އިންޒާރުގެ ފޮޓޯއަކީ ބިރެއް، އަސަރުކޮށްފި!

ސިނގިރޭޓް ފޮށި ގަތުމަށް ފަހު އޭގެ ބޭރުގައި ޖަހާފައި އޮންނަ އިންޒާރުގެ ފޮޓޯގަނޑު އެ ސައިޒަށް ކަފާލަ އެވެ. ދެން އެތަނުގައި، ފޮށީގެ އެތެރެއިން ހަރުލާ ގޮތަށް، ރާއްޖޭގެ ރީތި މަންޒަރެއް ފެންނަ ފޮޓޯގަނޑެއް، ޖަހަ އެވެ. މިއީ ސިނގިރޭޓަށް ދެވިހިފާފައި ހުރި އެކަކު، މިހާރު ކަންކުރަމުން އަންނަ ގޮތެވެ.


އޭނާ ގަބޫލުކުރާ ގޮތުގައި ސިނގިރޭޓް ފޮށިން ސިނގިރޭޓް ނަގާފައި، ދަގަނޑު ދަޅަކަށް ނުވަތަ އެނޫން ވެސް އެހެން އެއްޗަކަށް ލުމުން، ރަހަ ގެއްލެ އެވެ. އަނެއްކޮޅުން އެ ފޮޓޯ ފެންނާކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ. އެހެންކަމުން ހައްލަކީ "އެހެން މަންޒަރެއް ފެންނަ އެއްޗެއް ތަތްކޮށްލުން" ކަމަށް އޭނާ ދެކެ އެވެ.

މިއިން އެނގެނީ އިންޒާރުގެ ފޮޓޯއިން ބައެއް މީހުން ބިރުގެންފި ކަމެވެ. އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް ވެސް އާންމު ސިއްހަތަށް ކުރުން އެކަށީގެންވާ ކަމެވެ. ސިނގިރޭޓް ވިއްކާ ބައެއް ފިހާރަތަކުން ބުނާ ގޮތުގައި ކުރިއަށް ވުރެ އޭގެ ވިޔަފާރި މިހާރު ދަށެވެ.

"ކުރިން ދުވާލަކު ވިކޭ ހަތަރު، ފަސް ކާޓޫން. މިހާރު ވިކެނީ ދޭއް ނޫނީ ތިން ކާޓޫން،" އިންޒާރުގެ ފޮޓޯ ޖަހަން ފެށުމުން ވިޔަފާރިއަށް އައި ބަދަލު ކިޔައިދެމުން، ގަލޮޅުގައި ހުންނަ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

އިންޒާރުގެ ފޮޓޯ ޖަހައިގެން ނޫން ގޮތަކަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރީ މި މަހު 1 އިން ފެށިގެންނެވެ. ދުންފަތާ ދެކޮޅަށް އަޅަމުން އަންނަ ލަސް އެކަމަކު ރަނގަޅު ބައެއް ފިޔަވަޅެއްގެ ގޮތުން އޭގެ ކުރިން ވަނީ ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފަ އެވެ. އެހެންކަމުން ސިނގިރޭޓް ބޯ މީހުންނަށް ފޮށި ގަތުން ނޫން ގޮތެއް މިހާރަކު ނެތެވެ. ފޮށި ގަނެފި ނަމަ އިންޒާރުގެ މަންޒަރު ފެންނާނެ އެވެ.

ކުރިން ރާއްޖޭގައި ސިނގިރޭޓް ވިއްކަމުން ދިޔައީ، އަސްލު ފޮޓޯ ޖެހުމުގެ ބަދަލުގައި، އިންޒާރުގެ މެސެޖެއް ލިޔެގެންނެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހުން ފެށިގެން އިންޒާރުގެ މެސެޖާއި ފޮޓޯއާ އެކު ނޫން ގޮތަކަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރުން މަނަ އެވެ. އާ ގަވައިދަށް މި މަހު އަމަލު ކުރަން ފެށުމާ އެކު އިންޒާރުގެ މެސެޖް ދެނީ ފޮޓޯއާ އެކު އެވެ.

އިންޒާރުގެ ފޮޓޯ ހިމެނޭ ސިނގިރޭޓް ފޮއްޓެއް:

ސިނގިރޭޓް ބުއިމުގެ ސަބަބުން މަރުވެފައިވާ މީހެއްގެ ފުއްޕާމޭގެ ފޮޓޯއެއް ބައެއް ފޮށިތަކުން ފެންނައިރު އަނެއް ބައި ފޮށިތަކުގައި ހިމެނެނީ އަނގައިގެ ކެންސަރު ޖެހިފައިވާ މީހެއްގެ ފޮޓޯ އެވެ. އެ ފޮޓޯތަކުން ބުނެދެނީ ދުންފަތުގެ އިސްތިއުމާލްކުރުމަކީ އާދައިގެ މައްސަލައެއް ނޫން ކަމެވެ.

