ޑރ. ފައިސަލް: ސީދަލަށް، ތެދަށް، ޖެހިލުމެއް ނެތި!

ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްގެ ޓްވީޓްތަކަށް ނަަޒަރު ހިންގާލައިފި ނަމަ އެއް ކަމެއް ކަށަވަރުވާނެ އެވެ: އާންމުންނަށް ކޮންމެހެން ވެސް އެނގެން ޖެހޭ މެސެޖްތައް ސީދަލަށް، ތެދަށް އަދި ޖެހިލުންވުމެއް ނެތި ދެއްވާ ކަމެވެ.


އާންމުންގެ ހޭލުންތެރިކަމަށް، ސިއްހީ ތަފާތު މައްސަލަތަކާ ބެހޭ ގޮތުން ކުދިކުދި މެސެޖްތައް، ޑރ. ފައިސަލްއާ އެއްވަރަށް ދެއްވާ ޑޮކްޓަރަކުން ރާއްޖޭގައި ވަރަށް މަދެވެ. އޭނާގެ ތަފާތަކީ، ބައެއް މީހުން ބުނާ ގޮތުގައި، ޖެހިލުމެއް ނެތި އެ ވާހަކައެއް ލިއުއްވުމެވެ.

މިހާރު ކުރިމަތިވެގެން އުޅޭ ހިމަބިހީގެ މައްސަލާގައި، ތަކުރާރުކޮށް ޑރ. ފައިސަލް ވަނީ އެތައް ޓްވީޓެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ވެކްސިން ދިނުމުގެ މުހިންމުކަމާއި، ވެކްސިން ފުރިހަމަނުކުރާ ނަމަ ސްކޫލްތަކަށް ކުދިން ނުވަދެވޭ ގޮތަށް، ގަވާއިދުތައް ހެދުން ފަދަ، އެހެން ކުދިންނާއި މުޅި މުޖުތަމައުގެ ރަނގަޅަށް ދޫކުރެއްވި މެސެޖްތަކެވެ.

އިއްޔެ އޭނާ ވަނީ މުހިންމު އެހެން މައްސަލައެއްގެ ވާހަކަ އާންމުންގެ ސަމާލުކަމަށް ގެނެސްދެއްވައިފަ އެވެ: ވެކްސިން ފުރިހަމަ ނުކުރާ ކުދިން ސްކޫލްތަކަށް ވެއްދުމުގެ މައްސަލަ އެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި "ވެކްސިން ޖަހާފައި ތިބި ކުދިންނަށް މީގެ ނުރައްކަލެއް އަދި އެކުދިންގެ ސަބަބުން އެހެން މީހުންނަށް ވެސް [ނުރައްކަލެއް] ނެތެ"ވެ.

"މީގެ މައްސަލައަކީ ވެކްސިން ނުޖަހާ ސްކޫލްތަކަށް ވައްދާތީ،" އޭނާ ލިއުއްވި އެވެ. ދެން ވިދާޅުވީ ވެކްސިން ނުޖަހާ ވައްދާ "ސްކޫލެއް އަޑޫގައި ހުންނާނެ" ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވުމުން އާންމުންގެ މީހަކު އެއީ ކޮން ސްކޫލެއްތޯ ސުވާލުކުރެ އެވެ. އެކަމަކު އޭގެ ޖަވާބުގައި ވަކި ނަމެއް ވިދާޅުނުވެ، އަނެއްކާވެސް ކުޑަ ތަފްސީލެއް ދެއްވި އެވެ.

"މާލޭގައި ވެސް އަދި އެހެން ރަށްރަށުގައި ވެސް އަޑިއަޑިން ވައްދާ. އެކަމަކު އެ ސްކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ ސްކޫލެއް،" ޑރ. ފައިސަލް ލިއުއްވި އެވެ.

