.

ފުލުހުންގެ ކެމަރާތަކުން ބޮޑަށް މޮނީޓާކުރަނީ މާލެ ވަށައިގެން ވަކި ސަރަހައްދަކާއި މާލޭގެ ބޮޑެތި މަގުތައް އެކަންޏެވެ. ކުށްތައް ހިނގާ ހަނިގޯޅިތަކާއި މުޅި މާލެ ކަވަރު ކުރެވިފައެއް ނުވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާލޭގެ ބޮޑު ސަރަހައްދެއް އޮތީ ކުށްވެރިންނަށް ހާމައަށް ދޫކޮށްލެވިފަ އެވެ.

"ކެމަރާތައް ޓާގެޓްކޮށް އަޅާފައި މިހުންނަނީ ގޭންގްތައް އުޅޭ ތަންތަނުގައި. ކުށް މި ހިނގަނީ އެހެން ތަންތަނުގައި. އެހެންވެ ކެމަރާތަކަށް ނުފެންނާނެތާ،" ސީސީޓީވީ އަޅައިދޭ ލިންކް ސާވްގެ އިންޖީނިއަރު އަމްޖަދު އަލީ ބުންޏެވެ.

ފުލުހުންގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ މާލޭގެ ބޮޑު ބައެއް ކަވަރުކުރަން ރަނގަޅު ސީސީޓީވީ ސިސްޓަމެއް ފުލުހުން ވަނީ ގާއިމްކޮށްފައި ކަމަށެވެ. އެކަމަކު ސިސްޓަމް ރަނގަޅަސް އެކަން އެކަށީގެންވާ ފެންވަރުގައި ނުވެގެން އުޅެނީ ރަނގަޅު ސިޔާސަތެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަނގަޅަށް ސިސްޓަމް މަސައްކަތް ކުރާ ނަމަ، އެއް ކެމެރާއަށް ނާރާ ނަމަ އަނެއް ކެމަރާއަށް އަރާނެ. ހަމަޖެހޭ އުސޫލަކުން ކެމަރާތަކުން ރަނގަޅަށް މޮނީޓާކޮށް ރެކޯޑިންގައިތޯ ބަލާ ނަމަ ދެއްތޯ އެކަން ވާނީ. އަސްލު މައްސަލައަކީ ރަނގަޅު ވިލްއެއް ނެތުން،" 20 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ވަޒީފާގައި އުޅުއްވި އެ ބޭފުޅާ ވިދާޅުވި އެވެ.

ސީސީޓީވީ ކެމެރާއެއް: ކުށްކުރުން ހުއްޓުވަން ސީސީޓީވީ މެދުވެރިކޮށް މޮނީޓާ ކުރުން މުހިންމު-- ފޮޓޯ: އިންޑިއާ ޓްޑޭ

ފުލުހުންގެ ކެމަރާތަކުން މުޅި މާލެ ކަވަރުނުވާތީ ފުލުހުން ޖެހެނީ އަމިއްލަ މީހުން ބަހައްޓާފައި ހުންނަ ކެމަރާތަކަށް ބަރޯސާވާށެވެ. ސިޓީ ހިފައިގެން ފިހާރަތަކާއި ގޭގެއަށް ފްޓޭޖް ބަލައި ދިއުމަކީ ފުލުހުން އާންމުކޮށް ކުރާ ކަމެކެވެ. އެގޮތަށް އަމިއްލަ ބަޔަކަށް ބަރޯސާވާން ޖެހުމުން ލިބޭ ލަނޑު މަދެއް ނޫނެވެ. ގިނަ ފަހަރަށް އަމިއްލަ ތަންތަނުގައި ބޭނުންކުރަނީ އެހާ ކޮލިޓީ ރަނގަޅު އެއްޗިއްސަށް ނުވަތީ މަންޒަރުތައް ސާފެއް ނޫނެވެ. އަދި ބައެއް ތަންތަނުގައި ކެމަރާ ހަރުކޮށްފައި ހުއްޓަސް، ގިނަ ފަހަރަށް، އެ ކެމެރާތައް މަސައްކަތެއް ނުކުރެ އެވެ.