ނަތީޖާ ކިހިނެއް؟

ބިރުވެރި މަންޒަރުގެ ސަބަބުން އާއްމުކޮށް ސިނގިރޭޓް ފޮށި ގެންގުޅުން މިހާރު މަދުވެއްޖެ އެވެ.

"އަސްލު ވަރަށް އުނދަގޫވޭ އެ ފޮޓޯއާ ހެދި. އެހެންވެ ފޮށި ނުގެންގުޅެނީ،" ސިނގޭޓް ބޯތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

ބައެއް ފިހާރަތަކުން ބުނާ ގޮތުގައި އާ ބަދަލާ އެކު ސިނގިރޭޓް ވިކޭލެއް މަދުވެއްޖެ އެވެ. ނަމަވެސް އެހާ ބޮޑު ތަނަކުން ނޫނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އާ ބަދަލުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ކުރާ ރަނގަޅު އަސަރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭތި ނުބަލަން ވަރަށް މަސައްކަތް ކުރާކަން ފާހަގަކުރެވޭ. ސިނގިރޭޓް ފޮށީގެ ބަދަލުގައި އެހެން ފޮށި ފޮއްޓަށް އަޅައިގެން ވެސް އުޅޭ. އޭގެން އެބަ އިނގޭ ފޮޓޯއިން އަސަރު ކުރާކަން،" ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ހަސަން ވިދާޅުވި އެވެ.

ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ގޮތުން އަންނަ އަހަރު ކުރީކޮޅު ދިރާސާއެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

ހަސަން ވިދާޅުވީ އާ ބަދަލާ އެކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި މީހުންގެ އަދަދާއި އޭގެ ސަބަބުން ކުރި އަސަރު އެ ދިރާސާއިން އެނގޭނެ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ވިއްކާ ސިނގިރޭޓް ފޮށިތަކުގައި އިންޒާރުގެ ފޮޓޯ ޖަހާފައި--

ފޮޓޯ ޖެހުމުގެ ސަބަބުން އަންނަ ބަދަލުތައް ކިޔައިދެއްވަމުން ހަސަން ވިދާޅުވީ މިހާރު ކޮފީ މޭޒްތައް މަތީ ސިނގިރޭޓް ފޮށި ބާއްވައިގެން އުޅުމާއި މަގުމަތީ އާއްމުންނަށް ފެންނަހެން ސިނގިރޭޓް ފޮށި ހިފައިގެން އުޅުން ވެސް މަދުވެއްޖެ ކަމަށެވެ.

"ފޮޓޯ ޖެހުމުން ބޮޑަށް ހާމަވާ ގޮތަށް ސިއްހަތުގެ އިންޒާރު އެބަ ދެވޭ އޭގެން. ސިނގިރޭޓް ފޮށި ހިފައިގެން ސްޓައިލިސް ކަމަކަށް ހަދައިގެން އުޅުމަށް ބަދަލު އަތުވެއްޖެ މިހާރު،" ހަސަން ވިދާޅުވި އެވެ.

"ފިހާރަތަކުގެ ޑިސްޕްލޭގައި އެ ފޮށިތައް ހުންނައިރު އެހެން ވިޔަފާރިތައް ކުރަން ދާ މީހުންނަށް ވެސް އެމަންޒަރު އެބަ ފެނޭ. އޭގެ ސަބަބުން އެ މީހުން އެބަ ބާރުއަޅާ އެ އިސްތިއުމާލު ކުރާ މީހުންނަށް އެކަން ހުއްޓާލަން."

ސިނގިރޭޓް ފޮށީގެ ބޭރުގައި އިންނަ ފޮޓޯ އަބަދު ފެނުމުން ގިނަ ބަޔަކަށް ދުންފަތުގެ ނުރައްކާ ވިސްނެ އެވެ. އަދި އެއީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ތަޖުރިބާކޮށްފައިވާ ކާމިޔާބު އުސޫލެކެވެ.

ހަސަން ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ މީހުން ވެސް ކުރިއަށް އޮތް ތަނުގައި މަދުކުރެވޭނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ މީހުންގެ އަދަދު، އެގޮތަށް ފޮށީގައި މަންޒަރު ޖެހުމުން، ދަށްކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރަހަ ނުބައިވުމުގެ އިހުސާސްތައް!

އާ ބަދަލާ އެކު ދެން ބައެއް މީހުންނަށް އިހުސާސްކުރެވެނީ "ކުރީގެ ރަހަ ސިނގިރޭޓްގައި ނުލާ" ކަމެވެ.

"ފޮށި ޕްރިންޓް ކުރަން ދާ ހަރަދު ކަވާކުރަން ސިނގިރޭޓް ހަދާ އަގު ދަށްކުރީ. އެހެންވެ ކުރިއަށް ވުރެ ނުބައީ،" ސަބަބު ކިޔައިދެމުން އެކަކު ބުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ ވިދާޅުވީ ސިނގިރޭޓް ފޮށީގައި ބޭނުން ކޮށްފައި ހުންނަ ކުލަތަކާއި ލިޔުންތަކަކީ ވިޔަފާރީގެ އުކުޅެއް ކަމަށެވެ.