ހަމައެކަނި އެހެން ވިދާޅުވެފައި އޭނާ ނިންމައެއް ނުލައްވަ އެވެ. ވެކްސިންއާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނޫން ކަމުގެ ޝަކުވާ އޭނާގެ ވެސް އޮތްކަން ދޭހަވާ ފަދަ މެސެޖްތަކެއް ލިއުއްވި އެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލްތައް ދައުލަތަށް އެނގޭނެ އެވެ.

އެކަމަކު "ފިޔަވަޅު އަޅަންވީމަ އަދުލުއިންސާފު (ހަމަހަމަކަން) ނެތުން މައްސަލައަކީ،" އޭނާ ލިއުއްވި އެވެ.

މިއީ ދިވެހި އެހެން ޑޮކްޓަރުން ފާޅުގައި ވިދާޅުވާ ވާހަކަތަކެއް ނޫނެވެ. ދިވެހި ގިނަ ޑޮކްޓަރުންނަކީ ހޮސްޕިޓަލްގަ އާއި ކްލިނިކްތަކުގެ ޑިއުޓީ ނިންމަވާލެއްވުމަށް ފަހު "އާންމުންގެ ދިރިއުޅުމުގެ ތެރެއިން" ގެއްލޭ ބައެކެވެ. އާންމު ރައްޔިތުންގެ ސިއްހަތަށް ނުރައްކަލަކަށް ވާ ކިތައްމެ ކަމެއް، ދައުލަތުގެ އިދާރާތަކުގެ ނާގާބިލްކަމުން ނުވަތަ އަޅަންވާ ފިޔަވަޅު ނޭޅިގެން ދާއިރު، ޑޮކްޓަރުން ތިއްބަވަނީ، އެއްޗެއް ވިދާޅުނުވެ، ލޯ މަރާލައްވައިގެންނެވެ.

ޑރ. ފައިސަލްގެ ޓްވީޓްތަކުން އެނގެނީ ވެކްސިންގެ ބައެއް ކަންކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަވާފައިވާ ކަމެވެ. ނަމަވެސް ކުރަން ޖެހޭ މުހިންމު ބައެއް ކަންކަން ފުރިހަމަވެފައިނުވުމުގެ ހިތްހަމަނުޖެހުން އޭނާގެ އެބަ އޮތެވެ.

އޭނާ ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ވައްދާ އައްޑޫ ސްކޫލަކީ ކޮން ތަނެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އަށާއި ވެކްސިންގެ ކަންކަމުގައި އައްޑޫގައި އުޅޭ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ. އޭނާއަށް އެ މައުލޫމާތު ލިބިވަޑައިގަތީ ވެސް މިދިއަ އަހަރު އައްޑުއަށް ކުރެއްވި ދަތުރެއްގައި، އެ ސިޓީގެ ކަމާ ބެހޭ މުވައްޒަފުންގެ ފަރާތުން ކަމަށް ވިދާޅުވި އެވެ.

ބައެއް ކަންކަމުގައި މާޔޫސްވެވަޑައިގަތަސް އެއް ކަމެއް ރަނގަޅަށް ކުރެއްވިދާނެކަން ޑރ. ފައިސަލް ގަބޫލުކުރައްވަ އެވެ: އާންމުން ހޭލުންތެރިކުރުވުމެވެ.

މިއަދު ކުރެއްވި އެއް ޓްވީޓް ހާއްސަކުރެއްވީ އެ މައުލޫއުއަށެވެ.

"ލައްކަ ވާހަކަ ދެއްކިއްޖެ. މަތީ ފެންވަރުގެ ބޭފުޅުންނާ ބައްދަލުކޮށް އެވާހަކަތައް ވާނީ ކިޔައިދީފައި،" އެ ޓްވީޓްގައި އޭނާ ލިއުއްވި އެވެ.

"އަހަރެން ދެން މިބަލަނި އާންމުން ހޭލުންތެރިކުރުވޭތޯ. ﷲ އެކަމަށް ހެކިވާނެ."