ކޮލަމް 27: މައްސަލަ ނެތީއެއް ނޫން، ހިތް މަރުވީ!

ސަރުކާރުގެ އިސް ބޭފުޅަކު އަޅުގަނޑު ކައިރީގައި އިހަކަށް ދުވަހު ވިދާޅުވި އެވެ؛ "މައްސަލަ އޮންނަނީ ހަމައެކަނި ނޫސްވެރިންނަށެވެ؛ ރައްޔިތުންނަކަށް ނެތެވެ. ނިކަން ބަލާށެވެ! އޮތް މައްސަލައެއް ނޫނީ ޝަކުވާއެއް ނިކަން ދައްކަބަލާށެވެ."


މިއީ، ބައެއް ފަހަރު ޚުދު ރައީސް ވެސް އެކި މުނާސަބަތުގައި ވާހަކަފުޅު ދައްކަވާއިރު ވިދާޅުވެފައިވާ ބަސްފުޅެކެވެ. "މައްސަލައެއް ކޮބައި ހެއްޔެވެ؟ މައްސަލައެއް އޮތިއްޔާ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ދާންވީ އެވެ." ހަމަ އެގޮތަށް ސަރުކާރަށް ތާއީދު ކުރާ މީހުން ވެސް ބުނެ އެވެ؛ "ގައުމު މި ދަނީ ކިހާ އަމާން އޮމާންކަމާ އެކު ހެއްޔެވެ؟ މައްސަލައަކީ ކޮބައި ހެއްޔެވެ؟" ހަމަ އެހެންމެ، ދާދި ފަހުން، ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވެސް ހަމަ މިމޭރުމުން ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވިތަން އަޅުގަނޑު ދުށީމެވެ. އޭނާ ވެސް ވިދާޅުވި އެވެ. "މައްސަލައެއް ނެތެވެ. މައްސަލަ އޮތޭ ކިޔައިގެން އުޅެނީ އިދިކޮޅު މީހުންނެވެ. ރައްޔިތުންނެއް ނޫޅެ އެވެ."

ގައުމެއްގައި މައްސަލައެއް ނޯންނާނެ ކަމަށް ގަބޫލުކުރުމަކީ މައްސަލަ ހައްލު ނުވާނެ ކަމުގެ އެއް ނިޝާނެވެ. މިއީ، ދުވަހަކު ވެސް މައްސަލައެއް ނެތް ގައުމެއް ނޫނެވެ. އަދި މައްސަލައިގެ ހާއްޔެއްގެ ތެރޭގައި އޮއްވާ ވެރިކަމަށް އައިތާ ދެ އަހަރާ ބައިވިއިރު، ހުރިހާ މައްސަލައެއް ހައްލުކުރުމަކީ މި ސަރުކާރަށް ފުއްޓަތްކެއް ޖަހާލާހާ ފަސޭހައިން ވާނެ ކަމެއް ވެސް ނޫނެވެ. އެހެންވެ، މައްސަލަ ހުރިތޯ ނުވަތަ ނެތްތޯ، މިއީ މިއަދު ، ކުރަންވީ ބަހުސެއް، ސުވާލެއް ވެސް ނޫނެވެ. މައްސަލަތައް އެބަ ހުއްޓެވެ. ޝަކުވާތައް ވެސް އެބަ ހުއްޓެވެ. އިންސާފުގެ ކިޔޫގައި އެތައް ބަޔަކު ވެސް މި ގައުމުގައި އެބަ ތިއްބެވެ. ހަގީގަތުގައި ބަލާލި ކޮންމެ ދިމާއެއްގައި ވެސް މައްސަލަ އެވެ. ބައެއް ކަންކަން ހައްލުވަމުން ދެ އެވެ. ބައެއް ކަންކަން ފާލުން ނެއްޓިގެން ވެސް ދެ އެވެ. ބައެއް ރަށްރަށުން ތަރައްގީ ވެސް ފެންނަމުން ދެ އެވެ. ބައެއް ރަށްރަށް އިތުރަށް ބޮއްސުން ލައިގެން ވެސް ދެ އެވެ. ރަނގަޅު ކަންކަން ވެސް ސަރުކާރުން ފެނެ އެވެ. ހަމަ އެގޮތަށް ގަބޫލު ނުކުރެވޭ ވަރުގެ ގޯސް އަމަލުތައް ވެސް ހަމަ މި ސަރުކާރުން ފެންނަމުން ދެ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ފަރުވާ ނުލިބި ހުރި ބޮޑެތި ބިޔަ މައްސަލަތައް ހައްލުކުރުމުގައި މި ސަރުކާރު ވެސް އަދި ވަނީ ހަމަ ނުކުޅެދިފަ އެވެ. އިގްތިސާދީ މައްސަލަތައް އެބަހުއްޓެވެ. އިޖުތިމާއީ މައްސަލަތައް މަދެއް ނުވެ އެވެ. ވަޒީފާ ނުލިބުމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ހިންްދެމިނުލެވިގެން އުޅޭތަން އެންމެންނަށް ވެސް ފެންނާނެ އެވެ. ކޮރަޕްޝަން އޮތީ އިންތިހާގަ އެވެ. ތަކެތީގެ އަގު ވަކި ކުޑައެއް ނުވެ އެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ.

