ވާނެ ފައިދާއެއް ނެތް، އެކަމަކު ވެސް ވޯޓު ދޭން ޖެހޭ!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ ކައުންސިލަރުކަމަށް ވާދަކުރާނެ ކަމަށް ބުނާ އެކެއްގެ ވައުދަކީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. މާލޭގައި ދިރިއުޅޭ އެންމެންނަށްހެން ދިމާވެފައިވާ މި އުނދަގުލަށް ނިމުމެއް ގެނެސްދޭނެ ކަމަށް އެ ޒުވާނާ ވައުދުވުމުން އެކަމާ އުފާވި އެކަކަށް، މާލޭގައި ދިރިއުޅޭ، ސ. ހިތަދުއަށް އުފަން އަލީ ހަމީދު، 42 ވާނެ އެވެ. އެކަމަކު ކިތަންމެ ބޭނުންވިޔަސް، އޭނާ އިންތިޚާބު ކުރުމުގެ އިޚްތިޔާރެއް ހަމީދުގެ ނެތެވެ. އޭނާ ވޯޓު ދޭން ޖެހިފައިވަނީ ދިރިނޫޅޭތާ 25 އަހަރު ވެފައިވާ، އުފަން ރަށުގެ ކައުންސިލަށް ވާދަކުރާ މީހުންނަށެވެ.


"ހިތަދޫގައި މިހާރު އުޅޭ މީހުން ނުވެސް އެނގޭ. ރަށަށް ނުދާތާ ވެސް 15 ވަރަކަށް އަހަރުވެއްޖެ. ދެން ރަށުގެ ކައުންސިލަރު ކަމަށް ކޮންމެ ބަޔަކު އަޔަސް އަޅުގަނޑުމެންނަށް ވާނެ ފައިދާއެއް ނެތް،" ހަމީދު ބުންޏެވެ.

އުމުރުން އެންމެ 17 އަހަރުގައި މާލެއަށް ހިޖުރަކުރި ގޮތަށް، އޭނާގެ ދިރިއުޅުން ބިނާ ކުރީ މިތަނުގަ އެވެ. މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ދިމާވާ އުނދަގޫތައް އޭނާއަށް ވެ އެވެ. މަގުމަތީގައި ފެން ބޮޑުވެގެން، ނުހިނގިގެން ކިތަންމެ ދުވަހަކު އޮފީހަށް ސަލާމް ބުނެފި އެެވެ. ޕާކު ކުރާނެ ތަންކޮޅެއް ނެތިގެން، ދެން ސައިކަލު ބެހެއްޓުނު ތަނުގެ ސަބަބުން، އެތައް ފަހަރަކު ސްޓިކާ ޖަހައި، ޖޫރިމަނާކޮށްފި އެވެ. މާލެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް އައުމަށް ކިތަންމެހާ ވެސް އޭނާ ބޭނުމެވެ. އެކަމަކު އެކަން ކުރާނެ ބަޔަކު އިންތިޚާބު ކުރުމަށް އޭނާގެ އެއްވެސް ބަހެއް ނެތެވެ.

ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓު ލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ހަމީދުގެ ޝަކުވާއަކީ މިއެވެ. ރަށަށް ކޮންމެ މީހަކު ކުރިމަތިލިޔަސް އޭނާއަށް ކީއް ހެއްޔެވެ؟ އެއިން އޭނާއަށް ވާނެ ފައިދާއެއް، އަންނާނެ ބަދަލެއް އެބަ އޮތް ހެއްޔެވެ؟

ބަދަލެއް ނައި ޝަކުވާއެއް

ރާއްޖޭން ބޭރުގެ ވަރަށް ގިނަ ގައުމުތަކުގެ އާއްމު އިންތިޚާބުގައި، އެ ސަރަހައްދެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވޯޓުލެވެ އެވެ. ބައެއް ގައުމުތަކުގައި، ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަހު އެ ގައުމެއްގައި ދިރިއުޅެފައިވާ މީހުންނަށް ވެސް ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވޯޓުލެވެ އެވެ. ބޭނުމަކީ އެ ސަރަހައްދަކަށް ގެންނަ ބަދަލުގައި، އެތަނުގައި ދިރިއުޅޭ ހުރިހާ އެންމެން ބައިވެރިކުރުމެވެ.

އިނގިރޭސިވިލާތުގެ ގާނޫނުގައި އޮންނަ ގޮތުން ރަށްވެހިންގެ އިތުރުން، އެ ގައުމުގައި ދިރިއުޅޭ އައިރިޝް އަދި ކޮމަންވެލްތު ގައުމުތަކުގެ މީހުންނަށް އިންތިޚާބުގައި ވޯޓުލެވެ އެވެ. އަދި އެ ގައުމުގައި އެ މީހަކު ރަށްވެހިވެފައިވާ އަވަށާއި ދިރިއުޅޭ ސަރަހައްދަށް، ދެ ތަނަށް ވެސް ވޯޓުލެވެ އެވެ.