ފުޓޭޖް ދިނުމަށް ބައެއް ވިޔަފާރިތަކާއި ގެތަކުން ދެކޮޅުހެދުމަކީ ވެސް ފުލުހުންނަށް ހުރަހެކެވެ. ފުޓޭޖް ދީފި ނަމަ އެމީހުންނަށް އަތުވެދާނެ ހަމަލާއަކަށް ބިރުގަނެ އެވެ. އެކަށީގެންވާ ހިމާޔަތެއް އެ މީހުންނަކަށް ނުލިބެ އެވެ.

"ފުޓޭޖް ދިނީމަ ބައެއް މީހުންނަށް އިންޒާރު ދީފައި އެބަހުރި. އެހެންވެ ފުލުހުން ކޯޓު އަމުރެއް ހޯދައިގެން އައުމުން ނޫނީ ބައެއް މީހުން ފްޓޭޖެއް ނުދޭ،" އަމްޖަދު ބުންޏެވެ.

މޮޅު ކެމަރާ، އެކަމަކު މަންޒަރު ނުސާފު!

ފުލުހުން ބޭނުން ކުރާ އެކްސެސް ކެމަރާތަކަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފެންވަރުގެ ބްރޭންޑެކެވެ. ނަމަވެސް ފުލުހުން އާންމުކުރާ ވީޑިއޯތަކުން ފެންނަ ފްޓޭޖަށް ބަލާއިރު ކޮލެޓީ ވަރަށް ދަށެވެ. ކާކުކަން ވަކިކުރާކަށް ނޭނގެ އެވެ. ހާއްސަކޮށް ކެމަރާއަށް ލައިޓެއް އެޅިފައިވާ ނަމަ ވީޑިއޯ އިތުރަށް ނުސާފެވެ.

އަމްޖަދު ބުނިގޮތުގައި މާލޭގައި އަމިއްލަ މީހުން ބޭނުންކުރަން އެ ކުންފުނިން އަޅައިދޭ ކެމަރާތަކުގެ ތެރޭގައި، އަނދިރީގައި ވެސް މީހާ ވަކިވާހާ ސާފުކޮށް އަރާ ކެމެރާ ހިމެނެ އެވެ. ރޭގަނޑުގެ މަންޒަރުތައް ދުވާލުގެ އަލީގައި ފެންނަ ފެންވަރަށް އެ ކެމެރާތަކުން ދައްކައިދެ އެވެ. އެހެންވެ ފުލުހުން އަޅާފައިވާ ބްރޭންޑްގެ ކެމަރާތަކަށް އަދި މާ ސާފުކޮށް ފެންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ފުޓޭޖް ސާފު ނުވެދާނެ ބައެއް ސަބަބުތައް އަމްޖަދު ކިޔައިދިނެވެ. އޭގެ ތެރޭގައި ރަނގަޅަށް މެއިންޓޭންކޮށް ނުބެލެހެއްޓުމާއި ކެމަރާއަށް ކަރަންޓް ދީފައި ހުންނަ މިންވަރު ދަށްވުން ހިމެނެ އެވެ.

"މެއިންޓެއިން ނުކުރެވެންޏާ ވިއު ކްލިއާއެއް ނުވާނެ. ކެމެރާއަށް ހިރަފުސް އަރާފައި ހުރީމަ ވެސް މަންޒަރު ނުސާފުވާން އުޅޭނެ. އެކަމަށް އޮތް ހައްލަކީ މެއިންޓެއިންކޮށް ބެލެހެއްޓުން،" އަމްޖަދު ބުންޏެވެ.

ދިވެހި ސެކިއުރިޓީ ޕައިނިއާސް (ޑީއެސްޕީ)ގެ ޑިރެކްޓަ އަހުމަދު ހެންސަން ބުނީ ވެހިކަލްތަކުގެ ނަން ބޯޑްތައް ވަކިކުރަން ބޭނުން ނަމަ އެކަމަށް ހާއްސަ ކެމެރާ ބަހައްޓަން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބަކީ ބާރަށް ދުއްވާފައި ދިއުމާއި ނަން ބޯޑަށް އަލި އެޅިފައި ހުންނާތީ، އާދައިގެ ކެމެރާތަކުން އެ ނަން ބޯޑުތައް ދެނެނުގަނެވޭނެތީ އެވެ.