ފުލުހުން މުޒާހަރާއެއް ކޮންޓްރޯލް ކުރަނީ: މުޒާހަރާއެއް ކުރިޔަސް ނަތީޖާއެއް ނުފެނޭ --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

މިއިން ކޮންމެ ދާއިރާއެއްގައި ހުރި ވަކިވަކި މައްސަލަތަކުގެ ލިސްޓް ވަކިވަކިން ލިޔަން ފަށައިފި ނަމަ ލިސްޓް ދިގުވާނެ އެވެ. އެހެންވެ، އެއްވެސް ވާހަކައެއް ނުލިޔުން މާ ބުއްދިވެރި އެވެ. އެންމެ ކުރުކޮށް ދަންނަވާ ނަމަ، ސަރުކާރުގެ އޮފީހެއްގެ ރިސެޕްޝަން ކައުންޓަރުން ފޯނު ނަގާނެ ކަމުގެ އުންމީދެއް ވެސް މިއަދަކު، ހަގީގަތުގައި ނެތެވެ. މިހާ ކުދިކުދި މައްސަލަތައް ހައްލުނުކުރެވި އޮތް ކަމަށް ވާ ނަމަ އޭގެ މަތި އޮންނާނެ ހާލު ހިތަށް ގެންނަވާނީ ތިޔަ ބޭފުޅުންނެވެ.

މައްސަލަތަކުގެ ލިސްޓް ވަކިވަކިން ލިޔަން ފަށައިފި ނަމަ ލިސްޓް ދިގުވާނެ އެވެ. އެހެންވެ، އެއްވެސް ވާހަކައެއް ނުލިޔުން މާ ބުއްދިވެރި އެވެ. އެންމެ ކުރުކޮށް ދަންނަވާ ނަމަ، ސަރުކާރުގެ އޮފީހެއްގެ ރިސެޕްޝަން ކައުންޓަރުން ފޯނު ނަގާނެ ކަމުގެ އުންމީދެއް ވެސް މިއަދަކު، ހަގީގަތުގައި ނެތެވެ.

ސުވާލަކީ މި އެވެ؛ މި ހުރިހާ މައްސަލައެއް ހުރި އިރު، މި މައްސަލަތަކުގެ ވާހަކަ އާންމުން ނުދައްކައޭ ސަރުކާރުގެ އޮފިޝަލުން އެ ވިދާޅުވަނީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތުގައި ވެސް ސަރުކާރުގެ ހުރިހާ ޚިދުމަތަށް ރައްޔިތުން އަތްތިލަބަޑި ޖަހާލަޖަހާލަ ތިބީ ހެއްޔެވެ؟ ހިތްހަމަޖެހެނީ ހެއްޔެވެ؟ ނުވަތަ ސަރުކާރަށް ރައްޔިތުންގެ އަޑު ނުފޯރަނީ ހެއްޔެވެ؟ ނުވަތަ ސަރުކާރުން އަޑު ނާހަނީ ހެއްޔެވެ؟

ހަގީގަތަކީ، ރައްޔިތުން ޝަކުވާ ކުރުން ހުއްޓިއްޖެ ކަމެވެ. މިއީ ބޮޑު ވާހަކައެކެވެ؛ އެ ވާހަކަ އަށް ދާނީ މި ދެ މިސާލަށް ފަހު އެވެ.