"އެއީ [ދުންފަތުގެ އިސްތިއުމާލް ކުރުމަކީ] މޮޅު ކަމެއް ކަމަށް ދެއްކުމަށް އެ ވިޔަފާރި ކުރާ މީހުން ކޮށްފައި ހުންނަ ކަމެއް ކުލަތަކާއި ލިއުންތަކަކީ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ދުންފަތުން އިންސާނާއަށް ލިބޭ ބޮޑު ގެއްލުމުގެ އިންޒާރުތައް ފޮޓޯތަކުން ދޭން މަޖުބޫރުވުމުން، ސިނގިރޭޓް ފޮށީގެ ޑިޒައިން ބަދަލުވެ އެވެ. އެ ބަދަލު އައުމާ އެކު ބައެއް މީހުންނަށް އިހުސާސްކުރެވެނީ، އޭނާ ވިދާޅުވި ގޮތުގައި، ސިނގިރޭޓްގެ ރަހައަށް ވެސް ބަދަލު އަންނަނީ ކަމަށެވެ.

"ސައިކްލޮޖިކަލް އަސަރެއް އެއީ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

"އިންޒާރު ފެންނާތީ އޭގެ އަސަރު ކުރަނީ. އޭރުން އެބަ މީހާއަށް ވިސްނޭ މިކުރެވެނީ ރަނގަޅު ކަމެއް ނޫން ކަމަށް. އެހެންވެ ހީވަނީ ރަހަ ވެސް ނުބައޭ."

އެއީ ދުނިޔޭގެ ގިނަ ޕްރޮޑަކްޓްތައް ވެސް މާކެޓްކޮށް، މަޝްހޫރުކުރަން ގެންގުޅޭ އުކުޅެވެ. ރީތިކޮށް ޕެކެޓްކޮށްފައި ހުންނަ ތަކެއްޗަށް ސަމާލުކަން ދަމައިގަނެ އެވެ. އެކަމަކު ކުރިއާ ހިލާފަށް މިހާރު ސިނގިރޭޓް ފޮށިތަކުގެ ބޮޑު ބައިގައި ފެންނަން ހުންނަނީ އިންޒާރުގެ ފޮޓޯތަކެވެ. ދުންފަތުގެ ސަބަބުން ހަށިގަނޑުގެ ކޮންމެވެސް ގުނަވަނަކަށް ޖެހިފައިވާ ނުރައްކާތެރި ބައްޔަކުން، އެ ގުނަވަން ހަލާކުވެފައި ހުންނަ ތަނެވެ. އެއީ ބަލަން ފަސޭހަ މަންޒަރުތަކެއް ނޫނެވެ. އެހެންވެ ސިނގިރޭޓާ ދޭތެރޭ ވިސްނޭ ގޮތް ވެސް ބަދަލުވަނީ ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

"ކުރިން ޕެކެޓް ޑިޒައިން ކޮށްފައި ހުންނަ ގޮތުން ހީވަނީ މިއީ ރަނގަޅު، ނުވަތަ ކޫލް ކަމެކޭ. އިންޒާރާ އެކު އެކަންކަން ބަދަލު ވެފައި އެވަނީ،" އާ ބަދަލުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން 2016-2017 ގައި ހެދި ޑިމޮގްރަފިކް ހެލްތު ސާވޭ އިން ދައްކަނީ ރާއްޖޭގައި 49-15 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 42.4 ޕަސެންޓް ފިރިހެނުން އަދި 2.7 ޕަސެންޓް އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމެވެ. ދެން ހަދާ އޭގެ ދިރާސާއަކުން އެ މިންވަރަށް ބަދަލުތަކެއް އައުން ވަރަށް އެކަށީގެންވެ އެވެ.

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ވިއްކަން ފެށުމުން ދިވެހިންގެ މެދުގައި އެ ނުބައި އާދަ ދަށަށް ދިޔައީ ކިހާ ވަރަކަށް ކަން ދެނެގަންނަން މި ވަގުތު އުނދަގޫ ނަމަވެސް، ބައެއް ފިހާރަތަކުން ލިބުނު މައުލޫމާތާއި ބައެއް މީހުންނަށް ކޮށްފައިވާ އަސަރުން އެނގެނީ، އާ ބަދަލުން އުފާކުރަން ޖެހޭ ފަދަ ނަތީޖާތަކެއް ނުކުމެދާނެ ކަމެވެ. ޔަގީނުން ވެސް އެ ފޮޓޯތަކުން ބައެއް މީހުން ވަނީ ބިރުގެންފަ އެވެ. އަނެއް ބަޔަކު އެ މަންޒަރުތައް ބަލާކަށް ބޭނުމެއް ނުވެ އެވެ. އެއީ ހަގީގަތުގައި "ވަރަށް ވާހަކަ" އެވެ.