ރާއްޖޭގައި އަދި މިހާތަނަށް، އާއްމު އިންތިޚާބުގައި ވޯޓުލަމުން އަންނަނީ އެ މީހަކު ރަޖިސްޓްރީ ވެފައިވާ ރަށަކަށް އެކަންޏެވެ. ދިރިނޫޅޭތާ ކިތަންމެ ގިނަ ދުވަހެއް ވީ ނަމަވެސް، ރަށުގެ ރަޖިސްޓްރީގައި އޭނާގެ ނަން އޮންނަހާ ހިނދަކު، އޭނާގެ ބަސް ވިކޭނީ ހަމައެކަނި އެތަނަކަށެވެ. މާލޭގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އާބާދީ ގާތްގަނޑަކަށް 70،000އަށް އެރި ނަމަވެސް، މުނިސިޕަލް ހިދުމަތް ހޯދާ މީހުންގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. މާލެ ތަރައްގީ ކުރުމާއި ގެންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އެއިން މީހެއްގެ ބަހެއް ނޯވެ އެވެ. މިއީ ބަދަލުވާން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

މިދިޔަ ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ) ވެސް ގަބޫލުކުރައްވާ ގޮތުގައި ރަށެއްގެ ކައުންސިލުން ދޭނެ ހިދުމަތް ކަނޑައަޅައި، މިން ކުރާއިރު އޭގެ ރާހަތެއް ކުރާނީ އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށެވެ. ކައުންސިލްތަކުން ދޭ ރަށްވެހިކަމުގެ ޚިދުމަތްތައް ގުޅެނީ އެތަނެއްގައި ދިރިއުޅޭ މީހުންނަށް ކަމުން، އެ ހިދުމަތްތައް ދޭނެ ބަޔަކު ކަނޑައެޅުމުގެ އިހްތިޔާރު އެ ހުރިހާ އެންމެންނަށް ވެސް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ މާލޭގައި ރަޖިސްޓްރީވެފައިވާ އާބާދީ 70،000 އަށް އެރި ނަމަވެސް، ޕާކިން ޒޯނާއި ރަށްވެހިކަމާ ގުޅޭ އެހެނިހެން ހިދުމަތްތައް ދޭނީ އެ އަދަދަށް ބަލައިގެން ނޫން ކަމަށެވެ. މާލޭގައި ލައްކައަކަށް ވުރެ ގިނަ މީހުން އުޅޭއިރު، ހިދުމަތްތައް ބަހާލައި މާލެ ތަރައްގީ ކުރާނީ ވެސް އެ މީހުންނަށް ބަހާލައިގެން ކަމަށާއި އެހެންވެ، މާލޭގެ ކައުންސިލަރުން ހޮވުމުގެ އިހްތިޔާރު ރަށަށް ހިޖުރަކޮށްފައިވާ އެންމެންނަށް ވެސް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ލަންކާއަށް ހިޖުރަކޮށްފައި ތިބި ބައެއް ދިވެހިންނާ، އެ މީހުންގެ ރަށުގައި ހިނގާ ކަންކަމާ މާ ބޮޑު ގުޅުމެއް ނޯވޭ. އެކަމަކު ހަމަ އެ ރަށުގައި އެބަ އުޅޭ، އެ ރަށު މީހަކާ އިނދެގެން އެތަނަށް ހިޖުރަކޮށްފައިވާތާ 20-30 އަހަރު ވެފައިވާ މީހުން. އެހެންވެ، ވޯޓުލުމުގެ ހައްގު ދޭއިރު އެ މީހުންނަށް ކަންނޭނގެ ބޮޑަށް ކައުންޓްކުރަން ޖެހޭނީ،" ވައްޑެ ވިދާޅުވި އެވެ.

މިއީ ބަދަލު ގެންނަން ޖެހޭ ކަމެއް ކަމަށް އެއްބަސްވެވަޑައިގެން ނަމަވެސް، މި ކަމުގެ ނުރަނގަޅު އަސަރު ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގެ އާބާދީ ކުޑައިރު، އޭގެ ތެރެއިން ބައެއް ރަށްްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އާބާދީގައި 500 މީހުން ވެސް ހަމަނުވެ އެވެ. އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ރަށުން ބޭރުގައި ދިރިއުޅޭއިރު، އެ މީހުންގެ ނަން ރަޖިސްޓްރީން ކަނޑާލައިފި ނަމަ ރަށަށް ލިބެން ޖެހޭ ހައްގުތަކެއް އުނިވާނެކަން ކަމަށް ވައްޑެ ވިދާޅުވި އެވެ.