މީހަކު އޭނާގެ ދަރިޔަކު މަރުވި ގޮތުގެ ހަގީގަތް ހޯދަން އުޅޭތާ މިހާރު ދޮޅު އަހަރު ވީ އެވެ. އޭނާ ގަބޫލު ކުރަނީ އޭނާގެ ދަރިފުޅު (މިއީ ގެއްލިގެން އުޅޭ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ވާހަކައެއް ނޫން) ބަޔަކު މަރާލީ ކަމަށެވެ. އެ މަރަށް އިންސާފު ހޯދަން މި ދޮޅު އަހަރުގެ ތެރޭގައި އޭނާ ނުކުރާ ކަމެއް ނެތެވެ. ނުދާ އޮފީހެއް، ނުދާ މުއައްސަސާއެއް، ނުތެޅޭ ގަނައެއް ނެތެވެ. ނުލިޔާ ސިޓީއެއް ނެތެވެ. ދަރިފުޅަށް އިންސާފު ހޯދައިދޭން ބަފަޔަކު އެކަނިމާ އެކަނި އޮޔާ ދެކޮޅަށް ފަތަމުން ދާއިރު، ކަމާ ބެހޭ ފަރާތްތަކަށް އަދިވެސް އެ އުޅެނީ އެ މައްސަލައިގެ ފުނަށް ނުދެވިގެންނެވެ. އެއް އޮފީހުން ބުނަނީ އަނެއް އޮފީހަށް، އަދި އަނެއް އޮފީހުން ބުނަނީ އަނެއް އޮފީހަށް، އަނެއް އޮފީހުން ބުނަނީ އަނެއް އޮފީހުން މައްސަލަ ތަހުގީގު ކުރަމުން ދާތީ މައްސަލައިގައި ކުރިއަށް ދެވެން ނެތް ކަމަށެވެ. ބައްޕަގެ ސުވާލަކީ މިއެވެ. "ދެން އަޅުގަނޑު ދާނީ ކޮން ތަނަކަށް ހެއްޔެވެ؟"

އެއް އޮފީހުން ބުނަނީ އަނެއް އޮފީހަށް، އަދި އަނެއް އޮފީހުން ބުނަނީ އަނެއް އޮފީހަށް، އަނެއް އޮފީހުން ބުނަނީ އަނެއް އޮފީހުން މައްސަލަ ތަހުގީގު ކުރަމުން ދާތީ މައްސަލައިގައި ކުރިއަށް ދެވެން ނެތް ކަމަށެވެ. ބައްޕަގެ ސުވާލަކީ މިއެވެ. ދެން އަޅުގަނޑު ދާނީ ކޮން ތަނަކަށް ހެއްޔެވެ؟

އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއަކު ރެސްޓޯރަންޓެއް ހަދައި، ހަތަރު މަސް ދުވަސް ހޭދަކުރީ އެތަން ބޭނުން ކުރުމުގެ ހުއްދަ ނުލިބިގެންނެވެ. ހަތަރު މަސް ދުވަސް ހޭދަވި އިރު ހަމައެކަނި ކުއްޔަށް އެކަނި ދޮޅު ލައްކަ ރުފިޔާ ހިނގައްޖެ އެވެ. ވިޔަފާރި ފެށުމުގެ ކުރިން އޭނާ ބަނގުރޫޓުވީ އެވެ. އެ މައްސަލަ އޭނާ މިނިސްޓަރަށް ވެސް އަދި ސްޓޭޓް މިނިސްޓަރަށް ވެސް ދެންނެވި އެވެ. މައްސަލައިގައި ހައްލެއް ނައެވެ. އާންމު މީހާ ބަނގުރޫޓުވި އިރު ސަރުކާރުގެ މަސައްކަތްތައް ހަމަ ފިނިހަކަ ދުވެލީގަ އެވެ. ފަސް މަސް ފަހުން ހުއްދަ ލިބުނު އިރު، ތަނަށް ހަރު މުދާ ގަންނަން ހުރި ހުރިހާ ފައިސާއެއް ހުރީ ބޭކާރު ގޮތުގައި ކުއްޔަށް ގޮސް ހުސްވެފަ އެވެ. އޭނާގެ ސުވާލަކީ ވެސް މި އެވެ؛ ދެން މިކަމުގައި ދާނީ އިތުރަށް ވަކި ކޮން ތާކަށް ހެއްޔެވެ؟ ޝަކުވާ ކުރާނީ ވަކި ކާކު ގާތު ހެއްޔެވެ؟