"މާލޭގައި ހަރުކޮށްފައި މިހުންނަނީ ޖެނެރަލް ސަވައިލެންސްގެ ކެމަރާތައް. އޭގެން އުނދަގޫވާނެ ވެހިކަލްތަކުގެ ނަންބަރު ދެނެގަންނަން. ސަވައިލެންސަށް ބަލާ ނަމަ އެންމެ ރަނގަޅު ކެމެރާ އެހެރީ ހަރުކޮށްފައި،" ސިފައިންގޭގައި 17 އަހަރު މަސައްކަތް ކޮށްފައިވާ ހެންސަން ބުންޏެވެ.

ހައްލަކީ ކޮބާ؟

އެންމެންނަށް ވެސް އެއްބަސްވެވޭ ހަގީގަތަކީ މާލޭގައި އެކަށީގެންވާ ވަރަށް ވުރެ ކެމަރާ މަދުކަމެވެ. އަދި މުޅި މާލެ ބެލެހެއްޓޭނެ ސިސްޓަމެއް ގާއިމްނުކުރެވުމެވެ.

ހެންސަން ބުނިގޮތުގައި ކުރަންވީ ކަމަކީ މިހާރަށް ވުރެ ކެމަރާތައް އިތުރުކޮށް އެ ފްޓޭޖްތައް ވަގުތުން ބަލާނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމެވެ. ތިން ހަތަރު މީހުންނަށް އެތައް ސަތޭކަ ފްޓޭޖެއް ވަގުތުން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެކަށީގެންވާ ވަރަށް ފުޓޭޖްތައް ބަލަން ފުލުހުން ތިބެން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކަމެއް ހިނގީމަ އެ ދިމާލަކަށް ޒޫމްއިންކޮށް ބަލާ ހެދުން އަސްލު ސަވައިލެންސް ކެމަރާއިން ކުރާ ކަމަކީ. ޑިއުޓީން އެކަން ކުރަން ޖެހޭނެ. އެކަން ކުރެވޭނީ އެކަށީގެންވާ ވަރަށް މީހުން ތިބޭ ނަމަ،" ހެންސަން ބުންޏެވެ.

ކެމަރާއިން އެގޮތަށް ބެލުމުގެ މުހިންމުކަން 2007 ގެ ސަލްޓަން ޕާކްގައި އެއްޗެއް ގޮއްވާލި ހާދިސާ އިން އެނގެ އެވެ. ގޮއްވާލުމާ އެކު ސިފައިންގޭގައި ހުރި ސީސީޓީވީ ކެމަރާތަކުން ޒޫމްކޮށް މުޅި އެ ސަރަހައްދު ބަލާފައިވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިމޯޓް މެދުވެރިކޮށް އޭތި ގޮއްވާލި މީހާ އެތަނުގައި ހުރެ އަދި ފަހުން ސައިކަލުގައި ދާ މަންޒަރު ވެސް ރީތިކޮށް ފެނެ އެވެ.

"މިސާލަކަށް އެކި ހިސާބަށް އެ ހިސާބެއް ބެލެހެއްޓުން ހަވާލުކުރަންވީ. ގަލޮޅުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް އެ ސަރަހައްދު ބެލެހެއްޓުން. ތިން ހަތަރު މީހުންނަށް ފަސް ޓީވީ ހަ ޓީވީ ވީމަ ބެލޭނެ ދޯ. އެގޮތަށް މުޅި މާލެ ކަވަރުކުރެވިއްޖެ ނަމަ އެކަން ވާނެ،" ހެންސަން ބުންޏެވެ.

ކުށް މަދުކުރަން ބޭނުން ނަމަ ޓެކްނޮލޮޖީގެ ބޭނުން ހިފުން މިހާރަށް ވުރެ އެތައް ތަނެއް ބޮޑުކުރަން ޖެހެ އެވެ. މާ ގިނަ ފުލުހުން މަގުމައްޗަށް ނުނިކުމެ ވެސް 24 ގަޑިއިރު މާލެ ބެލެހެއްޓިދާނެ އެވެ.