މިއީ ގާނޫނަށް އިސްލާހެއް ގެނެސްގެން ކުރެވޭނެ ކަމެއް. އުއްމީދުކުރަން ކުރިއަށް އޮތްތަނުގައި މި ބަދަލު ފެންނާނެ ކަމަށް- އަކްރަމް

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، ރަށްރަށަށް ބަޖެޓް ހަމަޖައްސަނީ އެ ރަށެއްގެ އާބާދީއަށް ބަލައިގެންނެވެ. އިންތިޚާބާ ދިމާކޮށް، ގިނަ ބައެއްގެ ނަން އެ ރަށެއްގެ ރަޖިސްޓްރީން އުނިކޮށްފި ނަމަ، އެ ފަދަ މަޝްރޫއުތަކެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. މިއީ އެ ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.

"މިއީ ދެކޮޅަށް ވެސް ވާހަކަ ދެއްކިދާނެ ޓޮޕިކެއް. އެކަމަކު އަޅުގަނޑު ބުރަވާ ވިސްނުމަކީ އެ ރަށެއްގައި އޭރަކު ގާއިމްވެފައި ތިބޭ ބަޔަކަށް، އެ ރަށުގެ ކަންކަން ނިންމުމުގައި ބައިވެރިވުން އޮންނަން ޖެހޭނެއޭ އެ ރަށުގައި ނޫޅޭ ބަޔަކަށް ވުރެ،" ވައްޑެ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ގެންނަން ޖެހޭނެ ބަދަލެކެވެ. އަދި އެ ބަދަލު ގެނައުމަށް މީގެ ކުރިން ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓު ލަނީ: ދެން އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަށް އަހުލުވެރިކުރުމަށް، އިލެކްޝަންސް އިން ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނީ މާލޭގަ އާއި އެ މީހަކު ރަޖިސްޓްރީވެފައިވާ ރަށުގައި އެކަނި ކަމަށް ކަނޑައަޅާފަ އެވެ. އެކަމަކު، ސިޔާސީ ޕާޓީތަކުން ހިތްހަމަނުޖެހިގެން ފަހުން އެކަން ކުރިން އޮތް ގޮތަށް ބަދަލުކުރީ އެވެ.

އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ޖެހޭނީ އެ މީހަކު ދިރިއުޅޭ ތަނަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިއީ ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ.

"މިއީ ގާނޫނަށް އިސްލާހެއް ގެނެސްގެން ކުރެވޭނެ ކަމެއް. އުއްމީދުކުރަން ކުރިއަށް އޮތް ތަނުގައި މި ބަދަލު ފެންނާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން މި މައުލޫއު ފެންމަތިވީ ނަމަވެސް، މިކަމަށް އަދި ބަދަލެއް ނާދެ އެވެ. ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް މި އަހަރު ގެނައިއިރު ވެސް، މި މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ބައެއް މީހުން އުއްމީދު ކުރި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ނައިބު މުގައްރިރުގެ ގޮތުގައި ވެސް ހުންނަވާ ވައްޑެ ވިދާޅުވީ މަޖިލީހުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ނަމަވެސް، މިއީ ލާމަރުކަޒީ ގާނޫނަށް ވުރެ، އިންތިޚާބާ ގުޅޭ ގާނޫނާ ގުޅުން ހުރި ކަމަކަށް ވުމުން، އެކަމަށް އަދި ބަދަލެއް ނުގެނެވި އޮތީ ކަމަށެވެ.

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓުފޮއްޓެއްގެ ވޯޓު ގުނުމަށް ވޯޓު ކަރުދާސް ކޮޅުތައް މޭޒުމައްޗަށް އަޅާލަނީ .-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އޭނާ ވިދާޅުވި ގޮތުގައި އާއްމު އިންތިޚާބަށް ބަދަލުތަކެއް ގެންނަން އެބަ ޖެހެ އެވެ. އެ ވިސްނުން މެމްބަރުންގެ ހުރި ނަމަވެސް، އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމޭނީ ކިހާތާކު ކަމެއް ނޭނގެ އެވެ. ނަމަވެސް އުއްމީދީ ޖަވާބެއް ވައްޑެ ދެއްވި އެވެ. އެއީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އާއްމު އިންތިހާބާ ގުޅޭ ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަމެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ފޯރިއެއް ހަމީދުގެ ނެތެވެ. އެއީ ދޭ ވޯޓުން، އޭނާއަށް ލިބޭނެ ފައިދާއެއް އޮތް ކަމަށް ގަބޫލުނުކުރާތީ އެވެ. އެކަމަށް އަވަސް ހައްލެއް އަންނާނެ ކަމަށް އޭނާ ހުރީ އިންތިޒާރުގަ އެވެ.