ޝަކުވާ ކުރަނީ ނުވަތަ މައްސަލަ ޖައްސަނީ ކަމެއްގައި ކޮންމެވެސް ހައްލެއް ހޯދުމަށެވެ. އިންސާނީ ހައްގެއް ގެއްލިގެން އެޗްއާރުސީއެމަށް ދާއިރު އެއީ ސަރުކާރާ ގުޅުން ހުރި ކަމެއް ނަމަ އެކަން ބަލާނެ ކަމާ ދޭތެރޭ މާ ކުރިން އޮންނަނީ ޝައްކު އުފެދިފަ އެވެ. އިދިކޮޅު ޕާޓީތަކާ ދޭތެރޭ އިލެކްޝަންސް ކޮމިޝަނުން ރުހުމުގެ ނަޒަރަކުން ބަލައިފާނެ ކަމަށް ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ސަރުކާރަށް ތާއީދުކުރާ ޓީވީ ޗެނަލެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ލާން ފިޔަވަޅެއް ކުރިއަށް އަޅާއިރު، ޔަގީންކަން ނެތިގެން އަނެއް ދެ ފިޔަވަޅު ފަހަތަށް އަޅަން ޖެހެ އެވެ. ދައުލަތުގެ އެއްވެސް ކޮރަޕްޝަން މައްސަލައެއް އޭސީސީ އަށް ބެލިދާނެތޯ، މިއީ ހަމަ އާންމުން އަދިވެސް ހިތުގައި އޮތް ސުވާލެކެވެ. ފުލުހެއްގެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ބެލިދާނެތޯ މިއީ ވެސް ވަރަށް ބޮޑު ވަހުމެކެވެ. ހަމަ އެގޮތަށް ސަރުކާރާ އެއްކޮޅު މީހެއްގެ މައްސަލައެއް ހަމަ ހެޔޮ ނިޔަތުގައި ފުލުހުން ތަހުގީގު ކޮށްފާނެތޯ މިއީ ވެސް ހަމަ ސުވާލެކެވެ. ބިޑަކަށް ދާއިރު، އެ ބިޑް ބަޔަކަށް ނުދީ އޮންނާނެ ކަމުގެ ޔަގީން ކަމެއް ނޯވެ އެވެ. ވަޒީފާއަކަށް އިންޓަވިއު އަށް ދާއިރު އެ ވަޒީފާ އަށް އެހެން މީހަކު ނުނުކުމެ ހުރި ކަމެއް ނޭނގެ އެވެ.

މި ހުރިހާ ސުވާލެއް ރައްޔިތުންގެ ހިތުގައި އޮތް އިރު، ޝަކުވާ ކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ މި ހާލަތުގައި އޮތް މާހައުލެއްގައި، ހަމަ މީހަކު ޝަކުވާ ކޮށްފާނެ ކަމާ ދޭތެރޭ ޝައްކެވެ. މި ސަބަބުތަކާ ހުރެ، މުޅި ގަައުމުގައި ވެސް އެއްވެސް މައްސަލައެއް، އެއްވެސް ޝަކުވާއެއްގެ އަޑު އިވިގެން ވެސް ނުވާނެ އެވެ. މައްސަލަ އަޑުއަހާނެ މީހަކު ނެތް ތަނެއްގައި މައްސަލަ ޖައްސައިގެން ވާނެ އިތުރު ފައިދާއެއް ނޯންނާނެ އެވެ. ކަންކަން ރަނގަޅު ވާނެ ކަމުގެ އުންމީދެއް ނެތިއްޔާ ބޭކާރު އަނގަ ތެޅުމުގެ ބޭނުމެއް ނެތެވެ. މަޑުމަޑުން ހުރުން ވެސް އެއަށް ވުރެ މާ އައުލާކަން ބޮޑެވެ.

ކަމެއްގައި ގޮތް ހުސްވެ ހިތް މަރުވީމަ، ރައްޔިތުން ދެން ތިބޭނީ މަޑުންނެވެ. މިހާރު މިއޮތީ އެހެން ވެފަ އެވެ. ހިމޭނުން ތިބުމަކީ އެ މީހާގެ ޝަކުވާ ނެތުން ކަމަށް ގަބޫލުކޮށްފި ނަމަ، މުޅި ގައުމުގައި، -- ތެދެކެވެ؛ ހަމަ އެއްވެސް ޝަކުވާއެއް، މައްސަލައެއް ނެތެވެ.